ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގައި ބޮޑު މަޝްހޫރުކަމެއް ހޯދުމަށްފަހު އެކްޓަރެއްގެ ގޮތުގައި ކެރިއަރު ފަށާފައިވާ ރާގަވް ޖުޔަލް ލީޑް ރޯލް ކުޅޭ ފުރަތަމަ ފިލްމު "ބާއި ތޭރާ ސްޓާ ހޭ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމުގެ ރަސްމީ ޕޯސްޓަރުތައް މިދިޔަ ހަފްތާގައި ބެލުންތެރިންނަށް ގެނެސްދީފައިވާއިރު ފިލްމުގައި އޭނާ ކުޅޭ ކެރެކްޓަ 'އަޖޭ ސިންގް'އަކީ ވަރަށް ޝައުގުވެރި ކެރެކްޓާއެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި ފިލްމުގައި ރާގަވް ފެންނާނީ އަމިއްލަ ނަފްސަށް އޮތް ބޮޑު އިތުބާރަކާ އެކު، އުސްމިންތަކަކަށް ދިއުމުގެ ބޮޑު އުންމީދެއް އޮތް ހުވަފެން ދެކޭ ޒުވާނެއްގެ ގޮތުގައެވެ.
ވިވެކް ބީ އަގަރްވާލް ޑައިރެކްޓްކޮށްފައިވާ "ބާއި ތޭރާ ސްޓާ ހޭ"އިން ރާގަވްގެ އިތުރުން ފެންނާނެ މުހިއްމު ތަރިންގެތެރޭ، ސަންޖޭ ކަޕޫރް، ޗަންދަން ރޯއި ސަނިއާލް، ނިހާރިކާ، ނިކީ ވާލިއާ، ވިކަލްޕް މެހަތާ، ވިވާން ބަތޭނާ އަދި ޓީނާ ދެސާއީ ހިމެނެއެވެ.

ފިލްމު "ބާއި ތޭރާ ސްޓާ ހޭ"ގެ ޓްރެއިލާއިން މަންޒަރުތަކެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިހާތަނަށް ރާގަވް ގިނައިން ފެނިފައި ވަނީ ސަޕޯޓިންގް ރޯލްތަކުންނެވެ. އެގޮތުން އޭނާ ކުޅެފައިވާ މަގުބޫލު ބައެއް ފިލްމުތަކުގެތެރޭ، "އޭބީސީޑީ 2" އާއި "ސްޓްރީޓް ޑާންސާ" އާއި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އާއި "ކިލް" އާއި "ޔުދުރާ" އަދި "ނިޝާންޗީ" ހިމެނެއެވެ.
ރާގަވް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ އަހަރު ނެޓްފްލިކްސްއަށް އުފެއްދި ވެބް ސީރީސް "ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.
މިއުޒިކަލް ކޮމެޑީއެެއްގެ ގޮތުގައި ގެނެސްދޭ ފިލްމު "ބާއި ތޭރާ ސްޓާ ހޭ"" ސިނަމާތަކަށް ގެންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.