ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއާއި އެމެރިކާއާއި ދެ ގައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަޙުމަތްތެރިކަމާއި، ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ސިޓީފުޅުގައިއެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ގައުމަށް ވެސް ވަރަށް ޚާއްސަ އަހަރެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ ހަ އަހަަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިވެފައިވަނީ ދެމެހެއްޓެނިވި ރަޙުމަތްތެރިކަމުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަމަށާއި، ސަލާމަތާއި ދިފާޢީ ރޮނގުންނާއި، ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.