މުޖުތަމަޢެއްގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓޭނީ އެ މުޖުތަމަޢެއްގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާއެކު އެމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އަހަރެމެން އެންމެންގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެއްކަން ހަނދާންކޮށްދީފައެވެ. ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށާއި މަސްއޫލިއްޔަތެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޚުޠުބާގައި ވަނީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެއްކަމަށާއި އޭނާގެ ޢަމަލުތަކާ މެދު މާތް ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަން ހަނދާންކޮށްދީފައެވެ. އަދި އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަމަށާއި ވަކީން ޚާއްޞަ ގޮތެއްގައި އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެތިބި މީހުންނަކީ ޤިޔާމަތް ދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭކަމަށާއި އެ މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫން ކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޤިޔާމަތް ދުވަހުން މަޙުޝަރުބިމުގައި، އަޅާގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯއާއި، އޭނާގެ ޢިލްމަށް ޢަމަލުކުރީ ކިހިނެއްތޯއާއި، އޭނާ މުދާ ހޯދީ ކޮންފަދަ ގޮތަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނެއްތޯއާއި، އޭނާ ހަށިގަނޑުގެ ހަކަތަ ހޭދަކުރީ ކޮންކަމެއްގައިތޯ ސުވާލުވެވޭންދެން އޭނާގެ ފައިތިލައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެ ހުކުރު ޚުތުބާ
ޚުޠުބާގައި ވަނީ އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަމަށް ބުނެފައެވެ. އަދި ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށްކަމަށާއި ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމަށާއި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޚުޠުބާގައި ވަނީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ އެ މުޖުތަމަޢެއްގެ ކަންކަމާ ހަވާލުވެތިބޭ މީހުން، އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަމަށާއި ހުރިހައި ކަމެއްގައި ވެސް އަދި ހުރިހައި ޙާލަތެއްގައި ވެސް ޢަދުލުވެރިވުމަށް ކީރިތި ޤުރްއާނުގައި މާތް ﷲ އަމުރުކުރައްވާފައިވާކަން ހަނދާންކޮށްދީފައެވެ.
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއްކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެކަމަށާއި ރައްޔިތުން ހަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންކަމަށާއި ޒާތީ މަޞްލަޙަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުންކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.
އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ސިފަތަކެއްކަމަށާއި ތިމާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުމަކީ މުއުމިނުންގެ ސިފައެއްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތެއް ކަމަށާއި އެކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައިވާ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަޞްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދީގެން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
މިކަންކުރެވޭނީ މުޖުތަމަޢުގެ ކޮންމެ ފަރުދަކު އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށާއި ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމީ ވަރަށް މުހިންމު ކަމެއްކަމަށާއި މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށް ކަމަށާއި ކޮންމެ މީހަކު ވެސް އެ މީހަކާ ހަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކޮށްގެންކަން މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.