މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެގެން އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތައް އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. އެކަން ހައްލު ނުވެއްޖެނަމަ މުޒާހަރާއަށް ނުކުންނާނެ ކަމަށާއި މަދަނީ ބަސްނޭހުމަކަށް ދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
"މުޒާހަރާއަށާއި މަދަނީ ބަސް ނޭހުމަކަށް މިދަނީ ތައްޔާރުވަމުން،" މާރުކޭޓްގެ ގޮޅިއެއްގެ މީހަކު ބުންޏެވެ. "ބިދޭސީންގެ މައްސަލައިގައި އަހަރެމެން ވާނީ މާރުކޭޓް އިއްތިހާދެއް ހަދާފައި، އޭގެ ތެރެއިން ޕެޓިޝަނެއްގައި ވެސް މިދަނީ ސޮއި ކުރަމުން،"
މާލޭގައި އުޅޭ ބަންގްލަދޭޝްގެ މީހުން ލޯކަލް މާރުކޭޓް ސަރަހައްދަށް ގިނަވެ، ވިޔަފާރި ފަށައި އެމީހުންނާ ހެދި އުނދަގޫވެފައިވާ ކަމަށް ބުނެ މިއަދު ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާއިރު ބާޒާރުގެ އެކި ސަރަހައްދުތަކުގައި ބިދޭސީންގެ މައްސަލަތައް ހައްލުކޮށްދިނުމަށް ގޮވައިލައި ބޯޑުތަކެއް ވެސް މިއަދު ނެރެފައި ވެއެވެ. އެބޯޑުތަކުގައި ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުވެ އޮތް އަދި ހައްލުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ނުކުޅެދިފައިވާ މައްސަލަ ކަމަށާއި އެމައްސަލަ ހައްލުކޮށް ނުދީފިނަމަ ބާޒާރުމަތީގައި ވިޔަފާރި ކުރާ މީހުން މުޒާހަރާއަކަށް ދާން ޖެހިދާނެ ކަމަށް ލިޔެފައި ވެއެވެ. ބިދޭސީންގެ މައްސަލައިގެ ކަންބޮޑުވުންތައް ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއް ތައްޔާރުކޮށް، އެޕެޓިޝަންގައި މިއަދު ވަނީ ގިނަ ބަޔަކު ސޮއިކޮށްފަ އެވެ.
"މާރުކޭޓް އިއްތިހާދު" ގެ ނަމުގައި އެކުވެފައިވާ ވިޔަފާރިވެރިން ބުނި ގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ މައްސަލަ ބާޒާރުމަތީގައި ވަނީ ގޯހުން ގޯހަށް ބަދަލުވެފަ އެވެ. އަތޮޅުތަކުގެ ދޯނިފަހަރު އެގޮތަށް އުޅޭ ބިދޭސީން އަމިއްލައަށް ދޯނި ފަހަރަށް އަރައި މުދާތައް ނަގައިގެން ވިއްކަ އެވެ. އަދި އެހެން ގޮޅިތަކުން ވައްކަން ކުރުމުގެ އިތުރުން ގޮޅި ކުއްޔަށް ހިފައިގެން ވިޔަފާރި ކުރެ އެވެ.
"މިތަނުން ގޮޅިތައް ހިފައިގެން އުޅޭ ބައެއް މީހުން ހަދާ ގޮތަކީ ބޯޓަކުން އައިސްގެންނޭ ކިޔަފައި ގޮޅި ހޯދަނީ. ދެން އެ ގޮޅީގައި ކޮންމެވެސް ބިދޭސީއެއް ބައިންދާފައި އެމީހުން ތިބެނީ ގޭގައި. ރަށްރަށުން ބޯޓު ފަހަރުގައި ގެންނަ އެއްޗެހި ގެނެސް މިއަޅާލަނީ ތޮށިގަނޑަށް، އަޅާލުމާއެކު ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހާ ގޮސް އެއެއްޗެހި އަމިއްލައަށް ގަނެގެން ގެނެސް ގޮޅިއަށްލަނީ، މިތާގެ 50 ގޮޅީގައި އެމީހުން އެބަ ވިޔަފާރި ކުރޭ، އޭގެތެރެއިން ވިއްސަކަށް ގޮޅި އެމީހުން އަމިއްލައަށް އެބަ ހިންގާ، ގޮޅިތަކުން ވައްކަން ކުރާ މައްސަލަ ވެސް މިއޮންނަނީ ބޮޑުވެފައި، މިމައްސަލަ ހައްލުކޮށްދިނުމަށް ފުލުހުން ވެސް މަސައްކަތެއް ނުކުރޭ، އެމީހުން ވެސް މިކުރާ ކަމަކީ އަހަރުމެންގެ ޝުއޫރުތައް ހުންނަ ބޯޑުތައް ނަގަން އަންގަނީ،" ބާޒާރުމަތިން ވާހަކަ ދެއްކި ބަޔަކު ބުންޏެވެ.
މާރުކޭޓްގެ ވިޔަފާރި ވެރިން ބުނާ ގޮތުގައި ބިދޭސީންގެ މައްސަލަ މާރުކޭޓްގައި ހައްލު ނުވެއްޖެ ނަމަ މުޒާހަރާއަކަށް ނުކުންނަން ފަހެއް ނުޖެހޭނެ އެވެ. އަދި އެމީހުން ދެކޭ ގޮތުގައި ޝުއޫރު ފާޅުކޮށް މައްސަލަ ހައްލުކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިއަސް އެކަމެއް ނުވާނެ އެވެ. އެހެންވެ އޮތީ މުޒާހަރާ ކުރުމެވެ.
ބާޒާރުގެ ގޮޅިތަކުގައި އެގޮތަށް ބިދޭސީން ގެންގުޅުމަކީ މާރުކޭޓު ހިންގުމާ ބެހޭ ގައިވައިދުގައި ވެސް މަނާ ކަމެކެވެ. ބިދޭސީންގެ މައްސަލައިގައި ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
" އެމީހުންގެ ތެރެއަށް ބިދޭސީން ވައްދައިގެން މިއުޅެނީ ވެސް އޭގެތެރެއިން ބައެއް، އެހެންވެ އެކަމާ ދެކޮޅަށް އެމީހުން ތެދުވުމަކީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ދެން ގޮޅިތައް ދޭއިރު އެކަންކަމަށް ހަރުކަށި އުސޫލުތަކެއް ހަދާނާން،" ކައުންސިލް މެންބަރު އިސްމާއީލް ޝުޖާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލަން ހާއްސަ އޮޕަރޭޝަނެއް ފުހުންނާ އިމިގްރޭޝަނުން ގުޅިގެން ވަނީ ފަށައިފަ އެވެ. އެއޮޕަރޭޝަންގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 71 މީހަކު ޑީޕޯޓް ކޮށްފައިވާއިރު ގަވާއިދާއި ހިލާފަށް އުޅުނު 2016 ބިދޭސީއަކު އަމިއްލައަށް އެދިގެން ވަނީ ގައުމަށް ފޮނުވާލާފަ އެވެ.