19 މިލިއަން ޑޮލަރު ހޯއްދެވުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތޮފާ ސަރުކާރުގެ މައްޗަށް ދައުވާ ކުރައްވައިފި

12:20


ނަވާރަ މިލިޔަން ޑޮލަރަށް ވުރެ ގިނަ  ޑޮލަރު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ދިވެހި ސަރުކާރުގެ މައްޗަށް ދައުވާކުރައްވައިފި އެވެ.


މުސްތާފާ މިއަދު ދައުވާ ކުރައްވާފައި ވަނީ އޭނާގެ ސީ ފްޑް އެންޑް ޓްރޭޑް އިންޓަނޭޝަނަލްގެ ނަމުގައި ޓްރޭޑް މިނިސްޓްރީއަށް ދައުވާ ލައްވާ ގޮތަށެވެ.


ގެއްލުމުގެ ބަދަލެއް ގޮތުގައި 19 މިލިއަން ޑޮލަރު (244.15 މިލިއަން ރުފިޔާ)ގެ ބަދަލެއް ހޯދުމަށް މުސްތޮފާގެ ކުންފުނިން ކުރި ދައުވާގައި ބުނަނީ 1995 ވަނަ އަހަރު ދިވެހި ސަރުކާރުން އޭނާ އަށް އެކްސްޕޯޓް ކުރުމުގެ ހާއްސަ ލައިސަންސެއް ދިނުމުން 1995ގެ ޑިސެމްބަރު މިހުގެ 25 ވަނަ ދުވަހު އެ ކުންފުނިން އެކްސްޕޯޓް ކުރި 1746.40 ކިލޯގެ ކަހަނބު ފަތުގެ ޝިޕްމެންޓް ސިންގަޕޫރު ސަރުކާރުން ހިފަހައްޓައި ޝިޕްމެންޓް ކޮންފިސްކޭޓް ކޮށްފައި ވާތީ އޭނާގެ ކުންފުންޏަށް ލިބުނު ބޮޑު މާލީ ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން އޭނާ އަށް ދޭން ޖެހޭނެ ކަމަށެވެ.


މުސްތޮފާ މިއަދު މަދަނީ ކޯޓުގައި ހުންނަވައިގެން ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިންގަޕޫރު ސަރުކާރުން އޭނާގެ ކަހަނބުފަތު ޝިޕްމެންޓް ހިފެހެއްޓުމުން އޭނާ އަށް ހާއްސަ ލައިސަންސެއް ދިން، ދިވެހި ސަރުކާރުގައި އެ މުދާ ހޯދައި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް މުދާ ވެސް ހޯދައި ނުދެއްވައި މުދަލަށް އަދުލުވެރިވެ ބަދަލު ވެސް ދެއްވާފައި ނުވާ ކަމަށެވެ.


މުސްތޮފާ ވިދާޅުވީ އޭގެ ސަބަބުން އޭނާގެ ކުންފުނީގެ ހައްގުތައް ގެއްލި ބޮޑު ދަރަންޏެއް ބޮލުގައި އަޅަން ޖެހިފައިވާ ކަމަށެވެ.


"މިކަމަށް ހިނގާފައިވާ ހަރަދާއި ވޭތުވެ ދިޔަ 14 އަހަރު ދުވަހު އޭގެ ސަބަބުން ކުންފުންޏަށް ލިބެމުން ދިޔަ މާލީ ގެއްލުންތަކުގެ ބަދަލާ އެކު 19 މިލިޔަން ޑޮލަރު އަރާ، އެކަމަކު އަޅުގަނޑަށް ލިބުނު ގެއްލުމާ ބަލާއިރު މިއީ ނޮމިނަލް އަދަދެއް،"


މުސްތޮފާ ވިދާޅުވީ އޭނާގެ ކަހަނބުފަތު ޝިޕްމަންޓް ހިފެހެއްޓުމަށް ފަހު ކޮންފިސްކޭޓްކުރީ އެއީ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ސައިޓަސް އާއި ސިންގަޕޫރުގެ ޑޮމެސްޓިކް ގާނޫނާ ހިލާފަށް އެކްސްޕޯޓު ކޮށްފައިވާތީ ކަމަށެވެ.


"މިކަމާ ގުޅިގެން ސިންގަޕޫރުގައި އެތަކެއް ލޯޔަރުން ހަޔާކޮށްގެން މި މުދާ ލިބޭތޯ އުޅެވުނު. އދ. ޖަމިއްޔާ ސައިޓަސްއަށް ގުޅައިގެން މިކަމާ އުޅެވުނު، މިކަންކަމަށް ހަރަދުވި ފައިސާއާ އަޅާ ބަލާއިރު ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އަޅުގަނޑު އެދޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެއް،"


މުސްތޮފާ ވިދާޅުވީ ސަރުކާރުން އޭނާ އަށް ހާއްސަ ލައިސަންސެއް ދިނީ ކަހަނބުފަތުން ގަހަނާ އުފައްދަން ކަހަނބުފަތުގެ ބޮޑު ސްޓޮކެއް ގަނެ އެއިން ވިޔަފާރި ކުރަމުންދަނިކޮށް ނޯޓިހެއް ނުދެއްވައި 1995 ގެ ޖޫން މަހުގައި އެފަދަ ތަކެތީގެ ވިޔަފާރީ ކުރުން 10 އަހަރަށް މަނާ ކުރުމުން ލިބިވަޑައިގެންނެވި "ޝޮކެއް"ގެ ތެރޭގައި ހުންނަވިނިކޮށެވެ. ވިދާޅުވީ ރައިސް މައުމޫނުގެ ހާއްސަ އެހީފުޅެއްގެ ދަށުން އޭނާގެ އަތުގައި ހުރި ކަހަނބުފަތްތައް އެކްސްޕޯޓް ކުރުމަށް ފުރުސަތު ދެއްވުމުގެ ގޮތުން އޭނާ އަށް ފުރުސަތު ދެއްވީ ވަކި މުއްދަތެއްގެ ތެރޭގައި އެކްސްޕޯޓް ކުރުމަށް ކަމަށެވެ.


މުސްތޮފަފާ ވިދާޅުވީ ދިވެހ ސަރުކާރުން އެ މުދާ ހޯދަން މަސައްކަތް ކުރި ކަމަށް ބުނާ ކަމަށާއި ނަމަވެސް ސިންގަޕޫރުން ދިން ޖަވާބަކީ ކޮބައިތޯ އެހުމުން "އެއީ ސިއްރެއް" ކަމަށް ބުނެފައިވާ ކަމަށެވެ.


މުސްތޮފާ މި ދައުވާ މަދަނީ ކޯޓުގައި އުފުލާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް އިޖްރާއީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ފިޔަވައި މި ދައުވާގެ އަސްލު ޝަރީއަތް އޮތީ ނުފެށި އެވެ. އިޖްރާއީ ބައިގައި މިއަދު އޮތީ ދައުލަތުން ޖަވާބު ދިނުމެވެ. ދައުލަތުން ބުނީ މި މައްސަލައާ ގުޅޭ ލިޔުންތައް ލިބުނީ އިއްޔެ ކަމުން ޝަރީއަތަށް ޖަވާބުދޭ ފޯމެޓްގައި ޖަވާބެއް ތައްޔާރު ކުރެވިފައި ނުވާތީ މިއަދުގެ އެހެން ވަގުތެއްގައި އިޖްރާއީ ގޮތުން ދޭން ޖެޙޭ ޖަވާބު ކޯޓަށް ދޭނެ ކަމަށެވެ. ގާޒީ ވިދާޅުވީ އިޖްރާއީ ޖަވާބު ދައުލަތުން ދިނުމުން، މައްސަލަ ކުރިޔަށް ގެންދާނެ ގޮތް އަންގަވާނެ ކަމަށެވެ.  


--


19 މިލިއަން ޑޮލަރު (244 މިލިއަން ރުފިޔާ) ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހަންމަދު މުސްތަފާ ދިވެހި ސަރުކާރުގެ މައްޗަށް ދައުވާއެއް އުފައްލަވައިފި އެވެ. އޭނާ އެ ދައުވާ ކުރައްވާފައި ވަނީ ސަރުކާރުން ދިން ހާއްސަ ލައިސަންސެއްގެ ދަށުން 1995 ވަނަ އަހަރު، އޭނާގެ ކުންފުނި، ސީފްޑް އެންޑް ޓްރޭޑް އިންޓަނޭޝަނަލް އިން ސިންގަޕޫރަށް އެކްސްޕޯޓް ކުރި 1746.4 ކިލޯގެ ކަނހަބު ފަތް ސިނގަޕޫރު ސަރުކާރުން ހިފަހައްޓައި ނައްތާލުމާ ގުޅިގެން، އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުހޯއްދެވުމަށެވެ. (ތަފުސީލު އަންނަނީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު