"ގޭގައި ބަރަކާތް ލެއްވުމުގެ އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ގެއަށް ވަންނައިރު ބިސްމި ކިޔުމާއި ގޭގެ އަހުލުވެރިންނަށް ސަލާމް ގޮވުން ހިމެނެއެވެ. < އަބުދުައްރައްޒާގު ބުން އަބުދުލް މުހުސިން ބަދުރު>

***

ތާރިގު ކޯފާއިސްވެ ފާރުގައި ޖެއްސެވިއެވެ. މި ފަރުބަދައިގެ ތިރިން ބަލާ..... އެމީހުން ދިރިއެއް ނުތިބޭނެހެން ހީވަނީ....."

ހިލަގަނޑުގެ ފުރަގަހުގައި ނޭވާ ހިފަހައްޓާލައިގެން ޖޯންގެ އަނގަމަތީގައި އަތްއަޅައިގެން ކެތްރީން އިނެވެ. ސިފައިންގެ މީހުން އެތަނުން އެނބުރި އެތެރެއަށް ދިޔަ އަޑު އިވުމުން ކެތްރީންއަށް ފުން ނޭވާއެއް ލެވުނެވެ. އެމީހުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ކެތްރީންގެ ހިތް ތެޅޭވަރުން މޭގަނޑުވެސް އަނގަޔަށް އަތުވެދާނެފަދައެވެ. އޭނަ ހަނދާންވީ އަސްމާއެވެ. އަސްމާގެ ހާލު ކިހިނެއްހެއްޔެވެ؟ އަސްމާ އެހީތެރިވެނުދިން ނަމަ އެމީހުންނަށް މިހިސާބަށް އާދެވުމަކީ މުސްތަހީލްކަމެކެވެ.

ފަތިހުގެ ފިނިވައިރޯޅިތައް ހަމުގައި ޖެހުމުން އާދަޔާ ޚިލާފަށް ހީކަރުވަންފެށިއެވެ. ކެތްރީންެ ވިސްނުމާއީ ޚިޔާލު ހުސްވެފައިވަނީ ހަމައެކަނި ޖޯންގެ ހާލާއިމެދުގައެވެ. ވީހާވެސް އަވަހަށް ބޭސްފަރުވާ ނުކުރެވިއްޖެއްުޔާ ޖޯންގެ ހާލަތު އިތުރަށް ގޯސްވެދާނެއެވެ. އޭނަ ޖޯން ގޮވައިގެން ބޮޑެތި ހިލަތައް ކަޑައްތުކުރަމުން ތިރިއަށް ފޭބިއިރު މޫނުމައްޗަށް އަރާފައިވަނީ ފިޔާތޮށިކުލައެވެ. ގުބުހިލި ހަކަތަ ހުސްވެފައިވިޔަސް ހިތްވަރުގެ ދާވަނިފަށުން ދޫކޮށެއްނުލައެވެ. އަމިއްލަ ނަފުސަށްވުރެ އިސްކަން ދިނީ ފިރިމީހާގެ ސަލާމަތަށެވެ. އެވަގުތު ތަންކޮޅެއް ދުރުން އޭނާއަށް ފެނުނީ ކައިރި ކައިރީގައި އަޅާފައިވާ ކުދި ކުދި ގެތަކެކެވެ. އެއީ މުސްލިމުންގެ ވެރިކަމުގެ ދަށުގައި އޮތަސް ފިލައިގެން އުޅޭ ކްރިސްޓިއަނުންގެ ކުޑަ އަވަށެކެވެ .އެ އަވަށުގެ މެދުގައި ކުޑަަ ދުވަސްވީ ފައްޅިއެއް ހުއްޓެވެ.

ކެތްރީންގެ ހިތުގައި އުފާވެރިކަމުގެ ރޯޅިއެއް ބީހިލިއެވެ.

"ޖޯން...އަހަރެމެންނަށް މާތް ރަސްކަލާނގެ ރައްކާތެރިކަން ދެއްވައިފި..އެ ފެންނަނީ ފައްޅިއެއް..އެތަނުން އެހީތެރިކަމަށް އެދޭނީ......"

ކެތްރީން ޖޯން ގަޔަށް ލަފާލައިގެން ހުރެ އުދަގޫ ހިނގުމެއްގައި ދެވުނީ ކިރިޔާ ގެތައް ހުރި ހިސާބަށެވެ. ފައްޅިއާއި ހަމަޔަށް ދެވޭނެކަމުގެ އުއްމީދު ގެއްލުނެވެ. އޭނައަަށް މަޖުބޫރުވީ އެންމެ ފުރަތަމަ ފެނުނު ގޭގެ ދޮރުގައި ޓަކިދިނުމަށެވެ.

އެގޭގެ ދޮރު ހުޅުވާލީ ދިގު ހުދު ތުނބުޅިއެއްލާފައި ހުރި ހިތްހެޔޮ މުސްކުޅި ފިރިހެނެކެވެ. އޭނާ ލައިގެން ހުރީ އާދައިގެ ކުލަ ފަނޑު ފޭރާމެކެވެ. ޖޯންގެ ގައިގާ ހުރި ލެޔާއި ކެތްރީންގެ ދެލޮލުގައިވާ ބިރުވެރިކަން ފެނުމުން އޭނާއަށް ހުރިހާ އެއްޗެއް ވިސްނުނެވެ.

"އަވަހަށް އެތެރެއަށް ވަދޭ.. މަގޭ ދަރިންނޭ.....އަހަރެންގެ ނަމަކީ މެތިއު.........." އެ މުސްކުޅި މީހާ މަޑުމަޑުން ބުންޏެވެ.

މެތިއު އެމީހުން ގޭގެ އެތެރޭގައި ހުރި ކުޑަ ކޮޓަރިއަކަށް ވައްދައި މަޑު ދޫލައެއްގެ މަތީގައި ޖޯން ބޭއްވިއެވެ. އެއަށްފަހު އޭނާ ގަސްގަހާގެހިން ތައްޔާރުކޮށްފައި ހުރި ފާޑެއްގެ ހޫނު ބޭސް ފެންފޮދަކުން ޖޯންގެ ޒަޚަމްތައް ދޮންނަން ފެށިއެވެ. އަދި ތަދު ކަނޑުވާނެ ފަދަ ޚާއްޞަ ފަތްޕިލާވެލިތަކެއް ގަށައިލުމަށްފަހު ޖޯންގެ ހަށިގަނޑުގައި އުނގުޅައިދިނެވެ.

"ކަންބޮޑުނުވޭ........ " މެތިއު ކެތްރީންއަށް ބަލާލަމުން ހިނިތުންވެލިއެވެ. "މިއީ ދިމިޝްޤުގެ ބޭސްވެރިކަން. މި ބޭހުގެ ސަބަބުން އޭނާގެ ހުންގަނޑު ފިލާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖޯން މުޅިން ރަނގަޅުވާނެ. މިތަނުގައި ތިޔަ ދެކުދިންނަށް ރައްކާތެރިކަން ލިބޭނެ."

ކެތްރީން މެތިއުގެ އަތުގައި ހިފައި ޝުކުރު އަދާކުރިއެވެ. ޖޯންގެ މޫނުމަތިން މަޑުމަޑުން ވޭނުގެ އަސަރު ފިލައި ހަމަޖެހިގެން ލޯ މެރުނުތަން ފެނުމުން ކެތްރީންގެ ހިތަށް ފުން ހަމަޖެހުމެއް ލިބުނެވެ. ގަޑިއެއްހާއިރު ފަހުން ބޭހުގެ އަސަރުކޮށް ޖޯން ހަމަޖެހި އަަރާމު ފުން ނިންޖަކަށް ގެނބުމުން އޭނައަށް ބަލަން އިނދެވުނީ ލޯތްބާއިއެކުގައެވެ.

އޭރު ތަންކޮޅެއް ދުރުގައި ތާރިގުގެ ސިފައިން އަދިވެސް ދިޔައީ އެމީހުން ހޯދަމުންނެވެ.

ވަރަށް ގިނައިރުވަންދެން ޖޯންއަށް ނިދިފައި ހޭލެވުނުއިރު ރަން އިސްތަށިގަނޑުގެ ވެރިއަކު ކޮޓަރީގެ ބައްތި ދިއްލައިލަނީއެވެ.

"ކެތްރީން ކޮބާ؟" ޖޯން ގެ އަޑު މަޑެވެ.

"ބޭރުގައި ހޫނު ސޫޕް ބޯން އެބައިން...މިހާރު އަންނާނެ..އަޅުގަނޑަކީ މެތިއުގެ ދަރިފުޅު މޭރީ..އެބައަންނަން ކާން ހިފައިގެން.."މޭރީ އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ.

***

މެތިއުގެ ކުޑަ އެކަމަކު އަރާމު ގޭގައި ދުވަސްތައް ވޭތުވަމުން ދިޔައީ ރައްކާތެރިކަމާއި އެކުގައެވެ. މެތިއު ދިން ފަތްޕިލާވެލީގެ ފަރުވާއިން ޖޯންގެ ޒަޚަމްތައް ރަނގަޅުވެ އޭނާގެ ހަށިގަނޑަށް އަލުން ކުރީގެ ބާރާއި ހަކަތަ އައެވެ. ޖޯން އެނދުން ތެދުވާވަރުވުމުން އަނބިމީހާ ކެތްރީންއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދިޔައީ އެހެން ޚިޔާލުތައް އެއްފަރާތް ކޮށްލާފައެވެ. ޚަރީފުގެ ފިނީގައި ހިނގައިލަން ދިޔުމާއި އާފަލުފަދަ މޭވާ ބިދެގެންކެއުމާއިއެކު ދޭތެރެއިން އަލިފާން ރޯކޮށްލައިގެން ހީފިލުވަން އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓާލައިގެން ތިބެއެވެ.

ދުވަސްކޮޅެއްފަހުން ކެތްރީންގެ ހާލަތު ބަދަލުވާން ފެށިއެވެ. ހެނދުނު ހޭލާއިރު ބޯއަނބުރައި މޭނުބައިކޮށް ވަރުބަލިވާން ފެށިއެވެ.

"ލޯބިވާ ކެތްރީން ކިހިނެއްވީ؟" ޖޯން ކަންބޮޑުވެފައި ކެތްރީންގެ އަތުގައި ހިފާލިއެވެ. "އަދިވެސް ފަރުބަދަމަތިން ދިމާވި ބިރުވެރިކަން ހިތުން ނުފިލަނީތަ؟"

"އަހަންނަކަށް ނޭނގެ މިވާ ގޮތެއް ބުނެދޭން...ހާލު ރަގަޅެއްނޫން...." ކެތްރީން ބޭރަށް ދާން އުޅެފައިވެސް ގޭގެ އޮޅިގަނޑު މަތީގައި އިށީނީ ވަރު ހުސްވެގެންނެވެ. ޖޯން ކަންބޮޑުވެ ހާސްވެފައި އަވަހަށް މެތިއު ކައިރީގައި އެވާހަކަ ބުނެލިއެވެ.

މެތިއު އައިސް ކެތްރީންގެ އަތުގެ ވިންދު ބަލައިލިއެވެ. އަދި އެކި ސުވާލުތައް ކުރަންފެށިއެވެ. އެއާއެކު އޭނަގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. "މިއީ ބިރުވެރިކަމެއް ނޫން... ދަރިފުޅާއޭ. މިއީ މާތްރަސްކަލާނގެ ދެއްވި ބަރަކާތެއް. ކެތްރީން ބަނޑު ބޮޑު......"

ޖޯން އާއި ކެތްރީންއަށް އެކަކު އަނެކަކަށް ބަލައިލެވުނީ އުފަލުން ގޮސް ދެލޯ ކަރުނައިން ފުރެމުންނެވެ. މި ނުރައްކާތެރި ހަނގުރާމައިގެ ތެރޭގައި އެމީހުންގެ ލޯބީގެ މޭވާއެއްގެ އަސަރު ފެންނަން ފެށުމުން ދެމީހުން އެކަކު އަނެކަކުގެ ގައިގާ ބައްދައިލެވުނެވެ.

***

އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މެތިއުއާއި މޭރީ ބޭރަށްދިޔުމުން ދެމީހުން ގޭގައި އެކަނިވިއެވެ. ކެތްރީން ފެންފޮދެއް ހޯދަން ގޭގެ ފަހަތުގައި ހުރި ކުޑަ ކޮޓަރިއަކަށް ވަނީ ފަހަރެއްގައިވެސް އެފަދަ އެއްޗެއް ފެނިދާނެކަމަކަށް ނޫނެވެ. އެތަނުގައި ހުރި ދުވަސްވެފައިވާ ލަކުނޑި މޭޒެއްގެ މަތިން އޭނާއަށް ފެނުނީ ހައިރާންވެ މުޅި ހަށިގަނޑު ގަނޑުފެންގަނޑެއްފަދައިން ފިނިކޮށްލި އެއްޗެކެވެ.

އެއީ މުސްލިމް ހަގުރާމަވެރިންގެ ކޮމާންޑަރު ތާރިގުގެ ތަސްވީރެކެވެ. އަދި އޭގެ ކައިރީގައި މުސްލިމް ލަޝްކަރުގެ ޚާއްސަ ސިއްކަ ޖަހާފައިވާ ސިޓީތަކެއް ހުއްޓެވެ.

"ޖޯން..ޖޯން......އަހަރެެމެން އަވަހަށް މިތަނުން ދާން އެބަޖެހޭ.....ވީހާވެސް އަވަހަށް..އެމީހުން އައުމުގެ ކުރިން..ވަގުތެއް ނެތް....." ކެތްރީންގެ އަޑުގައި އަވަސްކަން އެކުލެވުނެވެ. އެ ތަސްވީރު ހިފައިގެން ދުވެފައި ގޮސް ޖޯންގެ އަތުގައި ހިފަހައްޓައިލިއެވެ. "މެތިއުއަކީ ސިފައިންގެ މީހެއް އޭނާ މިއުޅެނީ އަހަރެމެން ތާރިގުއާއި ހަވާލުކުރަން.........."

ޖޯންވެސް ސިހިފައި އަވަސްއަވަހަށް ކަނޑި ނަގައި ކެތްރީންގެ ކުރިމައްޗަށް އަރާ ހަގުރާމަފަށަން ތައްުޔާރުވީ ބޭރުން ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އެއާއެކު ގޭގެ ދޮރު ހުޅުވާލުމަށްފަހު މެތިއުއާއި މޭރީ އެތެރެއަށް ވަނެވެ. މެތިއު ގެނައި ވަށިގަނޑުގައި ހުރީ ތާޒާ މޭވާއެވެ. ޖޯން ކަނޑި އުފުލާލައިގެން ހުރުމުން މެތިއުއަށްވެސް ހައިރާންކަމެއް ލިބުނެވެ. އަތުގައި ހުރި މޭވާ ޓުކުރި މޭޒުމަތީގައި ބެހެއްޓިއެވެ.

"ތިއީ ކާކު؟" ޖޯން ނުރުހުމާއެކު ސުވާލުކުރިއެވެ.. "ތާރިގުއާއި އޮތީ ކޮން ގުޅުމެއް؟"

މެތިއު ފުން ނޭވާއެއް ލުމަށްފަހު އިސްޖަހާލިއެވެ. "ތާރިގު... އެއީ އަހަރެންގެ އަމިއްލަ ދަރިފުޅު. މޭރީގެ ބޭބެ...."

ޖޯން އާއި ކެތްރީން ސިހިގެން ދިޔައެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"އަހަރެން ކުރިން ކައިވެނިކުރީ މުސްލިމް އަންހެނަކާ......." މެތިއު މަޑުމައިތިރިކަމާއެކު ކިޔައިދޭން ފެށިއެވެ. "ތާރިގު ބޮޑުވީ އޭނާގެ މަންމަގެ އާއިލާ ތެރޭގައި ހަނގުރާމައިގެ މައިދާނުގައި. އޭނާގެ ހިތް ހަރުކަށިވީ އެހެންވެ. އަހަރެން މިއަދު މި އަވަށުގައި މި އުޅެނީ އޭނާގެ ހަރުކަށިކަމާ ހެދި. ތާރިގު ނުފެނި ވަރަށް ޒަމާންވެއްޖެ...އެއްފަހަރު ހަމަ ޖޯންހެން ތާރިގު ޒަޚަމްވެފައިއޮތްވާ ގެނެސް ފަރުވާދީގެން ރަގަޅުކުރިން...އޭރު އޭނަ ގެންގުޅުނު ތަސްވީރާއި ސިޓީތައް އަހަރެން ހަނދާނަކަށް ބެހެއްޓީ....ޖޯން..ކެތްރީން.. އަހަންނަށް ކުޅަދާނައެއް ނޫން އަހަރެންގެ ދަރިފުޅު ތިޔަ ދެކުދިންގެ ލޭއޮހޮރުވައިލާތަން ދުށުން....ތިޔަ ދެކުދިން ތާރިގުގެ އަތުން މަރުވާކަށްވެސް އަހަރެން ބޭނުމެއް ނޫން......"

މެތިއު ޖޯންގެ ކައިރިއަށް ޖެހިލިއެވެ. "އަހަރެން ތިޔަ ދެކުދިންނަށް ޚިޔާނާތެއް ނުވަން. މަގުސަދަކީ ތިޔަ ދެކުދިން ސަލާމަތުން މި ރަށުން ފޮނުވާލުން. އަދި އަހަރެންގެ ދަރިފުޅު ތާރިޤްގެ ހިތަށް ސުލްހަވެރިކަމާއި ހަމަޖެހުން ލިބުން...ހަގުރާމައަކީ ހައްލެއްނޫން. ސުލްހައަށް އުއްމީދުކުރަނީ..މުސްލިމުންނާއި ކްރިސްޓިއަނުން އެކީގައި އުފަލުން ތިބޭނެ ދުވަހެއް ދެއްކެވުން......"

ޖޯންއަށް މެތިއުގެ ގައިގާ ބައްދައިލެވުނެވެ.

***

ހަވީރަށް ފިނިކަން ގަދަވާން ފެށިތަނާ ދުރުން އަސްތަކެއްގެ ފިޔަވަޅުތަކުގެ އަޑު އިވެންފެށިއެވެ. މެތިއު އަވަސްއަވަހަށް ޖޯން އާއި ކެތްރީން ގޮވައިގެން ގޭގެ ފަހަތުގައިވާ ބޭސްފަރުވާއަށް ބޭނުންކުރާ ސިއްރު ކޮޓަރިއަށް ވައްދައި ފޮރުވިއެވެ.

"މަޑުން ތިބޭތި....އެއްވެސް ވަަރަކަށް އަނގައިން ނުބުނެ....." މެތިއު ސިއްރު ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

އެވަގުތު ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ މުސްލިމް ސިފައިންގެ ވެރިޔާ ތާރިގުއެވެ. މޭރީ ވެސް ފަހަތުން އައެވެ.

މޭރީއަކީ މެތިއު ފަދައިން ކްރިސްޓިއަން ދީން ގަބޫލުކޮށްގެން އުޅޭ ހިތްވަރުގަދަ މިނިވަން ޚިޔާލުގެ އަންހެންކުއްޖެކެވެ. މޭރީ ލައިގެން ހުރީ އޯޓަމްގެ ފިނިން ސަލާމަތްވުމަށްޓަކައި ގަދަ ނޫކުލައިގެ ބޯ ހެދުމެވެ. އޭގެ އެތެރެއިން ލައިގެން ހުރީ ކަކުލާ ހިސާބަށް އަންނަ، ރަންރިހީގެ ރީތި ކަނޑައިނެގުންތަކެއް ހުރި ހުދު ހެދުމެކެވެ. އިސްތަށިގަނޑު އޮތީ ފަހަތަށް އައްސާލެވިފައެވެ. އެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ.

ތާރިގު މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީދެ ވަޑައިގެންނެވިއެވެ. އޭނާގެ ދަގަނޑު ދަހަނާތަކުގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. މޭރީ އަވަސްއަވަހަށް ގޭގެ އުނދުން ހުރި ގޮޅި ކައިރިއަށް ގޮސް، ބޮޑު ތަބަކަށް ކާބޯތަކެތި އަޅަން ފެށިއެވެ.

އޭނާ ތާރިގުގެ ކުރިމަތީގައި ބެހެއްޓީ ތާޒާކޮށް ފިހެފައިވާ ބޯ ގޮދަން ރޮއްޓާއި ޒައިތޫނި ތެލުގައި މުގުރާފައިވާ ހުމުސް އަދި ފިހެފައިވާ ކުޅި މަހެވެ. އަދި އޭގެ އިތުރުން މޫސުމީ މޭވާކަމަށްވާ އަންނާރާއި ޒައިތޫން ބެހެއްޓިއެވެ. ތާރިގު ފަތާ ރޮށިކޮޅެއް ނަގައި ހުމުސްގެ ތެރެއަށް ކޮއްޕާލުމަށްފަހު ބިސްމި ކިޔާފައި ފަރިއްކުޅުއްވަން ފެށްޓެވިއެވެ.

"މި ހަނގުރާމަ އަދިވެސް ނުނިމޭތަ ބޭބޭފުޅު......." މޭރީ ތާރިގުގެ ކުރިމަތީގައި ހުއްޓެމުން އަތް މޭގައި ޖައްސައލިއެވެ. "އަދިވެސް ތި ދީނަކީ އެންމެ ރަގަޅު ދީންކަމަށް ގަބޫލުފުޅު ކުރައްވަނީތޯ؟

ތާރިގު ކޮއްކޮގެ މޫނަށް ބަލަހައްޓަވައިގެން އިންނެވިއެވެ."މޭރީ...އިހަށް ތި ވާހަކަ މިތަނުގައި ނުދައްކާ......"

"އަޅުގަނޑު ނުދައްކަންވީ ސަބަބެއްނެތް....،" މޭރީގެ އަޑުގައި ވީ ނުރުހުމެވެ."ތި ކުރައްވާ ބޭކާރު ހަނގުރާމައިގެ ސަބަބުން މި މުޅި ގައުމު ހަލާކުވެއްޖެ. ބޭބޭފުޅުމެން ބޭނުންފުޅުވަނީ އަޅުގަނޑުމެން ކަހަލަ އާދައިގެ ކްރިސްޓިއަނުންނަކީ އުނދުނަށް އަޅާ ދަރުތަކަށް ހަދަން ނޫންކަމެއްވެސް ނޭނގޭ....އަޅުގަނޑުމެންގެ މިނިވަންކަމެއްނެތް........."

ސިއްރު ކޮޓަރީގެ ފާރުގެ ފުރަގަހުގައި ނޭވާ ހިފަހައްޓާލައިގެން ތިބި ކެތްރީން އާއި ޖޯންއަށް މޭރީގެ މި ބަސްތައް ވަރަށް ސާފުކޮށް އިވުނެވެ. ކެތްރީން ޖޯންގެ އަތުގައި ބާރަށް ހިފާލިއެވެ. މޭރީގެ ހިތްވަރަށް އޭނާގެ ހިތުގެ އަޑިން ތައުރީފުކުރެވުނެވެ.

ތާރިޤް މޭޒުމަތީގައި ބާރަށް އަތްޕުޅުން ޖެއްސެވިއެވެ. "މޭރީ..........ހުއްޓާލާ.. އަހަރެން މި އުޅެނީ ރަސްގެފާނުގެ އަމުރަށް.... އަދި އިއްޔެ ފަރުބަދަމަތިން ފިލައިގެން ދިޔަ ދެ ކްރިސްޓިއަނުން ހޯދަން މި އުޅެނީ.. އެމީހުން ފެނިއްޖެޔާ..."

މެތިއު އަވަސްއަވަހަށް ނުކުމެގެން އައެވެ. "ހަމަޖެހިބަލަ ދަރިފުޅާ ތާރިގު.. ކޮއްކޮއަކީ ކުޑަކުއްޖެއް އަދި ނުވިސްނޭނެ...މޭރީ............ދަރިފުޅުވެސް މަޑުންހުރޭ."

ތާރިގު ފަރިއްކުޅުއްވީ ކުޑަކޮށެވެ.އެއަށްފަހު ޝައްކުގެ ނަޒަރަކުން ދެލޯފުޅު ވަށައިގެން ހިންގާލިއެވެ. ސިއްރު ކޮޓަރިއާއި ހަމައިގާ ނަޒަރު ހަރުލިއެވެ.

"މި ގޭގައި ކޮންމެވެސް ތަފާތު ކަމެއް އެބަވޭ....." ތާރިގު ގެ ފިޔަވަޅުތައް ހުރީ ސިއްރު ކޮޓަރީގެ ދޮރާ ދިމާލަށެވެ.

ސިއްރު ކޮޓަރީގެ ތެރޭގައި ތިބި ކެތްރީން އާއި ޖޯންގެ ނޭވާ ވެސް ހިފަހައްޓައިލަން މަޖުބޫރުވިއެވެ. ކެތްރީން ބިރުން ގޮސް އޭނާގެ ބަނޑުގައި ޖައްސާލާ ދެލޯ މަރާލިއެވެ.

ތާރިގު އޭނާގެ އަތްތިލަ ސިއްރު ދޮރުގެ ތަޅުގައި ޖައްސާލެއްވި ހިނދު— މޭރީގެ ބާރު ހަޅޭކުގެ އަޑު ގޭތެރެ ފަޅައިލިއެވެ.

"އާާާހް.........މަގޭ އަތް....."

މޭރީ އުނދުންގޮޅި ކައިރީގައި ހުރި ހޫނު ތަވައިގައި ގަސްތުގައި އަތްޖައްސާލުމަށްފަހު ތަބަކާއި ކަންވާރުތައް ބިމަށް ވައްޓާލިއެވެ. މުޅި ގޭތެރޭގައި ތަށިތައް ތެޅުނު އަޑު ގުގުމައިގެން ދިޔައެވެ.

ތާރިގު ސިހިފައި ވަގުތުން ފަހަތަށް އެނބުރި ވަޑައިގަތެވެ. "މޭރީ.... ކިހިނެއްވީ؟"

މޭރީ ބިމަށް ވެއްޓިގަތްގޮތަށް އޭނާގެ ކަނާތުގައި ހިފަހައްޓައިގެން އިނދެ ރޯން ފެށިއެވެ. "އަތް އެނދީއޭ.... ބޭބޭފުޅު.....އަވަހަށް ފެންފޮދެއް ގެނެސްދެއްވާ..އަޅުގަނޑު މަރުވަނީ........"

ތާރިގު ސިއްރު ދޮރުގެ މަތިން ހަނދުމަފުޅުނެތި އަވަހަށް މޭރީގެ ގާތަށް ވަޑައިގަތީ އެހީތެރިވުމަށެވެ. މެތިއުވެސް އަވަސްއަވަހަށް ފެން ޖަގު ހިފައިގެން އައިސް މޭރީގެ އަތަށް ފެންއަޅަން ފެށިއެވެ.

"ބަލައިގެން އުޅެބަލަ މޭރީ........." ތާރިގު ކަންބޮޑުވެފައި ވިދާޅުވިއެވެ.

މޭރީ ތާރިގުގެ މޫނުފުޅަށް ބަލާލަމުން މަކަރުވެރި ކަރުނަތަކާއިއެކު ރުޅިވެރިކަން ދައްކާލިއެވެ. "ބޭބޭފުޅުގެ ތިޔަ ބޭކާރު ހަނގުރާމައިގެ ހާސްކަމުގައި އަޅުގަނޑުގެ ސިކުނޑިވެސް ހަމައިގާ ނެތް. އަވަހަށް މިތަނުން ވަޑައިގަންނަވާ....ބޭބޭފުޅުގެ ސިފައިންގެ ކައިރިއަށް ވަޑައިގަންނަވާ.....އަޅުގަނޑު ބޭނުމެއް ނޫން އެހީއެއް........."

ތާރިގު ފުން ނޭވާފުޅެއް ދޫކޮށްލެއްވުމަށްފަހު ތެދުވެ ވަޑައިގަތެވެ. ކޮއްކޮގެ ރުޅިގަނޑާއި އަތަށް ލިބުނު އަނިޔާ ފެނިވަޑައިގަތުމުން އިތުރަށް އެގޭގައި ހުންނަވާކަށް ގަސްތެއް ނުކުރެއްވިއެވެ. މަންމައާއި ބައްޕަ ދެ ދީނުގައި ތިބުމުން އޭނައަށް ނިންމަވަން ޖެހިވަޑައިގަތީ އުދަގޫ ނިންމުމެކެވެ.

"އަޅުގަނޑު ދަނީ. ބައްޕާ... މޭރީއަށް އަޅާލައްވާތި. ބައްޕަމެންނަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާކުރަން....." ތާރިގު މޭރީގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. "އަދި އެ ފިލައިގެން އުޅޭ ދެމީހުން ފެނިއްޖެޔާ އަޅުގަނޑު ދޫނުކުރާނަން. ބައްޕަމެންވެސް އެކަން ހަނދާނުގައި ބަހައްޓަވާތި....."

ތާރިގު ގޭގެ ދޮރުން ނުކުމެވަޑައިގެން އަހަށް ސަވާރުވެވަޑައިގެންނެވުމާއެކު މޭރީ އޭނާގެ ލޮލުން ކަރުނަ ފޮޮހެލުމަށްފަހު ހީލިއެވެ. އަދި ސިއްރު ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ.

"ކެތްރީން...ނުކުމޭ..."ބޭބެމެން ވަޑައިގެންފި....." މޭރީ އުފާވެރި އަޑަކުން ބުނެލިއެވެ.

ކެތްރީން އާއި ޖޯން ސިއްރު ކޮޓަރިން ނުކުތެވެ. ކެތްރީން އައިސް މޭރީގެ އަތުގައި ބާރަށް ހިފާލިއެވެ. "ތިޔަ ކުރި ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ........،،މޭރީގެ އަތަށް ވަރަށް ތަދުވޭތަ؟"

މޭރީ ހިނިތުންވެލިއެވެ. "ކުޑަކޮށް ތަދުވޭ.... އެކަމަކު ތިޔަ ދެމީހުންނާއި ތިޔަ ބަނޑުގައިވާ މައުސޫމް ކުއްޖާ ސަލާމަތްވީތީ އުފާކުރަން. ތި ކުދިން މިތަނުން ސަލާމަތުން ފޮނުވާލަން އަވަސް ރޭވުމެއް ރާވަން އެބަޖެހޭ......"

