ޑީޖޭއޭގެ ލީގަލް ހެޑް ވިލިމާލެއަށް ބަދަލު ކުރި މައްސަލައިގައި ހައިކޯޓުގެ އަމުރެއް

މައުސޫމާ އަދި ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ --

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކު، ވިލިމާލޭގައި ހުންނަ ޝަރުއީ އަރުޝީފަށް ބަދަލުކުރުން ހުއްޓުވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރުނު އަމުރަށް އަމަލު ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ.

އެ މައްސަލައިގައި ހިމެނޭ މުވައްޒަފަކީ، ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތް ކުރާ، މަޢުޞޫމާ ފާރޫގެވެ.

މިއީ، މައުސޫމާ ކުއްލި ގޮތަކަށް ވިލިމާލޭގައި ހުންނަ ޝަރުއީ އަރުޝީފަށް ބަދަލުކުރުމުން، އެ ނިންމުމާ ޗެލެންޖުކޮށް އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ތެރެއިން އުފަންވި އިސްތިއުނާފެކެވެ.

މައުސޫމާ ޑީޖޭއޭގެ ލީގަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދަނިކޮށް އަރުޝީފަށް ބަދަލުކުރީ މެއި މަހުގެ ތެރޭގައެވެ. މި މައްސަލައިގެ ތެރެއިން އެނގޭ ގޮތުގައި މައުސޫމާ، ވިލިމާލޭގައި މަސައްކަތް ކުރާ ގޮތަށް ކުއްލި ގޮތަކަށް ހަމަޖެއްސީ އޭނާ ޗުއްޓީގައި ހުއްޓައެވެ. އެއީ، އޭރުގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވައި، ޑީޖޭއޭގެ އިސް ދެ މުވައްޒަފަކު ސަސްޕެންޑް ކުރި ދުވަސްވަރު ހިނގި ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.

https://sun.mv/224359

މެއި މަހު، ކުއްލި ގޮތަކަށް މައުސޫމާ އަރުފީޝަށް ބަދަލުކުރުމުން އޭނާ އެ މައްސަލަ ހުށަހެޅީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގެ ތެރެއިން އެ ޓްރައިބިއުނަލުންވަނީ އެ މައްސަލަ އެ ތަނުން ވަކިގޮތަކަށް ނިމެންދެން މައުސޫމާގެ ވަޒީފާ ބަދަލު ކުރި ކުރުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ. އަދި އެ އަމަރު ތަންފީޒު ކުރުމަށް މައުސޫމާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނިކޮށް، ޑީޖޭއޭއިން އެ ނިންމުން ހިފައިގެން ދިޔައީ ހައިކޯޓަށެވެ.

ހައިކޯޓުގައި މި މައްސަލައިގެ އަޑު އެހުންތައް މިދިޔަ ހަފުތާގައި ފެށިފައި އޮތުމަށް ފަހު، މިއަދު ނެރުނު އަމުރަކުންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް އަމަލު ކުރުން މަޑުކުރުމަށް އަމުރުކޮށްފައެވެ.

މައުސޫމާއާ ދެކޮޅަށް ޑީޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރުންވަނީ ގިނަ ސުވާލުތަކެއް ޑީޖޭއޭއާ ކުރައްވައިފައެވެ. އެގޮތުން، މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން އެ އިދާރާއިން ފޮނުވި އީމެއިލްގެ ކޮންޓެންޓާ ގުޅޭ ގޮތުން ސުވާލު ކުރެއްވިއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ވިދާޅުވުމުން، އެ އަމުރު ތަންފީޒު ކުރަން ކުރީ ކޮންކަމެއްތޯ ފަނޑިޔާރު އެއްސެވިއެވެ.

އޭގެ އިތުރުން އަރުޝީފަށް މައުސޫމާ ބަދަލު ކުރި ކުރުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާ ބަދަލު ކުރަން ނިންމި ނިންމުން ލިޔުމުން އޮތްތޯ ބެލުމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް ފަހު، އެ ލިޔުން ހައިކޯޓަށް ހުށަހަޅަން ބެންޗުން އެންގެވިއެވެ.

މީގެ އިތުރުން އަމުރާ ގުޅޭ ގޮތުން ޑީޖޭއޭއިން ނިންމި ނިންމުމާ ގުޅިގެން، އަލުން ހައިކޯޓުގައި އަމުރަކަށް އެދުމުން ކުރާ އަސަރަކީ ކޮބައިތޯވެސް ބެންޗުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާ ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށް ޑީޖޭއޭއިން ވިދާޅުވުމުން، އެ ވަގުތީ ގޮތުން ނިންމި ނިންމުމުގެ މުއްދަތަކީ ކޮބާތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އޭގެ އިތުރުން، އޭނާ ބަދަލު ކުރުމުގެ ކުރިން، މުވައްޒަފާ އެއްވެސް މަޝްވަރާއެއް ކުރިތޯ އަދި މަސައްކަތްތައް ބަދަލުކުރި ކުރުން ލިޔުމުން އޮންނާނެތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

އަރުފީޝަށް ބަދަލުކޮށް މައުސޫމާއާ ހަވާލު ކުރެއްވީ ކޮން މަސައްކަތެއްތޯވެސް ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އަދި މައުސޫމާގެ ވަޒީފާގެ ތަޖުރިބާއާއި ތައުލީމާއި ހުނަރަށް ބަލާއިރު، ފަހުން ހަވާލު ކުރި މަސައްކަތަކީ އެ ތަޖުރިބާއާއި ތައުލީމަށް ރިއާޔަތްކޮށް ހަވާލު ކުރި މަސައްކަތެއްތޯ ފަނޑިޔާރުން ސުވާލު ކޮށްފައިވެއެވެ.

comment ކޮމެންޓް