ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އުމުރުފުޅުން 74 އަހަރުގައި ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެމަނިކުފާނަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގަތަރުގެ އަމީރުކަން ކުރެއްވި ބޭފުޅެކެވެ. އެ މުއްދަތުގެ ތެރޭގައި ގަތަރު ވަނީ އިގުތިސާދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ޚާއްޞަކޮށް ގުދުރަތީ ގޭހުގެ ވިޔަފާރި ފުޅާކުރައްވައި، ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމަށް ގަތަރު ބަދަލުކޮށްލެއްވުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ގަތަރުގެ އަމީރާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބައްދަލުވުމުގައި ރައީސް ވަނީ، ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި ގަތަރުގެ އަމީރު ވަނީ، ދިވެހިރާއްޖެއިން ބެހެއްޓެވި ގާތްކަމަށާއި ދެއްވި ތައުޒިޔާގެ މެސެޖަށް ޝުކުރު އަދާކުރައްވާފައެވެ.
ގަތަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައެވެ. މީގެ ތެރޭގައި، ގަތަރު އެއާވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީ ގަމުގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1998 ވަނަ އަހަރު ހުޅުވި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި މިހާރުވެސް 806 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، 67 އަށްވުރެ ގިނަ މުދައްރިސުން އެތަނުގައި މަސައްކަތްކުރެއެވެ. މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގަތަރުން ކޮށްދީފައިވާ ވަރަށް އަގުހުރި މަސައްކަތެކެވެ. ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. އެއަށްފަހު، ގަތަރަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާއާއި، އިސްލާމީ ވަންތަކަން ކުރިއެރުވުމުގައި ގަތަރުގެ އެހީތެރިކަން ރާއްޖެއަށް ވަނީ ލިބިފައެވެ.
މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، 2025 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ގަތަރުގައި ރާއްޖޭގެ އެމްބަސީއެއްވެސް ގާއިމުކޮށްފައެވެ.