ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ފަދަ ވަސީލަތްތަކުން އެކުވެރިންނަށް މެސެޖު ކުރުމަކީ އެކުވެރިކަމުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ހަގީގަތަކީ އެއީ ނޫން ކަމަށް ވެދާނެއެވެ.
އެމެރިކާގެ ޕަބްލިކް ހެލްތު ސާވިސްގެ ރަސްމީ މަޖައްލާއެއް ކަމަށްވާ "ޕަބްލިކް ހެލްތު ރިޕޯޓްސް"ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމަކީ އެކުވެރިކަން ވަރުގަދަކޮށްދޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އެކަނިވެރިކަން އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ 1،500 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދެއްކި ގޮތުގައި، ސޯޝަލް މީޑިއާގައި ގުޅިފައިވާ މީހުންގެ ތެރެއިން އަމަލީ ގޮތުން ދުވަހަކުވެސް ބައްދަލުނުވާ މީހުން ގިނަ ނަމަ، އެ މީހެއްގެ އެކަނިވެރިކަން އިތުރެވެ.
މީގެ އިތުރުން، ގާތް އެކުވެރިންނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅުން ބޭއްވުމަކީވެސް އެކަނިވެރިކަން ކުޑަވާ ކަމެއް ނޫން ކަމަށް މި ދިރާސާ އިސްކޮށް ކުރިއަށް ގެންދެވި އޮރެގަން ސްޓޭޓް ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ބްރަޔަން ޕްރިމެކް ފާހަގަކުރެއްވިއެވެ.

އޮންލައިންކޮށް އެކުވެރިންނާ ގުޅުން ބޭއްވުމަކީ އެކަނިވެރިކަން ކުޑަކޮށްދޭނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ދިރާސާވެރިން ވިދާޅުވޭ--ފޮޓޯ/ފޭސްބުކް
މީގެކުރީގެ ދިރާސާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާއިން ކުރާ އަސަރުތަކަށެވެ. ނަމަވެސް، އަލަށް ކުރެވުނު މި ދިރާސާއިން ބޮޑެތި މީހުންގެ އިޖުތިމާއީ ގުޅުންތަކަށް ކުރާ އަސަރުތައް ވަނީ ހާމަވެފައެވެ.
ޑރ. ޕްރިމެކް ވިދާޅުވި ގޮތުގައި، އެކަނިވެރި މީހުން އޮންލައިންކޮށް ނުދަންނަ މީހުންނާ ގުޅުން ބަދަހިކުރަނީ ކަމެއް ނުވަތަ ނުދަންނަ މީހުންނާ ގުޅުން ބަދަހިކުރުމުން އެކަނިވެރިވަނީ ކަމެއް ސާފު ނުވި ނަމަވެސް، އޭނާ ގަބޫލުކުރައްވަނީ އެ ދެ ކަމަކީވެސް ގުޅިފައިވާ ދެ ކަންތައް ކަމަށެވެ.
އިޖުތިމާއީ ދާއިރާގެ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، އަމަލީ ދިރިއުޅުމުގައި އެކުވެރިން ތިބުމަކީ އެކަނިވެރިކަން ކުޑަކޮށްދޭ ކަމެކެވެ. ނަމަވެސް، އޮންލައިންކޮށް އެކުވެރިންނާ ގުޅުން ބޭއްވުމަކީ "ހަމަ އެއް ފެންވަރެއްގެ ކަމެއް ނޫން" ކަމަށް ޕްރިމެކް ވިދާޅުވިއެވެ.
އޭނާ މިކަން ސިފަކުރެއްވީ އާފަލު ކެއުމުގެ ބަދަލުގައި އާފަލުގެ ރަހަ ލާފައި ހުންނަ ސީރިއަލް ކެއުމާ އެއްފަދަ ކަމެއްގެ ގޮތުގައެވެ. "އެ ސީރިއަލް ކެއުމުން ބަނޑު ފުރޭނެ، ކެލަރީޒް ލިބޭނެ، އަދި ރަހަވެސް މީރުވާނެ. އެކަމަކު އިންސާނާގެ ތަބީއަތަށް ބޭނުންވާ އަސްލު މާއްދާތަކެއް އޭގެއިން ނުލިބޭނެ،" އޭނާ ވިދާޅުވިއެވެ.
މި ފަރަގަކީ ގިނަ ބަޔަކު އެކަނިވެރިވާ ސަބަބު ކަމަށް ވެދާނެއެވެ. ދެހާސްތޭވީސް ވަނަ އަހަރުގެ ސާޖަން ޖެނެރަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ބޮޑެތި މީހުންގެ ދެބައިކުޅަ އެއްބަޔަކީ އެކަނިވެރިކަން ތަހައްމަލު ކުރާ މީހުންނެވެ. އިޖުތިމާއީ ގުޅުންތަކާ ދުރުވުމަކީ ދުވާލަކު 15 ސިނގިރޭޓް ބުއިމާ އެއްވަރުގެ ނުރައްކާތެރި ސިއްހީ މައްސަލައެއްގެ ގޮތުގައި އެ ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.

އެކަނިވެރިކަމުން ސަލާމަތްވުމަށްޓަކައި އަމަލީ ދިރިއުޅުމުގައި އެކުވެރިން ތިބުމަކީ މުހިއްމު ކަމެއް ކަމަށް ކަމުގެ މާހިރުން ވިދާޅުވޭ--ފޮޓޯ/އޭއައި
އެކަނިވެރިކަމުން ސަލާމަތްވުމަށްޓަކައި އަމަލީ ދިރިއުޅުމުގައި އެކުވެރިން ބޭނުންވެއެވެ. އެކަށީގެންވާ ވަރަށް އެކުވެރިން ނެތުމަކީ އާންމު ކަމެއް ކަމަށް ނިއު ޖާޒީގެ ޕްރިންސްޓަން ސައިކޯތެރަޕީ ސެންޓަރުގެ ކްލިނިކަލް ސައިކޮލޮޖިސްޓް މެލިސާ ގްރީންބާގް ވިދާޅުވިއެވެ.
މިކަން ބަދަލުކުކުރުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި، ގްރީންބާގް ލަފާދެއްވަނީ ފޮތް ކިޔާ ގްރޫޕުތަކުގައި ބައިވެރިވުން، ކަސްރަތު ކްލާސްތަކަށް ދިއުން، ނުވަތަ އެކި ކަހަލަ ހުނަރު ދަސްކޮށްދޭ ކްލާސްތަކުގައި ބައިވެރިވުމަށެވެ. މީގެ އިތުރުން ދީނީ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް ކުރެވިދާނެ ކަމެކެވެ.
އެންމެ މުހިންމު ކަމަކީ، ބޭރަށްދާއިރު ފޯނާއި ދުރުވުމެވެ. ފޯނަށް ގެއްލިފައި ހުންނަ ނަމަ، ކައިރީގައި ތިބޭ މީހުންނާ ގުޅުން އުފެއްދުމަށް ހުރަސް އެޅޭނެއެވެ.
އެކުވެރިކަން ދެމެހެއްޓުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގްރީންބާގް ގަބޫލެއް ނުކުރައްވައެވެ. ނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރާނަމަ، އެހެން މީހުންގެ ޕޯސްޓުތަކަށް ކޮމެންޓުކޮށް، މެސެޖުކޮށް، އަމަލީ ގޮތުން ބައިވެރިވުމަކީ ހަމައެކަނި ޕޯސްޓުތައް ބަލަމުން ދިއުމަށްވުރެ ރަނގަޅު ގޮތެކެވެ.
ސޯޝަލް މީޑިއާގައި ހަމައެކަނި މީހުން ކުރާ ކަންތައްތައް ބަލަމުން ދިއުމަކީ ނަފްސާނީ ބަލިމަޑުކަމާއި ހާސްކަމަށް މަގުފަހިވާ ކަމެކެވެ.
ޑރ. ޕްރިމެކް ލަފާދެއްވަނީ ސޯޝަލް މީޑިއާ ބޭނުންކުރާއިރު، ތިމާ މުއާމަލާތް ކުރަނީ ކޮން ބަޔަކާކަމާއި، އެ ގުޅުންތަކަކީ ތިމާއަށް މުހިންމު ގުޅުންތަކެއްތޯ ވިސްނާލުމަށެވެ.
ދިރާސާތަކުން ކަށަވަރުކޮށްދޭ ހަގީގަތަކީ، އެކަނިވެރިކަމުން ދުރުވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކާ ދުރުވެ، އަމަލީ ގޮތުން މީހުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމެވެ.