އިންޑޮނޭޝިއާގެ ހިލޭ ކާނާ ދިނުމުގެ ޕްރޮގްރާމުގައި ބޮޑު ކޮރަޕްޝަނެއް، ގިނަ ބަޔަކު ހައްޔަރުކޮށްފި

އިންޑޮނޭޝިއާގެ ހުޅަނގު ޖާވާގެ ޑެޕޮކްގައި ހުންނަ އެލިމެންޓަރީ ސްކޫލެއްގައި ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ހިލޭ ކެއުން ޕްރޮގްރާމް ފެށުމުގެ ގޮތުން ސްކޫލް ކޮމިޓީއެއްގެ މެމްބަރުން ދަރިވަރުންނަށް ކެއުން ބަހަނީ. ފޮޓޯ/އޭޕީ

އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ރިޔާސީ ވައުދެއްގެ ދަށުން ފަށާފައިވާ 15 ބިލިއަން ޑޮލަރުގެ ހިލޭ ކާނާ ދިނުމުގެ ޕްރޮގްރާމް، އެ ގައުމުގެ ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލައަށް ވެއްޖެއެވެ.

ކުޑަކުދިން ހެދިބޮޑުވުމަށް ހުރަސްއެޅޭ މައްސަލަ (ސްޓަންޓިން) ހައްލުކުރުމަށާއި، ދަރިވަރުންގެ ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރުމުގެ އިތުރުން އިގުތިސާދު ކުރިއެރުވުމުގެ މަގުސަދުގައި 2025 ވަނަ އަހަރު ފެށި "ފްރީ ނިއުޓްރިޝަސް މީލްސް" ޕްރޮގްރާމް މިހާރު ވަނީ ބޮޑެތި ތުހުމަތުތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ހިންގުމުގައި ބޮޑެތި އޮޅުވާލުންތަކާއި މާލީ ގޮތުން ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތައް ހިންގާފައިވާކަން ވަނީ ފަޅާއަރާފައެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އިންޑޮނޭޝިއާގައި ސްޓަންޓިން މައްސަލަ 20 އިންސައްތައަށް ދަށްކުރެވިފައިވީ ނަމަވެސް، އިރުމަތީ ޕްރޮވިންސްތަކުގައި މި މައްސަލަ އަދިވެސް އޮތީ ކަންބޮޑުވާންޖެހޭ މިންވަރެއްގައެވެ. ނަމަވެސް މި ޕްރޮގްރާމް އަމާޒުކުރެވިފައިވާ ގޮތާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި ޕްރޮގްރާމާ ގުޅިގެން ހިންގާފައިވާ 56 މިލިއަން ޑޮލަރުގެ ޕްރޮކިއުމަންޓް ފްރޯޑް ނުވަތަ ތަކެތި ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން، އިންޑޮނޭޝިއާގެ ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީގެ އިސްވެރިޔާ ދަދާން ހިންދަޔާނާ އާއި އޭނާގެ ދެ ނައިބުން ކަމަށްވާ ސޮނީ ސޮންޖާޔާ އަދި ލޮޑެވިކް ޕުސުން ވަނީ ޖޫން މަހުގެ ކުރީކޮޅު ހައްޔަރުކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މިހާތަނަށް ހަތް މީހެއްގެ މައްޗަށް ތަހުގީގު ހިންގަމުންދާއިރު، އޭގެ ތެރޭގައި ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ލާލޫ މުހައްމަދު އިވާން މަހަރްދާން އާއި އަސްކަރިއްޔާގެ އޮފިސަރެއް ވެސް ހިމެނެއެވެ. މި ފަރާތްތަކުން ވަނީ ޕްރޮގްރާމަށް ބޭނުންވާ ތަކެތި ގަތުމުގައި ނާޖާއިޒު ފައިދާތަކެއް ނަގައި، އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައި ކަމަށް ތަހުގީގީ އިދާރާތަކުން ބުނެފައިވެއެވެ. މީގެ ތެރޭގައި ޕްރޮގްރާމަށް ބޭނުންވާ އިލެކްޓްރިކް ސައިކަލާއި އެހެނިހެން ތަކެތި ގަތުމުގައި ހިންގާފައިވާ ބޮޑެތި އޮޅުވާލުންތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ހިލޭ ކާނާ ޕްރޮގްރާމްގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައި. ފޮޓޯ/އޭޕީ

ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން 28،000 ބަދިގެ ގާއިމުކޮށްފައިވެއެވެ. ކޮންމެ ބަދިގެއަކުން ދުވާލެއްގެ މައްޗަށް 3،000 މީލްސް ނުވަތަ ކާނާ ސްކޫލްތަކަށާއި މުޖުތަމައުތަކަށް ފޯރުކޮށްދެއެވެ. ނަމަވެސް މި ބަދިގެތައް ބަހާފައިވާ ގޮތާމެދު ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕްރޮގްރާމްގެ ދަށުން ގާއިމުކުރި ބަދިގެތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ، ނުވަތަ 18،000 ބަދިގެ ހުރީ އިންޑޮނޭޝިއާގެ އެންމެ މުއްސަނދި އަދި އެންމެ އާބާދީ ބޮޑު ޖާވާގައެވެ.

