ރާއްްޖޭގައި ދީނީ އިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން "މަންފާ އެކެޑަމީ"ގެ ނަމުގައި ކުޅިވަރު އެކެޑަމީއެއް ލޯންޗުކޮށްފިއެވެ.
ޣިޔާސުއްދީން ސުކޫލު ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަންފާ އެކެޑަމީ އިފުތިތާހު ކޮށްދެއްވީ ދިވެހި ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅިވަރު ލެޖެންޑް އަލީ ސުޒެއިނެވެ.
މަންފާ އެކެޑަމީ އިފުތިތާހުކުރުމުގެ ގޮތުން އެކަމަށް ޚާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފައެވެ. އޭގެ ފަހުން މަންފާ އެކެޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފައެވެ.
ސުޒެއިނަށް ޖާޒީ ހަދިޔާކުރެއްވީ މަންފާ އެކެޑަމީގެ ޗެއާމަން އަލީ ރަމީޒް އާއި މަންފާ އެކެޑަމީގެ ރައީސް މުހައްމަދު ސާޖިދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންފާ އެކެޑަމީގެ ޗެއާމަން އަލީ ރަމީޒް ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި އެހާމެ ތާރީޚީ ރެއެއް ކަމަށެވެ.

މަންފާ އެކެޑަމީ ލޯންޗުކުރުމަށް ބޭއްވި ހާއްސަ އިވެންޓުގެ ތެރެއިން-- ފޮޓޯ: ވޮއިސް
މި އެކެޑަމީގެ ހިންގުމުގައި ތިބީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކެކެވެ. އޭގެ ތެރޭގައި:
- ޗެއާމަން - އަލީ ރަމީޒް
- ރައީސް - މުޙައްމަދު ސާޖިދު
- ނައިބު ރައީސް - އަލީ ނިސްތާރު
- ނައިބު ރައީސް - މުޙައްމަދު ތައުފީގު

މީގެ އިތުރުން މި އެކެޑަމީގެ އިސް ދައުރެއް އަދާކުރާ އެހެން މެމްބަރުންނަކީ:
- އެގްޒެގެޓިވް ޑިރެކްޓަރު - އަލީ މުއީން
- އެގްޒެގެޓިވް ޑިރެކްޓަރު - ޝިޔާމް އަލީ
- މީޑިއާ ކޯޑިނޭޓަރު - އަޙްމަދު ހަމީދު
- ޖެނެރަލް ސެކްރެޓަރީ - ޢަބްދުﷲ ޒުހެއިރު
- ޓްރެޝަރާ - އަޙްމަދު ގައްސާން

އެ ރަސްމިއްޔާތުގައި އަލީ ވިދާޅުވީ މަންފާ އެކެޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ, އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށް ކަމަށެވެ.
"މަންފާ އެކެޑަމީ އިފުތިތާހުކުރެވިގެންދިޔައިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކެޑަމީގެ މަސައްކަތުގައި އިސްކޮށް ވަރަށް ޤާބީލް, އެހާމެ މުރާލި އަދި ދިވެހި ކުޅިވަރުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް ތިއްބެވުން. މި މަސައްކަތުގައި އެ ބޭފުޅުންގެ ބައިވެރިވުމާއި އިސްނެގުން ފާހަގަކޮށް އަޅުގަނޑުގެ ފަރާތުން އިޚްލާސްތެރި ޝުކުރެއް އެންމެ ބޭފުޅުންނަށް އަރިސްކުރަން," އަލީ ރަމީޒު ވިދާޅުވިއެވެ.

މަންފާ އެކެޑަމީ ލޯންޗުކުރުމަށް ބޭއްވި ހާއްސަ އިވެންޓުގެ ތެރެއިން-- ފޮޓޯ: ވޮއިސް
އަލީ ވަނީ މަންފާ އެކެޑަމީ އުފެއްދުމުގެ މި މަސައްކަތުގައި އެތައް ބައެއްގެ އެހީތެރިކަމާއި ބައިވެރިވުން ލިބިފައިވާކަން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ.
"ސަން" އަށް މައުލޫމާތުދެއްވަމުން މަންފާ އެކެޑަމީގެ ރައީސް އަދި ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) ބުނީ އެންމެ ފުރަތަމަ އެކެޑަމީ ފަށާނީ ތިން ކުޅިވަރަކާއެކު ކަމަށެވެ. އެއީ ފުޓުބޯޅައާއި ވޮލީބޯޅައިގެ އިތުރުން އެތުލެޓިކްސްއެވެ. އަދި މުސްތަގްބަލުގައި އިތުރު ކުޅިވަރުތަކެއްވެސް ފެށުމަށް ވިސްނާފައިވާކަމަށް ބުންޏެވެ.
އެކެޑަމީގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް އާންމުކޮށް ހުޅުވާލާނެކަމަށް ވެސް ކާއްޓޭ ބުންޏެވެ.