އާގިސާ ބޯ ޖަހައިލިއެވެ. އާމިނަތު އިށީނުމަށް ސޯފާ ދައްކާފައި، އޭނާ ގޮސް ވަނީ ބަދިގެއަށެވެ. ސިންކު ކައިރީގައި ހުރިއިރު، އާގިސާއަށް ވިސްނުނީ ދެން ހަދާނެ ގޮތަކާއި މެދުގައެވެ. އާމިނަތުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އާމިނަތުގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން އޭނާއަށް ހަގީގަތް ނޭނގޭކަން އާގިސާއަށް އެނގުނެވެ. އަނެއްކޮޅުން އެ ނާޒުކު ވަގުތުގައި އިޒީ ނުކުމެދާނެތީވެސް އާގިސާ ކަންބޮޑުވިއެވެ.

********

"ކޮބާތަ އަހަރެންގެ ދަރިފުޅު ކައިވެނި ކުރަންއުޅޭ ކުއްޖާ؟... ގޭގަ އެބަ އުޅޭތަ؟..." އާގިސާ ދިއްކޮށްލި ޖޫސްތަށީގައި ހިފަމުން އާމިނަތު ސުވާލުކޮށްލިއެވެ.

"އިޒީ...އިޒީ ވީ....." ދޭނެ ޖަވާބެއް އާގިސާއަކަށް ނޭނގުނެވެ.

އިޒީގެ ވާހަކަ ބުނަން އާގިސާ ޖެހިލުންވީ ސަބަބެއް ނެތިއެއް ނޫނެވެ. އާމިނަތުގެ ކުރިމައްޗަށް އަރަން އެ ކުއްޖާއަށް ކިހާ އުނދަގޫ ވާނެކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އޭނާއެވެ. އަނެއްކޮޅުން، އިޒީއަށާއި އޭނާގެ އާއިލާއަށް އާމިނަތުގެ ހިތް ގޯސްވާފަދަ ސަބަބެއް މާޒީގައި ވެއެވެ. އެ މާޒީ، އެ ދެ އާއިލާ ގުޅުމަށް ފުރުސަތެއް ނުދޭނެއެވެ. އިޒީއަކީ ކާކު ކަން އެނގޭ ހިސާބުން، އާމިނަތު އިޒީއަށް ނަފުރަތު ކުރާނެއެވެ.

"އިށީންނަންވީނު..." އާގިސާ ކޮޅަށް ހުރިތަން ފެނުމުން، އާމިނަތު އެދުނެވެ. "ދެން މިހާރު ދުރު މީހުންނެއް ނޫންތާ... އިށީނދެބަލަ..."

އާގިސާ ދެފިކުރެއްގައި ހުރެފައި ސޯފާގައި އިށީނެވެ. އިޒީ ކޮޓަރިން ނުކުމެދާނެތީ އޭނާއަށް އިރުއިރުކޮޅުން ކޮޓަރި އާއި ދިމާއަށް ބަލައިލެވެއެވެ.

"ސަކަރާތް ގަޑިއެއްގަ ދޯ މި އާދެވުނީ..." އާގިސާގެ ހާސްކަން އާމިނަތަކަށް ސިއްރެއް ނުވިއެވެ. "އެ މަންޖެއާ ބައްދަލުކޮށްލާ ހިތުން ޔައިލް ކައިރީ ކިޔާކިޔާ އަޅާނުލީމަ މިއައީ... ހަވީރުގަޑިވީމަ ހީކުރީ ގޭގަ އުޅޭނެކަމަށް... އެކަމަކު ގޭގަ ނޫޅޭ ގަޑިއެއްގަ ދޯ މި އާދެވުނީ..."

"ކައިވެންޏާ ބެހޭގޮތުން ޔައިލް އެއްވެސް ވާހަކައެއް ނުބުނޭތަ؟...." އާމިނަތު ކަނު އަނދިރީގައި ބަހައްޓަން އާގިސާގެ ހިތެއް ނުރުހުނެވެ.

ޔައިލް އަދިވެސް އޭނާގެ މަންމައަށް ހަގީގަތް ހާމަނުކުރާކަން އެނގުމުން، އާގިސާ ހިތްހަމަނުޖެހުނެވެ. އާގިސާ ހީކުރީ ޔައިލްއަކީ ހަރުދަނާ ކުއްޖެއް ކަމަށެވެ.

"ކައިވެނީގެ ކޮން ވާހަކައެއް؟..." އާމިނަތުގެ މޫނުން ނުތަނަވަސްކަން ފެނިގެން ދިޔައެވެ.

"ކައިވެނި މިހާރު...." އާގިސާގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ.

އާގިސާ ދޮރު ހުޅުވައިލީއިރު، ދޮރުމަތީގައި ހުރީ ޔައިލްއެވެ. އާގިސާގެ މޫނު ކުރިއަށްވުރެ ބަނަވިއެވެ.

"މަންމަ އެބައިންތަ؟..." ގޭތެރެއަށް ނަޒަރު ހިންގައިލަމުން ޔައިލް އަހައިލިއެވެ.

އާގިސާ ވީހާވެސް ބޮޑަށް ދޮރު ހުޅުވައިލިއެވެ. ސޯފާގައި އިން އާމިނަތު ފެނުމުން، ޔައިލްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

އާމިނަތަށް ފެނުމުގެ ކުރިން، އާގިސާ ގެއިން ބޭރަށް ނުކުމެ، ދޮރު ލައްޕައިލިއެވެ. އޭނާ ބޭނުންވީ އާމިނަތުގެ ކައިރިއަށް ދިޔުމުގެ ކުރިން، ޔައިލް އާއި ވާހަކަ ދައްކާށެވެ. ވިސްނައިދޭށެވެ. ކަންތައް ވީގޮތުން އާގިސާ ހުރީ ޔައިލްދެކެ ހިތްހަމަނުޖެހިފައެވެ. ޔައިލް އޮޅުވައިލީ ހަމައެކަނި އިޒީއަކަށް ނޫނެވެ. އޭނާގެ އަމިއްލަ އާއިލާވެސް ތިބީ ކަނު އަނދިރީގައެވެ.

"މަންމަ... އެ އައީ..." ޔައިލްއަށް ޖެހުނީ އޭނާގެ ޖުމުލަ މެދުކަނޑައިލާށެވެ.

އާގިސާއަށް ކުރިމަތިލާން ޔައިލްއަށް އުނދަގޫވިއެވެ. އެންމެ ފުރަތަމަ ދުވަހު އާގިސާގެ މޫނުން ފެނުނު އޯގާތެރިކަން މިއަދު އެ މޫނުން ފެންނާކަށް ނެތެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާގިސާ އޭނާއަށް ކުރި އިތުބާރު ގެއްލުނީއެވެ. އެ ހުރިހާ ކަމަކާއި ކުރިން ވިސްނައިނުލެވުމުން، ޔައިލްއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

"ޔައިލް ތިކުރަނީ ވަރަށް ގޯސް ކަމެއް..." ޔައިލްގެ ޖުމުލަ މެދުކަނޑައިލަމުން އާގިސާ ބުންޏެވެ. "އަމިއްލަ މައިމީހާއަށްވެސް އޮޅުވާލެވެނީއޭ ތި..."

"އަހަރެން... ގަސްދުގަ ނޫން..." ޔައިލް އިސްޖަހައިލިއެވެ.

ހަގީގަތް ހާމަކުރަން ޔައިލްއަށް ކިހާ އުނދަގޫކަން އާގިސާއަށް ވިސްނޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. ދެކޮޅުން ފިތި ބާރުވަމުން ދަނީ ޔައިލްއެވެ.

"އަހަރެން ހީކުރީ ޔައިލް ތީ ވަރަށް ވިސްނޭ މީހެއް ކަމަށް...." އާގިސާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"އެނގޭތަ އަހަރެންގެ އިޒީގެ ހާލު؟... އެކުއްޖާގެ މައްސަލައަކީ ދުނިޔޭގަ ހުރުން ކަމަށްވަންޏާ، ޔައިލް އެ ކުއްޖާ ދިރުން ނެތް މަސްގަނޑަކަށް ހަދައިފި..." އާގިސާގެ އަޑު ކުރެހުނެވެ.

ވާހަކަ ދައްކަން އުނދަގޫވުމުން އާގިސާ ހުއްޓައިލިއެވެ. އިސްޖަހައިގެން ހުރިއިރު، ޔައިލްގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ. އޭނާގެ ސަބަބުން އިޒީގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ.

"ވީއެންމެ އަވަހަކަށް ޔައިލްގެ މަންމައަށް ހަގީގަތް އަންގާ!... މިއަދު މިވީ ކަންތައް ދެން ތަކުރާރުވިޔަދީގެން ނުވާނެ.." ޔައިލްއަށް އިތުރު ފުރުސަތެއް ނުދީ އާގިސާ ވަނީ އެތެރެއަށެވެ.

އާގިސާގެ ފަހަތުން ޔައިލް އެތެރެއަށް ވަންތަން ފެނުމުން އާމިނަތަށް ކޮޅަށް ތެދުވެވުނެވެ.

"މަންމާ!... ނުވެސް ބުނެ ކީއްކުރަން ތިއައީ؟..." އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ޔައިލް ބުނެލިއެވެ. "ހިނގާ އަވަހަށް ގެއަށް..."

"މިއަދު ދާނީ އެ މަންޖެއާ ބައްދަލުކޮށްފަ..." އާމިނަތު ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. "ދަރިފުޅު ކައިރީ ބުނެބުނެ އެކަމެއް ނުކޮށްދިނީމެއްނު..."

"އެބައޮތޭ މަންމައާ ދައްކަންޖެހޭ ވާހަކައެއް... ހިނގާބަލަ..." ޔައިލް އާމިނަތުގެ އަތުގައި ހިފިއެވެ.

އާމިނަތު ވަގުތުން ޔައިލްގެ އަތް ފޮޅުވައިލިއެވެ.

"އަހަންނަކަށް ނޭނގެ ޔައިލް އެ ކުއްޖާ އަހަންނަށް ފޮރުވައިގެން ތިއުޅެނީ ކީއްވެ ކަމެއް... މިހާރު ހިތަށް އަރާ އަނެއްކާ ހަމަ ރަނގަޅު ކުއްޖަކާ ބާއޭ އިންނަން ތި އުޅެނީ... ނޫނީ ތީ ޔައިލް އަހަރެން މާލެ ގެންނަންވެގެން ކުރި ކަމެއް ނޫންބާއޭ ވެސް..." އާމިނަތު ފުރަތަމަ ފަހަރަށް ޔައިލްއަށް ޝައްކު ކުރިއެވެ.

ގޭތެރޭގައި އަޑުގަދަވެގެން އިޒީ ކޮޓަރިން ނުކުތެވެ. ދޮރު ހުޅުވައިލި އަޑަށް އެންމެންގެ ނަޒަރު އެއްފަހަރާ ކަހަލަ ގޮތަކަށް ކޮޓަރި އާއި ދިމާއަށް ހުއްޓުނެވެ.

"މަންމާ!...." ކޮޓަރި ދޮރު ހުޅުވައިލި ގޮތަށް އިޒީ އޭނާގެ މަންމައަށް ގޮވައިލީ، ބޭރުގައި ތިބީ ކޮން ބައެއް ކަން ނޭނގޭ ހާލުގައެވެ.

"އިޒީ..." ޔައިލްއަށް ހިތި ގޮތަކަށް ހިންދިރުވައިލެވުނެވެ.

އިޒީ ހުރީ ކަޅުކުލައިގެ އަތްދިގު ކުރު ހެދުންކޮޅަކާއި، ކަޅުކުލައިގެ ދޫ ހަރުވާޅެއް ލައިގެންނެވެ. މޫނުމަތީގައި ތާޒާ ކަމެއް ނެތެވެ. އަބަދު އޮމާންކޮށްލާފައި އޮންނަ ފަން އިސްތަށިގަނޑަށް ފަރުވާކުޑަކޮށްފައިވާކަން އެނގެން ހުއްޓެވެ. ކުރިއަށްވުރެވެސް ބޮޑަށް އިޒީގެ ހަށިގަނޑު ނިކަމެތިވެފައިވާކަން ޔައިލްއަށް ފާހަގަ ކުރެވުނެވެ.

"ދަރިފުޅު...." އާގިސާއަށް ހަލުވި ފިޔަވަޅުތަކެއްގައި އިޒީގެ ކައިރިއަށް ދެވުނެވެ.

"އެއީތަ އެ ކުއްޖަކީ؟..." އާމިނަތު ހުރީ ކަޅި ޖަހައިވެސްނުލައި އިޒީއަށް ބަލާށެވެ.

ޔައިލް ފެނުމުން، ހުއްޓުންއެރި ގޮތަށް އިޒީއަށް ނޭވާއެއްވެސް ނުލެވުނެވެ. އެނބުރި ކޮޓަރިއަށް ވަންނަން ނޭނގިފައި އޭނާއަށް ހުރެވުނީއެވެ. ޔައިލް ދެކެލުމަށް އޭނާގެ ހިތް އެދި ގޮވަމުންދާތާ އެތައް އިރެކެވެ. އެހެނަސް، އެ އެދުމަށް ފުރަގަސްދީގެން އިޒީ އެތައް އިރަކު ކެތްކޮށްފިއެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުތަކުގެ ހަނދާންވުމުން، އިޒީގެ މޭގައި ދިލަ ރިހުމެއް އުފެދުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އިސާހިތަކު އެ ދެލޯ ފުރައިލިއެވެ.

"ކީއްކުރަން ދަރިފުޅު ތި ނުކުތީ؟..." އިޒީ އަނބުރާ ކޮޓަރިއަށް ވައްދަން މަސައްކަތް ކުރަމުން އާގިސާ ބުނެލީ ހަމައެކަނި އިޒީއަށް އިވޭ ވަރަށެވެ.

"މިކަން ކޮންމެވެސް އެއް ގޮތަކަށް ނިމެން އެބަޖެހޭ..." އިގީ ކަރުނަ ފޮހެލިއެވެ.

އިޒީގެ ދެލޮލުން ފެނުނީ ކުރިން ނުފެންނަ ވިދުމެކެވެ. އަޑުގައިވީ ކުރިން ނުހުންނަ، ކެރުންތެރިކަމެކެވެ. އެއީ އޭގެ ކުރިން އެ ދަރިފުޅުގެ ކިބައިން އާގިސާއަށް ފެނިފައިނުވާ ހިތްވަރެކެވެ.

އިޒީ ކުރިއަށް ހިނގައިގަތްގޮތުން ޔައިލްގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. އިޒީގެ ނަޒަރުން އެކަނިވެސް އޭނާ ކުރަން އުޅެނީ ކީއްކަން ޔައިލްއަށް އެނގުނެވެ. ޔައިލް ބޭނުންވީ އިޒީ ކުރަންއުޅޭ ކަންތައް ހުއްޓުވާށެވެ.

"ސްޓޮޕް..." އިޒީ އާމިނަތުގެ ކައިރިއަށް ދިޔުމުގެ ކުރިން ޔައިލް އެ ދެމެދަށް ވަނެވެ. އިޒީގެ ދެކޮނޑުގައި އޭނާ ހިފަހައްޓައިލިއެވެ.

"ޑޯންޓް ޑޫ އިޓް..." ޔައިލް ހުރީ ފެންކަޅިވެފައެވެ.

އިޒީ މަސައްކަތްކުރީ ޔައިލްގެ އަތް ފޮޅުވައިލާށެވެ. އާގިސާ ކަންބޮޑުވެގެން އަނގަމަތީގައި އަތް އަޅައިލައިގެން ހުރިއިރު، އާމިނަތު ހުރީ ވާނުވާ ނޭނގިފައެވެ.

"ޕްލީޒް..." ޔައިލް އާދޭހާއިއެކު އެދުނެވެ.

"އެހެންވިއްޔާ ޔައިލް ބުނޭ..." ހަރުކަށި އެހެނަސް، ގޮތް ހުސްވެފައިވާ ރާގަކަށް އިޒީ ބުނެލިއެވެ.

"އައި ވިލް ޓޯކް ޓު ހާރ... އައި ޕްރޮމިސް..." ޔައިލް އިނގިރޭސިން ވާހަކަ ދެއްކީ އޭނާ ދެއްކި ވާހަކަ އާމިނަތަށް ފަހުމުވެދާނެތީއެވެ.

"މިހާރު..." އިޒީ އަމުރުކުރިއެވެ.

"ގެއަށް ގޮސް ވާހަކަ ދައްކާނަން.... އައި ޕްރޮމިސް...." ޔައިލް މަސައްކަތްކުރީ އިޒީ ހަމައަކަށް އަޅުވާށެވެ.

"ނޫން ހަމަ މިހާރޭ..." އިޒީ ދެކޮޅު ހެދިއެވެ.

"ކިހިނެއް ވެގެންތަ މިއުޅެނީ؟..." އާމިނަތަށް ދުރުގައި ބަލާކަށް ނުހުރެވުނެވެ.

ފަރުހާދު ގޭގައި ނެތްކަން އެއީ ނަސީބެކޭ އާގިސާގެ ހިތަށް އެރިއެވެ.

"ޔައިލް އޭނަ ގައިން ދޫކޮށްލާ!..." އާމިނަތު އެންގިއެވެ.

ޔައިލް ދެފިކުރެއްގައި ހުރެފައި، އިޒީގެ ގައިން ދޫކޮށްލިއެވެ. އިޒީ ދިޔަގޮތަށް އާމިނަތުގެ ފައިދަށަށް ތިރިވިއެވެ. އާމިނަތު ދެލޯ ބޮޑުކޮށްލަމުން ފަހަތަށް ޖެހިލިއިރު، އާގިސާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މުޅި ތަނުގައި ހަރުލީ އިޒީގެ މަޑު ގިސްލުމުގެ އަޑެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން ޔައިލް އެނބުރުނީ އަނެއް ފަރާތަށެވެ. އެއީ އޭނާއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ. އިޒީ ހުއްޓުވަން އޭނާ އުޅުނީވެސް އެފަދައިން ކަންތައް ވާނެކަން އެނގޭތީއެވެ.

"އަހަންނަށް މާފު ކުރޭ..." ކުރެހެމުންދިޔަ އަޑަކުން އިޒީ މާފަށް އެދުނެވެ.

އާގިސާގެ ހިތް ތެޅެން ފެށިއެވެ. އިޒީ މާފަށް އެދެނީ ކޮންކަމަކަށް ހެއްޔެވެ؟

"ތެދުވޭ!..." ޔައިލް އިޒީގެ ދެކޮނޑުގައި ހިފައި ނެގިއެވެ. "އިޒީ މާފަށް އެދޭކަށް ނުޖެހޭނެ... މަންމައަށްވެސް، އިޒީއަށްވެސް، އިޒީގެ އާއިލާއަށްވެސް އޮޅުވާލީ އަހަރެން..."

މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވައިލި ހެންނެވެ. އާމިނަތު ކުރިއަށް ޖެހިލައި، ޔައިލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ.

"ކިހިނެއް ވެގެންތަ މި އުޅެނީ؟... ދަރިފުޅު ތި އުޅެނީ މަންމަ ތަޅުވަންތަ؟... ނޫނީ ހާސްކުރުވަންތަ؟..." އާމިނަތުގެ ކެތްތެރިކަން ކޮޅުންލިއެވެ.

"މަންމާ!... އަހަރެމެންނަށް މި ކައިވެންޏެއް ނުކުރެވޭނެ..." ޔައިލް ދެން ހާމަކޮށްލި ހަގީގަތަކުން ފުނޑުފުނޑުވީ ހަމައެކަނި އާމިނަތުގެ ހިތެއް ނޫނެވެ. އިޒީގެވެސް މެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު