އީރާނުގެ ހަމަލާތަކާ ގުޅިގެން ރޯވި އަލިފާން ނިއްވުމުގެ ތެރޭގައި ކުވައިތުގެ ބައެއް ފަޔަފައިޓަރުންނަށް އަނިޔާވެއްޖެ

އީރާނުގެ ހަމަލާތަކާ ގުޅިގެން ރޯވި އަލިފާން ނިއްވުމުގައި އުޅުނު ކުވައިތުގެ ބައެއް ފަޔަފައިޓަރުން--

އީރާނުން ކުވައިތަށް ދިން ހަމަލާތަކެއްގެ ސަބަބުން ރޯވި އަލިފާންގަނޑުތަކެއް ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށް، ކުވައިތު ފަޔާ ފޯސްގެ ބައެއް މުވައްޒަފުންނަށް އަނިޔާވެއްޖެއެވެ.

ކުވައިތު ފަޔާ ފޯސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ހަމަލާތަކާ ގުޅިގެން މެންދުރުފަހު ރޯވި ދެ އަލިފާންގަނޑެއް މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާ ހިނގާފައި ވަނީ މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުވައިތު ފަޔާ ފޯސްގެ ތަރުޖަމާނު މުޙައްމަދު ބަދަރު އިބްރާހީމް ވިދާޅުވި ގޮތުގައި، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަޔާފައިޓަރުންނާއި ތެޔޮ ކުންފުންޏެއްގެ މުވައްޒަފަކަށް ވަނީ އަނިޔާވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މީހުންނަށް އަނިޔާވީ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ ސަރަހައްދަށް ދެވަނަ ފަހަރަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ.

ކުވައިތުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި ފުރަތަމަ ސަރަހައްދުގައި ފަޔާ ފޯސްގެ ފަސް ޓީމެއް ހަރަކާތްތެރިވިއިރު، ދެވަނަ ސަރަހައްދުގައި ތިން ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަތިޔާރުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރޯވި އިތުރު ތިން އަލިފާންގަނޑެއް ވެސް ނިއްވާލާފައިވާ ކަމަށާއި، އެ ހާދިސާތަކުގައި އެއްވެސް އާންމު ރައްޔިތަކަށް އަނިޔާވެފައި ނުވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިއްޖެނަމަ އެއާ ކައިރިނުވުމަށް އޭނާ ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒެއްގެ އިތުރުން ތެޔޮ އުފައްދާ މުހިންމު ކާރުޚާނާއަކަށެވެ. ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ ކުންފުނީގެ މަރުކަޒަކަށް ދިން ހަމަލާތަކުގައި ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބި، ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެ ސަރަހައްދުން މީހުން ހުސްކޮށް، އަނިޔާވި މީހުންނަށް ފަރުވާދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

މި ހަމަލާތަކާ ގުޅިގެން ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ އެންޑް ވޯޓާއިން ބުނެފައި ވަނީ، ކަރަންޓު އުފައްދާ ބައެއް ޔުނިޓުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. މީގެ އިތުރުން، ކުވައިތުގެ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާތަކެއް އަމާޒުވެ، ބައެއް ސިފައިންނަށް އަނިޔާވެފައިވާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

މިއީ ވިދިވިދިގެން ދެވަނަ ދުވަހަށް ކުވައިތުގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ހަމަލާދިން ފަހަރު ކަމަށް ކުވައިތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކަކީ އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވިދިވިދިގެން ހަތް ރޭ ވަންދެން ދިން ހަމަލާތަކަށްފަހު، އީރާނުން ރައްދުގައި ދިން ހަމަލާތަކެއް ކަމަށް ބެލެވެއެވެ. މި ހަމަލާތައް ބަދަލުކުރެވެން ފަށާފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކޮށްފައި އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން މިދިޔަ ހަފުތާގައި އުވިގެން ދިއުމާ ގުޅިގެންނެވެ.

ކުވައިތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ރައްޔިތުންނާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކުވައިތުގެ އަސްކަރިއްޔާއިން މިހާރު ދަނީ ވައިގެ ދިފާއީ ނިޒާމުތައް މެދުވެރިކޮށް އިތުރު ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހަމަލާތަކާ ގުޅިގެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަމުންދާ ކަމަށާއި، ހާލަތު ގާތުން މޮނިޓަރކުރަމުންދާ ކަމަށް ކުވައިތު ފަޔަރ ފޯސްއިން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް