ކްލަސިކް 2026: ބިނާރާ، ވިޒިޓް މޯލްޑިވްސް، ކުޅިވަރު ވުޒާރާ އަދި ބީސީސީ ކުއާޓާއަށް

ކުލަބް މޯލްޑިވްސް ކްލަސިކްގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ މޮޅުވި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ކްލަބް މޯލްޑިވްސް ކްލަސިލް 2026 ގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް އެންމެ ފަހުގެ ރަނަރަޕް ކުލަބު ބިނާރާ، ވިޒިޓް މޯލްޑިވްސް ކުލަބު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އަދި ކުލަބު ބީސީސީން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

މި މުބާރާތުގެ ކުއާޓާއަށް ގްރޫޕް ސީގައި ބިނާރާ ދަތުރުކުރީ ރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ޕީއެސްއެމް ބަލިކުރުމަށްފަހުއެވެ. އަދި މި ގްރޫޕުގެ އަނެއް މެޗުން ވިޒިޓް މޯލްޑިވްސް ވަނީ 3-0 ގެ ނަތީޖާއަކުން ތަޢުލީމީ ގުޅުން ބަލިކޮށްފައެވެ.

މި ނަތީޖާތަކާއެކު ބިނާރާއަށް ގްރޫޕް ސީގެ އެއްވަނަ ލިބުނީ 10 ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި ވިޒިޓް މޯލްޑިވްސްއަށް ހަތް ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ އެމްއެމްއޭ ސޯޝަލް ކުލަބަށް ލިބުނީ ފަސް ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމި ޕީއެސްއެމްއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ތަޢުލީމީ ގުޅުމަށް ލިބުނީ ޕޮއިންޓެކެވެ.

ކުލަބު މޯލްޑިވްސް ކްލަސިކްގައި ވިޒިޓް މޯލްޑިވްސް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓ

މީގެ އިތުރުން ކުއާޓާގެ ޖާގައެއް ގްރޫޕް ޑީގައި ހިމެނޭ ކުޅިވަރާ ބެހޭ ވުޒާރާއިން ހޯދީ ރޭ ކުޅުނު މެޗުގައި ފައިނޭންސް ރެކްރިއޭޝަން ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބީސީސީން ވަނީ ފަސޭހަކަމާއެކު ދިވަރު ރެކްރިއޭޝަން ކުލަބު އަތުން 9-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ކްލަސިކުގައި ހުޅުމާލެ ބީސީސީ އާއި ދިވަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ނަތީޖާތަކާއެކު ކުޅިވަރާ ބެހޭ ވުޒާރާއަށް ގްރޫޕް ޑީގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ.

ދެވަނަ ހޯދި ބީސީސީއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި ނިންމި ފައިނޭންސަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ދިވަރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު