އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޯޕަރޭޝަން އޯގަނައިޒޭޝަން" ނަމުގައި އާ ޖަމިއްޔާއެއް އުފެއްދުމަށް 29 ގައުމަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕާކިސްތާނާއި، ރަޝިޔާއާއި އަދި ކަޒަކިސްތާން ފަދަ ގައުމުތައް ހިމެނޭ ގޮތަށް އުފެއްދި މި ޖަމިއްޔާއަކީ ޝަންހާއީގައި މައި މަރުކަޒު ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި އޭއައިގެ ކަންކަން ހިންގުމާ ގުޅޭ ކަންކަން ކުރިއެރުވުމަށް އުފެއްދި އިންޓަގަވަމަންޓަލް ޖަމިއްޔާއެކެވެ.
މި އެއްބަސްވުމަކީ ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ އަހަރީ "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް" ގެ ތެރެއިން ނިންމި މުހިންމު ނިންމުމެކެވެ.
މި ކޮންފަރެންސްގައި 1،100 އަށް ވުރެ ގިނަ ކުންފުނިތަކާއި 1،400 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވަމުން ދާއިރު، މިއީ އޭއައިގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

އޭއައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ޗައިނާ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވަނީ --- ފޮޓޯ: ރޮއިޓާސް
ޗައިނާގެ ރައީސް ޝީ ޖިންޕިންގ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭއައި ތަރައްގީކުރުމާއި އޭގެ ހިންގުމުގެ ކަންކަމަކީ އެއްވެސް ގައުމަކުން އެކަނި ބާރު ފޯރުވަންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔެ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް އޭއައިގެ ދާއިރާއިން 5،000 ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން މިހާރު ގަބޫލުކުރާ ގޮތުގައި ޗައިނާ ވަނީ އޭއައި ދާއިރާއިން އަމިއްލަ އީޖާދުތައް އުފައްދާ މުހިންމު ބައިވެރިއަކަށް ވެފައެވެ.
މި ކޮންފަރެންސްގެ ތެރެއިން ޗައިނާގެ ހުއާވޭ ފަދަ ކުންފުނިތަކުން އޭއައިގެ ބާރުގަދަ ކޮމްޕިއުޓިން ސިސްޓަމްތައް ދައްކާލަމުން އަންނައިރު، ޗައިނާގެ 2030 ވަނަ އަހަރާ ހަމައަށް ކަނޑައަޅާފައިވާ ޕްލޭނުގައި ވެސް ޓެކްނޮލޮޖީއާއި ސައިންސުގެ ރޮނގުން ކުރިއެރުން ހޯދުމަށް އިސްކަންދީފައިވެއެވެ.