ދޮރު ހުޅުވައިލުމަށް ފަހު، މޫނުދޮންނަ ތަށި ދޮށަށް ދެވުނީ ކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ.
"ދަރިފުޅު. ތިވަރުވީ އިރު ވެސް ކީއްވެ ނުބުނީ؟ ހިނގާ ޑޮކްޓަރަށް ދައްކަން ދާން. ޑެންގޫ އާ ޗިކަންގުންޏާ ވެސް އެހާ ގިނަ ދުވަސްކޮޅެއް މީ." ފާޚާނާ ދޮރުމަތީގައި ހުރެ ޝާފިޔާ ބުނެލިއެވެ.
އަނގަ ދޮވެލުމަށް ފަހު، މޫނުގައި ފެން ހާކައިލި، ޝުބާ ރޮވިފައި ހުރެ ޝާފިޔާއަށް ބަލައިލިއެވެ. ޝާފިޔާގެ ވާހަކައަށް އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. ފާޚާނާއިން ނުކުމެގެން ގޮސް، އެނދުގައި އިށީނދެވުނު އިރު ވެސް އޭނާ އިނީ ވަރުނެތިފައެވެ. ތެދުވެގެން ތަނަކަށް ދާނެ ހިތްވަރެއް ވެސް އޭނާގެ ނެތެވެ.
"ކޯންޗެއްތަ މަންމަ ހަދައިދޭންވީ؟ ދަރިފުޅު ކާހިތްވާ ކަހަލަ އެއްޗެއް ބުނެބަލަ." ޝުބާގެ ނިތުގައި އަތް ޖައްސައިލުމަށް ފަހު ޝާފިޔާ ވާހަކަ ދެއްކިއެވެ. "ހުން ވެސް އައިސްފައެއްނު ތި ހުރީ، ހިނގާ ޑޮކްޓަރަށް ދައްކަން ދާން."
"ނުދާނަން." ޝުބާ ބޮޑާ ހޭކިއެވެ.
"އެހެންވިއްޔާ ބޭސް ކާން ޖެހޭނެ. އެކަމަކު ބޭސް ކެވޭނީ ވެސް ކޮންމެ ވެސް އެއްޗެއް ކައިގެނެއްނު. ބުނެބަލަ ކޯންޗެއް ކައްކަދޭންވީ؟ އެއްޗެއް ނުކަންޏާ ލުނބޯ ޖޫސްތައްޓެއް ހަދައިދެންތަ؟ ހޮޑު ލެވޭއިރު ރަނގަޅުވާނެ." ޝާފިޔާ ބުނެލިއެވެ. އެއާއެކު ޝުބާ ބޯ ޖަހައިލިއެވެ. ޝާފިޔާ ދިޔައީ ޝުބާ އެނދުގައި ބާއްވައިފައި ރަޖާ އަޅައިލަދިނުމަށް ފަހުއެވެ.
ޝާފިޔާ ގޮސް ކޮޓަރިން ނުކުތުމާ އެކު ރަޖާގަނޑު ގައިމަތިން ނެގުމަށްފަހު ޝުބާ ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. އެއަށްފަހު ބާލީހުގެ އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ނެގިއެވެ. ނަންބަރެއް ހޯދައިލުމަށްފަހު ގުޅައިލިއެވެ. ފުރަތަމަ ފަހަރު ގުޅުމުން ފޯނެއް ނުނަގައެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް އޭނާ ގުޅުމުން ފޯނު ނަގައިފިއެވެ.
"ހަލޯ... ޖައިޝް." އެކޮޅުން ފޯނު ނެގުމާ އެކު، ޝުބާ ވާހަކަ ދެއްކީ ހިތް އަވަސްވެފައިވާ ޙާލުގައެވެ.
"ރޭގަ ވެސް އަހަރެން ވަރަށް ގުޅިން. ކީއްވެ ފޯނު ނުނެގީ؟" ޝުބާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
"ނަގަން ބޭނުންނުވާތީ." ޖައިޝްގެ އަޑުގައި މާ ބޮޑު އަސަރެއް ނެތެވެ. އޭނާ ވާހަކަ ދެއްކިއިރު ހީވަނީ ޝުބާގެ ސަބަބުން ބޮލަށް އުނދަގޫވެފައި ހުރިހެންނެވެ. "ކީއްކުރަން އެވަރަކަށް ތި ގުޅަނީ؟ އަހަރެން ބުނީމެއްނު އިތުރަށް ޝުބާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ. އަދި މި ގުޅުން ކުރިއަށް ގެންދާކަށް ވެސް، ގެޓެއް ނުވޭތަ؟"
"ޕްލީޒް. ތިހެން ނުހަދަބަލަ. އަހަންނާ މެރީކޮށްބަ ޕްލީޒް." ޝުބާއަށް ރޮވެން ފެށުނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ފަދައަކުންނެވެ. "މީ އަހަރެން އެކަނި ކުރިކަމެއް ނޫނެއްނު."
"ޝުބާ. ބުނަންތަ ރަނގަޅު ވާހަކައެއް. އަހަރެން ޝުބާއާ އެކީ އުޅުނީ ކޮންމެހެން ސީރިއަސްވެގެންނެއް ނޫން. ހަމަ ޓައިމް ޕާސްކޮށްލީ. ކޮން ކަމަކާތަ ޝުބާ ހާސްވަނީ؟ ބުނެބަލަ. ބައްޕަ ކައިރީ ތި ވާހަކަ ބުނެފަ ތިކަންތައް ނިންމާލަބަލަ. އޭރުން ހުރިހާކަމެއް ނިމުނީނު. އަހަރެން ތި ކަމުގެ ތެރެއަށް ވައްދަން ނުހަދާ." ޖައިޝް ބުންޏެވެ. އޭނާގެ އަޑުގައި ނުރުހުންތެރިކަން ނޫންކަމެއް ނުވެއެވެ. އޭނާ ޝުބާއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ.
"އަހަރެން އެންމެންގެ ތެރެއަށް ބޭޒާރުވާން ދޫކޮށްނުލާބަލަ. އަހަންނެކޭ އެއްގޮތަށް ޖައިޝްވެސް ޖެހޭނެ މިކަމުގެ ޒިންމާ ނަގަން. އަހަރެންގެ ބަނޑުގައި މިވަނީ ހަމައެކަނި އަހަރެންގެ ދަރިއެއް ނޫން. މީ ޖައިޝްގެ ވެސް ދަރިއެއް. އެހެން އެއްވެސް ފިރިހެނަކާ އެކީ އަހަރެން އެފަދަ ގޮތަކަށް ނޫޅޭކަން ހަމަ ރަނގަޅަށް ޖައިޝްއަށް އެނގޭނެ." ގިސްލާފައި ޝުބާއަށް ރޮވުނެވެ. އޭނާގެ މުޅި ހަށިގަނޑުގައި ވަނީ ތުރުތުރު އެޅުމެކެވެ. ބިރާ ސިހުން އެކުލެވިގެން މުޅި ނަފްސުގައި އުފެދިފައިވަނީ ގިލަންވެރިކަމެކެވެ. މީހާ ހީވަނީ ހިތާމަޔާއި ހިތްދަތިކަމުގެ ތެރޭގައި ރޫޅިގެން ހިނގައިދާނެހެންނެވެ. ކުރެވުނު ކުށުގެ ސަބަބުން އެންމެންގެ ކުރިމަތީގައި ބޭޒާރު ވެދާނެކަމުގެ ބިރާއެކު ހިންދިރުވައިލަން ވެސް ދަތިވެއްޖެއެވެ. ރޮމުން ދިޔަ ޝުބާގެ ތުންފަތް ފޫ އަޅުވައިލާފައި ނުކުންނަމުން ދިޔަ ވޭނީ އާހުތަކުން އޭނާގެ މުޅި ޖިސްމަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ.
"ޕްލީޒް... ޕްލީޒް ޖައިޝް... ޕްލީޒް... ހެޔޮނުވާނެ. އަހަރެން އެކަނިކޮށްނުލާބަލަ. އަހަރެން މަންމަމެންނަށް ދައްކާނީ ކޮން މޫނެއްތަ؟ އަހަންނާ މެރީކޮށްބަލަ... ޕްލީޒް ޖައިޝް. މާގިނަ ދުވަހަކު މިކަން ސިއްރުކޮށްގެނެއް ވެސް ދެނެއް ނޫޅެވޭނެޔޭ. މިހާރު ވެސް ތިން މަސް ވެއްޖެ. ޕްލީޒް...." ޝުބާގެ އާދޭސްތަކަށް ހުއްޓެއް ނައެވެ. އެހީތެރިކަމަށް އެދި ދާނެ މީހެއް ވެސް އޭނާއަކަށް ނޭނގެއެވެ.
"އައި ޑޯންޓް ކެއަރ ޝުބާ. ބޭރަށް ގޮސް އެބޯޓްކޮށްލަބަލަ. އޭރުން ހުރިހާ ކަމެއް ނިމުނީއޭ. އެ ހުންނަނީ މާ ބޮޑެތި ކަންތައްތަކެއް ނޫނޭ." ޖައިޝްގެ އަޑު އިވުނެވެ. އިތުރު ފާފައެއް ކުރުމަށް ޝުބާއަށް ހިތްވަރު ދެމުން ދިޔައިރު، އެއީ އޭނާއަށް މާ ބޮޑުކަމެއްހެނެއް ހިޔެއް ނުވެއެވެ. "ދެން އަހަންނަށް ނުގުޅާތި. ޝުބާއާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. ދުނިޔޭގެ ލަދަށް ސަލާމަތްވާނެ ގޮތެއް ޝުބާ އަމިއްލައަށް ހޯދާ!"
އެހެން ބުނެލުމާއެކު، އިތުރު އެއްޗެއް ބުނުމުގެ ފުރުޞަތު ޝުބާއަކަށް ޖައިޝްއެއް ނުދިނެވެ. އޭނާ ފޯނު ކަނޑާލައިފިއެވެ. އެއާއެކު ޝުބާއަށް ބާރަށް ރޮވުނެވެ. ވިސްނައިނުލާ ކުރެވުނު ކުށުގެ ސަޒާ އޭނާއަށް ލިބިއްޖެއެވެ. ވަގުތީ އުފަލެއް ހާސިލްކުރުމަށްޓަކައި ކުރެވުނު ހަޑި ހުތުރު ޢަމަލުގެ ހިތި ރަހަ އޭނާގެ ކަރުބުޑުގައި ރަނގަޅަށް ވެސް ލައިފިއެވެ. ފިރިހެނަކަށް ކުރި އިތުބާރަކުން ހުރިހާ އިމެއް ފަހަނައަޅައި ދިޔައީ އެއީ ލޯބިކަމަށް ހީކޮށެވެ. ކޮންމެ ޙާލެއްގައިވެސް ޖައިޝް އޭނާގެ ގާތުގައި ހުންނާނެކަމުގެ ޔަޤީންކަމާއެކުގައެވެ. ލޯތްބައްޓަކައި ނަފްސުގެ އަބުރު ވިއްކައިލެވުނީ، ފަހުން ވާނެ ގޮތަކާ މެދު ވިސްނައިލުމެއް ނެތިއެވެ. އެވަގުތު ބޭނުންވީ ލޯބީގެ ފޮނި މީރުކަން ހާސިލްކުރާށެވެ. އެކަން އެގޮތަށް ކުރުމަކީ ލޯބި ސާބިތުކޮށްދިނުން ކަމުގައި ޝުބާއަށް ޤަބޫލުކުރެވުނީއެވެ. އެހެން ނަމަވެސް، މިހާރު އޭނާއަށް ވިސްނިއްޖެއެވެ. ހަޤީޤީ ލޯބިވާ މީހެއް ނަމަ އެފަދަ ހަޑިހުތުރު ޢަމަލަކަށް ފުރުޞަތު ލިބޭގޮތަށް މަގު ތަނަވަހެއް ނުކުރީހެވެ. މާޒީގައި ހެދުނު ގޯސްތަކާ މެދު ޝުބާއަށް ވިސްނައިލެވުނެވެ. އެތަކެއް ރެއަކު އޭނާ ޖައިޝްއާ އެކު، ގެސްޓް ހައުސްތަކަށް ދެއެވެ. އުޅެން ނުޖެހޭ ގޮތްގޮތަށް އުޅުނެވެ. އެންމެ ފުރަތަމަ ޖެހިލުންވިއެވެ. ބިރުވެސް ގަތެވެ. ލަދުވެސް ގަތެވެ. އެހެންނަމަވެސް، އެގޮތުގައި ދުވަސްތައް ފާއިތުވެގެން ދިޔަ ވަރަކަށް ލަދުވެތިކަމުގެ ފޭރާންކެހި އެންމެ ފަހުން ނުބައި ވެގެންނާ އެންމެ ހަޑި ހުތުރު ޢަމަލަށް ވެސް އަރައިގަތީއެވެ. ފާފަތަކަށް އަރައިގަތީއެވެ.
"އަހަރެން ދެން ކިހިނެއް ހަދާނީ؟" ޝުބާއަށް އަމިއްލަ ނަފްސަށް ބުނެވުނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލައިފައި، އެތެރެއަށް ވަތް ޝާފިޔާއަށް ސިހުން ލިބުނެވެ. ބާރު ބާރަށް ގިސްލަގިސްލާފައި ރޮމުން ދިޔަ ޝުބާ، ފެނުމާއެކު، ވީގޮތް ވެސް އޭނާއަކަށް ނޭނގުނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް، ލުނބޯ ޖޫސްތަށި، ސައިޑް ޓޭބަލް މަތީގައި ބަހައްޓައިލިއެވެ. އެއަށްފަހު އެނދުމަތީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"ހިނގާ ޑޮކްޓަރަށް ދައްކަން ދާން. މިހާރު މާ ބޮޑުވަރު ވަނީތި." ޝާފިޔާ ބުންޏެވެ. ޝުބާ ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. މަންމަ ހީކުރަނީ އޭނާ ބަލީކަމަށެވެ. ހުންގަނޑެއް ލައްވައިލާ ރޯޖާ ޖެހުނީކަމަށެވެ. އެހެންނަމަވެސް، ވީ އެހެންނެއް ނޫނެވެ. އޭނާއަށް އެ އަންނަ ބަދަލުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ މުޅިން އެހެންކަމެކެވެ. އާނއެކެވެ. އޭނާ އެ އިނީ ބަލިވެއެވެ.
"ތެދުވޭ... ހިނގާ ދާން، ތައްޔާރުވެލަން ތެދުވޭ. އަވަސް ކުރޭ." ޝާފިޔާ ޝުބާގެ އަތަށް ދަމައިލުމުން ވެސް ޝުބާ ތެދުވާކަށް ނޫޅުނެވެ. "ބޮޑާ ނުހާކަބަލަ ދެން. އޭރުން ދޯ ރަނގަޅުވާނީ."
"މަންމާ..." ޝުބާ ކުއްލިއަކަށް ޝާފިޔާގެ ގައިގައި އޮޅުލައިގަތެވެ. ބާރަކަށް ބައްދައިގަން އިރު ވެސް އެ ގިސްލުމާއި ރުއިމަކަށް ބަދަލެއް ނާދެއެވެ. އެތެރެ ހަށީގައި އުފެދިފައިވާ ގިލަންވެރިކަމެއްގެ ސަބަބުން ރުއިން ހުއްޓައިލާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ރޮވޭވަރުން ވާހަކަ ދެއްކުން ވެސް ވީ ނުހަނު އުނދަގޫކަމަކަށެވެ. "މަންމާ...."
"ކިހިނެއްވީތަ ދަރިފުޅާ. އަޅެ ބުނެބަލަ." ޝާފިޔާ ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ. ޝުބާއަށް ޔަޤީނުން ވެސް ބޮޑުކަމެއް ވެއްޖެއެވެ. އެ ނޫނީ އެފަދަ ގޮތަށް ނުރޯނެއެވެ. ވީ ގޮތެއް އޮޅުން ފިލުވަން ޝާފިޔާ މަސައްކަތްކުރަން ފެށިއެވެ. އޭނާ ޝުބާ ގަޔާ ދުރުކޮށްލަމުން، ޝުބާގެ އަތުގައި ހިފަހައްޓައިލިއެވެ.
"މަންމާ... އަހަރެން..." ޝުބާގެ ދޫމަތީގައި ހީވަނީ ބޮޑު ހިލަގަނޑެއް ބާއްވާފައިވާހެންނެވެ. ދޫ ހަރަކާތްކުރުމަކީ ވެސް އޭނާއަށް ދަތިކަމަކަށް ވަނީ ވެފައެވެ. ޝާފިޔާ އިނީ ޝުބާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ޝުބާގެ އަތަށް ބާރުކޮށްލުމަށް ފަހު، ވާހަކަ ކުރިއަށް ގެންދިޔުމަށް އޭނާ، އިޝާރާތްކޮށްލިއެވެ.
"މަންމާ... އަހަންނަކަށް ނޭނގެ ދެން ހަދާނެ ގޮތެއް... އަހަރެން... އެންމެންގެ ކުރިމަތީގައި އަހަރެން ބޭޒާރު...." ޝުބާއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ގިސްލުންތަކުން އެ ފުރުސަތު އޭނާއަށް ނުދިނީއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ އެތެރެހަށީގައި އުފެދުނު އިޙްސާސްތައް ވަނީ ހަލަބޮލިވެފައެވެ. އެ ކަން އެނގުމުން މަންމަ ޢަމަލުކުރާނެ ގޮތެއް ވެސް ނޭނގެއެވެ. އޭނާގެ ސަބަބުން މުޅި ޢާއިލާގެ ނަމާއި އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެން ދާނެކަން ގައިމެވެ. މީހުން އެ ޢާއިލާއަށް ކުރާ އިޙްތިރާމް ގެއްލޭނެއެވެ. މީހުންގެ އިނގިލިތަކާއި، ބަދު ބަސްތަމުގެ ޝިކާރައަކަށް ޢާއިލާވެގެން ދާނެއެވެ.
"އަޅެ. ދަރިފުޅާ. ވީ ގޮތެއް ބުނެބަލަ. މީހަކު އެއްޗެކޭ ކީތަ؟" ޝާފިޔާއަށް ބުނެވުނެވެ.
"މަންމާ... އަހަރެން... އަހަރެން ބަނޑުބޮޑު... އަހަރެން ބަނޑުބޮޑު މަންމާ...." ޝުބާ ޝާފިޔާގެ ގައިގައި ބާރަށް ބައްދައިގަތް ނަމަވެސް، ޝުބާ އެބުނި އެއްޗަކުން ޝާފިޔާއަށް ލިބުނީ ޝޮކެކެވެ. ދެވަނަ ސިކުންތުގައި އޭނާ ޝުބާ ދުރުކޮށްލިއެވެ. ދެން ވާހަކަ ދެއްކި އިރު، އޭނާ ހީވަނީ ބޮޑު ބިރެއް ފެނިފައި އިންހެންނެވެ. ދެލޯ ބޮޑުކޮށްލެވުމާ އެކު، އޭނާއަށް ކީކޭ ހެއްޔޭ އަހައިލެވުނެވެ.
"އަހަރެން ބަނޑުބޮޑޭ މަންމާ.... ޕްލީޒް...." ޝުބާއަށް ޝާފިޔާގެ އަތުގައި ހިފަހައްޓައިލެވުނެވެ. އެއާއެކު ޝާފިޔާގެ ހިތް ހީވީ ހުއްޓުނުހެންނެވެ. ލިބުނު ސިހުމުގައި ޝުބާގެ އަތް ފޮޅުވައިލައިފައި، އޭނާ ކޮޅަށް ތެދުވިއެވެ. ޝުބާގެ ޖުމްލަތައް އޭނާގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. މީހާގެ މުޅި ވުޖޫދަށް ވެސް ގުޑުން އަރައިގެން ދިޔައެވެ.
"ޝުބާ ކީކޭތަ ތި ކިޔަނީ؟ ތިކިޔޭ އެއްޗެއް އެނގޭތަ؟ ހަމަ ހޭގަތަ ތި ހުރީ؟" ޝާފިޔާއަށް އެހެން އަހައިލެވުނީ ކިތަންމެ ބާރަށް ނަމަވެސް، އޭރު އޭނާގެ އަޑުގައިވެސް ތުރުތުރު އެޅުމެއްގެ އަސަރުވިއެވެ. ޝުބާ ބޯ ޖަހައިލުމާއެކު ޝާފިޔާއަށް އޭނާގެ ބޮލުގައި ދެ އަތުން ހިފަހައްޓައިލެވުނެވެ. އަޅާފައިވާ ބުރުގާއަށް ދެ އަތުން ބާރުކޮށްލެވުނުއިރު، ހީވަނީ ބުރުގާ ވެސް އިރައިލަން އުޅުނުހެންނެވެ.
"މަންމާ... ސޮރީ... އަހަންނަށް މާފުކުރޭ ޕްލީޒް..." ޝުބާއަށް އޭރުވެސް ދިޔައީ ރޮވެމުންނެވެ. އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ. މަންމަ އުޅެން ފެށި ގޮތުން އެކަނި ވެސް އިންތިހާއަށް ބިރުގަތެވެ.
"ތިކިޔޭ އެއްޗެއް އެބަ އެނގޭހޭ ޝުބާ؟" ޝާފިޔާއަށް ކެތެއް ނުކުރެވުނެވެ. އޭނާ އަޑުގެ ކޮޅަށް ހަޅޭއްލަވަން ފެށިއެވެ. އޭނަ ދުނިޔެއިން މޮޔަވި ފަދައެވެ. ޝުބާ ބިރުގަތެވެ. އޭނާއަށް އިންތަނުން ފަހަތަށް ވެސް ޖެހިލެވުނެވެ. ޝާފިޔާ ހީވަނީ ދެންމެ ދެންމެ އޭނާގެ ގަޔަށް އަތް އިސްކޮށްފާނެހެންނެވެ.
ޝުބާގެ ކޮޓަރީގައި އަޑުގަދަވެގެން، ރަޝީދާއި ރިހާމްގެ ދެމަފިރިންވެސް އަތުވެއްޖެއެވެ. އެ މީހުންނަށް ކޮޓަރިއަށް ވަދެވުނު އިރު، ޝާފިޔާ ޝުބާގެ ކޯތާފަތުގައި އެތިފަހަރެއް ވީއްލައިލަނީއެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހައިރާންކަމެކެވެ. ރިހާމްއަށް ދާނިޔާއަށް އަވަސް ނަޒަރެއް ދެވުނެވެ.
"ޝާފިޔާ، ކިހިނެއްވީ؟" ރަޝީދު ދުރު ފިޔަވަޅުތަކެއްގައި ގޮސް ޝާފިޔާ ޝުބާއާ ދުރުކޮށްކަން އުޅުނު ނަމަވެސް، ޝާފިޔާ ދެވަނަ ފަހަރަށް ވެސް ޝުބާގެ ކޯތާފަތް މައްޗަށް އެތިފަހަރެއް ވީއްލައިލައިފިއެވެ. މަންމަ ޖެހިލެއް ބާރުކަމުން ޝުބާގެ ބޮލުން ހީވީ ތަރިބުރައިގެން ދިޔަހެންނެވެ. ބޮލަށް އެނބުރުން ވެސް އެރިއެވެ. އޭރުވެސް އޭނާއަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭރު ވެސް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދެއެވެ.
"ކިހިނެއްވީތަ ޝާފިޔާ؟ ކީއްވެތަ ޝުބާ ގަޔަށް އަތް އިސްކުރަނީ ތި؟" ރަޝީދަށް ސުވާލުކޮށްލެވުނެވެ. އޭރުވެސް ޝާފިޔާ މައިތިރިނުވެއެވެ. ހަޅޭއްލަވަމުން ދިޔައިރު، އޭނާ އަދި ވެސް މަސައްކަތްކުރަމުން ދިޔައީ، ޝުބާއަށް ހަމަލާއެއް ދެވޭތޯއެވެ.
"ޝާފިޔާ، މޮޔަވީތަ؟" ޝާފިޔާގެ ދެ އަތުގައި ހިފަހައްޓައިލަމުން ތަންކޮޅެއް ބާރަށް ރަޝީދު ބުންޏެވެ. "ހަމަޖެހިބަލަ."
ޝާފިޔާއަށް ހަމަބިމަށް އާދެވުނީ ކަންނޭނގެއެވެ. ފުންނޭވާއެއް ދޫކޮށްލެވުނު އިރު، ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. އެހެން ނަމަވެސް، އޭރުވެސް އޭނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ. ދެބުމަ ވަނީ ގޮށްޖެހިފައެވެ.
"ޝުބާ..." ރިހާމްއަށް ޝުބާގެ ގާތަށް ޖެހިލެވުނެވެ.
"ސޮރީ ދޮންބޭ..." ޝުބާގެ ދުލުން ނުކުތް ލަފުޒާއެކު އޭނާ އިސްޖަހައިލިއެވެ. އެކަކާ ވެސް ހަތަރު ކަޅި ބައްދަލުކޮށްލާނެ ހިތްވަރެއް އޭނާގެ ނެތެވެ.
"ޝާފިޔާ. ކިހިނެއްތަ ވީ؟ ބުނީމައެއްނު އެނގޭނީ." ރަޝީދު ސުވާލުކޮށްލިއިރު، އޭނާ ޝުބާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ދެއަތް ދެއަތާ މޮޑެމުން ޝުބާ ދިޔައިރު، އޭނާގެ އަތުގައި ވި ތުރުތުރު އެޅުން ވެސް ރަޝީދަށް ފާހަގަކުރެވުނެވެ.
"އޭނަ ކައިރީގަ އަހާބަލަ. މިނިވަންކަން ދިނީމަ ކޮށްގެން އައި ހުތުރު ކަންތައްތައް ބަލާބަލަ. އެންމެންގެ ކުރިމަތީގައި ބޭޒާރުކޮށްލައިފިޔޭ..." ޝާފިޔާއަށް ބުނެވުނެވެ.
"ސާފުކޮށް ބުނެބަލަ." ރަޝީދު އަހައިލިއެވެ.
"އެނގޭތަ އޭނަ ކޮށްގެން އެ އުޅޭކަމެއް. އެ އިނީ ބަލިވެ." ޝާފިޔާ ބުނެލިއެވެ. "ޝުބާ ބަނޑުބޮޑޭ ރަޝީދު." ޝާފިޔާގެ ޖުމްލައާ އެކު، ހީވީ އެތަނުގައި ބޮމެއް ގޮށްވައިލިހެންނެވެ. އިވުނު އަޑު އެކެއްގެ ކަންފަތަކަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. ހަމަ އެހެން ބުނުމާއެކު، ޝާފިޔާ ޝުބާއާ ދިމާލަށް ދާން އުޅުނު ނަމަވެސް، ރަޝީދު އެކަން ހުއްޓުވިއެވެ. އޭރު ޝުބާގެ ރުއިމުގެ އަޑު ބާރުވެއްޖެއެވެ. އޭނާ އިނީ އިސްޖަހައިލައިގެންނެވެ. ދެން ކަންތައް ވެގެން ދާނެ ގޮތް ނޭނގި ހާސްވެގެން ގޮސް ގޮތް ހުސްވެފައެވެ.
"ޝުބާ... މަންމަ އެ ދައްކަނީ ރަނގަޅު ވާހަކައެއްތަ؟" ރަޝީދަށް އަހައިލެވުނެވެ. ރޮމުން ދިޔަ ޝުބާ ބޯ ޖަހައިލުމާ އެކު، ރަޝީދަށް ޝާފިޔާގެ އަތުން ދޫކޮށްލެވުނެވެ. ޝާފިޔާއަށް ފަސްއެނބުރެވުނެވެ. ރިހާމްއަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ކުރާނެ ކަމެއް ނޭނގި އިރުގަނޑަކު ރަޝީދަށް ހުރެވުނެވެ. ހުއްޓުން އަރާފައެވެ. ސިކުނޑީގެ މަސައްކަތްތައް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލީއެވެ. އެ ވަގިތު ދެން ކުރާނެ ކަމަކާ މެދު ވިސްނައިލަން ވެސް ނަފްސު އުޒުރުވެރިވަމުން ދިޔައެވެ.
ޝުބާގެ ރުއިމުގެ އަޑު އިވެމުން ދިޔަ އިރު، އެހެން ހުރިހާ އެންމެން ހިމޭންވެއްޖެއެވެ. ބުނާނެ އެއްޗެއް ނޭނގުނީ ކަންނޭނގެއެވެ. ނޫނީ ލިބުނު ޝޮކުގެ ސަބަބުން، ދޫ ހަރަކާތް ނުކުރީއެވެ. ރިހާމް ހުރީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ދާނިޔާ ރިހާމްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ.
"ކޮބާ އޭނަ؟" ރަޝީދު ސުވާލުކޮށްލީ އިރުގަނޑަކު އެގޮތަށް ހުރުމަށްފަހުއެވެ.
"ނެތް..." ޝުބާއަށް ބުނެވުނެވެ. "އޭނަ... ބޭނުމެއް ނޫން... އޭނަ އަހަރެން.... ދޫކޮށްލައިފި... އޭނަ ބޭނުމެއް ނުވޭ އެހީވާކަށް..." ޝުބާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. ބައްޕަ "އޭނަގެ" ނަމުން މުޚާތަބު އެ ކުރީ، ކާކަށް ކަން ޝުބާއަށް އެނގެއެވެ. އާނއެކެވެ. އެތަކެއް އާދޭސްތަކަކަށް ފަހު ވެސް ޖައިޝްއެއް ނާންނާނެއެވެ. އެހީއެއް ވެސް ނުވާނެއެވެ.
ޝާފިޔާ ޝުބާއާ ދިމާލަށް އެނބުރުނެވެ. އެއަށްފަހު، އޭނާ ވާހަކަ ދެއްކިއެވެ. ޝާފިޔާ ބުނެލި އެއްޗަކުން ފަހަރަކު މީހަކަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.
(ނުނިމޭ)