އިންޑިއާގެ އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔަޝްވަރްދަން އަހޫޖާ ބޮލީވުޑަށް ތައާރަފްވާ ފިލްމުން، މަންމަ ސުނީތާ އަހޫޖާ ވެސް ފިލްމީ ދާއިރާއަށް ތައާރަފްވާނެކަން އިއުލާނުކޮށްފިއެވެ.
ގޯވިންދާގެ އަންހެނުން އަދި ދަރިފުޅު ޔަޝް ބޮލީވުޑަށް ތައާރަފްވާ ފިލްމަކީ، ކާމިޔާބު ޕްރޮޑިއުސަރު އެކްތާ ކަޕޫރު އުފައްދާ ފިލްމެކެވެ. ފިލްމުގައި ސުނީތާ ފެންނާނީ ހަގީގީ ދިރިއުޅުމެކޭ އެއްގޮތަށް ޔަޝްގެ މަންމަގެ ރޯލްއިންނެވެ.
އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި ސުނީތާ ހާމަކުރި ގޮތުގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުތެރޭއެވެ. އަދި މި ފިލްމުގައި އޭނާ އަދާކުރާނީ ޔަޝްގެ މަންމަގެ ރޯލުކަން ސުނީތާ ވަނީ ކަށަވަރުކޮށްދީފައެވެ.
ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން ސުނީތާ ބުނީ، އެއީ އޭނާ ވަރަށް އިހުތިރާމްކުރާ އަދި ލޯބިވާ ފިލްމު އުފެއްދުންތެރިއެއް ކަމަށެވެ. ސުނީތާ ދާދިފަހުން ބައިވެރިވި ނެޓްފްލިކްސްގެ ރިއަލިޓީ ޝޯ "ލޮކްއަޕް"އިން ވެސް ފުރުސަތު ލިބުނީ އެކްތާގެ ސަބަބުން ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

ސުނީތާ ދަރިފުޅު ޔަޝްއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
މި ފިލްމަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަންމަ އާއި ދަރިފުޅު އެކީގައި އެކްޓިންގް ދާއިރާއަށް ނުކުންނަ ފުރަތަމަ ފަހަރަށް ވެދާނެ ކަމަށް ބުނަމުން، ދަރިފުޅު ޔަޝްއަށް އާންމުންގެ ލޯތްބާއި ހެޔޮ ދުއާ ދިނުމަށް ސުނީތާ ވަނީ އެދިފައެވެ.
ސުނީތާ އާއި ގޯވިންދާގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ދޮށީ ދަރިފުޅު ޓީނާ ވެސް ވަނީ ފިލްމީ ދާއިރާއަށް ތައާރަފްވެފައެވެ. ޓީނާ ބޮލީވުޑަށް ތައާރަފްވީ 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމި "ސެކަންޑް ހޭންޑް ހަޒްބަންޑް"އިންނެވެ. ނަމަވެސް ޓީނާއަށް ބެލުންތެރިންގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިިފައެއް ނުވެއެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވަމުން އަންނަ އެކްޓަރު ގޯވިންދާ އަކީ، 90އިގެ އަހަރުތަކުގެތެރޭ އިންޑިއާގެ ސިނަމާގައި އެންމެ ވިދާލި އެއް އެކްޓަރެވެ.
އެހެންކަމުން ގޯވިންދާ ފިލްމުތަކުން ދެއްކި ޖާދޫ ދަރިފުޅު ޔަޝްއަށް ދެއްކިދާނެތޯ ގިނަބަޔަކު ވަނީ ސުވާލުއުފައްދާފައެވެ. ގޯވިންދާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރަންގީލާ ރާޖާ"އިންނެވެ. ރިޕޯޓުތައް ބުނާގޮތުން އެކްޓަރު އަންނަނީ އަމިއްލައަށް ޕްރޮޑިއުސްކުރާ ފިލްމަކުން އެނބުރި ފިލްމީ ދާއިރާއާ އަލުން ގުޅެން ތައްޔާރުވަމުންނެވެ.