ސްޓަންޓިން މައްސަލަ އެންމެ ބޮޑު އިރުމަތީ ޕަޕުއާގެ ހަ ޕްރޮވިންސަކާއި، ސްޓަންޓިން އެންމެ ކުޑަ ބާލީގައި ގާއިމުކޮށްފައިވަނީ އެންމެ 270 ބަދިގެއެވެ.

އިންޑޮނޭޝިއަން މަދާސް އެލަޔަންސްގެ މެންބަރެއް ކަމަށްވާ އެނެޓް މާއު ވިދާޅުވި ގޮތުގައި، އެންމެ އެކަހެރި އަދި އެންމެ ފަގީރު ސަރަހައްދުތަކުގައި މި ޕްރޮގްރާމްގެ ނަތީޖާ ވަރަށް ދަށެވެ. އަދި ބައެއް ކުދިންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، މުއްސަނދި އާއިލާތަކުގެ ކުދިންނަށް ދައުލަތުގެ ފައިސާއިން ކާންދިނުމަކީ ސިޔާސަތު ފަރުމާކުރުމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ބަދިގެތަކަކީ ސީދާ ސްކޫލް ކެންޓީންތަކުގެ ބަދަލުގައި، ފްރެންޗައިޒް އުސޫލުން އެކި ފައުންޑޭޝަންތަކާ ހަވާލުކޮށްގެން ހިންގާ ތަންތަނެވެ. ސެންޓާ އޮފް އިކޮނޮމިކް އެންޑް ލޯ ސްޓަޑީޒް (ސެލިއޯސް) އިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން ބައެއް ފައުންޑޭޝަންތަކަކީ ފުލުހުންނާއި އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނެވެ. ބަދިގެ ހިންގާ ފަރާތްތަކަށް ދުވާލެއްގެ މައްޗަށް 6 މިލިއަން ރުޕިއާ (324 ޑޮލަރު) ގެ އިންސެންޓިވް ފީއެއް ދައުލަތުން ދެއެވެ.

އިންޑޮނޭޝިއާގެ ކޯޑިނޭޓިން މިނިސްޓާ ފޯ ފުޑް، ޒުލްކިފްލީ ހަސަން ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ބޭނުންވާ ވަރަށްވުރެ އިތުރަށް 7،000 ބަދިގެ މި ޕްރޮގްރާމްގެ ދަށުން ހިންގަމުންދެއެވެ. އަދި ހަމައެކަނި މި އިތުރު ބަދިގެތަކަށް ދޭ އިންސެންޓިވް ފީގެ ގޮތުގައި މަހެއްގެ މައްޗަށް އެއް ޓްރިލިއަން ރުޕިއާ (54 މިލިއަން ޑޮލަރު) ދައުލަތުން ޚަރަދުކުރަން ޖެހިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، ބަދިގެ ހިންގުމުގެ ހުއްދަތައް ގަނެވިއްކާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އޭގެ ސަބަބުން ބަދިގެތަކުގެ އަދަދު ބޭނުންވާ ވަރަށްވުރެ އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ.

ކާނާ ދިނުމުގެ ޕްރޮގްރާމް ފެށީ ކުޑަކުދިން ހެދިބޮޑުވުމަށް ހުރަސްއެޅޭ މައްސަލަ (ސްޓަންޓިން) ހައްލުކުރުމަށާއި، ދަރިވަރުންގެ ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރުމުގެ މަގްސަދުގައި. ފޮޓޯ/ރޮއިޓާސް

މާލީ މައްސަލަތަކުގެ އިތުރުން، މި ޕްރޮގްރާމްގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއްވެސް ވަނީ ކުރިމަތިވެފައެވެ. އިންޑޮނީޝިއަން އެޑިއުކޭޝަން މޮނިޓަރިން ނެޓްވޯކްގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ކާނާ ވިހަވުމުގެ 33،000 މައްސަލަ ވަނީ ރެކޯޑުކުރެވިފައެވެ. ކިރާއި މަސް ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ހުރި މައްސަލަތަކާއި، ސާފުތާހިރުކަމުގެ މިންގަނޑުތައް ނުހިފެހެއްޓުމުގެ ސަބަބުން އެތައް ހާސް ކުދިންނަކަށް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ސިއްހީ ފަރުވާ ދޭންޖެހިފައެވެ. މީގެ އިތުރުން، ސްޓަންޓިން އަށް އެންމެ ބޮޑަށް އަމާޒުކުރަންޖެހޭ މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް މި ޕްރޮގްރާމްގެ ފައިދާ ކުރާ މިންވަރު ކުޑަކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރަށް ކާނާ ފޯރުކޮށްދިން 25.78 މިލިއަން މީހުންގެ ތެރެއިން މާބަނޑު މީހުންނާއި ތުއްތު ކުދިންގެ ނިސްބަތަކީ އެންމެ 5 އިންސައްތައެވެ.

މި ޕްރޮގްރާމަށް ފަންޑުކުރުމަށްޓަކައި ސިއްހީ އަދި ތައުލީމީ ދާއިރާގެ ބަޖެޓުން ބޮޑު ބައެއް ވަނީ ކަނޑާފައެވެ. އިންޑޮނޭޝިއާގެ ގާނޫނުއަސާސީގައި ތައުލީމީ ދާއިރާއަށް ދައުލަތުގެ ބަޖެޓުގެ 20 އިންސައްތަ ކަނޑައަޅަން ލާޒިމުކޮށްފައިވީ ނަމަވެސް، މި ޕްރޮގްރާމަށް ފައިސާ ހަމަޖެއްސުމުގެ ސަބަބުން ތައުލީމީ ދާއިރާގެ ޚަރަދުތައް ވަނީ 11.9 އިންސައްތައަށް ވެއްޓިފައެވެ.

ޖަކާޓާގައި ހުންނަ ތިންކް ޓޭންކެއް ކަމަށްވާ އިންޑޮނޭޝިއާ ސްޓްރެޓީޖިކް އެންޑް އިކޮނޮމިކް އެކްޝަން އިންސްޓިޓިއުޝަންގެ ސީނިއާ އެނަލިސްޓް، ރޮނީ ސަސްމީތާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ކުޑަކުރި ނަމަވެސް އިންޑޮނޭޝިއާއަށް މާލީ ގޮތުން މިއީ އުފުލޭނެ ބުރައެއް ނޫނެވެ. އަދި ސަރުކާރުން ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޮޑު ފުރުސަތެއް ހުޅުވާލާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަސްމީތާ ވިދާޅުވި ގޮތުގައި، އިގުތިސާދީ ހިންގުމުގެ ނަޒަރަކުން ބަލާއިރު، މިއީ ފަހުގެ ތާރީޚެއްގައި އިންޑޮނޭޝިއާއިން ދުށް އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލައެވެ. މި ޕްރޮގްރާމް މުޅި ގައުމަށް ފުޅާކޮށްފައި އޮތް އޮތުމުގެ ސަބަބުން، ފައިސާ ލީކުވުމަށް އެތައް ދޮރުތަކެއް ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނިވާސިޓީ އޮފް އިންޑޮނީޝިއާގެ އިކޮނޮމިކްސް ޑިޕާޓްމަންޓްގެ އިސްވެރިޔާ، ވިޑް އެޑްރިސަން ވިދާޅުވި ގޮތުގައި އާ ބަދިގެތަކެއް ހެދުމުގެ ބަދަލުގައި ސްކޫލްތަކުގައި މިހާރުވެސް ހުރި ކެންޓީންތައް ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ސަލާމަތްކުރެވޭނެއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ވަނީ ޕްރޮގްރާމަށް ބަދަލުތަކެއް ގެންނަން ނިންމާފައެވެ. ދެހާސް ފަންސަވީސް ވަނަ އަހަރު ޕްރޮގްރާމް ފެށުމަށް 2.8 ބިލިއަން ޑޮލަރު ޚަރަދުކުރުމަށްފަހު، ރައީސް ޕްރަބޯވޯގެ އެންގެވުމަކަށް މެއި މަހު ވަނީ މިއަހަރުގެ ބަޖެޓު 18.4 ބިލިއަން ޑޮލަރުން 14.7 ބިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 2.2 ބިލިއަން ޑޮލަރު އުނިކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ނޭޝަނަލް ނިއުޓްރިޝަން އޭޖެންސީން މިދިޔަ މަހު ބުނެފައިވަނީ، އިންޑޮނޭޝިއާގެ އެންމެ ފަގީރު އަދި އެންމެ އެކަހެރި ސަރަހައްދުތައް ކަމަށްވާ "ތްރީޓީ ރީޖަންސް" ގެ މައިންނާއި ތުއްތު ކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ސްކީމެއް ތައްޔާރުކުރާނެ ކަމަށެވެ.

މިހާ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވީ ނަމަވެސް، ރައީސް ޕްރަބޯވޯ ދަނީ މި ޕްރޮގްރާމަކީ ކާމިޔާބު މަޝްރޫއެއް ކަމަށް ވިދާޅުވެ ދިފާއުކުރައްވަމުންނެވެ. އިންޑޮނޭޝިއާގެ އަންތާރާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ މަހު ދެއްވި ތަގުރީރެއްގައި ޕްރަބޯވޯ ވިދާޅުވީ ހުސް ބަނޑަކަށްވުރެ މުހިންމު އެހެން ކަމެއް އޮންނާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ބަނޑުހައިވެފައިވާ މީހާއަށް ވަގުތުން ކާން ނުދީފިނަމަ އޭނާ މަރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް