ރިހާމްއަށް ކޮޅަށް ތެދުވެވުނެވެ. އިސްޖަހާލައިގެން ހުރެ އައިސް ރިހާމްގެ ގާތުގައި ހުއްޓުމަށް ފަހު، ދާނިޔާ އޭނާގެ އަތުގައި އޮތް ޕްރެގްނެންސީ ކިޓު ދައްކައިލިއެވެ.
އޭރު ދާނިޔާގެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ.
"ކިހިނެއްވީ؟" ރިހާމް އެ ކިޓަށް ބަލައިލިއެވެ.
"މިފަހަރު ވެސް ނެގެޓިވް." ދާނިޔާ ބުނެލިއެވެ. މަޑުމޮޅިކަމެއް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. އުންމީދު ކުރި ނަތީޖާ ނުލިބުމުން ނާއުންމީދުވެފައިވާ މިންވަރު ވެސް މެއެވެ.
ރިހާމަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދާނިޔާއަށް ބަލައިލުމަށްފަހު، އޭނާ ދާނިޔާ ގެނެސް މޭގައި ޖައްސައިލިއެވެ. އޭރުވެސް ދާނިޔާއަށް ބެލެމުން ދިޔައީ އަތުގައި އޮތް ކިޓަށެވެ. ދަރިއަކު ލިބުމަށް އެދި އިންތިޒާރު ކުރާތާ މިހާރު އެތަކެއް ދުވަހެއް ވެއްޖެއެވެ. ކޮންމެ ފަހަރަކު ވެސް ލިބެނީ އުންމީދުކުރާ ނަތީޖާއެއް ނޫނެވެ. މާޔޫސްކަން ވެރިވަނީ އެހެންވެގެންނެވެ. ޑޮކްޓަރަށް ވެސް ދެ ފަހަރެއްގެ މަތިން ދެއްކިއްޖެއެވެ. އަލި މަގެއް އަދިއެއް ނުފެނެއެވެ.
"ބޭބް. ޑޮކްޓަރަށް ދައްކާލާނީއޭ އަނެއްކާ ވެސް." ރިހާމް ދާނިޔާއަށް ހިތްވަރު ދިން ނަމަވެސް، ޚުދު އޭނާގެ ހިތް ވެސް ވަނީ މާޔޫސްކަމުން ފުރިފައެވެ. މަންމަމެން ވެސް މިހާރު އަބަދުމެ ކުރާ ޝަކުވާއަކީ މާމަ ދަރިއަކު ނެތުމެވެ. ސީދާ ސީދަލަށް ނުބުނި ނަމަވެސް، އަބަދުވެސް ދައްކަނީ ކުޑަ ކުއްޖަކު ނެތުމުން ގޭތެރެ ފަޅު ވާހަކައެވެ.
ރިހާމް ފުންނޭވާއެއް ދޫކޮށްލިއެވެ.
ދާނިޔާ ރިހާމް އާ ދުރުވެލިއެވެ. އޭނާ ދެލޮލުން އައި ކަރުނަތައް ފުހެލިއެވެ. އެއަށް ފަހު ހަމަޖެހެން މަސައްކަތްކުރިއެވެ. ހިނިތުންވެލީ ރިހާމްގެ ފަރާތުން ލިބުނު އޯގާތެރިކަމުގެ ސަބަބުންނެވެ.
*****
ގަޑިން ދަންވަރު ބާރަޖަހާ ބޮޑުވެއްޖެއެވެ. އެއީ ވިއްސާރަ ރެއެކެވެ. ސިޓިންރޫމުގައި އިން ޝާފިޔާގެ އިނީ ފޯނު ކަންފަތުގައި ޖަހައިލައިގެންނެވެ. އޭނާ ދިޔައީ ޝުބާގެ ފޯނަށް ގުޅޭތޯ މަސައްކަތްކުރަމުންނެވެ. ރިންގުވި ނަމަވެސް ފޯނެއް ނުނަގައެވެ. ގޭގެ ބެލްކަނީގެ ދޮރުތައް ލައްޕައިލާފައި ހުރި ނަމަވެސް، ދޮރުގެ ފަރުދާތައް ކަހާލާފައި ހުރުމުން، ވިދުވަރުގެ އަލިކަން ރީއްޗަށް ފެނިލައެވެ. އެއާ ވިދިގެން ދެން އިވިގެންދާ ގުގުރީގެ ބާރު އަޑާއެކު ބިރުން ފިތްކަނޑައިގެން ދާހާ ވެއެވެ. ބޯ ވާރޭގެ ތިކިތައް ބިއްލޫރިގަނޑުގައި ބޮސްދެމުން ތިރިއަށް ރޮނގުދެމިގެން ދާތަން ފެނެއެވެ.
