ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޤަޠަރުގެ ޝާހީ ދިވާނުން ނެރުނު ބަޔާނެއްގައިވަނީ އުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ޝައިޚް ޙަމަދު ނިޔާވުމާ ގުޅިގެން ރައީސް ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައިވަނީ ޤަޠަރުގެ ކުރީގެ އަމީރުގެ ލީޑާޝިޕްގައި އެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު އިސްކަމެއް ދެއްވައި، އެ ގައުމުގެ ތަރައްގީގައި އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.
ރައީސް ވަނީ ޝައިޚް ޙަމަދަށް ސުވަރުގޭގެ މަތިވެރި ނިއުމަތާއި ދާއިމީ ހަމެޖެހުން މިންވަރުކޮށްދިނުމަށް އެދި ދުއާ ދަންނަވައިފައެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި، އަދި ނުފޫޒުގަދަ އެއް ގައުމަށް ހެއްދެވިއެވެ. ޚާއްސަކޮށް ޤަޠަރުގެ ގޭހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ އިގުތިޞާދު ވަރުގަދަކުރައްވައި، މުޅި ދުނިޔެއަށް މަޝްހޫރު "އަލްޖަޒީރާ" މީޑިއާ ނެޓްވޯކް އުފެއްދެވީވެސް އެމަނިކުފާނުގެ ރޭވުންތެރިކަމުގެ ދަށުންނެވެ.
މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022ވަނަ އަހަރު ޤަޠަރުގައި ބޭއްވުމުގެ ފުރުސަތު ހޯދައިދިނުމުގެ ބިންގާ އެޅުއްވީ ވެސް ޝައިޚް ޙަމަދުގެ ވެރިކަމުގައެވެ.
އެ މަނިކުފާނު ވެރިކަން ދޫކޮށްލެއްވީ 2013ވަނަ އަހަރު، ދަރިކަލުން އަދި ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް ވެރިކަން މުސްތަގިއްލުކަމާއެކު ހަވާލުކުރެއްވުމަށްފަހެވެ.