ފުޅަނގި ޗެލެންޖުގެ ފްރީސްޓައިލް ޗެމްޕިއަންކަން ހަންޓޭއަށް

"ފުޅަނގި ޗެލެންޖު 2026" ގެ ފްރީސްޓައިލް ބައިގެ ޗެމްޕިއަންކަން ހޯދި ޙަސަން މާހިރު (ހަންޓޭ)--

ބ. އަތޮޅު ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ފުޅަނގި ޗެލެންޖު 2026" ގެ ފްރީސްޓައިލް ބައިގެ ޗެމްޕިއަންކަން ގޮއިދޫއަށް ނިސްބަތްވާ، އަދި ރާއްޖޭގެ ފާހަގަކޮށްލެވޭ ކައިޓްބޯޑިންގް އެތުލީޓް ޙަސަން މާހިރު (ހަންޓޭ) ހޯދައިފިއެވެ.

ޖޫން 28 އިން ޖުލައި 5 އަށް ކުރިއަށްދާ މުބާރާތުގެ ފަނޑިޔާރުން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ފާހަގަކޮށްލެވޭ އެއް ފްރީސްޓައިލް ފައިނަލެވެ.

މި ތާރީޚީ މުބާރާތުގެ ފްރީސްޓައިލް ޗެމްޕިއަންކަން ހަންޓޭ ހޯދިއިރު، އޭނާ ވަނީ ފައިނަލުގައި މޮޅު ހުނަރުތަކެއް ދައްކައި، 25.00 ޕޮއިންޓާއެކު އެއްވަނަ ހޯދާފައެވެ.

މުބާރާތުގެ ދެވަނަ 21.41 ޕޮއިންޓާއެކު ރާއިފް ޝަނީޒް ހޯދިއިރު، ތިންވަނަ ލިބުނީ 16.20 ޕޮއިންޓް ހޯދި މަމްނޫން ނިޔާޒަށެވެ. އަދި ހަތަރުވަނަ އެތުލީޓެއްގެ ގޮތުގައި ހޮވުނީ ޢަބްދުﷲ ޝަފީޢުއެވެ.

"ފުޅަނގި ޗެލެންޖު 2026" ގެ ފްރީސްޓައިލް ބައިގެ ތެރެއިން--

މޫދުގެ ކުޅިވަރުތަކުގައި މަޝްހޫރު ހެޑް ޖަޖް މުޙައްމަދު ޢަބްދުއްރަޙްމާން (ބޯބުޅި) ވަނީ މި ފައިނަލަކީ މި ކުޅިވަރުގެ ތާރީޚުގައިވެސް ހަނދާން ހުންނާނެ ފަދަ ފޯރިގަދަ ފައިނަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ދެން ހަރަކާތްތެރިވީ އާދަމް ފައިސަލް، އާސިމް، މުޙައްމަދު ފުޅު (ސިމްބެ)، އަޙްމަދު ޙަމްދާން (ހަމްބޭ)، ޙަސަން ނިޒާމް (ކަޑޭ) އަދި ޢަލީ ޢަބްދުލްޣަފޫރު (ގައްބެ) އެވެ.

މި އަހަރުގެ ފުޅަނގި ޗެލެންޖު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި މި ފްރީސްޓައިލް ކޮމްޕެޓިޝަނުގައި، ބަލަން ތިބި މީހުން އަންތަރީސްވާފަދަ ވައިގެ ތެރޭގެ އުކުޅުތަކާއި ހުނަރުވެރި ބޯޑު ކޮންޓްރޯލްތަކެއް އެތުލީޓުން ވަނީ ދައްކާލާފައެވެ.

މިއީ ރާއްޖޭގައި ކައިޓްބޯޑިންގްއާއި ވިންޑް ސްޕޯޓްސް ކުރިއަރަމުންދާ މިންވަރު ހާމަކޮށްދިން ފެންވަރުމަތީ މުބާރާތެކެވެ. މުބާރާތުގެ ފްރީސްޓައިލް ބައި ނިމުނު ނަމަވެސް، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ މައިގަނޑު ރޭސްތައް ކަމަށްވާ ފްރީސްޓައިލް ސްލަލޮމް އަދި ޑައުންވިންޑް ސްލަލޮމް ރޭސްތަކެވެ.

"ފުޅަނގި ޗެލެންޖު 2026" ގެ ފްރީސްޓައިލް ބައިގެ ތެރެއިން--

މި ރޭސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. ޖުލައި 5 ގައި މުބާރާތް ނިމުމުގެ ކުރިން ޤައުމީ ޗެމްޕިއަންކަން ހޯދުމަށް އެތުލީޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ފެންނާނެ ކަމަށް ބެލެވެއެވެ.

ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖު 2026 ގެ ކޯ-ސްޕޮންސަރުންނަކީ އެކުއާ ކިއުބް އަދި ކޭޓީއައި އިންވެސްޓްމަންޓްއެވެ. މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. ޓްރެވަލް ޕާޓްނަރަކަށް އެޓޮލް ކިއުޓް ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ އެހެނިހެން ސްޕޮންސަރުންގެ އެހީތެރިކަން މި މުބާރާތަށް ލިބިފައިވެއެވެ. މި މުބާރާތް "ސަން ޕްލޭ" މެދުވެރިކޮށް ލައިވްކޮށް ދައްކަމުންދާއިރު، މުބާރާތުގެ ހީޓްތަކާއި، އެތުލީޓުން އަދި ސްކޯގެ މަޢުލޫމާތު މި ލިންކް މެދުވެރިކޮށް ބީޖީސީ ފުޅަނގި ޗެލެންޖް ޓެބް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު