އެޕަލްގެ އަމިއްލަ އެސިސްޓެންޓް "ސިރީ" އަށް ވުރެ ގޫގުލްގެ "ޖެމިނައި" މިހާރު ހުރިހާ ގޮތަކުންވެސްމާ ބޮޑަށް ވެސް ކުރިއަރާފައިވާ ކަމަށް އެނަލިސިސް ރިޕޯޓަކުން ދައްކައިފިއެވެ.
އޮންލައިން ނޫސް 'ޑިޖިޓަލް ޓްރެންޑްސް'ގެ ރިޕޯޓަރަކު ހާމަކުރި ގޮތުގައި ގޫގުލްގެ އޭއައި ބޮޓް ޖެމިނައި އެޕް އައިފޯނުގައިވެސް ބޭނުންކުރެވޭގޮތް ހަދާފައިވާއިރު، ލޮކް ސްކްރީނުން ފެށިގެން ޝެއާ ޝީޓާ ހަމައަށް ޖެމިނައިގެ އިންޓަގްރޭޝަން ފުޅާވެފައިވާއިރު، ސިރީ މިހާރު ބެލެވެނީ ޒަމާނާ ނުގުޅޭ ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައެވެ.
ޖެމިނައިގެ އައު އަޕްޑޭޓާއެކު އައިފޯނުގެ ލޮކް ސްކްރީނުގައި ހަ ވިޖެޓެއް ބޭނުންކޮށްގެން ޓެކްސްޓް ޗެޓް، އޯޑިއޯ މޯޑް އަދި ޖެމިނައި ލައިވް ފަދަ ޚިދުމަތްތައް ވަގުތުން ހުޅުވާލެވެއެވެ. މީގެ އިތުރުން، ކޮންޓްރޯލް ސެންޓަރުގައި ވެސް ހަ ޝޯޓްކަޓް ހިމަނާފައިވުމުން ލޮކް ސްކްރީނުގައި ޖާގަ ނެތް ނަމަވެސް ފަސޭހަކަމާއެކު މި ޚިދުމަތްތައް ބޭނުންކުރެވެއެވެ. ނަމަވެސް ސިރީގެ ޓެކްސްޓް މޯޑް ހުޅުވުމަށްޓަކައި ނެވިގޭޝަން ބާއަށް ފިތައިގެން ހުންނަންޖެހޭއިރު، މިއީ ޖެމިނައިއާ އަޅާބަލާއިރު ދެކޮޅުނުޖެހޭ އުނދަގޫ ގޮތެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމްޕްލެކްސް ސުވާލުތަކަށް ޖަވާބުދިނުމުގައި ވެސް ސިރީއަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، ބައެއް ސުވާލުތަކަށް ޖަވާބު ހޯދުމަށް ސިރީ އެދެނީ ޗެޓްޖީޕީޓީގެ އެހީތެރިކަމަށެވެ. އަދި މި ފީޗާ އެކްޓިވް ކުރުމަށް ސެޓިންގްސްއިން ދެ ޓޮގްލް އޮން ކުރަންޖެހެއެވެ. އެއާ ޚިލާފަށް، ޖެމިނައިއިން ސާފު ހެޑިންގްތަކާއި ބުލެޓް ޕޮއިންޓްތަކާއެކު ފުރިހަމަ ޖަވާބު ދިނުމުގެ އިތުރުން، އެއް ފިއްތުމަކުން ސޯސް ޗެކްކޮށް، ގޫގުލް ސާޗަށް ވަދެ، ޑޮކިއުމެންޓްތަކަށް އެކްސްޕޯޓްކޮށް އަދި ޖީމެއިލް ޑްރާފްޓް ވެސް ތައްޔާރުކޮށްދެއެވެ.
ފައިލްތަކާއި ފޮޓޯތައް ދެނެގަތުމުގައި ވެސް ޖެމިނައި އުޅެނީ މާ ކުރީގައެވެ. ބޮޑެތި ރިސާޗް ކަރުދާސްތައް ޚުލާސާކުރުމުގެ ގާބިލުކަން ސިރީއަށް ލިބިފައި ނުވާއިރު، އޭގެ ޗެޓްޖީޕީޓީ އިންޓަގްރޭޝަނުގައި ވެސް ފައިލް އަޕްލޯޑް ކުރެވޭނެ ގޮތެއް ނެތެވެ. އެކަމަކު، ޖެމިނައި ބޭނުންކޮށްގެން ލޮކް ސްކްރީނުން ސީދާ ފައިލް ޕިކަރަށް ވަދެ ފައިލް އަޕްލޯޑް ކުރެވޭއިރު، "ޖެމިނައި އީމޭޖް" ވިޖެޓްގެ އެހީގައި ސްކްރީންޝޮޓްތަކާއި ކެމެރާ ފޮޓޯތައް ވަގުތުން އެނަލައިޒް ކުރެވެއެވެ.
މީގެ އިތުރުން ޖެމިނައި ލައިވް މޯޑަކީ އިންސާނަކާ ވާހަކަދައްކާ ފަދަ ގޮތަކަށް ކުރިއަށްދާ މުއާމަލާތަކަށް ވާއިރު، ހިލޭ ބޭނުންކުރާ ފަރާތްތަކުގެ ކުރީގެ ވާހަކަތައް ހަނދާން ބެހެއްޓުމުގެ "އާޓިފިޝަލް މެމޮރީ" ވެސް އޭގައި ހުރެއެވެ. ނަމަވެސް ސިރީގައި މިފަދަ މެމޮރީއެއް ނެތްއިރު، ސިރީގެ އައު އޭއައި އޯވަހޯލް ފެންނާނީ 2026 ނުވަތަ 2027 ގައި ކަމަށް ބްލޫމްބާގުން ބުނެއެވެ.
ސިރީ އަކީ އައިއޯއެސް ލެވެލްގައި މަސައްކަތްކުރާ އެއްޗެއް ނަމަވެސް ތާޑް-ޕާޓީ އެޕްތަކާ ގުޅުމުގެ ފުރުސަތު ކުޑައެވެ. އެކަމަކު ޖެމިނައި އެކްސްޓެންޝަންސް މެދުވެރިކޮށް ގޫގުލް ޑޮކްސް، މެޕްސް އަދި ސްޕޮޓިފައި ފަދަ އެޕްތައް މިހާރުވެސް ބޭނުންކުރެވެއެވެ.
އެޕަލްގެ އަމިއްލަ އޭއައި ސިސްޓަމް ލަސްވުމުގެ ސަބަބުން، އެ ކުންފުންޏަށް މަޖުބޫރުވެފައިވަނީ ޗެޓްޖީޕީޓީއަށް ބަރޯސާވާ އުނދަގޫ ސިސްޓަމެއް ބޭނުންކުރުމަށެވެ. އެހެންނަމަވެސް، އައިފޯނުގެ އެކްޝަން ބަޓަން ކަސްޓަމައިޒްކޮށްގެން ޖެމިނައިގެ ޓެކްސްޓް ނުވަތަ ވޮއިސް މޯޑް ފަސޭހައިން ހުޅުވާލެވޭތީ، ސިރީގެ ބަދަލުގައި ޖެމިނައި ބޭނުންކުރުމުގެ ފުރުސަތު އައިފޯނު ޔޫޒަރުންނަށް އެބައޮތެވެ.
ރިޕޯޓަރު ނިންމާލަމުން ބުނެފައިވަނީ، ސިރީއަށް އޮޕަރޭޓިން ސިސްޓަމްގެ ބާރު ލިބިފައިވީ ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި ބޮޑު އަޕްޑޭޓެއް ނާންނާނެތީ، މިވަގުތު އައިފޯނުގައި ބޭނުންކުރެވޭނެ އެންމެ ބާރުގަދަ އޭއައި އެސިސްޓެންޓަކީ ގޫގުލްގެ ޖެމިނައި ކަމަށެވެ.