މަޝްހޫރު ފިލްމު ޑައިރެކްޓަރު މަދޫރް ބަންޑާރްކަރްގެ އާ ފިލްމު "ދަ ވައިވްސް"ގެ ނަން "ދަ ވައިވްސް އޮފް ބޮލީވުޑް"އަށް ބަދަލުކޮށްފިއެވެ.
ފިލްމުގެ ނަމަށް ބަދަލު ގެންނަން ނިންމީ، ކުރީގެ ނަމުގެ ސަބަބުން ބެލުންތެރިންގެ މެދުގައި އޮޅުންބޮޅުންތަކެއް އުފެދެމުންދާ ކަމަށް ބުނެއެވެ.
މި ބަދަލާ ގުޅޭގޮތުން މަދޫރު ބުނީ، "ދަ ވައިވްސް" ކިޔާ ފިލްމެއް އުފައްދާ ވާހަކަ ބުނުމުން، އެއީ ކޮން ދާއިރާއެއްގެ ބައެއްގެ އަނބިންގެ ވާހަކައެއްކަން މީހުންނަށް އޮޅުން އަރާ ކަމަށެވެ. އެއީ ކޯޕަރޭޓް ދާއިރާގެ މީހުންގެ އަނބިންތޯ، ސިޔާސީ މީހުންގެ އަނބިންތޯ ނުވަތަ ގޭގައި އުޅޭ އަނބިންތޯ ސުވާލު އުފެދޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
އެހެންކަމުން، އެ އޮޅުންބޮޅުންތައް ނައްތާލުމަށްޓަކައި ޕްރޮޑިއުސަރާއި ޓީމާ މަޝްވަރާކުރުމަށްފަހު، "ދަ ވައިވްސް އޮފް ބޮލީވުޑް"އަށް ނަން ބަދަލުކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު މަދޫރް، އޭނާގެ އާ ފިލްމުގެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ފިލްމު "ދަ ވައިވްސް އޮފް ބޮލީވުޑް"ގެ ސެޓުގައި މަދޫރު އަދި ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ
ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުން މަދޫރް ބުނީ، ފިލްމު އެޑިޓްކޮށް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވީއެފްއެކްސް އަދި ބެކްގްރައުންޑް މިއުޒިކްގެ މަސައްކަތް ކަމަށެވެ. ވީއެފްއެކްސްގެ މަސައްކަތަށް ގިނަ ވަގުތުތަކެއް ހޭދަވި ނަމަވެސް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށާއި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސެންސަރު ބޯޑަށް ފޮނުވާ ކޮޕީ ތައްޔާރުކުރުމަށް ކަމަށް އޭނާ ބުންޏެވެ.
ޕީޖޭ މޯޝަން ޕިކްޗާސްގެ ޕްރަނަވް ޖެއިން އާއި މަދޫރް ބަންޑާރްކަރް ގުޅިގެން އުފައްދާ މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ސޮނާލީ ކުލްކަރްނީ، މޯނީ ރޯއި، ރެޖީނާ ކެސެންޑްރާ، ރާހުލް ބަޓް، ސޯރަބް ސަޗްދޭވާ، އަރްޖަން ބަޖްވާ އަދި ފްރެޑީ ދާރުވާލާއެވެ. މިއީ 2022 ވަނަ އަހަރު ރިލީޒްކުރި "އިންޑިއާ ލޮކްޑައުން" އަށް ފަހު މި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާ ދެވަނަ ފިލްމެވެ.