އެމެރިކާގެ ތަރި ފޯލަރިން ބަލޯގަންއަށް ދީފައިވާ ސަސްޕެންޝަން ފީފާއިން ފަސްކޮށްދިނުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
މި ނިންމުމާއެކު މިރޭ ފަތިހު ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ ގަދަ 16 ވަނަބުރުގެ މެޗުގައި ބަލޯގަންއަށް ކުޅުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.
ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޯގަންއަށް ސީދާ ރަތް ކާޑެއް ދެއްކީ އިދިކޮޅު ކުޅުންތެރިއެއްގެ ފަޔަށް އެރި މައްސަލައިގައެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ދެއްކި މި ރަތް ކާޑަކީ މާ ހަރުކަށި ނިންމުމެއް ކަމަށް އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ޓީމުގެ ކުޅުންތެރިން ވަނީ ބުނެފައެވެ.
ފީފާގެ ގަވާއިދު ބުނާގޮތުން ރަތް ކާޑަކާއެކު އެއް މެޗުގެ ސަސްޕެންޝަނެއް އޮޓޮމެޓިކުން އަންނާނެއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ރޭ ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލޯގަންގެ ސަސްޕެންޝަން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފަސްކޮށްފައިވާ ކަމަށެވެ. މި ނިންމުން ނިންމި ސަބަބުގެ ތަފްސީލެއް ފީފާއިން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަނގަޅު ގޮތް ނިންމައި، ބޮޑު ބޭއިންސާފެއް ބަދަލުކޮށްދިނީތީ ފީފާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މި ނިންމުމުގެ ކުރިން ޓްރަމްޕް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި މި މައްސަލަ ރިވިއު ކުރުމަށް އެދިވަޑައިގެންފައެވެ.
މި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ އިދާރާއިން ބުނިގޮތުގައި މިއީ ފީފާގެ ގަވާއިދުތަކާ މުޅިން ކިލާފު، ހައިރާންކުރުވަނިވި ނިންމުމެކެވެ. ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ވަނީ މިއީ 'އޭޕްރީލް ފޫލް'ގެ ޖޯކެއް ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ވޯލްޑް ކަޕެއްގެ ތެރޭގައި ރަތް ކާޑަކާ ގުޅިގެން އައި ސަސްޕެންޝަނެއް މިގޮތަށް ފަސްކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން ކޮލިފައިން މަރުހަލާގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނިކޮލަސް އޮޓަމެންޑީ ފަދަ ކުޅުންތެރިންގެ ސަސްޕެންޝަންތަކަށް ފީފާއިން ވަނީ ލުއިތަކެއް ދީފައެވެ.