ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ފައިނަލުގެ ޖާގައެއް މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯއިން ހޯދީ ސެމީ ފައިނަލުގައި ކުލަބު އެޗްޑީސީ އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ކުލަބު މޯލްޑިވްސް ކަޕް 2026 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެޗްޑީސީއާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ނާއިޒް ހަސަން ކާމިޔާބުކޮށްދިން ލަނޑާއެކު އެޗްޑީސީން ލީޑު ނެގި ނަމަވެސް، މާ ގިނައިރުތަކެއް ނުވެ އަލީ ހައިސަމް ވަނީ އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އެސްޓީއޯއިން ލީޑު ނެގީ އަލީ ހުމޭޒު ޖަހައިދިން ލަނޑުންނެވެ. އަދި ފަހު ވަގުތު ބިދޭސީ ކުޅުންތެރިޔާ ސޮރޯޝް ވަނީ އެސްޓީއޯގެ ލީޑު ފުޅާކޮށްދީފައެވެ.

ކުލަބު މޯލްޑިވްސް ކަޕް 2026 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެޗްޑީސީ ކޮޅަށް ލަނޑު ޖެހުމަށްފަހު އެސްޓީއޯ-- ފޮޓޯ: ފޮޓޯ މާސްޓާ
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗު ކުޅޭނީ މިރޭ 20:30 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ކުލަބު އެމްޓީސީސީއާއި އާރުއާރުސީއެވެ.
މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މުުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.