"ޝާފިޔާ، އަދިވެސް ޝުބާ ގެއަށް ނާންނަނީތަ؟" ޝާފިޔާ ކޮޓަރިއަށް ނުވަދެގެން ޚަބަރެއް ބަލައިލަން ނުކުތް، ރަޝީދު ސުވާލުކޮށްލިއެވެ.
"ފޯނަކަށް ވެސް ނުގުޅޭ. މި ވިއްސާރަރޭ ކޮންތާކަށްތަ އެ ދިޔައީ؟" ޝާފިޔާ ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ.
"ވެދާނެ ވިއްސާރަކަމުން ނާދެވިފަކަމަށް." ރަޝީދު ބުނެލި ނަމަވެސް، އޭނާވެސް ނުތަނަވަސް ވިއެވެ.
"އެހެންވިޔަސް ފޯނު ނެގެން ވާނެއެއްނު." ޝާފިޔާ ބުންޏެވެ. "ރަޝީދު، ނިދާލަންވީނު. އަހަރެން، މަޑުކޮށްލަފާނަން."
"ނޫނޭ،. އަހަރެން ވެސް މަޑުކޮށްލާނީ..." ރަޝީދު ބުނެލިއެވެ. އޭނާ ވެސް ސިޓިން ރޫމު ސޯފާގައި ޝާފިޔާ ކައިރީގައި މަޑުކޮށްލިއެވެ.
އެހެން ތިބޭތާ އިރުގަނޑެއް ވީފަހުން، ގޭގެ ދޮރު ހުޅުވައިލައިފިއެވެ. ޝާފިޔާއާ ރަޝީދަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. ހަމައެއާއެކު ތެދުވެވިއްޖެއެވެ. ޝާފިޔާއަށް ވަގުތުން، ޝުބާއާ ދިމާލަށް ދެވުނެވެ. ޝުބާ ހުރީ ތެމި ފޯވެފައެވެ. އޭނާގެ ކޮނޑުގައި އަޅުވައިފައިވާ ދަބަސް ވެސް ވަނީ ތެމިފައެވެ. ފިނިވެގެން ގޮސް ރޫރޫ އަޅަމުން ދިޔަ ޝުބާއަށް ބަލައިލުމަށް ފަހު، ޝާފިޔާ ވާހަކަ ދެއްކިއެވެ.
"ދަރިފުޅު ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟ ކީއްވެ ނުގެނީ؟ ދަބަހުގަތަ؟" ޝާފިޔާއަށް އެއްފަހަރާ އެތަކެއް ސުވާލުތަކެއް ފައްޗަކަށް އަމުނާލެވުނެވެ. "ޑްރައިވަރަށް ކީއްވެ ނުގުޅީ؟ އޭރުން ހުރިތަނަކަށް ބަލާ ވެސް ދިޔައިހެއްނު. މި އޮށް ވިއްސާރަރޭ ކޮންތާކު އުޅެފަތަ ތިއައީ؟"
ޝާފިޔާގެ ސުވާލުތަކަށް ޝުބާ ޖަވާބެއް ނުދެއެވެ. އެއްޗެކޭ ބުނުމެއްނެތި އޭނާ ހިނގައިގަތެވެ. ތެމިފައި ހުރުމުން ގޭތެރެއަށް ވެސް ފެންތައް ފައިބަމުން ދިޔައެވެ. އެ އެކަމަށް ވެސް ޝުބާގެ ފަރުވާލެއް ނެތެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ.
"ޝުބާއަށް ކިހިނެއްވީ؟" ޝާފިޔާއަށް ބަލައިލެވުނީ ރަޝީދަށެވެ. "ކޮންމެވެސް ކަމެއް ވެއްޖެ ކަންނޭނގެ."
"ވެދާނެ މާ ބޮޑަށް ފިނިވީކަމަށް. ނޫނީ ކޮންމެވެސް ކަމެއް ވީ. ޝާފިޔާ ދޭބަލަ ގޮސް ވީ ގޮތެއް ބަލައިލަން އަޅެ." ރަޝީދު ބުނެލިއެވެ. އެއާއެކު، ޝާފިޔާ ބޯ ޖަހައިލާފައި ގޮސް ސިޑިން މައްޗަށް އެރިއެވެ. ޝުބާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއިރު، ދޮރު ހުރީ ތަޅުލާފައެވެ.
"ޝުބާ.. ދަރިފުޅާ، ޝުބާ... ދޮރު ހުޅުވަބަލަ." ޝާފިޔާގެ އަޑުން އޭރުވެސް ހާސްކަން ފާޅުވަމުން ދިޔައެވެ.
"މަންމާ. އަހަރެން ބޭނުމީ ނިދާލަން. ވަރަށް ވަރުބަލި." އެތެރެއިން އަޑު އިވުނެވެ. ޝާފިޔާ އިތުރަށް އެއްޗެއް ބުނަން އުޅެފައިވެސް މަޑުޖެހުނެވެ. ޝުބާގެ އަޑުގައިވި ވަރުބަލިކަން ފާހަގަވަމުން ދިޔައީތީއެވެ.
"އެންމެ ރަނގަޅު. މަންމަ މިދަނީ.." ޝާފިޔާ ބުނެލިއެވެ. ޝުބާއަށް ކޮންމެވެސް ކަމެއް ވެއްޖެއޭ އޭރުވެސް އޭނާގެ ހިތް ދިޔައީ ބުނަމުންނެވެ. އެއީ އޭނާގެ ދަރިއެކެވެ. ވީއިރު އެ ދަރިފުޅުގެ މިޒާރު އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާއަށެވެ. ކަމެއް ވި ނަމަވެސް، މި ވަގުތު ޝުބާ އޭނާއާ އެކަންތައް ހިއްސާ ނުކުރާނެކަން އެނގޭތީ ޝާފިޔާ ވެސް މާބޮޑަށް މަޖުބޫރުކުރަން ނޫޅުނީއެވެ. އޭނާ ތިރިއަށް ގޮސް ކޮޓަރިއަށް ވަން އިރު، ރަޝީދު އިނީ، އެނދުގައި އިށީނދެލައިގެން ފަޑީގައި ބުރަކަށި ޖައްސައިލައިގެންނެވެ.
"ކީކޯ ބުނީ؟" ރަޝީދު ސުވާލުކޮށްލިއެވެ.
"ވަރުބަލި ވެފަޔޯ. ނިދާލާށޯ ބޭނުމީ." ޝާފިޔާ ބުނެލިއެވެ.
"އެހެންތަ؟ އެހެންވިއްޔާ މިރޭ ބާއްވާ، އެކަމަކު މާދަން އޮޅުންފިލުވައިލާތި. ރައްޓެހި ކުދިބަޔަކާ އަރައިރުންވީކަމަށް ވެސް ވެދާނެ." ޝުބާގެ މިޒާޖު އެނގޭތީ ރަޝީދު ބުނެލިއެވެ. ކޫސަނި ކަންތައްތަކާ ޖަދަލުކުރުމަކީ ކުޑައިރުންފެށިގެން ޝުބާގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. ދޭތެރެ ދޭތެރެއިން ރައްޓެހިންނާ އަރައިރުންވެގެން އުޅޭނެއެވެ.
"ރަޝީދު..." އެނދުގައި އޮށޯންނަމުން ޝާފިޔާ ގޮވައިލިއެވެ. އޭނާ ރަޝީދުގެ ސަމާލުކަން ހޯދައިލިއެވެ. ރަޝީދު ވެސް ޝާފިޔާއަށް ބަލައިލިއެވެ.
"ޝުބާއަށް ބަދަލުތަކެއް އަންނަމުންދާކަން ރަޝީދަކަށް ފާހަގައެއް ނުކުރެވޭތަ؟" ޚިޔާލުތަކެއްގެ ތެރެއަށް ގެންލުނު ޝާފިޔާއަށް ބުނެވުނެވެ.
"ތިބުނީ؟" ރަޝީދަކަށް ނޭނގުނެވެ.
"ރަޝީދު ގިނަ ވަގުތު ގޭގަ ނޫޅޭތީ ފާހަގަ ނުކުރެވެނީ ކަންނޭނގެ. އެކަމަކު، މި ހަފްތާތެރޭގައި ޝުބާގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. މާ ބޮޑަށް ނެގި މަޑުވެފަ ހުންނަނީ. ނޫންތަ؟ ހީވަނީ ވިސްނުމަކަށް ގެއްލިފައި ހުންނަހެން." ޝާފިޔާ ބުންޏެވެ.
"ޝާފިޔާ ތިހެން ބުނީމަ ކުޑަށް ފާހަގަ ކުރެވިއްޖެ. އަޅެ ރަނގަޅު ވަގުތެއް ހޯދައިލައިގެން ވާހަކަ ދައްކާލަބަލަ." ރަޝީދު ބުނެލިއެވެ. ޝުބާއަކީ އަންހެން ކުއްޖަކަށްވުމާއެކު، ޝުބާގެ ބޮޑަށް ގާތީ ވެސް ޝާފިޔާއާއެވެ. އެހެންކަމުން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމުގެ ހުރިހާ ޒިންމާއެއް އޭނާ ދޫކޮށްލީ ޝާފިޔާގެ އަތް މައްޗަށެވެ.
"އަހަންނަށް ހީވަނީ މި ދުވަސްކޮޅު ރަޝީދުވެސް ކަމަކާ ފިކުރުބޮޑުވެފަ ހުންނަހެން. ކޮންމެ ރެއަކު ގެއަށް ތި އަންނަނީ އެހާ ލަހުން." ވާހަކައިގެ މައުޟޫއު އަނބުރައިލުމުގެ ގޮތުން ޝާފިޔާ ސުވާލުކޮށްލި ނަމަވެސް، އެއީ، ޚުދު އޭނާއަށް އުނދަގޫކުރަމުން ދިޔަ ކަމެކެވެ. އެހެންކަމުން ވެގެން އުޅޭ ގޮތެއް އޮޅުންފިލުވައިލަން ބޭނުންވީއެވެ.
"އަހަންނާ ހިއްސާއެއް ނުކުރާނަންތަ؟' ޝާފިޔާ އަހައިލިއެވެ.
"ނޫނޭ ޝާފިޔާ، ނުބުނާކަށް ނޫން." ރަޝީދު ފުންނޭވާއެއް ދޫކޮށްލިއެވެ. ކުންފުނީގެ ކަންތައްތަކާ އޭނާ އެ ހުންނަނީ ނުހަނު ހާސްވެފައެވެ.
"ދެން ކިހިނެއްވީ؟ ކިޔައިދީބަލަ!" ޝާފިޔާ ބުންޏެވެ.
"މީ ހަމަ... ކުންފުނީގެ ކަންތައްތައް. ވަރަށް ގިނަ ޕްރޮޖެކްޓްތައް ގެއްލިއްޖެ. ވަރަށް ބައިވަރު ގެއްލުންތަކެއް ވެސް ވެއްޖެ. ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ވެސް އުނދަގޫކަމަކަށް ވެގެން މި އުޅެނީ." ރަޝީދަށް ބުނެވުނެވެ. މާޔޫސްކަމެއް އޭނަގެ އަޑުގައި އެވެ. "ރިހާމް ފަރުވާކުޑަކަމުންނޭ ބުނާކަށް ބޭނުމެއް ނޫން. އެކަމަކު، ރިހާމްއާ ހަވާލުކުރި ހުރިހާ ޕްރިޖެކްޓެއް ހެން ވެސް ޑިލޭވަނީ. މޭޕަލްވިލާގެ ޕްރޮޖެކްޓުތައް ވެސް ހީވަނީ އަތުލާނެހެން."
"ރިހާމްއާ ވާހަކަ ދެއްކިންތަ؟" ޝާފިޔާއަށް ސުވާލުކޮށްލެވުނެވެ.
"ދެއްކިން. މިއަދު ވެސް ދެއްކިން. އޭރު ދިން ދެ ހަފްތާގެ މުއްދަތު ހަމަވީމި، އެކަމަކު، އަދިވެސް މަސައްކަތެއް ނުނިމޭ. އެމީހުން އެބުނާ މިންވަރާ ގާތަށް ވެސް ނުނިމޭ!" ރަޝީދު ބުންޏެވެ.
"ޕްރޮޖެކްޓުތަކުން ފައިދާ ނުވަންޏާ މުވައްޒަފުންނަށް މުސާރަ ދޭން ކިހާ އުނދަގޫވާނެ. މިހާރު ކުންފުނި މި ހިންގަނީ ގެއްލުމުގަ." ރަޝީދު އިތުރުކޮށްލިއެވެ. ފިރިމީހާގެ ނުތަނަވަސްކަމާއި ފިކުރުތައް ގުޅިފައިވަނީ ކޮންކަމަކާ ކަން އެނގުނު ނަމަވެސް، އެކަމުގައި ދޭނެ ޚިޔާލަކާއި މަޝްވަރާއެއް އޭނަގެ އަތަކު ނެތެވެ. ވިޔަފާރިކަންތައްތަކަކީ އޭނާއަށް އެއްގޮތަކަށް ވެސް އެނގޭ ކަންތައްތަކެއް ނޫނެވެ.
"ރަޝީދު ބޭނުންވާ ކޮންމެ ވަގުތަކު ރަޝީދުގެ ތި ކަންބޮޑުވުންތައް އަޑު އަހަން އަހަރެން ހުރެދޭނަން." ޝާފިޔާ ރަޝީދުގެ އަތުގައި ހިފަހައްޓައިލިއެވެ. ލޯބިވާ ފިރިމީހާއަށްޓަކައި ކޮށްދެވޭނެ ހަމައެކަނި ކަމަކީ އެއީއެވެ. ރަޝީދު ވެސް ބޯ ޖަހައިލިއެވެ. އެއަށްފަހު، އޭނާ އެނބުރިލުމަށް ފަހު، ސައިޑް ޓޭބަލް މަތީގައި ހުރި ލޭމްޕު ނިއްވައިލިއެވެ.
"ދެން ހިނގާ ނިދާލަމާ." ރަޝީދު ބުނެލިއެވެ. އެއާއެކު ޝާފިޔާ ވެސް ބޯ ޖަހައިލިއެވެ.
*****
ބާލީގައި އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ޒަހްރާންމެން މާލެ އަތުވެއްޖެއެވެ. އޭރު ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ދެމީހުންގެ ދެމެދުގައި އުފެދުނު ލޯބި ދުވަހެއް ދުވަހަކަށް ފުންވަމުން ދިޔައެވެ. އެކަކު އަނެކަކަށްޓަކައި ހިތުގައި އުފެދިފައިވާ ޤަދަރު ދިޔައީ އުފުލެމުންނެވެ.
އައިރާ އެންމެ އުފާވަނީ މި ވީ ދުވަސްތަކުގައި ޒަހްރާންގެ ފަރާތުން ލިބުނު އޯގާތެރިކަމުގެ ސަބަބުންނެވެ. ނިމުމެއްނުވާ ފަދަ ގޮތެއްގައި ލިބެމުން ދިޔަ ލޯބީގެ ސަބަބުންނެވެ.
ރާއްޖެ އައިއިރު، އެމީހުން އައީ ރަނގަޅަށް ވިޔަފާރި ވެސް ކޮށްލައިގެންނެވެ. ޢާއިލާގެ ހުރިހާ އެންމެނަށް ހަދިޔާ ގެނެސްދިނެވެ. އެކަމާ އެންމެ ބޮޑަށް އުފާވީ އީލާފްއެވެ. އޭނާއަށް ގެނައި ހެދުންތަކާއި، ފައިވާންތައް ނުހަނު ބޮޑަށް ކަމުދިޔައެވެ. މަންމަމެންނަށާއި، އަޔާޝްމެންގެ ދެމަފިރިންގެ އިތުރުން އައިރާގެ އެކުވެރިޔާ ނަފާއަށް ވެސް، ހަދިޔާ ގެނެސްދިނެވެ.
"އީލު ހާދަ އެކްސައިޓް ވެޔޭ ދޯ ގިފްޓެއް ލިބުނީމަ." ކޮޓަރިއަށް ވަންނަމުން އައިރާ ބުނެލިއެވެ. އެއާއެކު ޒަހްރާން ހިނިގަނޑެއް ޖަހައިލިއެވެ.
"އައިރާއަށް އަދި އޭނަގެ ބޭބީކަން ރަނގަޅަށް ނުފެންނަނީ." ޒަހްރާން ބުންޏެވެ.
"އީލު ގޭގަ އުޅެންޏާ ފަޅުފިލާ، ރަނގަޅެއްނު." އައިރާ ބުންޏެވެ. ޒަހްރާން ބުނިހެން އީލާފްގެ ޅަ ގޮތްގަނޑާއި، ވިސްނުން އައިރާއަށް ވެސް އެނގެއެވެ. މިޒާޖު ވެސް ދަސްވާން ފަށައިފިއެވެ.
"އައިރާ ދިމާވީ ވަރަށް އެހެންކަހަލަ ދުވަސްކޮޅެއްގައެއްނު، އެހެންވެ ކުޑަކޮށް މަޑުން ހުރީ. އެކަމަކު މިހާރު ހުރިހާކަމެއް ހަމައަކަށް އެޅުނީނު. ދެން ހުންނާނެ ފޯރިއެއް." ޒަހްރާން އިތުރު ކޮށްލިއެވެ.
"އާނ. ބުނަންތަ ވާހަކައެއް؟ މިގެއިން އެންމެ ބޯ ހަރީ ޒަހްރާން." އައިރާ ލުއި ހުނުމަކާ އެކު ބުނެލިއެވެ.
"އެހެންތަ؟" ސަމާސާ ރާގަކަށް ޒަހްރާން ބުނެލިއެވެ.
"އާނ..." އައިރާ ދޫދޭކަށް ބޭނުމެއް ނުވިއެވެ. "އެހާ ގޮތް ދޫނުކުރޭ ވިއްޔަ.."
"އެއްގޮތަކުން ރަނގަޅެއްނު. ބޯ ހަރު ނޫން ނަމަ އަހަންނަށް އައިރާއެއް ނުލިބުނީހެއްނު." އެހެން ބުނެލުމާ އެކު، އެއައި ބާރު މިނުގައި އައިސް ޒަހްރާން އައިރާގެ ގައިގައި ބައްދައިލިއެވެ. އެއްޗެއް ބުނަން އުޅުނު އައިރާއަށް ހިމޭންވެވުނު އިރު، ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ޒަހްރާން..." ޒަހްރާންގެ އަތުތެރެއިން ވީއްލިގަންނަން އައިރާ މަސައްކަތްކުރިއެވެ. އޭރު ޒަހްރާންގެ ކުދިކުދި ގޯނާތައް އޭނާއަށް ލިބެމުން ދިޔައެވެ.
"ދެން ނުދެވޭނެ. ބޯ ހަރުވާނެ. އެހެންވެ ދުލެއް ނުކުރެވޭނެ." ޒަހްރާން އައިރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެއަށް ފަހު، ކުރިއަށް ވުރެ ބޮޑަށް އޭނާ އައިރާ ގާތްކޮށްލިއެވެ.
"އަސްލު ވެސް ބުނެބަލަ. އަހަރެން އެހާ ގޮތް ދޫނުކުރޭތަ؟ އައިރާއާ މެރީ ކުރިފަހުން އެބައި ރަނގަޅުކުރަން އެބަ މަސައްކަތްކުރަމޭ..." ޒަހްރާން ސުވާލުކޮށްލިއެވެ.
"ހަމަ ގައިމުވެސް އަހަންނަކަށް އެކަމެއް ނުދައްކާ. އަހަރެން ދެކެ ބިރުގަންނަނީ ދޯ..." އައިރާ ހީނލުމުން ޒަހްރާނަށް ވެސް ހެވުނެވެ.
"އައި ލަވް ޔޫ..." ކުދި ކުދި ގޯނާތަކުން ފެށިގެން ދިޔަ ނަމަވެސް، ބީހުންތައް އިތުރުވާން ފެށިއެވެ. އެއާއެކު ދެމީހުންނަށް އިތުރަށް ގާތްވެވުނީއެވެ. ދުވަހަކު ދުރަށް ދާން ބޭނުންނުވާ ފަދައަކުންނެވެ.
*****
"ކޮބާ ޝުބާ؟" ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ރަޝީދު ސުވާލުކޮށްލުމާއެކު، ޝާފިޔާ ވާހަކަ ދެއްކިއެވެ.
"ބޮލުގަ ރިއްސާތީ އެބަ އޮތް ކޮޓަރީގަ." އޭނަ ބުނެލިއެވެ.
"ބަލީތަ؟" ރަޝީދު އަނެއްކާ ވެސް އަހައިލިއެވެ.
"ހުމެއް ނެތް. އަހަރެން ކާން އަންނަން ބުނީމަ ވެސް ބުނީ ނުކާނަމޯ. އެހެންވެ އަހަރެން ބުނެފިން ސޫޕެއް ތައްޔާރުކޮށްލަން." ގޭގައި ގެންގުޅޭ ނޯކަރު ކުއްޖާ އެ މަސައްކަތުގައި އުޅޭކަން ވެސް، އޭނަ ފާހަގަކުރިއެވެ.
ކައި ނިމުނުއިރު، ސޫޕް ވެސް ތައްޔާރުވެއްޖެއެވެ. އެ ހިފައިގެން ގޮސް ޝާފިޔާ ޝުބާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އަދި ދޮރު ހުޅުވައިލިއެވެ. އޭރު ޝުބާ އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެންނެވެ.
ޝުބާ ރޮމުން ދިޔަކަން އޭނާއަށް އެނގުނީ، ނޭފަތް އެތެރެއަށް ދަމައިލުމުންނެވެ. ކަންބޮޑުވުމާ އެކު، އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޝުބާ ކައިރިއަށް ހުއްޓިލިއެވެ. އަދި ޝުބާއަށް ގޮވައިލިއެވެ. އަތުގައި ހުރި ބޯތަށި ސައިޑްކަބަޑު މަތީގައި ބަހައްޓަމުން، ޝުބާގެ ބޮލުގައި ފިރުމައިލިއެވެ.
"ދަރިފުޅު، މާބޮޑަށް ބޮލުގައި ރިއްސަނީތަ؟" ޝާފިޔާ ސުވާލުކޮށްލިއެވެ. ޝުބާ އެއްޗެއް ނުބުންޏެވެ. އުނދަގުކުން ޝުބާ ނަގާ އެނދުމަތީގައި ބައިންދާފައި، ޝާފިޔާ ޝުބާ ހަމައަކަށް އެޅުވުމަށް މަސައްކަތްކުރިއެވެ.
އިރުގަނޑެއް ފަހުން ޝުބާ ދެލޯ ފުހެލާފައި ފުންނޭވާއެއް ދޫކޮށްލާ ހަމަޖެހެން މަސައްކަތްކުރިއެވެ. ބަނޑުހައިވެފައި ހުރުމުން، ޝާފިޔާ ގެނައި ސޫޕްތަށިން އެތި ފޮދެއް ބޮއިލިއެވެ. އެހެން ނަމަވެސް، ދެވަނަ ސިކުންތުގައި އޯކާ ދެމެވުނީ އޭގެ ރަހަ އޭނާއަށް އެއްގޮތަކަށް ވެސް ކަމު ނުދިޔުމުންނެވެ. އެނދުން ތެދުވެގެން، ފާޚާނާއާ ދިމާލަށް ދުވެފައި ޝުބާ ދިޔައެވެ. ދޮރު ހުޅުވައިލުމަށް ފަހު، މޫނުދޮންނަ ތަށި ދޮށަށް ދެވުނީ ކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ.
(ނުނިމޭ)