އިޤުރާރުވީމޭ ލޯބިން - 46

އިޤުރާރުވީމޭ ލޯބިން -

އައިރާ ފެންވަރާލައިގެން ނުކުމެ އޮށޯތްތަނާ އޭނާގެ ފޯނު ރިންގުވިއެވެ. ތެތްއިސްތަށިގަނޑުގައި ތުވާލި އޮޅައިލަމުން އޭނާ އައިސް ފޯނު ނަގައި ބަލައިލިއެވެ.

އޭނަގެ ތުންފަތް މައްޗަށް ވަގުތުން ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. ގުޅަނީ ޒަހްރާން ނޫން ދެވަނަ މީހެއް ނޫނެވެ. އެނދުގައި އިށީނުމާއެކުއެކީ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ..." އިވުނީ ޒަހްރާންގެ ފިރިހެންވަންތަ އަޑެވެ. "ކީއްކޮށްލަނީތަ؟"

"ފެންވަރައިގެން މި ނުކުތީ ހަމަ. ދެން ނިދާލަންކަމަށް މިއުޅެނީ. ޒަހްރާން ކީކުރަނީތަ؟" އައިރާ ސުވާލުކޮށްލިއެވެ.

"އަހަރެން ވެސް. ފަތިސްނަމާދަށް ދާން ހޭލަން ޖެހޭ. އަނެއްކޮޅުން އޮފީސް ވެސް. ވަރަށް ވަރުބަލިވޭ އަސްލު." ޒަހްރާން ހާމަކުރީ ހަޤީޤަތެވެ. އެގޮތަށް ކަމެއް ނުކޮށް ހުރެފައި ކުއްލިއަކަށް ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކަށް ހޭނިލަން އޭނަ އަދި ދުވަސްކޮޅެއް ބޭނުމެވެ. އެ ހުރިހާކަމަކަށް އާދަވެ ސިކުނޑި ހާނުވަން ވަގުތުކޮޅެއް ބޭނުމެވެ.

"ދެން ނިދާލާ އެހެންވީމަ އަވަހަށް. ރެސްޓްކޮށްލީމަ އޯކޭވާނެ." އައިރާ ބުނެލިއެވެ.

"އައިރާ..." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒަހްރާން ގޮވައިލިއެވެ.

"ހޫމް..." އައިރާ ބުނެލިއެވެ. ޒަހްރާން ބޮޑު ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭކަން އޭނާއަށް އެނގުނެވެ.

"އަހަރެން ބޭނުން ވީ އެންމެ އަވަހަކަށް މެރީކުރަން. ބައްޕަމެންނާ ވާހަކަ ދައްކާފަ ކައިވެނީގެ ތާރީޚެއް ކަނޑައަޅަން ބޭނުން." ޒަހްރާން ބުނެލިއެވެ.

"ކިހިނެއްވީ ކުއްލިއަކަށް؟" އައިރާއަށް ބުނެވުނެވެ.

"އަހަރެން އަބަދުވެސް ބުނަމެއްނު އަވަހަށް ކައިވެނިކުރަން ބޭނުންވާ ވާހަކަ. ކިހިނެއްވީ؟ އަނެއްކާ އައިރާގެ ޚިޔާލު ބަދަލުވަނީތަ؟" ޒަހްރާން އަހައިލިއެވެ.

"ނޫން. އެހެނެއް ނޫން، އަހަރެން ވެސް ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އިންނަން." އައިރާ ބުނެލިއެވެ. އޭނަގެ އަޑުގައި ޔަޤީންކަން ވިއެވެ.

"އޭރުންނެއްނު އަހަރެމެންނަށް ވެސް ހަމަޖެހިލެވޭނީ. އަހަރެން ހިތްހަމައެއް ނުޖެހޭ ތިގޮތަށް އައިރާ އެކަނިމާއެކަނި ބަހައްޓާކަށް." ޒަހްރާން ބުނެލިއެވެ.

"ކީއްވެ އަހަންނާ ދޭތެރޭ ތިހާވަރަށް ވިސްނަނީ؟" އައިރާއަށް ބުނެވުނެވެ.

"ލޯބިވާތީ..." ފަސްޖެހުމެއްނެތި ޒަހްރާން ހާމަކޮށްލީ އޭނާގެ ހިތުގެ އަޑެވެ.

"އެހެންވީމަ އަހަރެން ބައްޕައާ ވާހަކަ ދައްކާފަ މާދަން ރޭ ދެމީހުން ގެއަށް ދާނީ ދޯ އެންމެންނާ މީޓްކުރަން." ޒަހްރާން ބުނުމާއެކު އައިރާ ވެސް އެއްބަސްވިއެވެ. ޚުދު އޭނާ ވެސް މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ޒަހްރާނާ ކައިވެނިކުރާށެވެ. ޒަހްރާންގެ ހައްޤަކަށްވާށެވެ. އޭނާގެ ހިތުގައި ފުންލޯތްބެއް ވަނީ އުފެދިފައެވެ. ޒަހްރާނަށްޓަކައި އެ ހިތުގައި ލޯބި ނޫން އެއްޗެއް ނުވެއެވެ. ޒަހްރާނަށް ހިތުން ކުރާ ޤަދަރު އެތަކެއް ދަރަޖައެއް ވަނީ އުފުލިގެން ގޮހެވެ.

*****

ޖެހިގެން އައި ދުވަހުގެ ރޭ ޒަހްރާން އައިރާ ގޮވައިގެން "މޭޕަލްވިލާ"އަށް ދިޔައެވެ. ގޭޓުން ކާރު އެތެރެއަށް ވައްދައިލުމަށްފަހު ޕޯޓިކޯއާ ހިސާބަށްގޮސް ކާރު މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ އައިރާއަށް ފުންކޮށް ބަލައިލިއެވެ. އެ ނަޒަރު މާނަކުރަން އައިރާ ނުކުޅެދުނު ހިނދު އޭނާއަށް ވެސް ޒަހްރާނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ބުމަ އަރުވައިލެވުނީ ކުޑަ ނުތަނަވަސްކަމެއް އެ މޫނުމަތިން ފެނުނުހެން ހީވީމައެވެ. އައިރާ އިސްވެ ޒަހްރާންގެ އަތުގައި ހިފައްޓައިލިއެވެ.

"ކިހިނެއްވީ؟ ކޮންކަމަކާތަ ތި ވިސްނަނީ؟ އަހަންނާ ޝެއާކޮށްލަބަ.." އައިރާ ހިނިތުންވެލިއެވެ. އޭނާގެ އަތުގައި ހިފައްޓައިފައިވާ އައިރާގެ އަތަށް ބަލައިލުމާއެކު، ޒަހްރާން ހިނިތުންވެލިއެވެ.

"އަހަރެން ގޮތެއް ނިންމަން ބޭނުންވަނީ އައިރާއާ ވެސް ވާހަކަ ދައްކާފަ." ޒަހްރާން ބުނެލިއެވެ. އެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އައިރާގެ ޚިޔާލު އޭނާގެ ޙަޔާތުގައި ނިންމާ ނިންމުންތަކަށް މުހިންމު މިންވަރު އެ އަޑުގައިވި އަސަރުން އެކަނިވެސް ދޭހަވަމުން ދިޔައެވެ.

"ކޮން ގޮތެއް؟ ޒަހްރާން ނިންމާ ކޮންމެ ގޮތެއް ވެސް އަހަންނަށް ރަނގަޅޭ. އަހަރެން ޒަހްރާނަށް އިތުބާރުކުރަން." އައިރާ ބުނެލިއެވެ. އޭނާ ޒަހްރާނަށް އިތުބާރުކުރެއެވެ. ޙަޔާތުގައި ދިމާވި ހިތްދަތިކަމަށްފަހު، އަލުން މީހަކަށް އިތުބާރުކުރުމަކީ އޭނާއަށް ދުވަހަކު ކުރެވޭނެކަމެއްކަމަކަށް އައިރާ އުންމީދެއްނުކުރެއެވެ. އެހެން މީހަކަށް އޭނާގެ ޙަޔާތުން ޖާގައެއް ދެވިދާނެކަމަކަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. އެ ހުރިހާކަމެއް އެއްކިބައިގައި އޮއްވައި އެހެން މީހެއް ދެކެ ލޯބި ވުމަކީ ދުވަހަކުވެސް ނުކުރެވޭނެކަމެއް ކަމުގައި އައިރާ ހުރީ ނިންމައިގެންނެވެ. އެހެންނަމަވެސް، މިއަދު، ޒަހްރާން އެ ހުރިހާ ކަމެއް ބަދަލުކޮށްލައިފިއެވެ. ލޯތްބަކީ އަލުން ވެވިދާނެ އެއްޗެއްކަމަށް ސާބިތުކޮށްދީފިއެވެ. އޭނާ ހީކުރީ ވަރިއާއެކު ދިރިއުޅުން ނިމުނީކަމުގައެވެ. އަލުން ދެން އާ ޙަޔާތަކާއި އަބުރުވެރި ދިރިއުޅުމެއް ނުލިބޭނެކަމަށެވެ. އެހެންނަމަވެސް، ޒަހްރާން އޭނާގެ ޙަޔާތަށް އައުމަށްފަހު، ހުރިހާކަމެއް ވެސް ބަދަލުކޮށްލައިފިއެވެ.

"ކައިވެންޏަށްފަހު، އަހަރެމެން.... އައި މީން... އައިރާ ބޭނުންވަނީ ވަކިން އުޅެންތަ؟" ޒަހްރާން އެ އިން ގޮތަށް އިނދެ ސުވާލުކޮށްލި އިރު އޭނާ އައިރާއަށް ބަލައިލިއެވެ. ކެތްތެރިކަމެއްނެތި ޒަހްރާން އައިރާ ގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"އަހަރެން ޒަހްރާން ގާތު ގެއަށް އަންނަން ބުނެފިއްޔާ އަންނާނަންތަ؟" އައިރާ ސުވާލުކޮށްލިއެވެ.

"އައިރާ ބޭނުމިއްޔާ. މިހާރު ގެއަށް އައުމަކަށް އަހަރެންގެ މައްސަލައެއް ނެތް." ޒަހްރާން ބުނެލިއެވެ.

"އެންމެންވެސް ވަރަށް އުފާވާނެ ޒަހްރާން ގެއަށް އައިމަ. އެމީހުން ހާދަ އިންތިޒާރެއް ކޮށްފިއޭ ޒަހްރާން އަންނާނެ ދުވަހަކަށް. އަހަންނަށް އޯކޭ ކޮންމެ ގޮތެއް ވެސް. ޒަހްރާން ނިންމާ ކޮންމެ ގޮތަކާ ވެސް އަހަރެން ރުހި ޤަބޫލުވާނަން. އެކަމަކު، އަހަރެން ބުނާނެ ހާ ވެސް ވާހަކަ އަކީ ފެމެލީ އާ ދޭތެރޭ ވިސްނާލައްޗޭ. ބައްޕަ ވަރަށް ބޭނުންވޭ ޒަހްރާން ބައްޕަމެންނާ އެކީ އުޅެން." އައިރާ ބުނެލިއެވެ. އެ ވާހަކަތަކުން ޒަހްރާން ހިތްހަމަޖެހުނެވެ. އޭނާ ހިނިތުންވުން ފުޅާކޮށްލަމުން ކާރުން ފޭބިއެވެ.

ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އައިރާ އިން ފަރާތު ކާރުގެ ދޮރުފަތް ހުޅުވައިލުމާއެކު، ޒަހްރާން އޭނާގެ އަތްތިލަ އައިރާއަށް ދިއްކޮށްލިއެވެ. އައިރާ އެ އަތުގައި ހިފާ ކާރުން ފޭބުމުން ޒަހްރާން އެ އަތަށް ބާރަށް ފިތައިލިއެވެ. އައިރާގެ އަތްތިލަ ފިނިވެފައިވާ ވަރު އޭނާއަށް އިޙްސާސްކޮށްލެވުނެވެ.

"ކޮންކަމަކާތަ ކަންބޮޑުވަނީ؟ މަންމަމެން އެންމެން ވެސް ޤަބޫލެއްނު ދެން ކީއްވެތަ ތިހާ ފިނިވެފަ ތިހުރީ؟" ޒަހްރާން ސުވާލުކޮށްލިއިރު، ކުޑަ ލާނެތްކަމެއް އޭނާގެ ޖުމްލަތަކުގައި އެކުލެވިގެން ދިޔައެވެ. އައިރާގެ ކަންފަތް ދޮށުގައި ޒަހްރާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "އެއްޗެއް ބުނެފިއްޔާ އައިރާއަށް އެނގޭނެ އަހަރެން ކަންތައްކުރާނެ ގޮތް. އިތުރަކަށް ސާބިތުކޮށްދޭކަށް ނުޖެހޭނެއެއްނު މިހާރަކު."

ޒަހްރާން އައިރާގެ އަތުގައި ހިފައްޓައިލަމުން، ގޭތެރެއަށް ވަންނަން ހިނގައިގަތް ވަގުތު، އައިރާ ޒަހްރާންގެ އަތަށް ބާރުކޮށްލިއެވެ. އެއާއެކު ޒަހްރާން އޭނާގެ ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. ޒަހްރާން ބަލައިލިއިރު، އައިރާ ހުރީ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ފެންނަނީ އޭނާ ކަމެއް ބޭނުންވެގެން އުޅޭ ފަދަ އަސަރެވެ. ރީތިކޮށް އައިރާއާ ކުރިމަތިލުމަށްފަހު، ޒަހްރާން އައިރާގެ ދެ އަތުގައި ހިފައްޓައިލިއެވެ.

"ކިހިނެއްވީ؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"އަހަރެން ދެކެ ވަރަށް ލޯބިވޭ ދޯ." އައިރާ ސުވާލުކޮށްލިއެވެ.

"އިންތިހާއަށް. ޝައްކުވަނީތަ؟" ޒަހްރާން ހީނލިއެވެ.

"ނޫން... އަހަރެން ބޭނުން ވާހަކަ އެއް ބުނަން." އައިރާ ބުނެލިއެވެ. ޒަހްރާން ބުމަ އަރުވައިލުމުން، އައިރާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ އެ ވާހަކަތައް ދައްކާ ނިންމާލާފައި ޒަހްރާނަށް ފުން ނަޒަރަކުން ބަލައިލިއެވެ. އައިރާ ލޯ މަރައިލުމަށްފަހު ބޯ ޖަހައިލިއެވެ.

"އެންމެން ވެސް އޭރުން ވަރަށް އުފާވާނެ. އަހަރެން ވެސް..." އައިރާ އޭރުވެސް ހުރީ ޒަހްރާނަށް ބަލަހައްޓައިގެންނެވެ. ޒަހްރާން ބޯ ޖަހައިލުމުން އައިރާގެ ހިނިތުންވުން ފުޅާވިއެވެ.

އައިރާ ޒަހްރާނާއެކީގައި ގޮސް ގޭތެރެއަށް ވަނެވެ. އޭރު ބޮޑުކޮޓަރީގައި، މުރާދު މެގަޒިންއެއް ހިފައްޓައިލައިގެން އިނެވެ. ޒަހްރާންމެން ވަތްތަން ފެނިގެން މެގަޒިން ބާއްވާލާފައި އޭނާ ގޮވައިލީ ބަސްމާއަށެވެ. ބަދިގެ ފަރާތުގައި އުޅެފައި ބަސްމާ ވެސް އައިސް މަޑުކޮށްލިއެވެ. އީލާފްއާއި، އަޔާޝްއާއި ލަޔާލީ ވެސް އިރުކޮޅަކުން ތިރިއަށް އަތުވެއްޖެއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް، އެންމެން ކާކޮޓަރިއަށް ގޮސް ވަނެވެ. އިށީނދެ ހަމަޖެހިލުމާއެކު، ނޯކަރު ދެ ކުދިންވެސް އެތަނުން ހިނގައްޖެއެވެ. މުރާދަށް ފޯނުކޯލެއް ލިބުނީ އެވަގުތެވެ. އޭނާ ފޯނު ނަގާ ބަލައިލިއިރު ގުޅަނީ، ޖަމާލެވެ. ފަހަރަކު މީހަކަށް ބަލައިލުމަށްފަހު، އޭނަ ފޯނު ސައިލެންޓަށް ލީއެވެ. ކެއުމުގެ ވަގުތުގެ ހަމަޖެހުން ނަގާލަން ބޭނުންނުވާތީއެވެ. ޖަމާލު އެ ގުޅަނީ ކީއްވެގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އައިރާއާ ޒަހްރާނަށް ބަލައިލިއެވެ. އެ ދެ ކުދިން އެ ދައްކަން އައި ވާހަކަ އޭނާއަށް އެނގެއެވެ. މިއަދު ޒަހްރާން ގުޅާފައި ބައްދަލުކުރަން އަންނަ ވާހަކަ ބުނިއިރު ވެސް އެ އުޅެނީ ކައިވަނީގެ ވާހަކަ ދައްކަންކަން އޭނާއަށް ޔަޤީންކުރެވުނެވެ.

"އަޅުގަނޑުމެން ބޭނުން ވާހަކައެއް ބުނަން." ޒަހްރާން އައިރާއަށް ބަލައިލުމަށްފަހު، މޭޒުދޮށުގައި ތިބި އެންމެންނަށް، އަވަސް ނަޒަރެއް ދިނެވެ. އެންމެފަހުން އޭނާ ބަލައިލީ މުރާދަށެވެ. ކުރިއަށް ގެންދާށޭ ބުނާ ފަދައަކުން އިޝާރާތްކޮށްލާފައި، މުރާދު ތަށީގެތެރެއަށް އޫ ދޫކޮށްލިއެވެ. އެއަށްފަހު ޒަހްރާންގެ ވާހަކައަށް ސަމާލުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނިކުރަން. މި ބަލަނީ ކުރިއަށް އޮތް ހަތްފާއެއް ތެރޭގަ ކައިވެނިކުރަން." ޒަހްރާން ބުނެލިއެވެ.

"ހަފްތާއެކޭ..." މުރާދަށް ބުނެވުނެވެ. އެހާ އަވަސް ތާރީޚެއް ޒަހްރާންމެން ކަނޑައަޅާފާނެކަމަކަށް އޭނާއަށް އުންމީދުކުރެވިފައެއް ނުވެއެވެ. އޭނާ ހީކޮށްގެން ހުރީ އެންމެ އަވަސް ވެގެން ވެސް ދެ ހަފްތާގެ މުއްދަތު ލިބޭނެކަމަށެވެ. "ހާދަ އަވަހަކަށް؟"

"ހަފްތާއެއް އަވަސްތަ؟" ޒަހްރާނަށް ބުނެވުނެވެ.

"ކިހިނެއް ހުރިހާ ތައްޔާރީއެއް ވާނީ؟" ބަސްމާއަށް ބުނެވުނެވެ.

"ދެ ހަފްތާ ވަރު ބޭނުންވާނެ. އޭރުން ރަނގަޅަށް ހަފްލާއެއް ބާއްވައިލެވޭނީ." އަޔާޝް ވާހަކަ ދެއްކީ މުރާދު އޭނާއަށް ބަލައިލުމުންނެވެ. އެންމެފަހުން ޒަހްރާން ވެސް އެގޮތާ އެއްބަސްވިއެވެ.

ކައިވެނީގެ ތާރީޚު ވެސް ކަނޑައެޅިއްޖެއެވެ. އެ ވާހަކަތައް ދައްކާ ނިމުމުން ޒަހްރާން ދެން ބަލައިލީ އައިރާއަށެވެ. އައިރާ ކުޑަކޮށް ބޯ ޖަހައިލުމާއެކު، ޒަހްރާން ވާހަކަ ދައްކަން އަނގަހުޅުވައިލާފައި ވެސް ހިމޭންވިއެވެ. އޭނާއަށް ދުލުކުރިން އެ ބަސްތައް ބޭރުކުރެވުނުކަމަކަށް ނުވިއެވެ.

އައިރާގެ ޢާއިލާގައި ކައިވެންޏަށް ދަޢުވަތު ދޭނެ އިތުރު މީހަކު ނެތެވެ. އޭނާ ހަމައެކަނި ދަޢުވަތި ދިނީ ނަފާއާއި ނަފާގެ ޢާއިލާއަށެވެ. ދެން މުޅިން ވެސް ތިބީ މުރާދުމެންގެ ޢާއިލާއާ ރައްޓެހިންނެވެ. ކައިގެން ޒަހްރާނާ އައިރާއާ ޓެރެސްއަށް އެރިއެވެ.

"މީހުން ވަރަށް އެއްޗެހި ކިޔާނެ ޒަހްރާން..." ރެއިލިން ކައިރިއަށް ޖެހިލުމަށްފަހު، އައިރާއަށް ބުނެވުނެވެ.

"ކޮންބައެއް، ކީކޭ ކިޔާނީ؟" ޒަހްރާނަށް ބުނެވުނެވެ.

"އެނގޭ ޒަހްރާންގެ ޢާއިލާ ޒަހްރާންގެ ކައިވެންޏާ މެދު ފޮނި ހުވަފެންތަކެއް ދެކޭކަން. އެކަމަކު އަހަރެން ހާސްވޭ... ހަފްލާގައި އަހަރެންގެ ވަނަވަރާ ބެހޭގޮތުން މީހުން ސުވާލުކުރީމަ ދޭނީ ކޮން ޖަވާބެއް؟ އަހަންނަކީ ކޮން ކަހަލަ ކުއްޖެއްކަން އެނގުނީމަ އޭރުން ހުތުރު ނަން ލިބޭނީ ހަމައެކަނި އަހަންނަކަށް ވެސް ނޫން. ޒަހްރާނާ މި ޢާއިލާއަށް ވެސް ލިބޭނެ. އެހެންވާން ކިހިނެއް...." އައިރާއަށް ވާހަކަ އިތުރަކަށް ކުރިއަކަށް ނުގެންދެވުނެވެ.

"ބައެއް މީހުންގެ ކަމަކީ ވާހަކަ ހިފައިގެން ހިނގުމެއްނު. ކިހިނެއް އެންމެންގެ ދުލުގަ ހިފައްޓާނީ. އެހެނެކޭ ކިޔާފަ ކީއްވެ އަހަރެމެން އަހަރެމެންގެ އުފާވެރިކަން ޤުރުބާންކުރަންވީ؟ އަހަރެން ބޭނުން އައިރާއަށް ހުރިހާ އުފަލެއް ވެސް ދޭން. ހުރިހާކަމެއް ވެސް ކޮށްދޭން. ކޮބާ މައްސަލައަކީ؟ އަހަންނަށް އެއްވެސް މައްސަލައެއް ނޫން. އަހަރެންގެ އާއިލާއަކަށް މައްސަލައަކަށް ނުވޭ. ދޮން ކީއްކުރަން އެހެންމީހުން ކިޔާފާނެ އެއްޗަކާ މެދު ވިސްނަނީ؟" ޒަހްރާން ބުނެލިއެވެ. އޭނާ އައިރާގެ އަތުގައި ހިފައްޓައިލިއެވެ.

"އެކަމަކު..." އައިރާ ވާހަކަ ދައްކަން އުޅުނެވެ.

"އެއްވެސް އެކަމަކު އެއް ނޫން. އަހަރެން ބޭނުން ވެޑިންއެއް ބާއްވަން. ކައިވެނީގެ ހުރިހާ އުފަލެއް އައިރާއަށް ދޭން ބޭނުން." ޒަހްރާން އަނެއްކާ ވެސް ބުނެލިއެވެ. މިފަހަރަކު އައިރާ ވެސް އިތުރަށް އެއްޗެއް ނުބުންޏެވެ. އޭނާ ހިނިތުންވެލި އިރު، ލޮލުގެ ތެރެއަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

"އަޅެ. ރޮނީތަ؟" ޒަހްރާނަށް ބުނެވުނެވެ. އޭނާ އިސްޖަހައިލި އައިރާގެ ދަތްދޮޅި ދަށަށް އަތުގެ ދެ އިނގިލި ލައްވައިލުމަށްފަހު، އައިރާގެ އިސް އުފުލުވައިލިއެވެ. އަދި ލޯތްބާއެކު ކޯތާފަތުން ތިރިއަށް ދިޔަ ކަރުނަތައް ފުހެދިނެވެ.

"އުފަލުން..." އައިރާއަށް ބުނެވުނެވެ. ޒަހްރާން އައިރާގެ އަތަށް ބޮސް ދިނެވެ. އެއަށްފަހު އޭނާ އައިރާ ދެކެ ލޯބިވާ މިންވަރު ހާމަކުރިއެވެ. އިރުކޮޅަކު އެތަނުގައި ތިބެފައި ތިރިއަށް ދިޔައިރު، ބޮޑުކޮޓަރީގައި، ބަސްމާއާއި ލަޔާލީއާ އީލާފް ތިއްބެވެ. އެމީހުން ތިބީ ކޮންމެ ވެސް ވާހަކައެއްގައެވެ.

"ދޮންބެ ކޮބާތަ؟" ޒަހްރާން ސުވާލުކޮށްލީ ބަސްމާއަށް ބަލައިލަމުންނެވެ. ބަސްމާ އެ މީހުން ސްޓަޑީގައިކަމަށް ބުނުމުން ޒަހްރާން އެ ދިމާލަށް ހިނގައިގަތެވެ. އޭނާ ދިޔައިރު، ސްޓަޑީގެ ދޮރު ހުރީ ލައްޕާފައެވެ. އޭނާ ޓަކި ޖަހައިލުމަށްފަހު ދޮރު ހުޅުވައިލިއެވެ.

"ދަރިފުޅު. އަވަހަށް އާދޭ. އޮފީސް ވާހަކައެކޭ މި ދައްކަނީ." މުރާދު ބުނެލިއެވެ. ޒަހްރާން ވެސް އައިސް ވަށް މޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެވަގުތު މުރާދުގެ ފޯނު ރިންގުވިއެވެ. އޭނާ ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ ޖަމާލެވެ. އަޔާޝްއާއި ޒަހްރާނަށް އަވަސް ނަޒަރެއް ދީފައި ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެކޮޅުން ދެއްކި ވާހަކަތައް އަޑު އަހަން އިނުމަށްފަހު މުރާދު ވާހަކަ ދެއްކިއެވެ.

"ޖަމާލު. ވަރަށް ބޮޑަށް މާފުކުރޭ، ތިކަން ކޮށްދެވޭކަށް ނެތް. ކޮންމެވެސް އެހެން އިންވެސްޓަރެއް ހޯދާ..." ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް، މުރާދަށް އެކަން ކުރަން އުނދަގޫވިއެވެ. ފޯނު ބާއްވަމުން އޭނާ އަޔާޝްއަށް ބަލައިލިއެވެ. އަޔާޝްއާ ޒަހްރާނާ ދެމެދު އަވަސް ނަޒަރެއް ބައްދަލުކޮށްލެވުނު ނަމަވެސް، އިތުރަށް އެކަކު ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

"އާނ. ދެން ކިޔާބަލަ. މިހާރު އާރބަން ކޮންސްޓްރަކްޝަންގެ ޕްރޮޖެކްޓަށް ކިހިނެކޭ ވީ؟" މުރާދު ސުވާލުކޮށްލިއެވެ.

"ކުރީ ފަހަރެކޭ އެއްގޮތަށް ޑިލޭވެގެން ދިޔައީ." އަޔާޝް ބުނެލިއެވެ.

"ރެން ބުނަނީ ކީކޭތަ؟" މުރާދު ބަލައިލީ ޒަހްރާނަށެވެ.

"އަޅުގަނޑަށް ފެންނަނީ އެ މީހުން އަތުން ހުރިހާ ޕްރޮޖެކްޓެއް އަތުލަން." ވަގުތުން ޒަހްރާން ބުންޏެވެ. އޭރު އޭނާގެ ސިކުނޑީގައި ދައުރުވަމުން ދަނީ ރިހާމްގެ ސޫރައެވެ. ޒާތީނުވާން ހުއްޓަސް، އެކަން ކުރުމަކީ އުނދަގޫކަމަކަށް ވެއްޖެއެވެ. އަޔާޝްއަށް ދެބުމަ އަރުވައިލެވުނެވެ. ކުރިން ގައިމު ޒަހްރާން ވާހަކަ ދެއްކީ އިތުރު މުހުލަތެއް ދޭގޮތަށެވެ. ކުއްލިއަކަށް ބަދަލު އައި ސަބަބު އެނގެން އޭނާ ބޭނުންވިއެވެ.

"ފެށުނީއްސުރެ ވެސް އެމީހުން ވަރަށް ލޯޔަލް ވާނެ އަސްލު. އެހެންވީމަ، މިފަހަރު ވެސް މުހުލަތެއް ނުދީ ހުރިހާ ޕްރޮޖެކްޓްތަކެއް އަތުލުން އެހާ ރަނގަޅެއް ނުވާނެ ކަންނާނގެ. އެ ރަޝީދަކީ އިތުބާރުކުރެވޭ މީހެއް. މިހާރަކަށް އައިސް އެކަމަކު ނޭނގެ މި ވާ ގޮތެއް." މުރާދަށް ބުނެވުނެވެ. އޭނާ އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ.

"ކޮންމެ ފަހަރަކު އެގޮތަށް ފުރުސަތު ދޭތީއޭ އެމީހުން ފަރުވާކުޑަކުރަނީ." ޒަހްރާނަށް ކުޑަކޮށް ރުންކުރުކަމާއެކު ވާހަކަ ދެކެވުނެވެ.

"ދެން، ބައްޕަ ތިކަމާ ކީކޭ ބުނާނީ؟ ދަރިފުޅުމެން ދެކުދިން ވާހަކަ ދައްކާލާފަ އަޅެ ގޮތެއް ނިންމަބަލަ. ބައްޕަގެ ޚިޔާލު މިބުނީ. އެއްވެސް ކަމަކުން ކުންފުންޏަށް އަސަރުކޮށްގެން ނުވާނެ އެކަމަކު." މުރާދު ބުނެލިއެވެ.

"ޓްރަސްޓް މީ ބައްޕާ. އިރާދުކުރެއްވިއްޔާ ކުންފުންޏަށް ގެއްލުމެއް ނުވާނެ." ޒަހްރާން ބުނެލިއެވެ.

ތިން މީހުން އެތަކެއް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

"ރެން... ކީއްވެތަ ކުއްލިއަކަށް، ޚިޔާލު ބަދަލުވީ؟" ނިމިގެން ތެދުވުމަށްފަހު، އަޔާޝް ޒަހްރާނާ ސުވާލުކޮށްލީ މުރާދު ސްޓަޑީއިން ނުކުތް ފަހުންނެވެ.

"ކަމެއްނުވޭ ދޮންބޭ. އެއީ އަހަންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ހަމަ. ދޮންބެމެން މާ ލީނިއަންޓް ވީމައޭ އެމީހުން އެގޮތަށް ކަންތައްކުރަނީ. މުއްދަތަށް ނުނިންމެންޏާ އެގްރީމެންޓް ބާތިލް ކުރެވޭނެކަމަށް އެއްބަސްވެގެން ދޯ ސޮއި ކޮށްފަ އެ އޮތީ." ޒަހްރާނަށް ބުނެވުނެވެ.

"އެނގޭ ތިކަން. އެކަމަކު ރެން އެއްނު ބުނީ، ކުރީގެ ޕޮރޮޖެކްޓުތަކާ، ފަހުގެ އެގްރީމެންޓުތަކަށް ބަލާފަ، ފުރުސަތެއް ދެވިދާނެޔޭ..." އަޔާޝް ބުނެލިއެވެ. "އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. މިހާރު ވިސްނާލީމަ މި އެނގެނީ. ރިހާމް ދަންނަނީތަ؟ އެ ދުވަހު ވެސް ރިހާމްއަކާ ސަލާމެއް ނުކުރޭ. އަނެއްކާ ބައްދަލުވުމުގަ ވެސް ރެން ވާހަކަ ދެއްކި ގޮތުން ހީވި އެ ކަހަލަ އެއްޗެއް."

"ބުނެބަލަ. ދޮންބެ ނޫޅެމޭ މީހެއް ކައިރީ ބުނާކަށް." އަޔާޝް ޒަހްރާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއާއެކު ޒަހްރާން ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ އަޔާޝްއަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ.

"ރެން ނުބުންޏަސް މިހާރު ޔަޤީންވެއްޖެ." އަޔާޝްއަށް އަނެއްކާވެސް ބުނެވުނެވެ.

"ރިހާމް... އެއީ... އެއީ އައިރާގެ ކުރީގެ ފިރިމީހާ..."

(ނުނިމޭ)

އައިރާއާއި ޒަހްރާންގެ ގުޅުން އިތުރަށް ބަދަހިވެ، ވީހާވެސް އަވަހަކަށް ކައިވެނިކުރުމަށް ދެމީހުން ވަނީ އެއްބަސްވެފައެވެ. އައިރާގެ މާޒީގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން މީހުން ކިޔާފާނެ އެއްޗަކާ މެދު އޭނާ ކަންބޮޑުވި ނަމަވެސް، ޒަހްރާން ވަނީ އެކަމަށް ފުރިހަމަ ޔަޤީންކަން ދީ، އެއްވެސް މީހެއްގެ ފާޑުކިޔުމަކަށް ސަމާލުކަން ނުދޭނެކަން ހާމަކޮށްފައެވެ. އަދި ޒަހްރާންގެ ޢާއިލާއާ ބައްދަލުކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކައިވެނީގެ ކަންކަން ނިންމުމަށް ޢާއިލާގެ މެންބަރުންގެ ޙާޒިރުގައި ނިންމައެވެ. މީގެ އިތުރުން، އައިރާ ވަނީ ކައިވެންޏަށްފަހު ޒަހްރާންގެ ޢާއިލާއާއެކު ދިރިއުޅުމަށް ފުރިހަމައަށް ރުހުންދީފައެވެ. އަނެއްކޮޅުން، ޒަހްރާންގެ ޢާއިލީ ވިޔަފާރީގެ ތެރޭގައި އާބަން ކޮންސްޓްރަކްޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވެއެވެ. މަސައްކަތް ލަސްވަމުންދާތީ އެ ކުންފުންޏަށް ދީފައިވާ ޕްރޮޖެކްޓްތައް ވަގުތުން އަތުލުމަށް ޒަހްރާން ހުށަހަޅައެވެ. މީގެ ކުރިން މުހުލަތެއް ދިނުމަށް ތާއީދުކުރި ނަމަވެސް، މިގޮތަށް ޒަހްރާން ކުއްލި ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، އެ ކުންފުނީގައި އިސްކޮށް ހުރި ރިހާމްއަކީ އައިރާގެ ކުރީގެ ފިރިމީހާކަން ޒަހްރާނަށް އެނގިފައިވުމެވެ. މި ހަޤީޤަތް ޒަހްރާން ވަނީ އަޔާޝްއާ ޙިއްޞާކޮށްފައެވެ.

  • އައިރާއާއި ޒަހްރާންގެ ކައިވެނި ދެ ހަފުތާގެ ތެރޭގައި ކުރުމަށް ޢާއިލާއިން އެއްބަސްވުން.
  • ކައިވެންޏަށްފަހު ޒަހްރާންގެ ޢާއިލާއާއެކު ދިރިއުޅުމަށް އައިރާ ރުހުން ދިނުން.
  • އައިރާގެ މާޒީއާ ގުޅުވައިގެން މީހުން ދައްކަފާނެ ވާހަކަތަކަށް ޒަހްރާން ސަމާލުކަން ނުދޭނެކަން ހާމަކުރުން.
  • އާބަން ކޮންސްޓްރަކްޝަންގެ ޕްރޮޖެކްޓްތައް އަތުލުމަށް ޒަހްރާން ނިންމުމާއި، އޭގެ ސަބަބަކީ ރިހާމްކަން އަޔާޝްއަށް އެންގުން.
  • ޒަހްރާންއާއި އައިރާގެ ގުޅުމުގައި އޮތް އިތުބާރާއި ޔަޤީންކަން.
  • ކައިވެންޏަށް ތައްޔާރުވުމުގައި ޢާއިލާގެ ފުރިހަމަ އެއްބާރުލުން ލިބުން.
  • ޒާތީ ކަންކަމުގެ ސަބަބުން ވިޔަފާރީގެ ނިންމުންތަކަށް ބަދަލު އައުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު