ބަނަފުސާ (ފަހު ބައި)

"ކުރިމަތިވާ ކޮންމެ އިމްތިހާނަކާއި ކުރިމަތިލުމުގެ ހިތްވަރު ލިބޭތޯ ބަލަންވާނެއެވެ. ހަނދާން ކުރަންވީ ހަޔާތުގެ ކޮންމެ ހިނދުކޮޅަކަށްވެސް ﷲގެ ރަހުމަތަކީ ތިބާއަށް އެވަރުން ފުދޭނެ އެއްޗެއްކަން ގަބޫލުކުރުމެވެ."

***

"ނޫން..އަހަންނަށްވުރެ އެމިލީމެންނަށް ފައިސާގެ ބޭނުން މިވަގުތު ޖެހިފައިވަނީ..އެހެންނޫނަސް އަހަންނަކީ ކުޑައިރުއްސުރެ އެހާ ހުވަފެންތައް ދެކުނު މީހެއްވެސް ނޫން...ޖޮބެއްވެސް ލިބިއްޖެ..އެވަރުން ފުދޭ ހަމަ. ވަރަށް އުފަލުގައި މިއުޅެނީ......"

އަދަލްގެ ތުންފަތްމަތިން ފެނުނީ އެ ހިތްހެޔޮ ހަމަޖެހޭ ހިނިތުންވުމެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އެލޮލަށް އެޅިފައިވާފަދައެވެ.

"ޒިމްއަށް އެނގޭތަ؟ އިންސާނާގެ ހިތް ދުވަހަކު ނުފުރޭނެ..ދުނިޔޭގައިވާ ހުރިހާ އެއްޗެއް ލިބުނަސް އިތުރަށް އެދޭނެ...."

ޒިހާމްއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. އެއި ހަމަ ތެދެކެވެ. އޭނައަށްވެސް ލިބޭވަރަކަށް އިތުރަށް ބޭނުންވަނީއެވެ.

"ޒިމް...ތިވަރަށް ނުވިސްނާ...."އަދަލް މަޑުމައިތިރިކަމާއެކު ބުންޏެވެ. "މާޒީއަކީ ނިމި ގޮސްފައިވާ ކަމެއް. އަހަރެން ދުވަހަކުވެސް ޒިމްގެ މައްޗަށް ހިތްބުރައެއް ނުކުރަން. އެމިލީއަކީ އަހަރެންގެ ކޮއްކޮ... އޭނާ ސަލާމަތްކުރުމަކީ އަހަރެންގެ ވާޖިބެއް. އަދި ތިއީ އަހަރެންގެ ކުޑައިރުގެ ރަހުމަތްތެރިޔާ...ޒިމްއާއި އެމިލީ ގުޅުނުކަމަށްޓަކާ ﷲއަށް ޝުކުރުވެރިވަން. މިހާރު ގުޅިގެން މަސައްކަތްކުރަންވީ..ތީ މިހާރު ހަމައެކަނި އެކުވެރިއެއް ނޫން...ހުރި ހަމަ އެކަނި ޅިޔަންބެ......ދެފަރާތުންވެސް އެހާ ކްލޯޒްމީހެއް ވީމަ ކިހިނެއް ދުރުވާނީ؟ ހަމަ ވެވެން އޮތް ކޮންމެ ކަމެއްކޮށްދޭނަން އިންޝާﷲ......."

"އެކަމަކު އަދަލް... އެ ފައިސާ ބަލައިގަތުމަށް ފަސޭހައެއް ...." ޒިހާމް އެއްޗެކޭ ބުނަން އުޅުނެވެ.

"އެއީ މައްސަލައެއް ނޫނޭ....." އަދަލް ހީނގަތެވެ. "ފައިސާއަކީ މިއަދު ލިބިފައި މާދަމާ ގެއްލިދާނެ އެއްޗެއް. އެކަމަކު އިންސާނިއްޔަތުކަމާއި އާއިލީ ގުޅުމަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް. އަހަރެމެން އެންމެން އެކުވެރިވެ އެކަކު އަނެކަކަށް އެހީތެރިވެގެން އުޅުނީމާ އެ ނިމުނީނު؟ ޒިމްއަށް ލިބޭ ކޮންމެ މޮޅަކުން އަހަރެންވެސް އުފާވާނެ..."

ޒިހާމް އަދަލްގެ ގައިގައި ބާރަށް ބައްދާލިއެވެ. މުޅި އުމުރުގައި އުފުލި ހަސަދަވެރިކަމާއި ރުޅިވެރިކަން އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި ވިރި އެހިތް ސާފުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

***

އަދަލް އާއި ޒިހާމްގެ މާފުކުރުމާއި ބައްދަލުވުމުގެ އަސަރުގަދަ ވަގުތުކޮޅަށްފަހު ދެ ގޭގެ ގުޅުން ބަދަހި ވުމުގެ މަރުހަލާ ފެށުނެވެ. ޖެހިގެން އައި ދުވަހު ޒިހާމްއާއި އެމިލީ ސަރަފީނާމެންގެ ގެކަމަށްވާ "ބަނަފުސާ" ގެއަށް އައީ ކޮފީއަށެވެ. އެގޭގެ އަރާމު ފެންޑާގައި ހާމަ ވައިގާ ތިބިއިރު ދުނިޔޭގެ ހުރިހާ އުފަލާއި ހިތްހަމަޖެހުމެއް ލިބިފައިވާފަދައެވެ. ޚިޔާލެއް ފިކުރެއްނެތި ހުނުމާއި އަނގަ ތެޅުމާއިއެކު ކޮފީއާއި ހެދިކާއަށް އިންސާފުކުރަމުން ދިޔައެވެ. އަދަލްގެ ޖީބުގައި އޮތް ފޯނު އަނެއްކާވެސް ރިންގުވާން ފެށިއެވެ. ސްކްރީނަށް ބަލައިލިއިރު އެއީ މާވަހަރު ގަންނަން އުޅުނު މަސީހުގެ ނަމްބަރެވެ.

އަދަލް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"އަދަލް.... ހެހެހެ... ސޮރީ އިނގޭ....." ފޯނުގެ އަނެއްކޮޅުން އިވުނީ މަސީހުގެ ބާރު ހުނުމުގެ އަޑެވެ. "އަހަރެން ހަމަ އަދަލްގެ ކެތްތެރިކަން ހުރިވަރު ބަލާލަނު ސަމާސާކޮށްލީ..ތިއީ ވަރަށް އަމިއްލަ އެދުމެއްނެތް ރަގަޅު އިންސާނެއް އަދަލް..މިޒަމާނުގައި އެންމެން ދުވަނީ ފައިސާގެ ފަހަތުން...މިކަހަލަ ހާލަތެއްގައި ކެތްވެސް ނުކުރެވޭނެ...އަދަލް ތީ ހަމަ ތަފާތު ރަގަޅު ޒުވާނެއް...އަދަލްއަށް އެނގޭތަ؟. ފައިސާގެ މައްސަލައެއް ނޫޅޭ...... ސަރުކާރާއި ބޭންކުގެ ހުރިހާ ކަމެއް ނިމި ފައިސާ އެހެރީ އެކައުންޓަށް ޖަމާވެފައި....އެއްކަލަ ބަނަފުސާ ޕްރޮޖެކްޓް ހަމަ ފަށަންވީ........"

އަދަލްއަށް މާވަހަރު ވިއްކައިގެން ލިބުނު ބޮޑު ފައިސާގެ މައްސަލައިގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އޮތެވެ. ރާއްޖޭގެ ގަވާއިދުގައި މާވަހަރަކީ ސަރުކާރަށް ރިޕޯޓްކޮށްގެން ވަކި އއުސޫލުގެ މަތިން ވިއްކޭ އެއްޗަކަށް ވިޔަސް ރަނގަޅު މީހުން މެދުވެރިކޮށް އެކަން ހަމަޖެހުނުއިރު ސަރުކާރުގެ ހުއްދައާއެކު އެކަން ވަނީ ކާމިޔާބުވެފައެވެ. ބޭންކުން ފައިސާ ހިފަހައްޓާނެކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް މާލޭގައި އެކަން މެނޭޖުކުރަމުން ދިޔަ ފަރާތުން އެކަން ކޮށް އެ ނިންމައިލީ ރަަގޅަށެވެ.

އެ ފޯނުކޯލު ލިބުމާއެކު އަދަލްގެ މެޔަށް ލިބުނީ ބަޔާންކުރަން ނޭގޭފަދަ ބޮޑު ފިނިކަމެކެވެ. މިއީ އޭނާގެ ކެތްތެރިކަމަށް ﷲ ދެއްވި ނިއުމަތެކެވެ. އަދަލް ފޯނު ބާއްވާފައި ވަގުތުން ފެންޑާގައި ކަކޫ މައްޗަށް ތިރިވެ ﷲގެ ހަޟުރަތުގައި ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލި ހިތުގެ ފުންމިނުން ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ޒިހާމް އިނީ ހައިރާންވެފައެވެ. އަދަލް ޝުކުރުގެ ސަޖިދައަކަށް ތިރިވީ ކީއްވެހެއްޔެވެ؟ އޭނަ އުމުރު ދުވަހުވެސް އުފަލެއް ނޫނީ ނިއުމަތެއް ލިބުމުން ސަޖިދައެއް ނުޖަހައެވެ. ލަދުވެތިކަމާއި ކުށްވެރިކަން އިހުސާސްވި ވަގުތެކެވެ. އެކަމަކު އަދަލްއަށް ލިބުނީ ކޮންކަހަލަ ޚަބަރެއްހެއްޔެވެ؟އަދަލްއަށް ލިބޭ ކުޑަ އުފާވެރިކަމެއްގައިވެސް ޝުކުރު އަދާކުރަނީއެވެ. ކޮންފަދަ ރަގަޅު ސިފައެއްހެއްޔެވެ؟

އަދަލް ތެދުވެ ސިދްރާއާއި އެމިލީ އަދި ޒިހާމްގެ މޫނަށް ބަލައިލަމުން ގޮނޑިއަށް ތިރިވިއެވެ.

"އެނގޭތަ؟ މާވަހަރުގެ ޑީލް ކެންސަލްވެއޭ ކިޔާފައި މަސީހު ކުރިން ޕްރޭންކް ކޯލެއްކުރީ...ދެންމެ ގުޅާފައި އެބުނީ ފައިސާ ޖަމާވެފައޭ ހުންނާނީ...އަލްހަމްދުލިﷲ..."އަދަލް ޒިހާމްއާއި އަތާއި އަތް ޖަހައިލިއެވެ. "ބިސްމީގެ ބަރަކާތުން ބަނަފުސާ ޕްރޮޖެކްޓް ފަށަމާ...."

***

ގޭގެ ފެންޑާގައި ހުރި ތަށިތައް ނަގަން ސަރަފީނާ ހުއްޓާ މާރިޔާ އައިސް ސަރަފީނާގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ނުރުހުމާއި ހިތުގައި އުފެދިފައިވާ މާޒީގެ ކެކުޅުންތަކެވެ.

"ސަރަފީނާ........." އޭނަ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަދަލް މިހާރު މުޅި ރަށުގެ ހީރޯއަކަށް ވެގެން ޒިހާމްއާއި ދިމާލަށް އެންމެން ފޮނި މީހެކޭ ކިޔާފައި އެއްޗެހި ކިޔަން ފަށައިފި..ސަރަފީނާގޮސް އެންމެން ގާތު ބޭކާރު އަނގަތަޅަނީ ދޯ.ކުޑައިރުގެ އެ ނުބައި އާދަ ނުހުއްޓޭ އަދިވެސް....ބަނަފުސާ ޕްރޮޖެކްޓެކޭ؟ ކޮންކަމެއް އަދަލްއަށް ވާނީ...ފަތަން އެނގޭތީ ކްލާހެއް ހުޅުވިޔަސް މިރަށަށް ތިބުނާ ތަރަައްގީ ގެނެސްދެވޭތަ؟އެހެންނޫނަސް މާޒީގައި އަދަލް އަހަރެމެންނަށް ދިން އަނިޔާ މަތިން ހަނދާން ނެތުނީތަ؟"

ސަރަފީނާ އަތުގައި ހުރި ތަށިތައް ބަހައްޓާލުމަށްފަހު އިސްއުފުލާ މާރިޔާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެނުނީ އާދޭހުގެ އަސަރެވެ. "ދައްތާ..... އަދިވެސް ތިޔަ ހަސަދަވެރިކަން ހިތުން ނުފިލަނީތަ؟ މާޒީގައި ހިފަހައްޓައިގެން ދުވަހަކު ކުރިއަކަށް ފިޔަވަޅެއް ނޭޅޭނެ.... އަދަލް އަކީ ކާކަށް ކޮން އަނިޔާއެއް ދިން ކުއްޖެއް؟"

"އަނިޔާއޭ؟" މާރިޔގެ އަޑު އިތުރަށް ބާރުވިއެވެ. "މަންމަކަން ހަނދާން ނައްތާލާފައި އިންސާފުވެރި ހިތަކުން ވިސްނަބަލަ......ޒިހާމްގެ ނިތްކުރީގައި އެހެރަ ބޮޑު ލަކުނަކީ ކާކުގެ ސަބަބުން ލިބުނު އެއްޗެއްކަން....ޒިހާމް ކިހާ ރީތި އެކަމަކު އެލަކުނު އެމޫނުގެ ފުރިހަމަކަން ގެއްލުވާލައިގެން އުޅެނީ... ހަމަ ނޭގެނީތަ؟ އެއީ އަދަލްއާ ހެދި ވީކަމެއް....... ކުޑައިރު އަދަލް ތަޅާފޮޅުމުގެ ތެރޭގައި ކޮށްޕާލައިގެން...."

މާރިޔާއަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

"އެއީ އަދަލް ކުރި ކަމެއް ނޫން......" ކުއްލިއަކަށް ޒިހާމްގެ އަޑު އިވުމާއެކު ދެމީހުންވެސް ސިއްސައިގެން ގޮސް ފަހަތް ބަލައިލިއެވެ.

އެތަނުގައި ހުރީ ޒިހާމްއެވެ. އޭނާގެ ދެލޮލުގައިވީ ނުތަނަވަސްކަމެވެ. މޫނުމަތިން ފެންނަނީ މުޅި އުމުރުގައި އުފުލި ކުށްވެރިކަމުގެ އިހުސާސެވެ.

"ޒިހާމް؟ "މާރިޔާ ހައިރާންވިއެވެ.

"މަންމާ.... މިހާރު ހަގީގަތް ހާމަ ކުރުމުގެ ވަގުތު ޖެހިއްޖެ......." ޒިހާމް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. " ނިތްކުރީގައި ވާ ލަކުނަކީ އަދަލްގެ ސަބަބުން ވީ ކަމެއް ނޫން....އެއީ އެދުވަހު އަމިއްލައަށް ކުޅެން އުޅެނިކޮށް ފާރުމަތިން ވެއްޓިގެން ހިނގި ހާދިސާއެއް...... އެކަމަކު... އެކަމަކު މަންމަ އަޑުލާނެތީ ބިރުންގޮސް އެކަން އަދަލްގެ ބޮލުގައި އެޅުވީ...ސޮރީ މަންމާ......"

މާރިޔާ ދެލޯ ބޮޑުވެ އަނގަ މަތީގައި އަތްއެޅުނެވެ. "ޒިހާމް... ކީކޭ ތި ކިޔަނީ؟"

"އާނ މަންމާ......މިއީ ހަގީގަތަކީ.....އަޒާލީމެންނަށްވެސް އެނގޭނެ....." ޒިހާމް ކިޔާދިނެވެ.

"ކުޑައިރުއްސުރެ އެންމެން. މިބުނީ އަޒާލީއާއި ހީރާއާއި ވެގެން އަބަދުވެސް އަދަލްއަށް ބުލީކުރީ....އޭނާގެ މައުސޫމްކަމުގެ ނާޖާއިޒު ފައިދާ ނަގާ އަހަރެމެން ކުރާ ހުރިހާ ނުބައި ކަމެއްގެ ތުހުމަތު އަދަލްގެ ބޮލުގައި އެޅުވީ. އަދަލްއަކީ ދުވަހަކުވެސް މީހަކަށް ދެރައެއް ދިން ކުއްޖެއް ނޫން. އޭނާ އެހާ ހިތްހެޔޮކަމުން އަހަރެމެން ސަލާމަތްކުރަން އަބަދުވެސް އެ ހުރިހާ އިލްޒާމެއް އަމިއްލައަށް އުފުލީ..ދުވަހަކު އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެކޭ ނުބުނެ ހުރިހާ ކަމެއް ބޮލުގައި އަޅައިގެން ހުރީ........"

ސަރަފީނާގެ މޭގައި އަތްއެޅުނެވެ. އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެން ފެށިއެވެ. އަމިއްލަ ދަރިފުޅު މާޒީގައި އުފުލި އަނިޔާއާއި މީހުންގެ މަލާމާތް ހަނދާންވެ ސަރަފީނާގެ ހިތް ކުދިކުދިވި ކަހަލައެވެ.

"މަންމާ... ސަރަފީނާ ދައްތާ..." ޒިހާމް އައިސް ސަރަފީނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އަދި ސަރަފީނާގެ އަތްތިލައިގާ ހިފާ ގެނެސް މޫނުގައި ޖައްސާލިއެވެ. "އަދަލްގެ ޅަ އުމުރު ގެ އުފާވެރިކަން ހަލާކުކޮށްލެވުނީތީ..ކޮންމެ ފަހަރަކު ދައްތަ ގޮސް އަދަލްއާއި ދިމާލަށް އަޑުލާ ތަޅައިގަތުމަކީ އަހަރެމެންނަށް މަޖާވިކަމެއް.....އަހަރެމެންގެ ހަސަދަވެރިކަމުން އޭނާގެ އަބުރު ކިލަނބުކުރީ...... މިއަދު އަދަލް އެހެރީ އަހަރެމެން އެންމެންނަށްވުރެ މަތި މަގާމެއްގައި....އޭނާގެ ހިތުގެ މާތްކަމުން އަހަންނަށް މައާފުކޮށްފި... ބަނަފްސާ ޕްރޮޖެކްޓް ގައިވެސް ބައިވެރިވާން ފުރުސަތު ދީފި. ދައްތާ..އަހަންނަށް މާފުކޮށްދީ......"

މާރިޔާ ހުރީ ބުދެއްހެން ގަނޑުވެފައެވެ. އަމިއްލަ ދަރިފުޅުގެ ދުލުން މުޅި އުމުރުގެ ހަގީގަތް އިވުމުން އޭނާގެ މުޅި ވުޖޫދަށް ލޮޅުން އެރިއެވެ. ލަދުން ހަލާކުވާވަރުވިއެވެ. ޒިހާމްއަށްވުރެ އަދަލްއަށް އެންމެން ކުރާ ގަދަރުގެ ސަބަބު އެނގުނެވެ.

ސަރަފީނާ ޒިހާމްގެ ބޮލުގައި ފިރުމައިލިއެވެ.

"ކޮއްކޯ ޒިހާމް..." ސަރަފީނާ ބުނެލިއެވެ. "އަދަލް ކޮއްކޮއަށް މާފުކުރިއްޔާ ދައްތަގެ ހިތުގައިވެސް އެއްވެސް ކިލަބުކަމެއްނެތް.... ﷲ އިރާދަކުރެއްވިއްޔާ މިއަދު އަހަރެންގެ ދަރިފުޅުގެ ކުށެއްނެތްކަމާއި ސާފުކަން ދައްތައަށް އަދި މުޅި ދުނިޔެއަށް ސާބިތުވެއްޖެ. ތިޔަ ހަގީގަތް ގަބޫލުކުރާނެ ހިތްވަރު ކޮއްކޮއަށް ލިބުނީތީ ދައްތަ އުފާކުރަން........"

ޒިހާމް ސަރަފީނާގެ އަތުގައި ބޮސްދިނެވެ. މާރިޔާ އިސްދަށަށް ޖަހާލައިގެން ހުރެ މަޑުމަޑުން ސަރަފީނާގެ ކައިރިއަށް ޖެހިލާ މާފަށް އެދޭ ފަދަ ނަޒަރަކުން ބަލައިލިއެވެ.

***

ދުވަސްކޮޅެއްގެ ތެރޭގައި "ބަނަފުސާ"ގެ ގެއަށްވެސް ސިދްރާ ބަދަލުތަކެއް ގެނައެވެ. ހުރިހާ ދޮރުތަކެއްގައި ފަރުދާތައް ދަމާ ރީތި ފަރުނީޗަރުތަކާއި ދޫލަ އަދި ކުރެހުންތަކާއި މާވަށިތަކުން ގެއަށް ދިރުން ގެނުވިއެވެ. އެގެއަށް ވަންނަ މީހުންގެ ލޮލުގައި އަޅައިގަންނަ އެންމެ ހިތްގައިމު އެކައްޗަކަށްވެގެން ގޮސްފައިވަނީ ބިތުގައިވާ ކުރެހުމެކެވެ. ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖަކު ބުޅަލެއް ކިހިލީގައި ޖަހާލައިގެން މާ ވަށިގަނޑެއް ހިފައިގެންދާ މަންޒަރެވެ. މޫނު ނުފެންނާނެހެންނެވެ. އަދި އެގޭގެ ބަގީޗާތެރެއަކީ ދެކޭމީހުންގެ ލޯތަކަށް ފިނިވެ އުފާވާނެފަދަ ތަނަކަށްވިއެވެ. ކުލަކުލައިގެ މާތަކުގެ ތެރެއިންވެސް އެންމެ ގިނައީ ބަނަފުސާ މާތަކެވެ. ވައިލެޓްމަލަކީ މީރުވަސް ދުވާ މަލެކެވެ.

އުމްރާއަށް ފުރަން މާލޭގައި ހުއްޓާ މަންސޫރު ސަރަފީނާއާއި ބައްދަލުކޮށް މާފަށް އެދުނެވެ. އަލުން ކައިވެނިކުރަންވެސް ހުށަހެޅިއެވެ.

"ނޫނޭ މަންސޫރު....ތި ދެމަފިރިންގެ ދެމެދަށް ވަދެ އަލުން ކައިވެންޏެއްގައި ރެދުލައްވާނެ ވަސީލަތަކަށް ނުވާނަން..ޒުވާން އުމުރު ހޭދަކުރީ ހަމަ އަހަރެމެންގެ ދަރިފުޅު އަދަލް ތަރުބިއްޔަތުކުރުމާއިގެން..އަދި ލިބުނު އަނިޔާތަކާއިއެކުގައިވެސް ކެތްކުރިން..ﷲއަށް ވަކީލުކުރިން..މިހާރު މުސްކުޅިވެއްޖެ. އިތުރަށް ކައިވެނީގެ ދިރިއުޅުމަކަށް އަނބުރާ ނުދެވޭނެ..ދަރިފުޅަށް އުފަލާއި ކާމިޔާބު ލިބިއްޖެ..ދެން ބޭނުމީ ހަޔާތުގެ ބައި އަޅުކަމުގައި ހޭދަކުރަން..އަހަރެންގެ ހިތް މަންސޫރުއަށް ސާފު. އެއްވެސް ބުރަކަމެއްނެތް....މަންސޫރު ހިތްހަމަޖެހޭނީ މާފުކޮށްފީމޭ ދުލުން ބުނަންކަމަށް ވަންޏާ އެހެންވެސް ބުނެފާނަން...މާފުކޮށްފިން..."

"އަހަރެމެން ދެމީހުން ގެ ރާސްތާ އަނެއްކާވެސް އެމިލީގެ ސަބަބުން ގުޅުނީ....އެއީވެސް ތަގުދީރުގެ ކޮންފަދަ ބޮޑު އިއްތިފާގެއް..." މަންސޫރު ހިތާމަވެރިގޮތަކަށް ހީލިއެވެ.

"އާނ...އެމިލީވެސް އަހަރެމެންގެ ދަރިއަކަށް މިވީ..އުފާވެރި ގުޅުމެއް އަލްހަމްދުލިﷲ..."

އަދަލްއާއި ސިދްރާވެސް މަންމަމެންނަށް މާޒީގައި ހިނގި ކަންތައްތަކުގެ ވާހަަކަދައްކަން ވަގުތުދީފައި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ކެއުމުގައި ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފައުޅުވަނީ އުފާވެރިކަމެވެ.

"އަދަލްއަށް ހީވޭތަ މަންމަ ބައްޕައާއި އަލުން ގުޅޭނެހެން؟"

"ނޫން މަންމަ ގަބޫލެއްނުކުރާނެ..މަންމަ އެހެން ޒިންމާއެއް ނަގަން ބޭނުންނުވާނެކަން މަންމަގެ ވާހަކަތަކުން އެނގޭ. މަންމަ އުފަލުގައި ހުރީމަ އެނިމުނީ...މަންމަގެ ހުވަފެނެއް އުމްރާއާއި ހައްޖަށް ދިޔުން...އިރާދަކުރެއްވިއްޔާ މަންމައަށް އެކަންތައް ކުރެވޭނެ..."

"އެންމެން އެކީގައި އިންޝާﷲ..އައި ކާންޓް ވެއިޓް....އަހަރެންގެ މަންމައަށްޓަކާ އުމްރާކޮށް ގެފުޅުކައިރީގައި ހުރެ ދުޢާކުރަން އަބަދުވެސް ބޭނުންވި.."ސިދްރާ މަންމައަށްޓަކާ ދުޢާނުކުރާ އެންމެ ނަމާދެއްވެސް ވަގުތެއްވެސް ނުދެއެވެ.

***

އަދަލް އޭނަގެ މަންމައާއި އާއިލާ ގޮވައިގެން އުމްރާއަށް ފުރީ އާއިލާގެ ބޮޑު ޖަމާއަތަކާއެކުގައެވެ. މާމަމެންނާއި މާލޭގެ ތިމާގެ މީހުންވެސް ގުޅި އެންމެންނަށް ދީނީ ކަންކަމަށް ލޯ ހުޅުވި މިހުރިހާ ދުވަހު ކެނޑިފައި އޮތް އާއިލީ ގުޅުންތައް އަލުން އިއާދަވުމުގެ އަސްލަކަށް އުމްރާ އެ ދަތުރުވިއެވެ. ސަރަފީނާ މާރިޔާ އަދި ގުރޭޝާއާއި ތިން ބެއިންގެ މަންމަ އަދި ދަރިންތައް އެކީގައި އުމްރާގެ އަޅުކަންކޮށް ތަންތަން ބަލައިލަން އެކީގޮސް ބާޒާރުކޮށްލާ ހަދައިގެން އެނބުރިއައީ އުފާވެރި ހަނދާންތަކާއެކުގައި ކޮންމެ އަހަރަކު އުމްރާކުރަން ހިތު އަޅައިގެން ދުޢާކުރަމުންނެވެ. މާރިޔާގެ ހިތް ސަރަފީނާއާއިމެދު ސާފުވީ އަދަލްއާއިމެދު މާޒީގައި ނޭގި ވެވުނު އަނިޔާއާއި ސަރަފީނާ ބާކީ ކުރެވުނުކަމުގެ ކުށްވެރި އިހުސާސާއެކުގައެވެ.

ދިރިއުޅުން ފުރިހަމައެއްނުވާނެއެވެ. ކުށްތައްވެސް ކުރެވި ފިލާވަޅު ލިބޭނެއެވެ. ހިތާމަކުރާ ދުވަސްވެސް އަންނާނެއެވެ.

***

ނަވީންގެ ފަރާތުން ވަރިވެ މުޅިން މިނިވަންވެފައިވާ ނޯޔާގެ ހިތުގައި ކުރިން އަދަލްއާ މެދު ކުޑަ އިހުސާސެއް އުފެދުނެވެ. ނަމަވެސް އަދަލް އާއި ސިދްރާގެ ދޭތެރޭގައިވާ އީމާންތެރި އަދި އިންތިހާގެ ފުން ލޯބި ފެނުމަށްފަހަު އެ ދެމަފިރިންގެ ދޭތެރެއަށް ވަނުމަކީ އިންސާފުވެރިކަން ކުޑަ ކަމެއްކަން ނޯޔާއަށް ވިސްނުނެވެ. ސިދްރާގެ ކެތްތެރިކަމާއި އަދަލްގެ ދީނީ ސިފަތަކުން ނޯޔާގެ ހިތަށް ބޮޑު ނުފޫޒެއް ފޯރުވިއެވެ.

"ސިދްރާ... އަދަލް..." ނޯޔާ އައިސް އެމީހުންގެ ކައިރީގައި ހުއްޓުނެވެ.

"ނޯޔާ؟ ކިހިނެއްވީ؟" ސިދްރާ އޯގާތެރިކަމާއެކު އަހާލިއެވެ.

"އަހަރެން މިއައީ ތިޔަ ދެމީހުން ކައިރިން މާފަށް އެދެން......." ނޯޔާ ހިނިތުންވެލިއެވެ. "އަދި އަހަރެންގެ އަމިއްލަ ނިންމުމެއް ހިއްސާކޮށްލަން. އަހަރެން ނިންމައިފިން މާޒީގައިީ ވީކަންކަން އުކާލާފައި ،އަމިއްލަ ކެރިއާ ބިނާކުރަން.މިހާރު މި އުޅެނީ އޮސްޓްރޭލިއާއިން ނާސިންގ ދާއިރާއިން މާސްޓަރސް ހެދުމަށް ސްކޮލަރޝިޕަކަށް އެޕްލައިކޮށްގެން. އިންޝާﷲ ވަރަށް އަވަހަށް އޮސްޓްރޭލިއާއަށް ފުރޭނެ. އެހެންވެ އަދަލްއަށް މަލާމާތްކޮށް އެއްޗެހި ކިޔުނީތީ މާފަށް އެދެން މިއައީ..މަންމަވެސް ވަރަށް ދެރަވެފައި ހުރީ..އަދަލްއަށް ލިބުނު ފައިސާ އަމިއްލައަށް ބޭނުންނުކޮށް ރަށުގެ ތަރައްގީއާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭން ތި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރަން...އަހަރެންވެސް އިންސްޕަޔާވި...މިހެން ސާބިތުކަންމަތީގައި ލެއްވުމަށް އެދި ދުޢާކޮށްދެއްޗޭ..."

ސިދްރާ އުފަލުން ގޮސް ނޯޔާގެ ގައިގައި ބައްދާލިއެވެ. "މާޝާﷲ....... ތިއީ ހަމަ އެންމެ ރަނގަޅު ނިންމުން ނޯޔާ. މާތްﷲ ނޯޔާގެ މަސައްކަތުގައި ބަރަކާތް ލައްވާށި..އަބަދުވެސް ދުޢާކުރާނަން........."

"އާނ.... ސިރްދާމެންގެ އުޅުން ފެނިފައި އަހަރެންގެ ދީނީ ވިސްނުންވެސް މުޅިން ބަދަލުވެއްޖެ. އަހަރެންވެސް ބޭނުންވަނީ ﷲގެ ހަޟުރަތަށް ރުޖޫއަވެ.... އަމިއްލަ ފައިމައްޗަށް ތެދުވާން......." ނޯޔާގެ ދެލޮލުން ފެނުނީ އުއްމީދީ އަލިކަމެކެވެ.

ރަށުގެ އެންމެންގެ މެދުގައި އޮތް ހަސަދަވެރިކަމާއި ނުބައި ހީތައް މުޅިން ފިލައިގޮސް ބަނަފުސާ ޕްރޮޖެކްޓް ގެ ދަށުން އަޅާ މިސްކިތާއި ސްކޫލްގެ ބިންގާ އެޅުމުގެ ކަންކަން ވަރަށް އަމާންކަމާއެކު ހަވާލުކުރެވުނީ ޒިހާމްގެ ބެލުމުގެ ދަށަށެވެ. އެއަށްފަހު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭން ހުޅުވާން ނިންމި އިސްލާމިކް ރިޒޯޓުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށް ދިޔައެވެ.

***

ސިދްރާ އަށް އަންހެންދަރިއަކު ލިބުމުގެ އުފަލުގައި ބޮނޑިބަތުން ސަދަގާތް ކުރެވުނެވެ. ކާފަ ދަރިފުޅު ދެކޭހިތުން ކެތްނުވެގެން އެންމެފަހުން ޖިޔާދު އެންމެނަށް ޓިކެޓް ފޮނުވިއެވެ.

ޖިޔާދުގެ ފަރާތުން ފްރާންސުން އައި ޚާއްޞަ ދައުވަތު އެންމެން ގަބޫލުކުރިއެވެ.

އަދަލް އާއި ސިދްރާ އަދި އަދަލްގެ ލޯބިވާ މަންމަ ސަރަފީނާ ތިބީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައެވެ.

"ދަރިފުޅު އަދަލް... މަންމަ މިއުމުރުގައި މިހާ ބޮޑު ދަތުރެއް ކުރާނެކަމަކަށް ދުވަހަކުވެސް ހީއެއްނުކުރަން.....ކޮއްކޮ ކައިރިއަށް އެތައް ޒަމާނެއްފަހުން.......މިހަ ބޮޑު އުފަލެއް އަލްހަމްދުލިﷲ...އެނގޭތަ؟ ޕެރިސްއަކީ މަންމަގެ ހުވަފެނެއް......އަބަދުވެސް ހިތަށް އަރާ ޕެރިހަށް ދެވޭނެނަމައޭ........" ސަރަފީނާ އުފާވެރި ކަރުނައާއެކު އަދަލްގެ އަތުގައި ހިފާލިއެވެ.

"މަންމާ... މިއީ މަންމަގެ ކެތްތެރިކަމާއި އަހަރެމެންނަށްޓަކައި ކުރި ހެޔޮ ދުޢާގެ ނަތީޖާ........." އަދަލް މަންމަގެ އަތަށް ބާރުކޮށްލަމުން ކައިރީގައި ހުރި ސިދްރާއަށް ބަލައިލިއެވެ. " އަދި ސިދްރާގެ ތެދުވެރި ލޯބި...... "

ސިދްރާ އުފަލުން ހިނިތުންވެލިއެވެ. އޭނާގެ މޫނުމަތިން މިހާރު ފެންނަނީ މާޒީގެ ހިތާމަތައް ފިލައިގޮސް ސާފު އުއްމީދީ އުޖާލާކަމެކެވެ. ފްރާންސަށް ގޮސް އަދަލް ރަނގަޅު ވަޒީފާއަކަށް ވަދެ ސިދްރާގެ ބޭސްފަރުވާގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތެވެ.

އެއާޕޯޓުން ފުރަން ގޮވާލި އަޑާއެކު އެމީހުން މަތިންދާ ބޯޓާއި ދިމާލަށް ހިނގައިގަތެވެ.

ކަނޑުގެ ތޫފާނާއި މީސްތަކުންގެ މަލާމާތުގެ ތެރެއިން ފެށުނު ދަތުރު އެންމެ ފަހުން ނިމިގެން މިދިޔައީ އުފަލާއި ލޯބި އަދި އިބުރަތުން ފުރިގެންވާ ރީތި ނިމުމަކުންނެވެ.

ނިމުނީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު