ކުލަބް މޯލްޑިވްސް ކަޕް 2026: ގްރޫޕުގެ އެއްވަނަ މަޤާމާއެކު އާރުއާރުސީ ކުއާޓާއަށް

ކްލަބް މޯލްޑިވްސް ކަޕް 2026 ގައި އާރުއާރުސީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފޮޓޯ: ފޮޓޯ މާސްޓާ

ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ގްރޫޕް ޑީގެ ފަހު މެޗުގައި ގޯލު ތަފާތަކުން ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ގްރޫޕުން ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް އެޗްޑީސީން ކުރިންވެސް އޮތީ ކަށަވަރުކޮށްފައެވެ. އެއީ ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅުވެ، 9 ޕޮއިންޓާއެކުގައެވެ.

އެހެންކަމުން ގްރޫޕުގެ ދެވަނަ ޖާގައަށް ވާދަކުރަމުންދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީއާއި ދެ ފަހަރުގެ ޗެމްޕިއަން ކްލަބް ވެމްކޯއެވެ. މެޗާ ކުރިމަތިލިއިރު މި ދެ ޓީމަށްވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ.

ފަހު މެޗުގައި ކްލަބް ވެމްކޯ ނުކުތީ ބަލިނުވެ އޮތް ކްލަބް އެޗްޑީސީއާ ދެކޮޅަށެވެ. އަދި އާރްއާރްސީ ވާދަކުރީ ކްލަބް އިމިގްރޭޝަނާއެވެ.

ކުލަބް މޯލްޑިވްސް ކަޕް 2026 ގައި އެޗްޑީސީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފޮޓޯ: ފޮޓޯ މާސްޓާ

އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗު ވެމްކޯއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި 3-0 ގެ ލީޑެއް ނަގައި، ކުއާޓާއަށް ދިއުމުގެ އުއްމީދު ބޮޑުކުރިއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔާމީން މުހައްމަދު ޖެހި ގޯލުން އެޗްޑީސީން ނަތީޖާގެ ތަފާތު ކުޑަކުރިއެވެ. ދެވަނަ ހާފުގައިވެސް ވެމްކޯއިން އިތުރު 3 ގޯލު ޖެހިއިރު، އެޗްޑީސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝަފީއުއެވެ. މި މެޗު ވެމްކޯއިން ކާމިޔާބުކުރީ 6-2 އިންނެވެ.

މި ބޮޑު މޮޅާއެކުވެސް ވެމްކޯއަށް ކުއާޓާގެ ޖާގައެއް ނުލިބުނެވެ. އެއީ އަނެއް މެޗުގައި އާރްއާރްސީން ކްލަބް އިމިގްރޭޝަން އަތުން 13-3 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، ގޯލުގެ ތަފާތުން އެޗްޑީސީއާއި ވެމްކޯ ފަހަތަށް ޖައްސާލައި ގްރޫޕުގެ އެއްވަނަ ހޯދުމުންނެވެ. އާރްއާރްސީން 13 ގޯލު ޖެހުމުން، ވެމްކޯއަށް ގްރޫޕުގެ ކުރިލިބެން އޮތީ 9 ގޯލުގެ ތަފާތަކުން އެޗްޑީސީ ބަލިކޮށްގެންނެވެ.

އާރްއާރްސީގެ ތަފާތު ބޮޑު މޮޅުގައި ޝަނާން ރަޝީދު ހެޓްރިކް ހެދިއިރު، އާދަމް ނާސިހު، އަހުމަދު ރިޒުވާން އަދި އިސްމާއީލް މުނީޒް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކުރިއެވެ. މީގެއިތުރުން ޒައިން ޒަފަރު، އިބްރާހީމް މުބީން އަދި މިދްހަތު ފަހުމީވެސް ވަނީ ގޯލު ޖަހާފައެވެ.

ކްލަބް މޯލްޑިވްސް ކަޕް 2026 ގައި އާރުއާރުސީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ފޮޓޯ: ފޮޓޯ މާސްޓާ

އިމިގްރޭޝަނުން ޖެހި ތިން ގޯލު ކާމިޔާބުކުރީ ބިކްރާންތު ނަރުސިންގް ރާނާ، އަހުމަދު އައިހަމް އަދި އިބްރާހީމް އަނޫފެވެ. މިއީ ފާއިތުވި 6 އަހަރު ތެރޭގައި އިމިގްރޭޝަން ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އާރްއާރްސީ ކުއާޓާއަށް ދިޔައިރު، ދެވަނަ ލިބުނީ ގޯލުގެ ތަފާތުން ކްލަބް އެޗްޑީސީއަށެވެ.

ކުއާޓާ ފައިނަލުގައި ކްލަބް އެޗްޑީސީ ނުކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ ވާދަކުރާނީ ކިންގްސް ކަޕްގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު