ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލްގައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ވަނީ ހިންގާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކާ ދިމާޔަށް ގޮނޑި އުކާ މަންޒަރު ވެސް ފެނިފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން މިރޭ ބުނީ، ސިޔާސީ ޕާޓީ އެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، މިރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެފައިވާ ކަމަށެވެ. އަދި ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ހަމަނުޖެހުން މިރޭ ހިނގާފައިވާއިރު، މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، އިންތިޚާބުގެ ކަންކަން މުޅި ރާއްޖޭގައިވެސް ކުރިއަށްދަނީ ވަރަށް އޮމާންކޮށް އަދި ސުލުހަވެރިކަމާއެކު ކަމަށެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބަކީ އެ ޕާޓީގެ އެކި ދާއިރާތަކުގެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. ދެހާހަށްވުރެ ގިނަ މީހުން ޕާޓީގެ އެކި މަގާމުތަކަށް ހޮވާނެއެވެ.