އަމީނީމަގުގެ އެންމެ ފަހު ސެގްމަންޓުގައި އަލުން ތާރު އެޅުން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ޖަވާބެއް ނުލިބި އެތައް ދުވަހެއް ވެއްޖެއެވެ.
އެ ސަރަހައްދުގައި ތާރު އެޅީ، މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހުގައެވެ. އެކަމަކު، އެ ސަރަހައްދުގައި 'މުލިހިތަކެއް'ހެން ތާރުގަނޑު އުފުލުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.
'ސަން'އިން އެ ކަން ރިޕޯޓުކުރި ފަހުން އެ ކަން ރަނގަޅުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގައި ވެސް ކުރިއެވެ. ނަމަވެސް، މިހާރު އަނެއްކާވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.
ކަން އެހެން އޮއްވައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިދިޔަ އޭޕްރީލް މަހު ވަނީ، އަލުން އެ ސަރަހައްދުގައި ތާރުއަޅަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އަމީނީ މަގު ތާރުގަނޑުގައި ހުރި މުލިހިތައް: މިކަމުގެ ސަބަބުން ގިނަ ނުރައްކާތަކާ ކުރިމަތިވޭ --- ސަން ފޮޓޯ/ އަހުމަދު އިނާހު
އޭރު އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައު ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުގެ ރޯޑް އިންޖިއަރެއް ގެނެސްގެނެވެ.
އޭގެފަހުން، މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނަޒީމް 'ސަން'އަށް ވިދާޅުވީ، އަމީނީމަގުގެ ހުޅަނގަށްވީ ސަރަހައްދުގައި ތާރު އެޅުން ލަސްވަނީ އެ މަސައްކަތުގެ ބައެއް ކަންކަމަށް ހައުސިން މިނިސްޓްރީން ބަދަލު ގެންނަމުންދާތީ ކަމަށެވެ.
އެހެންވެ، އެ މަސައްކަތް ފެށުން ލަސްވަނީ ކީއްވެތޯއާއި މަސައްކަތް ފަށާ ތާރީޚެއް ހޯދުމަށް ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށް އެކި ދުވަސް މަތިން 'ސަން'އިން ގުޅައި، މެސެޖުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އަމީނީމަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލި، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ދުއްވަން ނުރައްކާތެރި ގޮތަކަށް އަމީނީމަގު އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަމީނީމަގުގެ މި ސަރަހައްދުގެ ހާލަތު ވަރަށް ދަށްވެފައިވާއިރު، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސާވޭ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.