ކޮމްޕިއުޓަރު ކައިރީގައި މުޅި ދުވަހު ޓައިޕްކުރުމަކީ އަތަށް ބުރަބޮޑު ކަމަކަށް ވާއިރު، މިކަން ވީހާވެސް ފަސޭހަކޮށްލުމަށްޓަކައި ހާއްސަ ޑިޒައިންތަކެއްގެ ކީބޯޑާއި މައުސް މިހާރު ވަނީ ބާޒާރަށް ތައާރަފުކޮށްފައެވެ.
އާދައިގެ ކީބޯޑާއި މައުސް ބޭނުންކުރުމުގެ ސަބަބުން އަތްތިލައަށް ލިބޭ ވަރުބަލިކަމާއި ރިހުމުން ސަލާމަތްވުމަށްޓަކައި، ގިނަ ބައެއްގެ މެދުގައި މަގުބޫލު ބްރޭންޑުތަކުން ވަނީ އާގޮނޮމިކް ނުވަތަ އަތަށް ފަސޭހަ އުފެއްދުންތަކެއް ނެރެފައެވެ.
އޭގެ ތެރެއިން ލޮޖިޓެކް ބްރޭންޑުގެ އުފެއްދުންތައް ފާހަގަކޮށްލެވޭއިރު، އެ ކުންފުނީގެ އާގޯ ސީރީޒް ވޭވް ކީސް ކީބޯޑަކީ ތިން ފަށަލައަށް އެކުލެވޭ މެމޮރީ ފޯމް ކުޝަންއަކާއެކު އަތްތިލައަށް އަރާމު ލިބޭގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މީގެ އިތުރުން ކެންސިންގްޓަން އަދި ރޭޒާ ޕްރޯ ފަދަ މަގުބޫލު ބްރޭންޑުތަކުން ވެސް ވަނީ މެދުކެނޑުމެއްނެތް މަސައްކަތްތަކަށް ހާއްސަ، ވަޔަލެސް އަދި ބެކްލައިޓް ހިމެނޭ އެކި ކަހަލަ އާގޮނޮމިކް ކީބޯޑުތައް ބާޒާރަށް ނެރެފައެވެ.

ތަފާތު ވައްތަރުގެ އާގޮނޮމިކްސް ކީބޯޑްތައް މިހާރު ބާޒާރުގައި އެބަހުރި --
ކީބޯޑުތަކުގެ އިތުރުން އަތްތިލައިގެ ޕޯސްޗާ ނުވަތަ ހުންނަންޖެހޭ ގޮތް ރަނގަޅުކޮށްދޭ ވާޓިކަލް މައުސްތަކަށް ވެސް މިހާރު އޮތް ޑިމާންޑް ބޮޑެވެ. މިގޮތުން ލޮޖިޓެކްގެ އެންމެ ހިނގާ އެއް އުފެއްދުން ކަމަށްވާ އެމްއެކްސް ވާޓިކަލް މައުސް އަކީ އަތް ބޮޑެތި މީހުންނަށް ހާއްސަ، 57 ޑިގްރީއަށް އަތް ބެހެއްޓޭ ގޮތަށް ހަދާފައިވާ މައުސްއެއް ކަމަށްވާއިރު، އަތްތިލަ ކުޑަކޮށް ހުންނަ މީހުންނަށް ހާއްސަކޮށް އެ ކުންފުނިން ވަނީ ލިފްޓް މައުސް ގެ ނަމުގައި ވެސް ގްރެފައިޓް އަދި ރޯޒް ކުލައިގެ އުފެއްދުމެއް ނެރެފައެވެ.
މިފަދަ އަގުބޮޑު ބްރޭންޑުތަކުގެ އިތުރުން ޔޫގްރީން އަދި ކޯގަން ފަދަ ބްރޭންޑުތަކުން ވަނީ ހެޔޮ އަގުތަކެއްގައި ލިބޭނެ، ޑީޕީއައި އެޖަސްޓްކުރެވޭ އަދި އަޑުމަޑު މައުސްތައް ވެސް ބާޒާރަށް ނެރެފައެވެ.

އަތްތިލަ ކުޑަކޮށް ހުންނަ މީހުންނަށްވެސް ތަފާތު މައުސްތައް ވަނީ އުފައްދާފައި ---
މިއާއެކު ސީންޑާ ބްރޭންޑުން ވަނީ މައުސްއިން ސީދާ ވޮލިއުމް ކޮންޓްރޯލް ކުރެވޭ ފަދަ ތަފާތު ފީޗާސްތައް ހިމެނޭ އުފެއްދުންތައް ވެސް ކޮމްޕިއުޓަރު ބޭނުންކުރާ ފަރާތްތަކަށް ހުށަހަޅާފައެވެ.
ކޮމްޕިއުޓަރު ކައިރީގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އަތްތިލައަށާއި އަތުގެ މުލައްދަނޑިއަށް ދިމާވާ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި، އާގޮނޮމިކް ސެޓަޕްތަކަކީ މިހާރު ވަރަށް މުހިންމު އެއްޗެކެވެ.
އާދައިގެ ކީބޯޑާއި މައުސް ބޭނުންކުރުމުގެ ސަބަބުން އަތުގެ ހުޅުތަކަށް ބާރުބޮޑުވެ، ރިޕެޓިޓިވް ސްޓްރެއިން އިންޖަރީ (އާރްއެސްއައި) އަދި ކާޕަލް ޓަނަލް ސިންޑްރޯމް ފަދަ ދިގުމުއްދަތުގެ ބަލިތަކަށް މަގުފަހިވެއެވެ. މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އަތްތިލަ އާއި އިނގިލިތައް ގުދުރަތީ ގޮތުން ހުންނަންޖެހޭ ފަސޭހަ ޕޯސްޗާއެއްގައި ބެހެއްޓޭނެހެން ފަރުމާކޮށްފައިވާ އާގޮނޮމިކް ކީބޯޑުތަކާއި ވާޓިކަލް މައުސްތައް ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އުފައްދަމުންނެވެ.
މި އުފެއްދުންތަކުގެ ސަބަބުން އަތަށް ކުރާ ބާރު ކުޑަވެ، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަމާއި ހިތްހަމަޖެހުން އިތުރުކޮށްދެއެވެ.