ނުނިމޭ

ތާރިޤުގެ ސިފައިންގެ ކިބައިން ސަލާމަތްވުމަށްޓަކައި ފަރުބަދަމަތީގައި ފިލައިގެން އުޅުނު ޖޯންއާއި ކެތްރީންއަށް، ކްރިސްޓިއަނުން ދިރިއުޅޭ ކުޑަ އަވަށަކުން ހިމާޔަތް ލިބެއެވެ. އެ އަވަށުގެ މެތިއު ނަމަކަށްކިޔާ މުސްކުޅިއަކު އެމީހުންނަށް އެހީތެރިވެ، ޒަޚަމްވެފައިވާ ޖޯންއަށް ފަރުވާދީ ރަނގަޅުކުރެއެވެ. މި ދުވަސްވަރު ކެތްރީން ބަލިވެއިންކަން އެނގުމުން ދެމަފިރިންނަށް ބޮޑު އުފަލެއް ލިބެއެވެ. ނަމަވެސް، މެތިއުގެ ގޭގައި ހުރި ތާރިޤުގެ ތަސްވީރެއް ފެނުމުން ކެތްރީން ބިރުގަނެއެވެ. މެތިއުއަކީ ތާރިޤުގެ ބައްޕަކަން ހާމަވުމާއެކު، އޭނާ ބޭނުންވަނީ ދަރިފުޅުގެ ހަރުކަށިކަމާ ދުރުގައި ސުލްހަވެރިކަމާއެކު އުޅެންކަމާއި، ޖޯންމެންނަށް ޚިޔާނާތްތެރި ނުވާނެކަމުގެ ޔަޤީންކަން ދެއެވެ. ކުއްލިއަކަށް ތާރިޤު އެގެއަށް އައުމުން، މެތިއު އަވަހަށް ޖޯންއާއި ކެތްރީން ސިއްރު ކޮޓަރިއަކަށް ވައްދައި ފޮރުވައެވެ. ތާރިޤުގެ ކޮއްކޮ މޭރީ، ތާރިޤު ކުރާ ހަނގުރާމައާ ދެކޮޅަށް ވާހަކަދައްކައެވެ. ގޭތެރޭގައި ތަފާތު ކަމެއް އުޅޭކަމަށް ޝައްކުވެގެން ތާރިޤު ސިއްރު ކޮޓަރިއާ ދިމާލަށް ދިޔަ ވަގުތު، މޭރީ ގަސްތުގައި އޭނާގެ އަތް އަންދާލައިގެން ތާރިޤުގެ ސަމާލުކަން އަނބުރާލައެވެ. މޭރީގެ ރުޅިވެރިކަމުގެ ސަބަބުން ތާރިޤު އެގެއިން ދިޔުމުން، ޖޯންއާއި ކެތްރީން އަދި ބަނޑުގައިވާ ދަރިފުޅު ސަލާމަތްވެ، އެމީހުން އެތަނުން ފޮނުވާލުމުގެ އާ ރޭވުމަކަށް މޭރީ ތައްޔާރުވެއެވެ. ```json

  • ޖޯންއާއި ކެތްރީންއަށް ހިމާޔަތާއި ފަރުވާ ދެނީ މުސްލިމް ކޮމާންޑަރު ތާރިޤުގެ ބައްޕަ، މެތިއުއެވެ.
  • ޖޯންގެ ޒަޚަމްތައް ރަނގަޅުވެ، ކެތްރީން ބަލިވެއިންކަން ހާމަވުމާއެކު ދެމަފިރިންނަށް އުފާވެރިކަން ލިބެއެވެ.
  • މެތިއުއާއި އޭނާގެ އަންހެން ދަރިފުޅު މޭރީ ބޭނުންވަނީ ހަނގުރާމަ ހުއްޓާލައި ސުލްހަވެރިކަމާއެކު ދިރިއުޅޭށެވެ.
  • ތާރިޤު އެގެއަށް އައުމުން، ސިއްރު ކޮޓަރީގައި ފޮރުވާފައި ތިބި ޖޯންއާއި ކެތްރީން ފެނުނަނުދިނުމަށްޓަކައި މޭރީ ގަސްތުގައި އަމިއްލަ އަތް އަންދާލައި ސަމާލުކަން އަނބުރާލައެވެ.
  • ތާރިޤު ދިޔުމުން، ޖޯންއާއި ކެތްރީން ސަލާމަތުން އެހެން ތާކަށް ފޮނުވާލުމަށް މޭރީއާއި މެތިއު ރާވައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު