ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުގެ އިސްވެރިން ހިމެނޭ ޓީމަކާއެކު ކުޅުއްވި އެކުވެރިކަމުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އަލަށް ތައާރަފްކުރާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު އަޒަރުބައިޖާންގައި "ފެސްޓިވަލެއްގެ" ސިފައިގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތަކީ، ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ފީފާގެ ހުރިހާ މެމްބަރު ގައުމުތަކުގެ ޝާމިލުވުން ހިމެނޭ ގޮތަށް ކަންކަން ކުރިއަށްދިއުމެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ފާސްކުރި ގޮތުގައި، މި މުބާރާތް ދެ ޖިންސަށް ވަކިން ބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި އަހަރުގެ މުބާރާތް ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަކޮށްފައިވާއިރު، އަންހެން ކުދިންނަށް ޚާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ.

އަދި 2028 ވަނަ އަހަރުން ފެށިގެން ދެ ޖިންސުގެ މުބާރާތްވެސް އެއް އަހަރެއްގައި ބާއްވަން ނިންމާފައިވާއިރު، އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ މެމްބަރު ގައުމުތަކަށް ދައުވަތުދޭ އުސޫލުންނެވެ.

މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅައިގެ ވަސީލަތްތައް ގާއިމްވެފައިވާ، ކުޑަކުދިންގެ މުބާރާތެއް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކަށެވެ.

މި އަހަރުގެ މުބާރާތް އޮންނަ އަޒަރުބައިޖާނަކީ އަންނަ އަހަރު ބާއްވާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްވެސް ހޯސްޓްކުރާ ގައުމަށްވާތީ، އެގައުމު މިހާރުވެސް އޮތީ ފީފާގެ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފައެވެ.

މުބާރާތުގެ ކުޅުން ފެށޭނީ ކޮލިފިކޭޝަން ސްޓޭޖުންނެވެ. ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާ ކޮލިފިކޭޝަން ސްޓޭޖުގައި ހައެއް ނޫނީ ހަތް ޓީމު ގްރޫޕެއްގައި ހިމެނޭހެން 32 ގްރޫޕް އޮންނާނެ ކަމަށް ބެލެވޭއިރު، ކޮންމެ ޓީމަކަށް ފަހެއް ނޫނީ ހަ މެޗު ކުޅެން ލިބޭނެއެވެ.

އެއަށްފަހު ގާތްގަނޑަކަށް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ރަސްމީ މުބާރާތުގައި 32 ޓީމު ވާދަކުރާނީ ހަތް ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ރޭންކްކުރެވޭ ހަ ޑިވިޝަނަކާއި، ބާކީ ޓީމުތައް ހިމެނޭ އެއް ޑިވިޝަނެވެ. މުބާރާތުގެ ރަސްމީ ބުރުގައި ކޮންމެ ޓީމަކުން ފަސް މެޗު ކުޅެން ޖެހޭނެއެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، ދެ ގޯލްކީޕަރުންނާއެކު 14 ކުޅުންތެރިން އަދި ހަ އޮފިޝަލުން ރަޖިސްޓްރީ ކުރަންޖެހެއެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ގައުމަކުންވެސް މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން މި މުބާރާތުގައި ބައިވެރިނުވެވޭނެ ހަމައެކަނި ގައުމަކީ ނޭޕާލެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު