އިޤުރާރުވީމޭ ލޯބިން - 49

އިޤުރާރުވީމޭ ލޯބިން -

އެކަން އެނގުނު އައިރާގެ ހިތުގެ ހިނގުން އިންތިހާއަށް ބާރުވެގެން ދިޔައިރު، މުޅި މީހާގެ ހަށިގަނޑުގައި ފިނިފިނި ރާޅެއް ދައުރުކޮށްލިއެވެ.

އައިރާއަށް އަންނަމުން ދިޔަ ބަދަލުތައް ދެނެގަތުމަކީ ޒަހްރާނަށް މާ އުނދަގޫކަމަކަށް ނުވިއެވެ. އެ ބަދަލުތައް ފަހުމްވާކަށް ކޮންމެހެން އައިރާގެ މޫނަށް ބަލައިލާކަށް ނުޖެހުނެވެ.

އައިރާއަށް އޭނާގެ މެއާ ދިމާލުގައި އަތް ހުރަސްކޮށްލެވުނެވެ. ބޭރުވަމުން ދިޔަ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމަށްޓަކައި އެވަގުތު ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ބޭކާރުވެގެން ދާން ފަށައިފިއެވެ. ފުރަގުން އައިރާގެ އަތުގައި ޒަހްރާން ހިފަހައްޓައިލިއެވެ. އެއަށްފަހު އޭނާ ލޯ މަރައިލިއެވެ. އައިރާގެ ގައިގައި ފުރަގަހުން ބައްދައިލުމަށް ފަހު، އައިރާގެ ކަންފަތް ދޮށުގައި ޒަހްރާން ވާހަކަ ދެއްކިއެވެ.

"އައި ލަވްޔޫ ބޭބީ... ވަރަށްވަރަށް ލޯބިވޭ... މީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރޭ..." ޒަހްރާން ބުނެލިއެވެ. އޭނާގެ ދުލުން ނުކުންނަމުން ދިޔަ ކޮންމެ ލަފުޒަކާއެކު ދުލުން އިޤުރާރުވަމުން ދިޔައީ އެ ހިތުގައި އައިރާއާ މެދު އުފެދިފައިވާ ލޯތްބަށެވެ. އައިރާއަށްޓަކައި ޒަހްރާންގެ ހިތުގައި ޖަހަމުން ދިޔަ ވިންދުތަކުގެ ބާރުގަދަކަން އޭނާ އައިރާއަށް ބުނެދޭން ބޭނުންވިއެވެ. އެ ޖަޒުބާތުތަކާ ލޯބީގެ ފުންކަން ބަޔާންކޮށްދޭން ބޭނުންވިއެވެ.

ޒަހްރާން ދެކެ ލޯބިވާކަން އައިރާ ބަހާއި އަމަލުން ސާބިތުކޮށްދެމުން ދިޔައެވެ. އޭނާ ހުރީ ޒަހްރާންގެ ކޮންމެ ޢަމަލަކަށް މަރްޙަބާ ކިޔަން ތައްޔާރަށެވެ. އެހެންނަމަވެސް، ހިނދުކޮޅަކު ޒަހްރާން އެހެން ހުރުމަށްފަހު، ދުރުވެލައިފިއެވެ. އައިރާއަށް ފަސް އެނބުރި ބަލައިލެވުނެވެ. ޒަހްރާނަށް އައި ބަދަލު މާނަކުރަން ނުކުޅެދުނު ފަދައަކުން އެމޫނަށް ބަލަހައްޓައިގެން އައިރާއަށް ހުރެވުނެވެ.

"ނަމާދުކޮށްލަން ހިނގާ ދޯ..." އައިރާގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ދިނީ ޒަހްރާނެވެ. އެ ގުޅުމަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ގުޅުމަކަށް ހެދުމަށް ޒަހްރާން ހުރީ ބޭނުންވެފައެވެ. އެ މާތް ގުޅުމުގައި ބަރަކާތްލެއްވުން އެދި ﷲއަށް ދުޢާ ދަންނަވަން އޭނަ ބޭނުމެވެ. ޒަހްރާންގެ ވާހަކައިން އައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ބޯ ޖަހައިލިއެވެ.

އައިރާ ބުރުގާގައި ޖަހާފައިވާ ދަތިތައް ނައްޓައިލުމަށްފަހު، ޑްރެސިން ޓޭބަލް މޭޒުމަތީގައި ބަހައްޓައިލިއެވެ. އަދި އެއަށްފަހު ބުރުގާ ނެގިއެވެ. ޒަހްރާނަށް އައިރާ ބުރުގާ ނާޅާ ހުއްޓައި ފެނުނީ އަލަށެވެ. އޭނާއަށް ކަޅިވެސް ޖަހާ ނުލައި އައިރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ރީތިކަން އޭނާގެ ހިތާ ހަމައަށް ވާސިލްވެއްޖެއެވެ. ޒަހްރާން އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން، ފޮށި ނެގުމަށްފަހު، އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު، އޭގެތެރެއިން އައިރާ ލުމަށްޓަކައި ހެދުމަކާއި، ހަރުވާޅެއް ނެގިއެވެ. ތުވާލި ނެގުމަށްފަހު، ލައިޓްތައް ދިއްލައިލީ ފަސޭހައަކަށެވެ.

އޭނަ އައިރާއަށް ބަލައިލިއިރު، އައިރާ އުޅުނީ ހެދުމުގެ ފަހަތުގައި ހަރުކޮށްފައިވާ ޒިބު ކަހައިނުލެވިގެންނެވެ. ޒަހްރާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ގޮސް އައިރާގެ ގާތަށް ހުއްޓުނެވެ. ވެޑިން ޑްރެސްގެ ބަރުކަމާއި ބޮޑުކަމުން އޭގައި ނަމާދުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ޒަހްރާން މަޑުމަޑުން އޭނާގެ އަތް އުފުއްލައިލާފައި ޒިބުގައި އަތް ޖައްސައިލިއެވެ.

އައިރާއަށް ހެދުމުގެ ޒިބު ތިރިއަށް ކެހިގެން ދިޔަ އިޙްސާސާއެކު، ޒަހްރާންގެ އަތުގެ ބީހުން އިޙްސާސްވިއެވެ. ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ޒަހްރާން ދުރުވެލުމުން، އެންމެ ފުރަތަމަ ފާޚާނާއަށް ވަނީ އައިރާއެވެ. އޭނާ ނުކުތްއިރު ހުރީ އާދައިގެ ގޮޅިޖެހި ގަމީހަކާއި ގޮޅިޖެހި ހަރުވާޅެއްގައެވެ. ގަޔަށް ދޫކޮށް ހުރިނަމަވެސް، އާއްމުކޮށް ދިގުކޮށް ހެދުން ލާ އައިރާ އެ ގޮތަށް ފެނުމުން ޒަހްރާނަށް އައިރާގެ ފުށުން ތަފާތުތަކެއް ފާހަގަކުރެވުނެވެ. އައިރާއަށް ބަލައިލުމަށްފަހު، އޭނާ ގޮސް ވަނީ ފާޚާނާއަށެވެ.

ވުޟޫކޮށްލައިގެން ނުކުމެ، އޭނާ އައިރާއާއެކު ދެ ރަކުޢަތް ނަމާދެއް ކުރިއެވެ. އެ ދެމަފިރިންގެ ޙަޔާތް ބާއްޖަވެރިކުރެއްވުމަށް އެދި ދެމީހުން ވެސް ދުޢާކުރިއެވެ.

ޒަހްރާން އައިސް އައިރާގެ ކުރިމައްޗަށް ހުއްޓުނެވެ. މިރޭ އައިރާއާ އޭނާއާ ދެމެދު އެއްވެސް ހުރަހެއް ނެތެވެ. އެއީ އޭނާގެ އަނބިމީހާއެވެ. ދުނިޔެއިން ލިބުމަށް އެންމެ އެދުވުނު އަންހެން ކުއްޖާވެސް މެއެވެ. އުމުރު ދުވަހަށް އޭނާ އައިރާއަށް ހިމާޔަތާއި ލޯތްބާއި، ރައްކާތެރިކަން ދޭނެއެވެ. ޝަކުވާ ކުރާނެ ފުރުޞަތެއް ދުވަހަކު ނުދޭނެއެވެ. އައިރާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި ކޮންމެ ދުވަހަކުމެ އޭނާ ޢަމަލާއި ބަހުން ސާބިތުކޮށްދޭނެއެވެ. ޒަހްރާން މަޑުމަޑުން އައިރާގެ އަތުގައި ހިފަހައްޓައިލިއެވެ. އޭނާ ވަޢުދުވިއެވެ. އައިރާއަށް ލޯބި ދޭނެކަމުގައެވެ. ދުވަހަކު ވެސް އެ ހިތުގައި ނުޖައްސާނެކަމުގައެވެ. އައިރާއަކީ އޭނާގެ ހިތުގެ ވިންދެވެ. އެ މޭގެ ދިރުމެވެ. އަދި އެއީ އޭނާގެ ޙަޔާތުން އުފާވެރިކަން ވެސް މެއެވެ. ޒަހްރާން މަޑުމަޑުން އައިރާއާ ގާތްވެލިއެވެ.

ޒަހްރާންގެ ހޫނު ނޭވާތައް އޭނާގެ މޫނަށް އެޅިގެން ދިޔަ ހިނދު އައިރާއަށް ލޯ މަރައިލެވުނެވެ. އެއީ އޭނާ ޒަހްރާނަށް ދިން ދަޢުވަތެއްކަމުގައި ޒަހްރާނަށް ވެސް އެނގުނެވެ. އައިރާގެ ތުންފަތަށް ދިން ލޯބިވެތި ހަދިޔާއާއެކު، ދެ ހިތުގެ ތެޅުން ވެސް އިންތިހާއަށް ބާރުވެލިއެވެ. އައިރާ ވެސް ޒަހްރާނާ ދުރުވާކަށް ނޫޅުނެވެ. އޭނާއަށް ވެސް އެ އުފަލާއި ރާޙަތަށް އެދި ޒަހްރާނާ އިތުރަށް ގާތްވެވުނީއެވެ. ޒަހްރާންގެ އަތުގެ އިނގިލިތައް އައިރާގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލެވުނުއިރު، ފަން އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅިގަނޑު ނެއްޓިގެން ދިޔައެވެ.

ލޯބީގެ ހަޤީޤީ މާނައިގައި ދެހިތް ގުޅިގެން ހިނގައްޖެއެވެ. ހިތާ ރޫހަށް ލިބުނު ދިރުމާއެކު ދެހިތަށް ވެސް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ލޯބީގެ ލަފުޒުތައް ނޫނީ މިރޭ ދުލަކުން ނުނިކުމެއެވެ. އުމުރު ދުވަހަށް އެކީގައިވާނެކަމުގެ ވަޢުދާއެކު އުފާވެރިކަމަށް ދެމީހުން ވެސް މަރުޙަބާ ކިއެވެ.

*****

ޖެހިގެން އައި ދުވަހު އައިރާއާ ޒަހްރާނާ ދެމީހުން ފުރީ ރާއްޖޭން ބޭރަށެވެ. މާމުއި ހަނދުގެ އުފާ ހާސިލްކުރުމަށެވެ. އިންޑޮނޭޝިޔާގެ ބާލީގެ އެ ދަތުރަކީ ޒަހްރާން މާކުރިންސުރެ ރާވައިފައިވާ ދަތުރެކެވެ. އައިރާ ދާންބޭނުންވާ މަންޒިލްތަކުގެ ތެރެއިން އޭނާއަށް އެންމެކަމުދާ މަންޒިލަކަށް ފެނުނީ ބާލީއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ ދަތުރަކަށް ފަހު ބާލީގެ ޑެންޕަސަރ އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސިއިރު، ހުރީ މެންދުރު އެގާރަ ޖަހާބޮޑުވެފައެވެ. ދިގު ދަތުރަކަށް ވުމާއެކު ދެމީހުންގެ މޫނުމަތިން ވެސް ވަރުބަލިކަން ކޮންމެ ވެސް ވަރަކަށް ފެންނަމުން ދިޔައެވެ. ޓްރާންސިޓްކޮށްފައި ސިންގަޕޫރުގައި ވެސް އައްގަޑިއިރު މަޑުކުރަން ޖެހުނު ވިއްޔާއެވެ.

އެރައިވަލް އިން ނުކުމެވުނުއިރު، އެމީހުން ބަލައި ވޭނެއް އައިސްފައި އޮތެވެ. ވޭނަށް އެރުމަށްފަހު އައިރާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަޖެހިލުމާއެކު ވޭން ދުއްވައިލައިފިއެވެ. ޖަޓިވިލު ކިޔާ ފަރުބަދަ މަތީ ސަރަހައްދެއްގައި ހުރި ކޮޓެޖަށް އެމީހުންނަށް ދެވުނީ ގާތްގަނޑަކަށް ދެގަޑިއިރުގެ ދަތުރަކަށް ފަހުއެވެ. ފަރުބަދަ ތަކާއި އުސް ވާދީތަކުން ވަށައިލެވިފައިވާ އެ ސަރަހައްދުގެ ހިތްގައިމުކަމާއި ފުރިހަމަކަމުން އެ ޒުވާނުންނަށް ވެސް ވަށައިގެން ބެލެމުން ދިޔައެވެ. މޫސުން ރީތި ނަމަވެސް، މާހައުލުގައި ފިނިކަމެއް ހުއްޓެވެ. ޒަހްރާން ހޫޑީއެއްގައި ހުރިއިރު، އައިރާއާ ހުރީ ހެދުމުގެ މަތިން ބޯ ޖެކެޓެއް ލައިގެންނެވެ.

ދެ ފަންގިފިލާއަށް ނަގާފައިވާ ކޮޓެޖާ ހިސާބަށް ދިޔައިރު، އެމީހުންގެ އިންތިޒާރުގައި މީހަކު ހުއްޓެވެ. ތަޅުދަނޑި އާ އެއްޗެހި ހަވާލުކޮށްލުމަށްފަހު، އޭނާ ދިޔުމުން، ޒަހްރާނާ އައިރާއާ ދެމީހުން އެތެރެއަށް ވަދެ ހަމަޖެހިލިއެވެ. އައިރާ ގޮސް ބިއްލޫރި ބިތުގައި ދަމާލައިފައިވާ ކާރޓެއިންތައް ކައިލުމަށްފަހު، ބޭރު ބަލައިލިއެވެ. ވަށައިގެން ފެންނަނީ ފަރުބަދަ ތަކާއި އުސް ވާދީތަކެވެ. އެކި ދިމަދިމާލުގައި އަޅާފައިވާ ކޮޓެޖުތައް ވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. ގަސްތައް ގިނަ ހިސާބަކަށް ވުމުން ޤުދުރަތުގެ ފުރިހަކަ ޗާލުކަން ކިތަންމެހައި ވެސް ރީއްޗަކަށް ފެންނަމުން ދިޔައެވެ. އެ ހިތްގައިމު މަންޒަރަށް ގެއްލިފައި ހުއްޓާ ސިހުން ލިބުނީ ޒަހްރާން އައިސް އައިރާގެ ފުރަގަހުން ބައްދައިލުމުންނެވެ.

އޭނާ އައިރާގެ ކޮނޑުގައި ތުންފަތް ޖައްސައިލިއެވެ. އައިރާ ވެސް ޒަހްރާންގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

"ރީތި ދޯ..." އައިރާއަށް ބުނެވުނެވެ.

"އަހަރެންގެ އަންހެނުންނަށް ވުރެ ރީއްޗެއް ނޫން." ޒަހްރާން ބުނެލިއެވެ. އައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ޕްރެޝްވެލަން ބޭނުމީ..." ޒަހްރާން ދުރުވެލުމުން އައިރާ އޭނާއާ ދިމާލަށް އެނބުރުނެވެ. ވަކިން ކޮޓެޖަކަށް ދެމަފިރިން ދިޔައީ، ހަލަބޮލިކަމާ ދުރުގައި، ދެމީހުން އެކުގައި އެކަނި ވަގުތު ހޭދަކޮށްލަން ބޭނުންވާތީއެވެ. ރިސޯޓަކުން ދިޔައިއްޔާ މީހުން ފުދޭވަރަކަށް ގިނައިން އުޅޭނެއެވެ. ހޮޓެލަކަށް ދިޔަޔަސް ވާނީ އެއްގޮތެވެ.

"ފެންވަރާލައިގެން އެއްޗެއް ކާލަން އުޅޭނީ ދޯ." ޒަހްރާން ބުނެލިއެވެ. އައިރާ ބޯ ޖަހައިލުމުން، ފެންވަރައިލުމަށް ފޮނުވައިލުމަށްފަހު، ޒަހްރާން ގޮސް ވަނީ ބަދިގެ ބަޔަށެވެ. އޭރު، ކޮންމެވެސް ވަރަކަށް ކާއެއްޗެހި ބަހައްޓާފައި ހުއްޓެވެ. ތަރުކާރީ އާ މޭވާ ގެ އިތުރުން ދެން ހުރީ ކޮފީއެވެ. މޭވާތައް ތާޒާކަމުން އެއީ މިއަދު ގެނައި އެއްޗެހިކަން ދޭހަވެއެވެ.

އައިރާ ނުކުންނަން ވާއިރަށް ޒަހްރާން ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަން ބޭނުންވިއެވެ. އެތަނުގައި ހުރި އެއްޗެހިތަކަށް ރަނގަޅަށް ބަލައިލުމަށްފަހު ޒަހްރާން އެންމެ ފުރަތަމަ ނެގީ އޭނާގެ ފޯނެވެ. އެއަށްފަހު އިންޓަރނެޓް ހުޅުވާލައިފައި ގޭގައި ހުރި އެއްޗެހި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ކާއެއްޗެއް އޭނާ ހޯދިއެވެ. ހިތްހަމަޖެހޭ ރެސިޕީއެއް ފެނުމުން އެތަނުން ނެގި އޭޕްރަން އަޅައިލުމަށްފަހު، ތަރުކާރީތައް ކޮށަން ފެށިއެވެ. އެއަށްފަހު، އުނދުން މައްޗަށް ތެއްޔެއް އުދާ، އޭނާ ކައްކަން ފެށިއެވެ.

ޒަހްރާން ކެއްކުމުގައި އުޅެނިކޮށް އައިރާ އަތުވެއްޖެއެވެ. އޭނާ ހުރީ ގޭގައި އާއްމުކޮށް ލާ އުޅޭ ކަހަލަ ގަމީހަކާއި ހަރުވާޅެއްގައެވެ. ބޮލުގައި ތުވާލި އޮޅާލައިގެން އައިސް އޭނާ މަޑުކޮށްލިއެވެ.

"ޒަހްރާން، ކޯންޗެއްތަ ތި ކައްކަނީ؟" އައިރާ ސުވާލުކޮށްލިއެވެ.

"މިތާ އިށީނދެބަލަ. ކެއްކީމަ އެނގޭނެ. ވަރަށް ތަފާތު ރެސިޕީއެކޭ..." ޒަހްރާން ބުނެލިއެވެ. އެއަށްފަހު، އޭނާ އައިރާ ގެންގޮސް ގޮނޑިއެއްގައި ބެއިންދިއެވެ.

"ވަރަށް މަދު އެއްޗެހި ހުރީ. ބައެއް އެއްޗެހި ގަންނަން ސުޕަމާޓަކަށް ދާންވާނެ ދޯ.. އޭރުން ކެއްކޭނީ..." ޒަހްރާން ބުނެލިއެވެ. "މި ވަގުތަށް މިގޮތަށް ދެން ފުއްދައިލާނީ..."

ޒަހްރާންގެ ހަރަކާތްތަކަށް ބަލަން އިން އައިރާގެ ތުންފަތް މަތިން އެންމެ ހިނދުކޮޅަކު ވެސް ހިނިތުންވުން ފަނޑެއް ނުވެއެވެ. މީހަކު އޭނަ އުފާކޮށްދިނުމަށް ދުވަހަކު ވެސް އެހާ މަސައްކަތެއް ކޮށްދީފައެއް ނުވެއެވެ. ދެލޯ ފެންކަޅިވާގޮތްވި ނަމަވެސް، އައިރާ އޭނާގެ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވައިލިއެވެ.

ޒަހްރާން އެ މަސައްކަތްކޮށް ނިންމައިލާފައި، ދެ ތައްތަށް ސޫޕް އަޅައިލިއެވެ. އެއަށްފަހު، އޭނާ އެ އެއްޗެހި ގެނެސް މޭޒުމަތީގައި ބަހައްޓައިލިއެވެ.

"ކޮފީއެއް ބޭނުންތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ. އައިރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލަމުން ގޮނޑިން ތެދުވެލަން އުޅުނެވެ.

"ކިހިނެއްވީ؟ އައިރާ އިނދެބަލަ. ކީއްކޮށްދޭންވީ؟" އައިރާގެ ކޮނޑުގައި ހިފާ އޭނާ ބެއިންދުމަށްފަހު ޒަހްރާން ވާހަކަ ދެއްކިއެވެ.

"ފެން..." އައިރާ ބުނެލިއެވެ.

ޒަހްރާން ތައްޓަކަށް ފެން އަޅައިލަ ދިނުމަށްފަހު، އައިރާއަށް ދިއްކޮށްލިއެވެ. އެއަށްފަހު، އޭނާއަށް ކޮފީއެއް ތައްޔާރުކޮށްގެން އައިސް އިށީނެވެ.

"ރަހަ ބަލާބަ..." ޒަހްރާން ހިނީ ހިނިތުންވެލައިގެންނެވެ. ކެއްކުމަކީ އޭނާ މާ ގިނައިން ކުރާކަމެއް ނޫނެވެ. ރާއްޖޭން ބޭރުގައި އުޅުނު ދުވަސްތަކުގައި ވެސް ގިނައިން ކެވެނީ ބޭރުންނެވެ. ހެދިޔަސް ހެދެނީ ޕާސްތާއާއި ނޫޑްލީސްއެވެ. އެވެސް ހާލަކުންނެވެ.

"ވަރަށް މީރު..." އައިރާ ބުނެލިއެވެ. ޒަހްރާން ހީނލިއެވެ. އޭނާ ވެސް ސޫޕް ބޮއިލިއެވެ. ގޯހެއް ނޫނެވެ. ހަމަ މީރެވެ.

"މަސް ނެތީމަ ދޯ. މަސްދަޅުކޮޅެއް އަޅައިލެވުނު ނަމަ އަދި ވަރަށް މީރުވާނެ.'" ޒަހްރާން ބުނެލިއެވެ.

"މިހާރުވެސް އޯކޭއޭ..." އައިރާ ބުންޏެވެ.

ކައިގެން ތަށިތައް ދޮވެފައި ދެމަފިރިން ގޮސް ވަނީ ކޮޓަރިއަށެވެ. އަރާމުކޮށްލުމަށެވެ.

*****

ޖެހިގެން އައި ދުވަހެވެ. އައިރާ މޯޅިއަކަށް ދެމިލަމުން ލޯ ހުޅުވައިލާ ބަލައިލިއިރު، ޒަހްރާން ފެންނާކަށް ނެތެވެ. ހޭވިފައިވާ އިސްތަށިގަނޑު ނަގާ ހުޅިއަކަށް ޖަހާލަމުން އާފުރެމުން އޭނާ ތެދުވެލިއެވެ. ބެލްކަނީގެ ދޮރު ފޮތިތައް ނަށަމުން ދިޔަ ތަން ފެނުމާއެކު ދޮރު ހުރީ ހުޅުވާފައިކަން އައިރާއަށް އެނގިއްޖެއެވެ. އޭނާ އެނދުން ތެދުވެގެން ގޮސް ފަރުދާތައް ކަހައިލިއެވެ. އެއާއެކު ދޮރު ހުޅުވައިގެން ބޭރު ބެލްކަނީގައި ހުރި ޒަހްރާން ލޮލުގައި އަޅައިގަނެއްޖެއެވެ.

"ޒަހްރާން..." އައިރާ ގޮވައިލިއެވެ. ޒަހްރާން އެނބުރިލިއެވެ. އޭނާ ދެއަތް ފުޅާކޮށްލުމުން އައިރާ އައިސް އެ އަތުގެ ތެރެއަށް ވަނެވެ.

"ކޮންކަމެއްތަ މިއަދު އޮތީ؟" އައިރާ ސުވާލުކޮށްލިއެވެ.

"ސޮޕިންއަކަށް ދާނީ ދޯ. ތަންކޮޅެއް ދުރުގަ ސުޕަމާރޓް ހުންނަނީ ވެސް. އެއްޗެހި ގަންނަން ޖެހޭނެތާ. އޭރުންނެއްނު ކެއްކޭނީ ރަނގަޅަށް. ދެން ހަވީރުން ޕާކަކަށް ދާން މި ގަސްތުކުރަނީ." ޒަހްރާން އައިރާގެ ޚިޔާލެއް ހޯދަން ބޭނުންވިއެވެ.

"ރަނގަޅުވާނެ." އައިރާ ބުނެލިއެވެ. އޭނަ ހިނިތުންވެލިއެވެ.

"އަހަރެން ހާދަ ލޯބިވެޔޭ..." އެވަގުތު ކޮޅު ވެސް ޒަހްރާން ބުނެލިއެވެ. އައިރާ ވެސް އޭނާ ލޯބިވާކަން ހާމަކޮށްލިއެވެ.

ފެންވަރައިލައިގެން ދެމީހުން ވެސް ދިޔައީ ސުޕަރމާޓަށެވެ. ބޭނުންވާ ސާމާނުތައް ގަނެގެން ގެއަށް އައިސް ރަނގަޅަށް ކައްކައިގެން ކެއެވެ. އެއަށްފަހު ނަމާދުކޮށްލާ، އަރާމުކޮށްލިއެވެ. ބޭރަށް ދާން އެމީހުން ނުކުތީ، ހަވީރު އަތަށް އެޅިފަހުންނެވެ. އަވި ނިވާލާފައި އޮތުމުގެ ސަބަބުންނާ ހަވީރުގެ ވަގުތަށް ވުމާއެކު ފިނިކަން ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"ފިނިވަނީތަ؟" ޒަހްރާން ބުނެލިއެވެ.

"ނޫން. އޯކޭ..." ޖެކެޓުގެ ޖީބަށް އަތް ޖަހައިލަމުން އައިރާ ބުނެލިއެވެ. ޒަހްރާން އައިރާގެ އުނަގަނޑުގައި ހިފާ އޭނާއާ ގާތަށް ދަމައިލިއެވެ. އެއަށްފަހު އޭނާ އައިރާގެ ކަންފަތް ދޮށުގައި ލާނެތް ޖުމްލައެއް ބުނެލިއެވެ. އައިރާގެ މޫނު ލަދުން ރަތްވިއެވެ. ލަދުގަތުމުން އައިރާ ވަކިން ރީއްޗެވެ. އެކަން މަޖާވެ ޒަހްރާން އަނެއްކާވެސް އައިރާ އިތުރަށް ލަދުގަންނުވާލައިފިއެވެ.

އެމީހުން ކުއްޔަށް ނަގާފައިވާ، ކާރަށް އެރުމާއެކު ކާރު ދުއްވާލައިފިއެވެ. ގާތްގަނޑަކަށް ފަނަރަ މިނެޓަށްފަހު، ފެހި ރުއްތަކާއި ގަސްތަކުން ފުރިފައިވާ ހިތްގައިމު ސަރަހައްދަކަށް އާދެވިއްޖެއެވެ. ކާރުން ފޭބުމަށްފަހު، ޒަހްރާން އައިރާއަށް އަތް ދިއްކޮށްލިއެވެ. އައިރާ ފޭބިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގައި ފިނިކަން ވިޔެއްކަމަކު އެކަމުން ހަށިގަނޑަށް ލިބެނީ އަރާމެކެވެ. ދެ ޒުވާނުން އަތު ގުޅުވާލައިގެން ތިބެ، އެ ފެހި ވާދީތެރެއަށް ހިގައިގަތެވެ. ގަސްތަކާއި، ވިނަތަކުގެ ފެހިކަން ސާލެއްހެން ދުރަށް ފެތުރިފައިވާ އިރު އެ މާހައުލުގެ ހިތްގައިމުކަން އިތުރުކޮށްދެނީ، ދުރު ދުރުން ފެންނަމުން ދިޔަ ފަރުބަދަތަކުގެ ސަބަބުންނެވެ. ދެފަރާތުގައި ވާ ގަސްތަކުގެ މެދުގައި ހިނގަން ހަދާފައިވާ ހަނި މަގުން ދެ ޒުވާނުން ހިނގަމުންދިޔަ އިރު، ހިތްހަމަޖެހުމާއި އުފާވެރިކަމުން އެ ދެމަފިރިންގެ ދުނިޔެވަނީ އުޖާލާވެފައެވެ.

ބާލީގައި ހޭދަކުރެވުނު ދެ ހަތްފާއަކީ އެ ދެމަފިރިންގެ ގުޅުން ބަދަހިވެގެން ދިޔަ ދެ ހަފްތާއެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރު ވަރުގަދަވެގެން ދިޔައެވެ. ލޯބީގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމައަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު އައިރާއަށް ލިބިގެން ހިނގައްޖެއެވެ. މާޒީގެ ހިތިކަން އޭނާގެ އަރުތެރެއިން ފިލައިފިއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މާތައް ލޯބީގެ މާ ބަގީޗާގައި ފޮޅެން ފަށައިފިއެވެ. ބޭނުންވި ފަދަ ލޯތްބެއް ލިބިއްޖެއެވެ. ޒަހްރާންގެ ކޮންމެ، އަމަލަކާއި ބަހަކުން ވެސް އޭނާއަށް އިޙްސާސްވަނީ އޭނަ ދެކެވާ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އޭނާއަށްޓައި ޒަހްރާން ބަދަލުވެފައިވާ މިންވަރު ފެނި އައިރާ އުފާވެއެވެ. ޚުދު އޭނާވެސް މަސައްކަތްކުރަމުން އެ ދަނީ ޒަހްރާނެކޭ އެއްގޮތަށް ޒަހްރާން ދެކެ އޭނާ ވާ ލޯބި ހާމަކުރުމަށެވެ. އެ އުފާވެރިކަމަށް ނިމުމެއް ނައުމަކީ މިހާރު އައިރާގެ އުންމީދެވެ. ކުރެވޭ ދުޢާއަކީ ފިރިމީހާއާއެކު އުމުރު ދުވަހު އެކުގައި ވުމެވެ.

ޒަހްރާން އައިރާއަށް ވެފައިވާ ވަޢުދުގެ މަތީގައި އެ ގުޅުން ބިނާކުރުމަށް މަސައްކަތްކުރަމުން ދިޔައެވެ. އައިރާގެ އިތުބާރު ގެއްލިގެންދާ ފަދަ ކަމެއް ނުކުރާނެކަމަށް ތަކުރާރުކޮށް ބުނެއެވެ. އެއިން ކޮންމެ ފަހަރަކު ލޯބިވާ ވާހަކަ ވެސް ހާމަކޮށްލައެވެ.

*****

ރޭގަނޑެކެވެ. ރިހާމް އެނދުގައި އިށީނދެލައިގެން ދިނެވެ.

"ދާނިޔާ..." ފާޚާނައިގައި ހުރި ދާނިޔާ ލަސްވާން ފެށުމުން އޭނާ ދާނިޔާއަށް ގޮވައިލިއެވެ. އެނދުން ތެދުވެލަން އުޅުނު ވަގުތު ދާނިޔާ ފާޚާނައިގެ ދޮރު ހުޅުވައިލާފައި ނުކުމެއްޖެއެވެ. ރިހާމްއަށް ކޮޅަށް ތެދުވެވުނެވެ. އިސްޖަހާލައިގެން ހުރެ އައިސް ރިހާމްގެ ގާތުގައި ހުއްޓުމަށް ފަހު، ދާނިޔާ އޭނާގެ އަތުގައި އޮތް ޕްރެގްނެންސީ ކިޓު ދައްކައިލިއެވެ.

(ނުނިމޭ)

ޒަހްރާން އާއި އައިރާގެ އަލަތު ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން އެކުގައި ނަމާދުކޮށް، الله އަށް ދުޢާދަންނަވައި، އެކަކު އަނެކަކަށް ލޯތްބާއި ރައްކާތެރިކަން ދިނުމަށް ވަޢުދުވެއެވެ. އޭގެ ފަހުން، ހަނީމޫން ހޭދަކުރުމަށް އިންޑޮނޭޝިއާގެ ބާލީއަށް ގޮސް، ފަރުބަދަމަތީގެ ހިތްގައިމު މާޙައުލެއްގައި އުފާވެރި ދުވަސްތަކެއް ހޭދަކުރެއެވެ. މި ދަތުރުގެ ސަބަބުން އައިރާގެ މާޒީގެ ހިތްދަތިކަން ފިލައި، ދެމީހުންގެ ދެމެދުގައިވާ އިތުބާރާއި ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެގެންދެއެވެ.

  • ކައިވެނީގެ ފުރަތަމަ ރޭ ނަމާދުކޮށް الله ގެ ކިބައިން ބަރަކާތަށް އެދުން.
  • ހަނީމޫނަށް ބާލީއަށް ގޮސް، ފަރުބަދަމަތީގެ ހިތްގައިމު ކޮޓެޖެއްގައި މަޑުކުރުން.
  • ޒަހްރާން އަމިއްލައަށް ކައްކައި، އައިރާއަށް ޚާއްޞަ ސަމާލުކަމެއް ދީ، އޯގާތެރިކަން ސާބިތުކޮށްދިނުން.
  • ދެ ހަފުތާގެ މި ދަތުރުގައި އައިރާގެ އިތުބާރު ބޮޑުވެ، މާޒީގެ ހިތްދަތިކަމުން މިންޖުވުން.
  • ރިހާމް އާއި ދާނިޔާގެ ދިރިއުޅުމަށް އައު އުފާވެރިކަމެއް އައިސް، ދާނިޔާ ބަލިވެއިންކަން ކަށަވަރުވުން.
  • އައު ދިރިއުޅުމެއް ފެށުމުގައި ދީނީ ކަންކަމަށް އިސްކަންދިނުން.
  • އޯގާތެރިކަމާއި ލޯތްބަކީ ނަފްސާނީ އަނިޔާތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާކަން ދެނެގަތުން.
  • އިތުބާރާއި ވަފާތެރިކަމުގެ މައްޗަށް ކައިވެނީގެ ގުޅުން ބިނާކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު