މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ ކޮންމެ މީހަކާވެސް ގުޅިފައިވާ ކަމެކެވެ. އެއީ މުސްތަގްބަލުގެ ރައްކާތެރިކަމަށްޓަކައި މާލީ ގޮތުން ބިނާކުރެވޭ އެންމެ މުހިންމު އެއް އަސާސެވެ. އެ ސްކީމަށް ކޮންމެ މަހަކު ވަޒީފާއަދާކުރާ ފަރާތުންނާއި ވަޒީފާދޭ ފަރާތުން ކޮންޓްރިބިއުޓްކުރާ ފައިސާއަކީ ހަމައެކަނި ރައްކާކޮށްފައި ބަހައްޓާ ފައިސާއެއް ނޫނެވެ.
އޭގެ ބަދަލުގައި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ޒިންމާއަކީ އެ ފައިސާގެ އަގު ހިފަހައްޓައި މެންބަރުންނަށް މަންފާ ލިބޭނެ ފަދަ އެކި ބާވަތުގެ އެސެޓްތަކުގައި އެ ފައިސާ އިންވެސްޓްކޮށްގެން އިތުރުކުރުމެވެ.
ޕެންޝަން ސްކީމަށް މެންބަރުން ޖަމާކުރާ ފައިސާ އިންވެސްޓްކުރުމުން މެންބަރުންނަށް ގިނަގުނަ މަންފާތަކެއް ލިބެއެވެ. އެންމެ މުހިންމު ކަމަކީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ފައިސާގެ އަގު (ޕާޗޭސިންގް ޕަވާ) ދަށްވިޔަނުދީ ހިފަހައްޓައިދީ ރިޓަޔާމަންޓަށް ރައްކާކުރާ ފައިސާ އިތުރުކޮށްދިނުމެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕެންޝަން ފައިސާ އިންވެސްޓްކޮށްގެން އަހަރަކު އެވްރެޖުކޮށް ފަސް ޕަސެންޓައަށް ވުރެ މަތީ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ އާންމުކޮށް ބޭންކުތަކުގެ ސޭވިންސް އެކައުންޓުތަކުން ލިބޭ ފައިދާއާ އަޅާބަލާއިރު ބޮޑު މިންވަރެކެވެ. އިންވެސްޓްކޮށްގެން ލިބޭ ހުރިހާ ފައިދާއެއް ބަހާލެވެނީ ސީދާ މެންބަރުންގެ މެދުގައެވެ. އަދި މި ފައިސާ ކޮންމެ މެންބަރެއްގެ ރިޓަޔާމަންޓް ސޭވިންސް އެކައުންޓަށް ޖަމާކުރެވެއެވެ.
އެކައުންޓަށް މިގޮތުން އިތުރުވާ ފައިދާގެ ތަފުސީލުތައް ޕެންޝަން އޮފީހުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު މެންބަރުންނަށް ބަލާލެވޭނެއެވެ.
ޕެންޝަނާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ޕެންޝަން ފައިސާ ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭނެ އެސެޓްތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ދީފައިވާ ބޭންކްތަކުން ދޫކުރާ ބޭންކް ޑިޕޮޒިޓްސް އަދި މަނިޓަރީ ފަންޑުތަކާއި ދިވެހި ސަރުކާރުގެެ ކަމާބެހޭ ވުޒާރާއަކުން ދޫކުރާ ސެކިއުރިޓީސްތަކާއި ވިޔަފާރި ކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސްތަކުގެެ ތެރެއިން ރާއްޖޭގައި ލައިސަންސް އޮތް ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީތައް އަދި ރާއްޖޭގައި ހުއްދަލިބިފައިވާ މިއުޗުއަލް ފަންޑުތަކާއި އިންވެސްޓްމަންޓް ފަންޑުތަކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގެ މާކެޓުތަކުގައި އިންވެސްޓްކުރެވޭނެ އެސެޓުތައްވެސް ޕެންޝަނާ ބެހޭ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ޕެންޝަން ފައިސާ އިންވެސްޓްކުރުމުގައި ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ އެސެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމަށެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި ގެންގުޅޭ އެންމެ މުހިންމު އެއް އުސޫލަކީ އިންވެސްޓްމަންޓްތައް ސިންދަފާތުކުރުން ނުވަތަ "ޑައިވާސިފައި" ކުރުމެވެ.
އިންވެސްޓްމަންޓްތައް ސިންދަފާތުކުރުމަކީ ހަމައެކަނި އެއް ބާވަތެއްގެ އިންވެސްޓްމަންޓަކަށް ބަރޯސާވުމުގެ ބަދަލުގައި އެކި ސިނާއަތްތަކާއި ތަފާތު އެސެޓް ކްލާސްތަކުގައި ފައިސާ އިންވެސްޓްކުރުމެވެ. މިގޮތަށް އެކި ދާއިރާތަކަށް އިންވެސްޓްމަންޓްތައް ބަހާލުމަކީ މާކެޓަށް އަންނަ ބަދަލުތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކޮށްދީ ރިސްކް މެނޭޖްކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
މިއީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ހޯދައިދިނުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. މީގެ އިތުރުން ޕެންޝަން ދޫކުރުމަށް ބޭނުންވާ ފައިސާ ދަތިކަމަކާ ނުލައި ލިބޭނެ ގޮތަށް ޕެންޝަން ފައިސާ އިންވެސްޓް ކުރުމަކީވެސް ޕެންޝަން އޮފީހުން ބަލާ މުހިންމު ކަމެކެވެ.
މި ހުރިހާ މަސައްކަތެއްގެވެސް މައިގަނޑު އަމާޒަކީ މެންބަރުންނަށް ރިޓަޔާމަންޓުގައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ފަދަ އެކަށީގެންވާ އާމްދަނީއެއް ކަށަވަރުކޮށްދިނުމެވެ. އެގޮތުން ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ މައިގަނޑު ލަނދުދަނޑިއަކީ ވަޒީފާއިން ވަކިވާއިރު ލިބޭ ޕެންޝަން އިނާޔަތަކީ އެމީހަކު މަސައްކަތް ކުރި ދުވަސްވަރު ލިބެމުންދިޔަ އާމްދަނީގެ މަދުވެގެން ދެބައިކުޅަ އެއްބައި ނުވަތަ 50 އިންސައްތައާ އެއްވަރުގެ އަދަދަކަށް ހެދުމެވެ.
އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުމާއެކު އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޕެންޝަން އޮފީހުގެ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ. އެއީ މިއަދު ރައްކާކުރާ ފައިސާގެ އެހީގައި މާދަމާގެ ދިރިއުޅުން އުޖާލާކޮށްދިނުމަށްޓަކައި ކުރެވޭ ދެމެހެއްޓެނިވި މަސައްކަތެކެވެ.