އިންޑިއާގެ މަގުބޫލު އެކްޓަރު ވިކްރާންތު މަސޭގެ ވެބް ސީރީސް "މުސާފިރު ކެފޭ" މި މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.
ރުޗީރު އަރޫން ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ޑްރާމާގައި ވިކްރާންތުގެ އިތުރުން ވޭދިކާ ޕިންޓޯ އަދި މަހީމާ މަކްވާނާ ލީޑް ރޯލުން ފެންނާނެއެވެ.
މިދިޔަ ހަފުތާގައި އާންމުކުރި މި ސީރީޒްގެ ފުރަތަމަ ޓީޒާގައި ވިކްރާންތު މަސީ، ވޭދިކާ ޕިންޓޯ އަދި މަހީމާ މަކްވާނާގެ ބައްދަލުވުންތައް ފެނިގެންދާއިރު، މި ސީރީޒް ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ބޯޕާލް އަދި މަސޫރީގައި މަންޒަރުތައް ނަގާފައިވާ، ދެ މިނެޓާއި ތިން ސިކުންތުގެ މި ވީޑިއޯއިން ފެންނަނީ، އުންމީދު ނުކުރާ ފަދަ ގޮތަކަށް ދިމާވާ ތިން ބީރައްޓެހިންގެ ދިރިއުޅުމެވެ.
ވިކްރާންތު ކުޅެނީ އަމިއްލަ މިނިވަން ދިރިއުޅުމަކަށް ބޭނުންވެފައިވާ ޗަންދަރު މޯހަން ޝަރުމާ ނަމަކަށްކިޔާ ކެރެކްޓާއެކެވެ. ވޭދިކާ ކުޅެނީ އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމަށް އަޒުމް ކަނޑައަޅައިގެން އުޅޭ އަންހެއް ކުއްޖެއްގެ ރޯލެވެ.

ވެބް ސީރީސް "މުސާފިރު ކެފޭ"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މި ވެބް ސީރީސް އަކީ، ދިވްޔާ ޕްރަކާޝް ދުބޭ ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒްއެކެވެ. ޝަރަންޔާ ރާޖްގޯޕާލްގެ ސްކްރީންޕްލޭއަށް އުފައްދާ މި ސީރީސް ގެނެސްދޭނީ، 'ޓެރިބްލީ ޓައިނީ ޓޭލްސް' އަދި 'ހޯމްމޭޑް ސްޓޯރީޒް' ބެނާގެ ދަށުންނެވެ.
ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ވިކްރާންތުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ދެ ފިލްމު ކަމަށްވާ "ޔާރް ޖިގްރީ" އަދި "ތަލާހޯން މޭ އޭކް" ހިމެނެއެވެ.
ވިކްރާންތުގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ، "ޓުވެލްތު ފެއިލް"، "ޕިރް އައީ ހަސީން ދިލްރުބާ"، އަދި "ސެކްޓަ 36" ހިމެނެއެވެ.