"ހެނދުނުގެ ބަރަކާތްތެރި ވަގުތު ދޫކޮށްނުލާށެވެ. މުސްލިލުންގެ މަސައްކަތް ފަށަން ޖެހެނީ ފަތިސް ނަމާދަށްފަހުގައެވެ."

***

ތާރިގު ގޭގެ ދޮރުން ނުކުމެވަޑައިގެން އަހަށް ސަވާރުވެވަޑައިގެންނެވުމާއެކު މޭރީ އޭނާގެ ލޮލުން ކަރުނަ ފޮޮހެލުމަށްފަހު ހީލިއެވެ. އަދި ސިއްރު ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ.

"ކެތްރީން...ނުކުމޭ..."ބޭބެމެން ވަޑައިގެންފި....." މޭރީ އުފާވެރި އަޑަކުން ބުނެލިއެވެ.

ކެތްރީން އާއި ޖޯން ސިއްރު ކޮޓަރިން ނުކުތެވެ. ކެތްރީން އައިސް މޭރީގެ އަތުގައި ބާރަށް ހިފާލިއެވެ. "ތިޔަ ކުރި ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ........،،މޭރީގެ އަތަށް ވަރަށް ތަދުވޭތަ؟"

މޭރީ ހިނިތުންވެލިއެވެ. "ކުޑަކޮށް ތަދުވޭ.... އެކަމަކު ތިޔަ ދެމީހުންނާއި ތިޔަ ބަނޑުގައިވާ މައުސޫމް ކުއްޖާ ސަލާމަތްވީތީ އުފާކުރަން. ތި ކުދިން މިތަނުން ސަލާމަތުން ފޮނުވާލަން އަވަސް ރޭވުމެއް ރާވަން އެބަޖެހޭ......"

ކެތްރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މޭރީއާއި ބައްޕައަށް އިންތިހާއަށް ޝުކުރުވެރިވަން..ކޮންމެވެސް ދުވަހަކުން ތި އިހުސާންތެރިކަމުގެ ބަދަލު ދޭނަން.."

ކެތްރީން މޭރީގެ ގައިގާ ބައްދައިލިއެވެ.

***

މެތިއުގެ ކުޑަ ގޭގެ ބޭރުގައި އަސް ބަނދެފައި ހުރި ގަސްދަށުގައި އޮތް ކަޅު އަހުގެ ލަަގަނުގައި ހިފެހެއްޓެވިއިރު ތާރިގުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެކި ޚިޔާލުތަކެވެ. އަންދަލުސްގެ ފިނިކަން އެކުވެގެން އަންނަވައިރޯޅިތައް އޭނަގެ ޖުއްބާ ހަށިކޮޅުން ވަކިކޮށްލަން ހަނގުރާމައެއް ކުރާފަދައެވެ.

އެމަނިކުފާނުގެ ހަނގުރާމަވެރި ތޫނު ސިކުނޑިފުޅަށް އެގޭގެ ސިއްރު ކޮޓަރީގައި ކޮންމެވެސް ބަޔަކު ފިލާ ތިބިކަން ޝައްކެއްނެތް މިންވަރަށް ޔަގީންކުރެވުނެވެ. އެތަނުން ދުވި ބޭހުގެ ވަހާއިއެކު މޭރީގެ މޫނުމަތިން ފެނުނު ހާސްކަމާއި މެތިއުގެ އަވަސްވެފައިވާ ނޭވާގެ އަޑުން އެއީ އެމަނިކުފާނުގެ ލަޝްކަރު ހޯދަމުންދިޔަ ޖާސޫސް ޖޯންއާއި އޭނަގެ ބަައިވެރިޔާކަން ތާރިގުއަށް އެނގިވަޑައިގަތެވެ.

ތާރިގުގެ އަތްޕުޅު އުނަގަނޑުގައިވާ ކަނޑިކޮޅުގެ މުށްގަނޑުގައި ޖައްސަވާލައިގެން ހުންނެވިއިރުވެސް އެދޮރު ހުޅުވަން ޟަމީރު އެއްބަސްވެވަޑައިނުގެންނެވީއެވެ. ޖޯންއަކީ މުސްލިމު ލަޝްކަރަށް ބޮޑު ގެއްލުމެއް ދިން ޖާސޫސަކަށް ވިޔަސް އަދި މުސްލިމް ސިފައިންނާއި ހަނގުރާމަކުރި ދުޝްމިނަކަށްވިޔަސް އެމީހުން އެތިބީ އެމަނިކުފާނުގެ ބައްޕަގެ ހިމާޔަތުގައެވެ. އެމަނިކުފާނުފެ ލޭފޮދުގައި ދައުރުވާ އިސްލާމީ އަޚުލާގާއި އުސޫލުތައް ހަނދުމަފުޅުކޮށްދިނީ މައިންބަފައިންނަށް އިހުސާންތެރިވުމަށެވެ. ބައްޕައަށް ކުރައްވާ ގަދަރެއްގެ ބޮޑުކަމުން ބައްޕަގެ ފުރާޅު ދަށުގައި އެ ހިމާޔަތުގައިވާ ބަޔަކަށް އަމިއްލަ އަތްޕުޅުން ގެއްލުމާއި އަނިޔާ ދެއްވާ ބައްޕަގެ ހިތުގައި ޖެއްސުމަކީ އެމަނިކުފާނުގެ ޟަމީރު ތަންދެއްވާ ކަމެއްނޫނެވެ.

ތާރިގު ފުންނޭވާފުޅެއް ދޫކޮށްލެއްވުމަށްފަހު އަހަށް އަރާ ވަޑައިގަތެވެ. އަދި ވިދުވަރެއްފަދައިން އަސްދުއްވައިލެއްވީ ސިފައިންގެ ކޭމްޕާއި ދިމާލަށެވެ.

މުސްލިމް ހަނގުރާމަވެރިންގެ މައި ކޭމްޕްއޮތީ ބިރުވެރި ހިމޭންކަމެއްގެ ތެރޭގައެވެ. ތުނިކޮށް ވެހެން ފެށި ސްނޯއާއި ރަތްކުލައިގެ ފޭލިގެތަކުގެ މައްޗަށް އަލިފާންގަނޑުގެ ރަތްކުލަ އެޅިފައިވާއިރު ނިކަން ހިތްގައިމެވެ. ބޯ ރަޖާތަކާއި އަލިފާންތަކުގެ ހިމާޔަތުގައި އެންމެން ތިބެން މަޖުބޫރުވާރަށް ފިނިވިއެވެ. ޒިޔާދުއާއި ޔޫސުފްވެސް ތިބީ ނުތަނަވަސްވެފައެވެ. އެމީހުންގެ އިހުމާލުން ޖޯންއާއި ކެތްރީން ފިލައިގެން ދިޔުމުގެ ކުށް އެމީހުންގެ ބޮލުގައި އެޅިފައިވާއިރު އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ އަސްމާއާއިމެދުގައެވެ. ސޫޕަށް ނިދާ ބޭސް އެޅިކަމުގެ ބިރުވެރި އިލްޒާމެވެ.

"ޔޫސުފް...."ޒިޔާދު ފިނިން ރޫރޫއަޅަން ފެށުމުން ރަޖާ ރަގަޅަށް އޮޅައިލިއެވެ."ކޮމާންޑަރު ވަޑައިގަންނަވާއިރު އެދެމީހުން ނުފެނިއްޖެއްޔާ....ކޯފާ އިސްވެ އަހަރެމެންގެ ބޯ ކަނޑާލާނެކަން ޔަގީން..އަހަރެމެންގެ އިހުމާލުން މި ލަޝްކަރުގެ ސިއްރުތައް އެނގޭ ޖާސޫސަކު އެ ފިލީ........"

ޔޫސުފް އަލިފާންގަނޑަށް ދަރު އެޅިއެވެ. އަދި އަތްތިލަ ދިއްކޮށްލިއެވެ."އަހަރެން ދުވަހަކުވެސް ހީ ނުކުރަން އަސްލާ އަހަރެމެންނަށް އެފަދަ ކެއްސެއް ދީފާނެކަން..ތާރިގު އެ ވަޑައިގަތީ ފަރުބަދަ މުޅިން ފުރާނާލަން..އެމީހުން ފެނިވަޑައިނުގެންފިއްޔާ ދެން އޮތީ އަދަބު....."

އެވަގުތު ދުރުން ފިޔަވަޅެއްގެ އަޑު އިވެންފެށިއެވެ. ކޭމްޕުގައި ތިބިހާ ސިފައިން އަވަހަށް ކޮޅަށް ތެދުވެ ބަލަން ފެށީ އުފާވެރި މަންޒަރެއް ފެނުމުގެ އުއްމީދުގައެވެ. ތާރިގު ގިނިކަންޏާ ވަޑައިގަންނަވާތަން ފެނުމާއެކު މޫނުތަކުން މޮޅިވެރިކަން ފެނި އިސްޖެހުނެވެ. ތާރިގު އޭނަގެ އަސްކަމަށްވާ އަސްވަދުން ފައިބާ ވަޑައިގެން ކޭމްޕްގެ މެދަށް ވަޑައިގެންނެވިއެވެ. އެމޫނުފުޅުމަތިން ފެންނަނީ ހަރުކަށިކަމާއި ސީރިޔަސްކަމެވެ.

ޒިޔާދު އިސްޖަހާލައިގެން ކޮޅަށް ހުރެފައި ބުނެލިއެވެ."އަޅުގަނޑުމެންނަށް މާފުކުރައްވާ...އަޅުގަނޑުމެން އިހުމާލުން އެދެމީހުން ފިލައިގެން ދިޔައީ...ކޮންމެ އަދަބެއް ދެއްވިޔަސް ރަގަޅު..މި ފިނީގައި އެމީހުން ހޯދަން ދަތުރުކުރަންވެސް މިތިބީ..."

ތާރިގުގެ ތޫނު ދެލޯފުޅު ޒިޔާދުއާއި ޔޫސުފްގެ މޫނަށް ހުއްޓުނެވެ. ކޭމްޕަށް ވެރިވެފައިވަނީ ފުން ހިމޭންކަމެވެ. އެންމެންވެސް ނޭވާ ހިފަހައްޓާލައިގެން ތިބިފަދައެވެ.

ތާރިގު އޭނަގެ ކަނޑިކޮޅު އުރައަށް ލެއްވުމަށްފަހު ހައިބަވަންތަ އަޑަކުން އިއުލާންކުރެއްވިއެވެ."ޔޫސުފް...ޒިޔާދު...ހަމަޖެހިލައިގެން ތިބޭ....."

އެދެމީހުން ހައިރާންވެ އިސްއުފުލައިލިއެވެ.

"މިހިސާބުން މި މިޝަން ނިމުނީ...އެމީހުން ހޯދުމުގެ މަސައްކަތް ކުރިގޮތަށް އެކަން މިހާރު މި ނިމުނީ....އެކަން ހުއްޓާލާ..."ތާރިގުގެ އަޑުފުޅު ކޭމްޕްގައި ގުގުމައިލިއެވެ.

ހުރިހާ ހަގުރާމަވެރިން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ޔޫސުފްއަށް ކަންފަތަށް އިވުނު އަޑު ގަބޫލެއްވެސް ނުކުރެވުނެވެ."ކޮމާންޑަރ..އެކަމަކު އެ ޖޯންއަކީ އަޅުގަނޑުމެންގެ ސިއްރުތައް ކޮންނަން އައި އީސާއީއެއް..އަދި އެ ކެތްރީންއަކީ އަޅުގަނޑުމެންގެ ރަސްގެފާނަށް ހަދިޔާއެއްގެ ގޮތުގައި ގެންދާން އުޅުނު ޝާހީ އަންހެނެއް..ހަމަަ އެމީހުން ހޯދުން ހުއްޓާލައްވަނީތޯ؟"

ތާރިގު ކުރިއަށް ފިޔަވަޅެއް އެޅުއްވިއެވެ."އަހަރެމެންނަކީ ހަނގުރާމައިގެ މައިދާނުގައި ނަޒާހަތްތެރިކަމާއެކު ހަނގުރާމަކުރާ މުޖާހިދުން....އަހަރެމެންގެ ހަގީގީ ހަނގުރާމައަކަށް ވާންވާނީ ދެކޮޅުވެރިކަމާއެކު މައިދާނުން ކުރިމަތިން އަންނަ ލަޝްކަރަކާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ..ފިލައިގެން އުޅޭ ބިރުގެންފައިވާ އަންހެނަކާއި ޒަޚަމްވެފައިވާ މީހެއްގެ ފަހަތުން ފަރުބަދަމަތީގައި ދުވުމަކީ އަހަރެމެންގެ ޝަރަފާއި އެކަށީގެންވާކަމެއްނޫން. އެހެންނޫނަސް ކޮންމެވެސް މިތާ ކައިރީގައި އޮތް އީސާއީ ވިލެޖަކުން އެމީހުން ހިމާޔަތް ހޯދާފައިވާކަމަށް ބެލެވޭ..ވީމަ އެހިސާބުން އެމީހުން ހޯދުން ނިންމައިލީ.."

ތާރިގުގެ ހިތްޕުޅުގެ އަޑިން ގަބޫލުކުރެއްވީ އެމީހުން ތިބީ އޭނަގެ ބައްޕަގެ ހިމާޔަތުގައިކަމެވެ. ބައްޕަގެ ހިޔާވަހިކަމުގެ ދަށުގައި ނެތްނަމަ ފަހަރެއްގައި ޖޯން ހައްޔަރުކުރެވިދާނެއެވެ.

"ޒިޔާދު..ޔޫސުފް.."ތާރިގު އަމުރުކުރެއްވިއެވެ."އަސްމާވެސް މިތަނުން މިނިވަންކުރޭ..އޭނައަށްވެސް އަދަބެއްދޭނެ ކަމެއްނެތް..އަދި މުޅި ލަޝްކަރު ތައްޔާރުވޭ..އަހަރެމެން މާދަނާ ހެދުނު ކޭމްޕް ބަދަލުކުރާނަން..އަހަރެެމެންގެ ހަގީގީ މިޝަން އަދި އޮތީ ކުރިއަށް.."

"ލައްބަ ސާހިބާ.."ހުރިހާ ސިފައިން އެއްއަޑަކުން ކިޔައިލިއެވެ.

ޒިޔާދު އާއި ޔޫސުފްގެ މޫނުމަތިން ބިރުވެރިކަން ފިލައި އުފާވެރިކަމާއި ތާރިގުއަށް އޮތް ގަދަރާއި އިޙްތިރާމް އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. އަދި ކެމްޕުގެ އެއްފަރާތުގައި ދުރުން އެ މަންޒަރު ބަލަން ހުރި އަސްމާ ތާރިގުގެ މި އިންސާނިއްޔަތުކަމާއި ބާރުވެރިކަމަށް ހިތުގެ އަޑިން ސާބަސް ދިނެވެ.

***

ދުވަސްތައް އަމާންކަމައެކު ވޭތުވަމުންދިޔައެވެ. މެތިއުގެ ކުޑަ އެކަމަކު އަމާން ގޭތެރޭގައިވަނީ އުފާވެރިކަމެވެ. ކެތްރީންގެ ދަރިފުޅު ދުނިޔެއަށް އައުމުގެ ދުވަސް ކައިރިވަމުން އައިވަރަކަށް އެމޫނުމަތިން މައިވަންތަކަމުގެ އުޖާލާކަން ފެންނާންފެށިއެވެ. ޖޯން ހުންނަނީ ލޯބިވާ އަނބިމީހާގެ ކައިރިން އެންމެ ފިޔަވަޅެއްވެސް ދުރަށް ނުޖެހި ހުރިހާ އަޅައިލުމެއްދޭން ފެންނަ ހިސާބުގައެވެ. މެތިއު ކާއްސަ ފަތްޕިލާވެލީގެ ފަރުވާއާއި މޭރީގެ އޯގާތެރި ބެލުމުގެ ދަށުން ކެތްރީންއަށް އެއީ އަމިއްލަ ގެއެއްފަދަ ތަނެއްކަމުގެ އިހުސާސްކުރެވުނެވެ.

ހަގީގަތުގައި އެ އުފާވެރިކަމުގެ ފަހަތުވައިވަނީ ސިއްރުވެފައިވާ ބިރުވެރި މާޒީއެކެވެ. ކެތްރީންއަކީ އާދައިގެ އަންހެންކުއްޖެއްނޫނެވެ. އޭނައަކީ އެ ސަރަހައްދުގެ ނުފޫޒުގަދަ ޝާހީއާއިލާގެ ރަސްކަލެއްގެ ދަރިކަނބަލެކެވެ. އެކަމަނާގެ ބޭބޭފުޅަކީ އަނިޔާވެރިކަމަށް މަޝްހޫރު ޝާހީ ޕްރިންސްއެކެވެ. ކެތްރީން އާދައިގެ ސިފައިންގެ މީހެއްކަމަށްވާ ޖޯންއާއި ލޯބީގެގޮތުން ގުޅިވަޑައިގަތުމުން ރަސްގެފާނު ކޯފާ އިސްކުރައްވާ އެގުޅުން ކަނޑާލަން އެންގެވިއެވެ. ނޫނީ ޖޯންއަށް މަރުގެ އަދަބު ލިބޭނެކަމަށް ވިދާޅުވިއެވެ. އާއިލާގެ ފަރާތުން ކުރިމަތިވެ ވަޑައިގަތް މަޖުބޫރީތަކުގެ ސަބަބން ޝާހީގަނޑުވަރުގެ އަރާމާއި ރަނުގެ ތަންމަތިކޮޅު ދޫކުރައްވާފައި ޖޯންއާއެކު ފިއްލަވާ ވަޑައިގަތީ ޖޯންއާއެކު މިނިވަން އަމާން ދިރިއުޅުއްވުމެއްގެ އުއްމީދުގައެވެ. ކެތްރީންގެ ހަގީގަތެއް މެތިއުއަކަށް އަދި މޭރީއަކަށްވެސް އެނގިފައެއްނެތެވެ. އެދެ ޒުވާނުންގެ އުޅުމުން ފެންނަނީ ސާދާކަމެވެ. އެކަކު އަނެކަކުދެކެ ވާ ލޯތްބާއި އަޅައިލުމެވެ.

ހޫނު މޫސުމްގެ ދުވަސްތައް ފެށުނުއިރު މުޅި ވާދީގައި ފެހިކަން ގަދަވެ ހޫނުވާންފެށިއެވެ. އެއީވެސް ހަނދުގެ އަލިކަން ކަޅުވިލާތަކުގެ ތެރެއަށް ގެއްލިފައިވާ ރެއެކެވެ. މުޅި އަވަށް އޮތީ ފުން ނިދީގެ އަރާމުގައި ޣަރަގުވެފައެވެ. އެހިމޭންކަން މުގުރައިލީ ކުއްލިއަކަށް ތޫފާނެއްފަދައިން އަރައިގަތް އަރަބި ފައުޖެއްގެ ހަނގުރާމަވެރިންތަކުގެ ސަބަބުންނެވެ.

ދުރުން މީހުންގެ ބިރުވެރި ހަޅޭކާއި ކުދިންގެ ރުއިމުގެ އަޑު ވާދީގައި ގުގުމަންފެށިއެވެ.

"އަލިފާން..އަލިފާން...އެންމެން ގެތަކުން ނުކުމޭ...އަރަބިން އަރައިގެންފި...ގެތަކުގައި ހުޅުޖަހަނީ....."މުސްލިމުންގެ ކަޅު އަދި ރަތް ހެދުމުގައި މޫނު ނިވާކޮށްގެން ތިބި ނުރައްކާތެރި އަސްވާރުންތަކެއް އަވަށުގެ މަގުތަކުގައި އަސްތައް ދުއްވަމުން ދިޔައީ ބިރުވެރިކޮށެވެ. އަތުގައިވާ ތޫނު ކަނޑިތައް ހޫރުވަމުން ރޯކޮށްފައިވާ ހުޅުދާންތަކުން ގެތަކުގައި ހުޅުޖަހަމުން އަނިޔާވެރި އަމަލުތައް ހިންގަމުން ދިޔައެވެ.

މެތިއުގެ ގޭގެ ބޮޑު ދޮރުގައި ބާރަށް ޖެހި އަޑާއިއެކު ދޮރުފަތް ހަލާކުކޮށްލާފައި އެތެރެއަށް ވަދެގަތީ މޫނު ނިވާކޮށްގެން ތިބި ތިން ހަނގުރާމަވެރިންނެވެ.

"ކޮބާ އެދެމީހުން؟"އޭގެ ތެރެއިން އެކަކު ނުރައްކާތެރި އަޑަކުން އަރަބި ބަހުން ހަޅޭއްލަވައިގަތެވެ.

"ތިއީ ކާކުތަ؟ އަހަރެމެންގެ މިގެއަށް ހުއްދަނެތި ދޮރު ހަލާކުކޮށްލާފައި ކަލޭމެން ވަނީ ކީކޭ ހިތަށް އަރައިގެން؟"މެތިއު އަވަހަށް މޭރީ ފަހަތަށް ލާފައި ކުރިއަށް އެރިއެވެ.

"މަޑުން ހުރޭ މުސްކުޅިޔާ..."

"ކަލޭމެން ތިއުޅެނީ ކިހިނެއްވެގެން؟ ކޮންބަޔެއް ނުފެނިގެން ތިއުޅެނީ؟"މެތިއު ޚަންޖަރު ނަގަން އުޅުމާއެކު އެ ހަގުރާމަވެރިޔާ އޭނަގެ މޭގައި އަތް އަޅާ ކޮށްޕާލައިފިއެވެ. ޒުވާން ވަރުގަދަ ހަގުރާމަވެރިއަކު ބާރުގެ ބޭނުންކުރުމުން މެތިއުއަށް ހަށިގަނޑު ސަމާލު ނުކުރެވި ގޮސް މޭޒުމައްޗަށް ވެއްޓުނެވެ.

"ބައްޕަ ދޫކޮށްލާ...ހެޔޮނުވާނެ....އަހަރެން ތިބުނާ މީހުން ތިބި ތަން ބުނެފާނަން..........."މޭރީ ރޮމުން ބުނެލިއެވެ."ދެންމެ އެމީހުން ހިނގައިލަން ނުކުތީ....."

ހަނގުރާމަވެރިޔާ މޭރީގެ އަތުގައި ބާރަށް ހިފާ ދަމައިގަތެވެ.

"އަނގަ ނުތަޅާ ހުރޭ ދޮގުވެރި ކުއްޖާ..."ހަނގުރާމަވެރިޔާ މެތިއުއާއި މޭރީ ބިންމަތީގައި ދަމާ ކޫއްތަމުން ގޮސް ބޭރަށް ނެރެލިއެވެ. އޭރު ކޮޓަރީގައިތިބި ޖޯންއާއި ކެތްރީންއަށްވެސް އެ އަޑުތައް އިވުނެވެ.

އެވަގުތު ގޭގެ ފަހަތު ކޮޓަރީގައި ތިބި ޖޯން އާއި ކެތްރީންއަށް މިއަޑު އިވުމުން ދެމީހުންގެ ނޭވާ ހުއްޓުނު ކަހަލައެވެ. ކެތްރީން ބިރުން ގޮސް އެކަމަނާގެ ބަނޑުފުޅުގައި ދެއަތްޕުޅުން ފިރުމާލެއްވިއެވެ.

"ޖޯން... މިއީ ކޮން އަޑެއް؟ އެމީހުން އައީތަ؟" ކެތްރީންގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.

"ކެތްރީން......... ވަގުތެއް ނެތް..... އަވަހަށް ހިންގަވާ......" ޖޯން އޭނާގެ އަތުގައި އޮތް ކަނޑި ނަގައި ކެތްރީންގެ އަތުގައި ހިފައިގެން ގޭގެ ފަހަތު ކުޑަ ދޮރުން ބޭރަށް ނުކުތެވެ.

އެމީހުންގެ މިސްރާބަކަށްވީ ކުރިންވެސް ސަލާމަތްތެރިކަން ލިބުނު ފަރުބަދަމަތީގެ އަނދިރި ހޮހަޅައެވެ. އަވަށުގައި ރޯވެފައިވާ އަލިފާނުގެ ރަތް އަލީގެ ތެރެއިން ޖޯން ކެތްރީން ގޮވައިގެން ފަރުބަދައިގެ އުސް ހަނި މަގުން މައްޗަށް ދުވަން ފެށިއެވެ.

ނަމަވެސް، ހޮހަޅައިގެ އަނގަމައްޗަށް ވާސިލްވި ތަނާހެން ކެތްރީންއަށް މަޑުޖެހެވުނެވެ. އެކަމަނާގެ މޫނުމަތިން އިންތިހާ ވޭނުގެ އަސަރު ފާޅުވެ ބަނޑުގައި އަތްޕުޅު އަޅުއްވާ ކުޑަކަކޫމައްޗަށް ތިރިވެ ވަޑައިގަތެވެ.

"އާާާހް.... ޖޯން...." ކެތްރީންގެ އަޑުފުޅުގައި ވީ ވޭނެވެ. "އަހަރެން... އަހަރެންނަކަށް ދެން ނުހިނގޭނެ... ބަނޑުގައި ރިއްސަން ފަށައިފި.."

ޖޯންގެ ހިތް ބިރުން ތުރުތުރުއަޅައިގަތެވެ. އޭނާ އަވަސްއަވަހަށް ކެތްރީން އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް ހޮހަޅައިގެ ތެރެއަށް ވަދެ އޭނާގެ ކޯޓު ބިންމަތީގައި ފަތުރާލުމަށްފަހު ކެތްރީން ބޭއްވިއެވެ.

"ކެތްރީން..... ހިތްވަރުކުރައްވާ....... އަޅުގަނޑު މިހުރީ ކަމަނާއާއިއެކު......" ޖޯން ކެތްރީންގެ ދާފޮދުހިއްލާފައިވާ މޫނުފުޅުގައި އަތްޖައްސާލަމުން ބުންޏެވެ.

"ޖޯން... އަހަރެން ވަރަށް ބިރުގަނޭ... މެތިއުއެއް ނެތް، މޭރީއެއް ނެތް... އަހަރެމެންނަށް އެހީވާނީ ކާކު؟" ކެތްރީން ޖޯންގެ އަތުގައި ބާރަށް ހިފަހައްޓަވައިލެއްވިއެވެ.

"އަޅުގަނޑު ފެންފޮދެއް ނުވަތަ އެހީއެއް ލިބޭތޯ ބޭރަށް ބަލައިލާނަން. ކަމަނާ މަޑުން އޮންނަވައްޗޭ.... ވަރަށް އަވަހަށް އެނބުރި އަންނާނަން......." ޖޯން ކެތްރީންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ކަނޑި ހިފައިގެން ހޮހަޅައިގެ ބޭރަށް ނުކުތެވެ.

ޖޯން ހޮހަޅައިގެ ބޭރަށް ފިޔަވަޅެއް އެޅި ތަނާހެން ގަސްތަކުގެ ފުރަގަހުގައި ފާރައަށް ތިބި މުސްލިމް ހެދުމުގައި ތިބި ސިފައިންގެ ހަތަރު މީހަކު ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އަރާ މަގު ބެއްދިއެވެ.

"އޭނާ މިހިރީ..... ހިފަހައްޓާ......" ހަނގުރާމަވެރިއަކު ހަޅޭއްލަވައިގަތެވެ.

ޖޯން ކަނޑި ހޫރާލަމުން ހިތްވަރާއެކު އެމީހުންނާއި ހަނގުރާމަފެށިއެވެ. އެކަކުގެ ކަނޑިން ރެކިގަނެވުނަސް ފަހަތުން އައި ހަނގުރާމަވެރިއަކު އޭނާގެ ކަމަރުގައިވި ދަގަނޑު މުށްގަނޑަކުން ޖޯންގެ ބޮލުގެ ފަހަތުގައި ބާރަށް ޖެހިއެވެ.

ޖޯންގެ ދެލޮލުން ރަންކަނިތައް ފިޔަޖަހައިލުމާއިއެކު މުޅި ދުނިޔެ އަނދިރިވެގެން ދިޔައެވެ. އޭނާގެ އަތުން ކަނޑި ވެއްޓި ހޮހަޅައިގެ ބޭރުގައިވާ ފިނި ބިންމައްޗަށް ޚަބަރު ހުސްވެގެން ވެއްޓުނެވެ.

"އަވަސްކުރޭ.... އޭނާ ބަންދުކޮށްގެން ގެންދޭ... އަމީރުގެ އަމުރުފުޅު އެބައޮތް އޭނާ ދިރިހުއްޓާ ހައްޔަރުކުރުމަށް........." އެކަކު އަމުރުކުރިއެވެ.

އެމީހުން ޖޯންގެ އަތްފައި ބަންދުކޮށް ދަމާފައި ގެންދިޔައިރު ހޮހަޅައިގެ ތެރެއިން ކެތްރީންގެ ވޭނީ ހަޅޭކުގެ އަޑު ފަރުބަދަމަތީގައި ގުގުމަމުން ދިޔައެވެ.ނަމަވެސް އެކަމަނާއަށް އެހީވާނެ އެކަކުވެސް އެތަނަކު ނެތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު