ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރެވޭ ހިކިމަސް ކާރުޚާނާއެއް ކަނޑުއޮތްގިރީގައި ހުޅުވައިފި

ކަނޑުއޮތްގިރީގައި ހުޅުވި ކާރުޚާނާގައި މުވައްޒަފުން މަސައްކަތްކުރަނީ --- ފޮޓޯ: މިފްކޯ

ސަރުކާރު މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު ކަނޑުއޮތްގިރީގައި އޮތް ރަސްމިއްޔާތެއްގައި ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ، މިއީ މިފްކޯއިން ގައުމީ ބާޒާރަށް ޚާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މާލެއާ ކައިރިން މިފަދަ ޚިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވިގޮތުގައި މިފްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ގއ، ކޫއްޑޫން މަސް ޕްރޮސެސްކޮށް މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތަކެވެ. އޭނާ ވިދާޅުވިގޮތުގައި އެ ދަތިތަކާ ހެދި މިފްކޯ މަސްފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމުން ޝަކުވާ ލިބެއެވެ.

"ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" އަނަސް ވިދާޅުވިއެވެ.

މި ކުރިއެރުމާއެކު ކޫއްޑޫން އުފައްދާ ތަކެތި ދެކުނަށް ޚާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށް ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން މިފްކޯގެ އުފެއްދުން އިތުރުކުރެވި، އާންމުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ވެސް ބާރަކަށް ވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

މިފްކޯއިން ބުނީ، ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާއިން ދުވާލަކަށް ތިން ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ކަމަށެވެ. އަދި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނުގެ އައިސް އުފެއްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދު ކަނޑުއޮތްގިރީގައި ހުޅުވި ހިކިމަސް ކާރުޚާނާގައި ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް ތައްޔާރުކުރަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މި ކާރުޚާނާ ހުޅުވީ މިފްކޯއިން ބުނި ގޮތުގައި، ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކާ އެކެވެ

ހަމަ އެހެންމެ، ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭން ބޭރުކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް ކަނޑުއޮތްގިރި ވެގެންދާނެ ކަމަށް، މިފްކޯއިން ބުންޏެވެ.

comment ކޮމެންޓް