ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗެއްގެ ޚިދުމަތް ފަށައިފިއެވެ.
މިއަދު ހެނދުނު މާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބްރާންޗުތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަލަށް ޚިދުމަތް ފެށި ބްރާންޗުތައް ގާއިމުކޮށްފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.

މި ބްރާންޗުތަކާއެކު، ބީއެމްއެލްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދެއެވެ. މީގެ ތެރޭގައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހުޅުވި 17 ބްރާންޗު ހިމެނޭއިރު، މިއިން ދައްކުވައިދެނީ ބޭންކިން ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި އިންވެސްޓްމެންޓްތައް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަށް ލިބޭ ކުރިއެރުން އިންވެސްޓް ކުރަނީ މުޖުތަމައުއަށް ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ.
"ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބީއެމްއެލްއިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގަ ހިންގަމުންނެވެ. މި ވިއުގައިގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ހިމެނެއެވެ. އައު އީޖާދުތަކާއި ޚިދުމަތްތައް ފުޅާކުރުމުގެ ޒަރީއާއިން މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.