އެއިޓީން ތާޓީ ކްލަސިކްގެ ސެމީ ފައިނަލަށް ސްޓެލްކޯއާއި އެޗްޑީސީ

އެއިޓީން ތާޓީ ކްލަސިކް 2026 ގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

އެއިޓީން ތާޓީ ކްލަސިކް 2026 ގެ ސެމީ ފައިނަލުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި ކުލަބު އެޗްޑީސީ ޖާގަ ހޯދައިފިއެވެ.

ކްލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ އަންހެން ޑިވިޝަނުގެ ދެވަނަ ފަންތީގެ މުބާރާތެކެވެ.

ޖުމްލަ 9 ޓީމު ވާދަކުރާ މި މުބާރާތް ބަހާލެވިފައިވަނީ ދެ ގްރޫޕަކަށެވެ. އެއީ ފަސް ޓީމު ހިމެނޭ ގްރޫޕް އޭ އާއި ހަތަރު ޓީމު ހިމެނޭ ގްރޫޕް ބީއެވެ.

ގްރޫޕް ބީގެ ސެމީ ފައިނަލުގެ ޖާގަތައް ސްޓެލްކޯ އާއި އެޗްޑީސީއަށް ކަށަވަރުވީ ކުޅުނު މެޗުތަކުން ހޯދި މޮޅުތަކާއެކުގައެވެ. އެގޮތުން، ސްޓެލްކޯއިން ވަނީ 3-1 އިން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށްފައެވެ.

މި މެޗުގައި ސްޓެލްކޯއަށް މަރިޔަމް ޒާނާ ޒަމީރު ދެ ލަނޑު ޖަހައިދިންއިރު، އަނެއް ލަނޑު ކާމިޔާބުކުރީ އައިޝަތު ދީނާ ވަޒީމެވެ. ބީއެމްއެލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފާޔިމަތު ޝައިލާން އަފްޒަލެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެޗްޑީސީން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ރަނަރަޕް އެމްއޭސީއެލް ބަލިކޮށްފައެވެ. އެޗްޑީސީގެ އާމިނަތު ރިސާލާ، ފާތިމަތު ސާލިޔާ އަދި ފިރުޝާނާ ނަސީރު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ އެމްއޭސީއެލްގެ ފާތިމަތު އަލިއްޔާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެއިޓީން ތާޓީ ކްލަސިކް 2026 ގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ކުޅުނު ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓާއެކު، ލަނޑުގެ ތަފާތުން ގްރޫޕް ބީގެ އެއްވަނައިގައި އެޗްޑީސީ އޮތްއިރު، ދެވަނައިގައި އޮތީ ސްޓެލްކޯއެވެ. ތިންވަނައިގައި އޮތް ބީއެމްއެލް އާއި ފުލުގައި އޮތް އެމްއޭސީއެލްއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް އޭގައި ކުޅެވުނު މެޗުތަކަށް ބަލާއިރު، ހުޅުމާލެ ހޮސްޕިޓަލުން ވަނީ 3-1 ގެ ނަތީޖާއަކުން ހެލްތު ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފާތިމަތު ޝާއިގާ އަބޫބަކުރު ދެ ލަނޑު ޖެހިއިރު، އިތުރު ލަނޑެއް ކާމިޔާބުކޮށްދިނީ ހައްވާ މިންހާ އަޙްމަދެވެ.

ހެލްތުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފާތިމަތު ޒަޔާ އާދަމެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ވަނީ 1-0 އިން ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ބަލިކޮށްފައެވެ. އެސްޓީއޯގެ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޝިޔާނާ އަޙްމަދު ޒުހައިރެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ ތާވަލަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ އެސްޓީއޯއެވެ.

ދެ މެޗުން 6 ޕޮއިންޓް ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކުލަބު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލަށް ދެ މެޗުން 3 ޕޮއިންޓް ވަނީ ލިބިފައެވެ. ހަތަރުވަނައިގައި އޮތް ކުޅިވަރާ ބެހޭ ވުޒާރާއަށާއި ފުލުގައި އޮތް ހެލްތަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މުބާރާތުގެ ކުރިއަށްހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭގައެވެ. އެރޭގެ 20:15 ގައ އަދި 21:30 ގައ މެޗުތައް ކުރިއަށްދާނެއެވެ. މި މެޗުތައް ސަން ޕްލޭއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު