ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 99 އިންސައްތަ, ގާތްގަނޑަކަށް 8.2 ބިލިއަން މީހުންނަށް މިއަދު ޖީއެމްޓީ ގަޑިން 11:10 (ރާއްޖެ ގަޑިން ހަވީރު 4:10) ގައި އެއްފަހަރާ ދުވާލުގެ އަލި ނުވަތަ އިރުއޮއްސޭ ނުވަތަ އިރުއަރާ ވަގުތު ތަޖުރިބާ ކުރާނެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް މިނިޓެއްހާއިރަށް ދެމިގެންދާ އެ ވަގުތުކޮޅު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ހިމެނޭހެން ހުރިހާ ތަނަކަށް ވެސް އިރުގެ އަލި ލިބޭއިރު، ރޭގަނޑުގެ އަނދިރިކަން ތަޖުރިބާ ކުރާނީ ވަރަށް ކުޑަ އިންސައްތައެކެވެ.

މިއަދު ދުނިޔޭގެ 99 ޕަސަންޓް މީހުންނަށް އިރުގެ އަލި އެއްވަގުތެއްގައި ތަޖުރިބާކުރާނެ -- ފޮޓޯ/އަލް ޖަޒީރާ
ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، ޔޫރަޕް، އެފްރިކާ އަދި އޭޝިއާގެ ބޮޑު ބަަޔަކަށް ދުވާލު އަލި ފޯރާނެއެވެ.
އެ ވަގުތު އަނދިރީގައި އޮންނާނީ އޮސްޓްރޭލިއާއާއި ނިއުޒީލެންޑާއި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ހިސާބުތަކާއި އެންޓާޓިކާގެ އިތުރުން ވަށައިގެންވާ ކަނޑުތަކެވެ.

މިއަދު އެ ވަގުތު އަނދިރިކަން ތަޖުރިބާ ކުރާނީ އެންމެ ޕަސަންޓެއްގެ މީހުން. ފޮޓޯ/އަލް ޖަޒީރާ
މިއީ ހަމައެކަނި އެއްދުވަހުގެ ކަމެއް ނޫނެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 60 ދުވަހު މިކަން ތަޖުރިބާކުރެވޭނެއެވެ.
މި ހާލަތު ޖުލައި އަށްވަނަ ދުވަހާ ބޮޑަށް ގުޅިފައި ވަނީ 2022 ވަނަ އަހަރު ސޯޝަލް މީޑިއާގައި މިކަން ހިނގި ހަމައެކަނި ދުވަސް ކަމަށް ބުނެ، ޕޯސްޓެއް ވައިރަލްވުމުންނެވެ. އޭގެ ފަހުން "ޓައިމް އެންޑް ޑޭޓް" ވެބްސައިޓުން ހޯދި މައުލޫމާތު ދެއްކި ގޮތުގައި، މި ހާލަތު އެންމެ ގިނައިން ދިމާވަނީ ޖުލައި އަށް ވަނަ ދުވަހެވެ. ނަމަވެސް އުތުރު ހެމިސްފިއާގެ ހޫނު މޫސުމާ ދިމާކޮށް ގާތްގަނޑަކަށް ދެ މަސް ދުވަހު، ކޮންމެ ދުވަހަކު ވެސް މިފަދަ ހާލަތްތައް ދިމާވެއެވެ.