އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް ކަމަށްވާ ހޫޘީން، ސައުދީ އަރަބިއްޔާގެ ކަނޑުމަގުތައް ބަންދުކޮށްފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.
މިއީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓުކުރާ ސައުދީއަށް ދިން ވަރުގަދަ އިންޒާރެކެވެ. މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅި ފިޔަވައި އެހެން މަގަކުން ސައުދީން ތެޔޮ ފޮނުވުމަށް އޮތް ގާބިލުކަން ހުއްޓުމަކަށް ގެނައުމެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި، މިއީ “ލޮލަކަށް ލޮލެއް” ގެ އުސޫލުން އެޅި ފިޔަވަޅެކެވެ. އަދި “ދުޝްމަނުންނާ ދެކޮޅަށް ކަނޑުމަގުން އެމްބާގޯއެއް ހިންގައި، ވަގުތުން ވަގުތަށް އަމަލުކުރަން ފަށައިފި” ކަމަށް އޭނާ ވިދާޅުވިއެވެ.
ހޫޘީންގެ މި އިއުލާނާ ގުޅިގެން، ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ޔަމަނުގެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ. އަދި ސައުދީގެ ތެޔޮ އެކްސްޕޯޓުކުރާ މުހިންމު މަގެއް ކަމަށްވާ ބާބް އަލް މަންދަބުން ދަތުރުކުރާ ބޯޓުފަހަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާ ކަމަށްވެސް އެ ކޯލިޝަނުން ހާމަކޮށްފައިވެއެވެ.
ބާބް އަލް މަންދަބަކީ ޔަމަނުގެ ހުޅަނގު ދެކުނާއި އެފްރިކާގެ ހޯންއާ ދެމެދުގައި އޮންނަ 32 ކިލޯމީޓަރުގެ ފުޅާމިން ހުންނަ މުހިންމު ކަނޑުއޮޅިއެކެވެ. މިއީ ސުއޭޒް ނެރު މެދުވެރިކޮށް މެޑިޓެރޭނިއަން ކަނޑާ ގުޅިފައިވާ ރަތް ކަނޑާއި ގަލްފް އޮފް އަދާން ގުޅުވައިދޭ މައި ދޮރާއްޓެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން ހަކަތަ އުފުލާ މުހިންމު ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުން، ސައުދީން ތެޔޮ އުފުލުމަށް ބޭނުންކުރާ އެންމެ މުހިންމު މަގަކަށް ވެފައިވަނީ ރަތް ކަނޑެވެ.
ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ ރަތް ކަނޑުގެ ބަނދަރު ޔަންބޫއަށް އެކްސްޕޯޓުކުރާ ސާފުނުކުރާ ތެލުގެ 70 އިންސައްތައަށްވުރެ ގިނަ އަދަދެއް ޑައިވާޓްކޮށްފައެވެ. ކްލީ އަދި ސިގްނަލް އޯޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ހަފުތާތަކުގައި އެ ބަނދަރުން ދުވާލަކު ގާތްގަނޑަކަށް ހަތަރު މިލިއަން ފީފާ (ބީޕީޑީ) ތެޔޮ އުފުލާފައިވެއެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ދުވާލަކު ފޮނުވި ގާތްގަނޑަކަށް 973،000 ބީޕީޑީއާ އަޅައި ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ހޫޘީން މި ފިޔަވަޅު އަޅާފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ މަހު ސޮއިކުރި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފުވެ، އަލުން ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނެފައިވާ ގޮތުގައި އެ ގައުމުން މިހާރު ވަނީ އެމެރިކާއާއެކު އަލުން ހަނގުރާމައަކަށް ގޮސްފައެވެ. ސައުދީ އަރަބިއްޔާއާއި ހޫޘީން 2022 ވަނަ އަހަރު ވެފައިވާ ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ދެ ފަރާތުން ހަމަލާ ބަދަލުނުކޮށް ތިބުމަށްފަހު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ ހަފުތާގައި ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
ހޫޘީން ބުނި ގޮތުގައި ސައުދީގެ ހުޅަނގު ދެކުނުގައި އޮންނަ އަބާ އެއާޕޯޓަށް މިސައިލް ފޮނުވައިލީ ސަނާ އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައެވެ. އަދި އެކަމުގެ ޒިންމާ އެ ޖަމާއަތުން ވަނީ ސައުދީގެ ބޮލުގައި އަޅުވައިފައެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނުތާ މާގިނަ ދުވަހެއް ނުވެ، ހޫޘީން ވަނީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން މިސައިލާއި ޑްރޯން އަދި ކުދި ދޯނިތައް ބޭނުންކޮށްގެން ރަތް ކަނޑާއި ގަލްފް އޮފް އަދާންގައި ހުރި ވިޔަފާރި އުޅަނދުތަކަށް ހަމަލާދޭން ފަށައިފައެވެ.
ޔަމަނުގައި 2014 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގައި ހޫޘީން ސަނާއިން ސަރުކާރު ވައްޓައިލުމުގެ ސަބަބުން އެ ގައުމަށް ވަނީ އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސައުދީ އިސްވެ އޮވެ އަރަބި ގައުމުތަކުގެ ކޯލިޝަނަކުން ސަރުކާރު އަލުން ގާއިމުކުރުމުގެ މަސައްކަތުގައި 2015 ވަނަ އަހަރު ތަދައްޚުލުވުމުން މި ހަމަނުޖެހުންތައް ވަނީ އިތުރަށް ގޯސްވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަނުޖެހުމުގައި 150،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ މުސީބާތެވެ. އަދި 22 މިލިއަނަށްވުރެ ގިނަ މީހުންނަށް އެހީ ބޭނުންވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.