ވެރިކަން ކުރާ ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިޚާބާ ގުޅުވައި ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އާއްމު މެންބަރަކު ހިމެނޭކަން އެނގިއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނަމުން ދަނިކޮށް ބަޔަކު ވަދެ މާރާމާރީ ހިންގައި، ސްކޫލުގެ ތަކެއްޗަށް ގެއްލުން ދީފައިވެއެވެ. އެ މައްސަލައާ ގުޅިގެން ޖުމްލަ ތިން މީހަކުވަނީ ހައްޔަރުކޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ. މީގެ ތެރެއިން އެކަކީ، ރައީސް ޔާމީންގެ ޕީއެންއެފްގެ މީހެއްކަންވަނީ އެނގިފައެވެ. އަނެއް ދެ މީހުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދެ މީހުންނެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށްވަނީ ބަންދުކޮށްފައެވެ. ތިން މީހުންގެ މުއްދަތު ޖެހީ މިއަދު އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީ ބޮޑެތި މާރާމާރީތަކެއް ހިންގާފައިވެއެވެ.
އެ ވަގުތު އެ ތަނުގައި ތިބި ފުލުހުން މަސްލަހަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަނުޖެހުންތައް މައިތިރި ނުވެ ގިނައިރު ވަންދެން ހަމަނުޖެހުން ކުރިއަށްގެންގޮސްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.