ޗައިނާގެ ޖުމްލަ ކަރަންޓް އުފެއްދުމުގެ ޤާބިލްކަން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 4.04 ބިލިއަން ކިލޯވޯޓަށް އަރައި، ދުނިޔޭގައި ކަރަންޓް އުފެއްދުމުގެ ޤާބިލްކަން އެންމެ ބޮޑު ޤައުމުގެ މަޤާމު އެ ޤައުމުން ހޯދައިފިއެވެ.
ޗައިނާގެ ނޭޝަނަލް އެނާރޖީ އެޑްމިނިސްޓްރޭޝަން (އެންއީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.8 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ޖުމްލަ ޤާބިލްކަމުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުންނެވެ. އެގޮތުން އިރުގެ ހަކަތައިން ކަރަންޓް އުފެއްދުމުގެ ޤާބިލްކަން 15.8 އިންސައްތައިގެ އިތުރުވުމަކާއެކު 1.27 ބިލިއަން ކިލޯވޯޓަށް އަރާފައިވާއިރު، ވައިގެ ހަކަތައިން ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ވަނީ 18.5 އިންސައްތަ އިތުރުވެ 680 މިލިއަން ކިލޯވޯޓަށް އަރާފައެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ނިއުކްލިއަރ ހަކަތައިން ކަރަންޓް އުފެއްދުމުގެ ޤާބިލްކަން 8.6 އިންސައްތަ އިތުރުވެ 66.14 މިލިއަން ކިލޯވޯޓަށް ވަނީ އަރާފައެވެ.

350 މެގަވޮޓްގެ ގޯލްމުޑް ސޯލާ ޕަވަރ ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓްގެ ތަސްވީރެއް --- ފޮޓޯ: ޗައިނާ ޖެނެރަލް ނިއުކްލިއަރ ޕަވަރ ގްރޫޕް
އިއާދަކުރަނިވި ހަކަތައިގެ ޤާބިލްކަން އިތުރުވިނަމަވެސް، ޖަނަވަރީ އިން ޖޫން މަހުގެ ނިޔަލަށް ކަރަންޓް އުފެއްދުމަށް ބޭނުންކުރި މެޝިނަރީތަކުގެ އެވްރެޖް ބޭނުންކުރުން ވަނީ 1,392 ގަޑިއިރަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 113 ގަޑިއިރުގެ ދަށްވުމެކެވެ. ނަމަވެސް، ހޫނު ގަދަ ދުވަސްވަރު ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމާއި ޑިޖިޓަލް ސިނާއަތްތައް ކުރިއަރަމުންދިއުމުގެ ސަބަބުން ކަރަންޓަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ޖުލައި 14 ވަނަ ދުވަހު ޗައިނާގެ ކަރަންޓް ބޭނުންކުރުން އެންމެ މަތީ މިންވަރަކަށް ގޮސް، 1.551 ބިލިއަން ކިލޯވޯޓްގެ އާ ރެކޯޑެއް ވަނީ ޤާއިމްވެފައެވެ.
ތަޖުރިބާކާރުން ސިފަކުރައްވާ ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ ޤާބިލްކަން މިހާ ބޮޑަށް އިތުރުވުމަކީ ޗައިނާގެ ފެހި ހަކަތައަށް ބަދަލުވުމުގެ ސިޔާސަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޝިއަމެން ޔުނިވަރސިޓީގެ ޗައިނާ އިންސްޓިޓިއުޓް ފޯ ސްޓަޑީޒް އިން އެނާޖީ ޕޮލިސީގެ ޑީން ލިން ބޯޗިއަން ވިދާޅުވި ގޮތުގައި، ހޫނު މޫސުމުގައި ކަރަންޓަށް އޮންނަ ޑިމާންޑަށް ބަދަލުތަކެއް އައިނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އަންނަ ޕީކް ޑިމާންޑްތަކަށް ފޫބެއްދުމުގެ ފުރިހަމަ ޤާބިލްކަން ޗައިނާގެ ކަރަންޓް ނިޒާމުގައި އެބައޮތެވެ.