ފީފާ ވޯލްޑް ކަޕު 2026 ގެ ފައިނަލް މެޗު ކުޅޭ ދަނޑުން ބޮޑު އާމްދަނީއެއް ހޯދުމަށް ފީފާއިން ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ދަނޑުގެ ވިނަގަނޑުން ކަނޑާލެވޭ ބައިތަކެއް ވިއްކަން ފަށާނެ ކަމަށާއި، މީގެ ތެރެއިން އެއް ފޮތީގެ އަގު ފެށޭނީ 450 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 6،939 ދިވެހި ރުފިޔާ) އިން ކަމަށް ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހޮނިހިރު ދުވަހު ވަނީ އިޢުލާންކޮށްފައެވެ.
މި އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ޓިކެޓްތަކާއި އެހެނިހެން އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ފީފާއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، މި ވިނަގަނޑު ވިއްކައިގެން އެކަނިވެސް ފީފާއަށް 11 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ކުޅިވަރު ޚަބަރުތައް ގެނެސްދޭ 'ދި އެތުލެޓިކް' ނޫހުން ރިޕޯޓްކުރެއެވެ.
ވޯލްޑް ކަޕްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، މި ވިނަގަނޑުގެ އެތިކޮޅުތައް ހުންނާނީ ހަލާކުނުވާނެހެން މަތީ ފެންވަރުގެ އެކްރީލިކް (ބިއްލޫރި ފަދަ މާއްދާއެއް) ބްލޮކެއްގެ ތެރޭގައި ރައްކާތެރިކޮށްފައި ކަމަށެވެ. އަދި އެއާއެކު ހަނދާނީ ޔޫއެސްބީ އެއްވެސް ހިމެނޭނެއެވެ.
ނަމަވެސް، ވެބްސައިޓުގައި މި ބްލޮކްގެ ސައިޒަކީ 17.5 ގުނަ 17.5 ގުނަ 17.5 ކަމަށް ލިޔެފައިވީ ނަމަވެސް، އެއީ އިންޗި، ސެންޓިމީޓަރު ނުވަތަ މިލިމީޓަރު ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމަކީ އާންމުކޮށް އެމެރިކަން ފުޓްބޯޅަ ކުޅެން އާޓިފިޝަލް ވިނަ އަޅާފައި އޮންނަ ދަނޑެކެވެ.
ވޯލްޑް ކަޕަށްޓަކައި މި ދަނޑުގައި ގުދުރަތީ ވިނަ ހެއްދި ނަމަވެސް، ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ގިނަ ކުޅުންތެރިންނާއި ކޯޗުންގެ ފާޑުކިއުން ކުރިން ވަނީ މި ދަނޑަށް އަމާޒުވެފައެވެ.
ފީފާއިން ހާމަކުރި ގޮތުގައި މި ޚާއްޞަ ހަނދާނީ ހަދިޔާ ގަނެވޭނީ ހަމައެކަނި އެމެރިކާ އަދި ޔޫރަޕްގެ އެޑްރެސްތަކަށް ޑެލިވަރީކުރާ ގޮތަށެވެ.