"ދުނިޔެއަކީ އިމްތިހާނެކެވެ.ވަގުތީ މަންޒިލެކެވެ. މިދުނިޔޭގެ އެއްވެސް އުފަލަކީ އަދި ނިއުމަތަކީ ދެމިގެންދާނެ އެއްޗެއްނޫނެވެ. ގާތް މީހުންނާއި ލޯބިވާ މީހުންނާއި އެއްކުރާހާ އެއްޗެއް އަބަދަށްޓަކާ ވަކިވެގެންދާނެއެވެ. އެންމެން އެކީގައި ބައްދަލުވެ ދާއިމަށް އެކީގައި އުޅެވޭނީ ޖަންނަތުގައެވެ. ޖަންނަތަށް ދިޔުމަށް ގަދައަޅާ މަސައްކަތްކުރަމާ ހިނގާށެވެ."

***

"އާނ ދެން މީހަކު އުފާވާނީ މިވަރަށް...އެނގޭތަ ސިދްރާ ބަނޑު ބޮޑު...އަހަރެން ހާދަ ދުއާކުރަމޭ މާމަ ދަރިއަކަށް އެދި.އެންމެފަހުން ﷲ ދުޢާ އިޖާބަކުރައްވައިފި..އެހެންވެ ފޮނި އެއްޗަކުން ސަދަގާތް ކުރަން މިއުޅެނީ....."އަދަލްމެންގެ ސިއްރު ކައިވެނީގެ މަތިން ހަނދާންނެތި އޮޅިގެން ހަގީގަތް ބުނެވުނީއެވެ.

ނޯޔާއާއި އަޒަލީ އަދި ހީރާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ސިދްރާ މީހަކާއި ކައިވެނިނުކޮށް މިވީ ކިހިނެއްހެއްޔެވެ؟

ނޯޔާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެކަމަކު މިފަހަރު އޭނާގެ ހިތަކަށް އެއްވެސް މަޖާކަމެއް ނައެވެ. ކުރިން ހޮސްޕިޓަލުން އަދަލް އޭނާގެ މަންމައަށް ކެއަރ ކުރި ގޮތް ފެނުމުން އަދަލްގެ މާތްކަން ނޯޔާއަށް ވަނީ ވިސްނިފައެވެ.

"ތިޔައީ ތެދަކަށް ނުވާނެ. އަދަލް އެފަދަ ނުބައި ކަމެއް ނުކުރާނެ..." ނޯޔާ މަޑުމަޑުން ބުންޏެވެ.

ނޯޔާއާއި އަޒާލީ އަދި ހީރާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. މުޅި ހިސާބުގަނޑު ހީވީ ކުއްލިއަކަށް ހިމޭންވެ ގަނޑުވިހެންނެވެ. ބަދޫރާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ.

"ކީކޭ؟" ބަދޫރާ ހަޅޭއްލަވައިގަތެވެ. "ސިދްރާ ބަނޑުބޮޑޭ؟ އޭނާ ކޮން އިރަކު ކާވެނިކުރީ؟ އަދި ކޮބާ ފިރިމީހާ؟އެ ޚިޔާލީ ޖިންނިއާއިތަ އިނދެގެން އުޅެނީ؟"

ބަދޫރާގެ އެ ސުވާލާއެކު ސަރަފީނާގެ މޫނުމަތިން ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ދޫ ބަންދުވެ ބުނެވުނު ބަސްތަކާ މެދު ހިތާމަކުރެވުނެވެ. ކައިވެނީގެ ސިއްރު ހިފަހައްޓަން އަދަލް ބުނެފައި އޮތް ބަސްތައް ސިކުނޑިއަށް އަރައިގަތީ ދެނެވެ. ނަމަވެސް މިހާރު ތީރު ވަނީ ދޫވެފައެވެ.

"އޭނ... އެއީ... އަހަރެން މި ބުނީ..." ސަރަފީނާ ހާސްވިވަރުން ހަތަރެސްފައި ފިނިވެ ހިތް ތެޅެންފެށީ ހަމައެއް ލަމައެއްނެތިއެވެ. އަތުގައި އޮތް ކޮތަޅަށް ބާރުކޮށްލަމުން ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

ނޯޔާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ސިދްރާ މީހަކާ ކައިވެނިނުކޮށް ބަނޑުބޮޑުވީ ހެއްޔެވެ؟ ނޫނީ އޭނާއަށް ސިއްރުން ކަމެއް ހިނގީ ހެއްޔެވެ؟

"ސަރަފީނާ ދައްތާ...... ތިޔަ ބުނީ ތެދެއްތަ؟" ނޯޔާ ކުރިއަށް ފިޔަވަޅެއް އަޅަމުން ބުންޏެވެ. "ސިދްރާ ކާކާ ކައިވެނިކުރީ؟ އަދަލްއާ ހެއްޔެވެ؟"

ސަރަފީނާ އިތުރު އެއްޗެއް ނުބުނެ އެތަނުން އަވަހަށް ދާން ހިނގައިގަތީ އެންމެން ޝައްކާއި ވަސްވާސްތަކުގެ ތެރެއަށް ދޫކޮށްލާފައެވެ.

"ނޯޔާއަށްވެސް އަޑުއިވިއްޖެއެއްނު....." އަޒަލް ބުނެލިއެވެ."އެއީ ސަރަފީނާ ދައްތަ އަމިއްލަ އަށް އެބުނީ. މީހަކު ހަދަހަދައިގެން ދެއްކި ވާހަކައއްނޫން....... އަދިވެސް ނޯޔާ ތިޔަ އުޅެނީ އެ އަދަލްވަރު މީހަކުނެތިގެންތަ؟ އޭނާ އެހެރީ ސިދްރާއާއެކު ބޮޑު ފާފައަކަށް އަރައިގަނެގެން. މުޅި ރަށު އެންމެން އެ ވާހަކަ ދައްކާނެ........"

"ނޫން... އަހަންނަށް ޔަގީން އަދަލް އެކަހަލަ ގޯސް ކަމެއް ނުކުރާނެކަން......." ނޯޔާ ގެ ލޮލުން ކަރުނަ ހިލުނެވެ. އެކަމަކު އެއީ ރުޅިއާއި ހަސަދައަށްވުރެ ބޮޑަށް އަދަލްގެ މައްޗަށް އޭނާގެ ހިތުގައި އުފެދުނު އިތުބާރެއްގެ ސަބަބުންނެވެ.

"އަޒަލީމެންނަށް އެނގޭތަ އަދަލްއަކީ ކާކުކަން؟ އޭނަގެ ހިތް ހާދަ ސާފޭ. އަހަންނަށް ކުރިން ކުރެވުނު މޮޔަކަމުން އޭނަ ގެއްލުނީ. އެކަމަކު އޭނާ ސިދްރާއާއެކު އެކަހަލަ..." ނޯޔާއަށް ވާހަކަ މެދުކަނޑާލަން ޖެހުނީ ބޮލަށް އެނބުރުން އެރުމުންނެވެ.

"އޭނާގެ ދިފާއުގައި ވާހަކަ ނުދައްކަބަލަ......" ހީރާ ތުންފިއްތާލިއެވެ. "ހިނގާ ދާން އަޒަލް. މިކުއްޖާއަކަށް މިކަމުގެ ސީރިއަސްކަމެއް ނޭނގޭނެ. އަހަރެމެން މިދަނީ ގެއަށް.......މިއަދު އިރުއޮއްސުމުގެ ކުރިން މުޅި ރަށް މި ޚަބަރުން ގުގުމާލާނެ......"

އަޒަލްއާއި ހީރާ އެތަނުން ދާން ހިނައިގަތުމުން ނޯޔާއަށް އެކަނިވެރިކަން އިހުސާސްވިއެވެ.

"ސިއްރު ކައިވެންޏެއް؟" ނޯޔާގެ ހިތަށް ކުއްލިއަކަށް ވެރިވީ މުޅިން ތަފާތު ޚިޔާލެކެވެ. "އަދަލްއާއި ސިދްރާ ސިއްރުން ކައިވެނިކުރީބާ؟ އެހެން ނޫންނަމަ ސަރަފީނާ ދައްތަ އެހާ އުފާވެފައި މާމަ ދަރިއަކު ލިބެނީއޭ ކިޔައިގެން ސަދަގާތް ކުރާކަށް ނޫޅޭނެ. އާނ... އެއީ ހަމަޔަގީނުންވެސް ކައިވެންޏެއް. އެކަމަކު އެމީހުން އެކަން ސިއްރުކުރީ ކީއްވެ؟"

އަދަލްއާއި އޭނަގެ މަންމަ އަދި ސިދްރާ ބީޗަށް އައީ އެކީގައި ހިނގާލާފައެވެ. ވަރަށް ހަމަޖެހިލާފައި ކޮންމެވެސް ވާހަކައެއް ދައްކާފައި ހެމުންއައިއިރު އެއްވެސް ޚިޔާލެއް ފިކުރެއްނެތްފަދައެވެ. ގޮނޑުދޮށުގައި އަންހެންވެރިން އިށީދެލައިގެން ތިބިއިރު ބަދޫރާ އެންމެންގެ ސަމާލުކަން އަތުލައިގެން އިނދެ ދައްކަމުން ދިޔައީ ސިދްރާގެ ވާހަކައެވެ. އެންމެންގެ ދޫތަކުން އިވުނީ ނުރުހުމުގެ ލަފުޒުތަކެވެ. އެރަށުގައި އެއީ އާއްމުކަމެއްނޫނެވެ.

"ސިދްރާ....އެންމެން މި ކިޔަނީ ކީކޭ؟ އެއީ ތެދު ވާހަކައެއްތަ؟"ބަދޫރާ ގޮވައިލިއެވެ.

ސިދްރާ ބިރުން އަދަލްގެ ގަމީހުގައި ހިފަހައްޓާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ސިދްރާ ކޮންމެވެސް ކަމެއް ފޮރުވައިގެން އުޅޭ ވާހަކަ އަޑުއެހިން..މަތިމައްޗަށް ހެދުންލިޔަސް ތިއީ ފޮރުވޭނެ ޒާތުގެ ކަމެއްނޫން ރަންކޮޅާ...."

ސުރައްޔާ ގަތް ބިރުން ބަދޫރާގެ އަތުގައި ވިކައިގަތެވެ. ބަދޫރާގެ އަނގަ ތެޅުން ހުއްޓުވަން ލޮލާއި ބޮލުން އިޝާރާތްކުރިޔަސް ފޯރީގައި އިންވަރުން އެކަމެއް ރޭކާނުލިއެވެ. އަންހެންވެރިން ހީކުރިގޮތަކަށް އަދަލް އެކަމާއިހެދި ރުޅިވެރިކަން ފައުޅުކުރުމުގެ ބަދަލުގައި ކެތްތެރިކަން އިސްކުރިއެވެ. އޭނަގެ ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ.

"ބަދޫރާ ދައްތަ އިންޑިރެކްޓްކޮށް ބުންޏަސް އެނގިއްޖެ....ބަދޫރާ ދައްތައާއި އަދި އެހެން ހުރިހާކުދިންވެސް މަޑުކޮށްދެއްވާ...."އޭނަގެ އަޑުގައިވީ ހިތްހެޔޮކަމެވެ."އަހަރެން އުޅުނީވެސް އެންމެން ހޯދަންވެގެން..އެންމެނަށް ދައުވަތުދޭންވެގެން. އެކަކުވެސް ބާކީނުކޮށް......."

"ކީކޭ؟ ކަލޭމެން ކުރި ފާފަތަ ފޮރުވަން އުޅެނީ؟ ނުވާކަމަކަށް ހަދަން...."

"ސުބުހާނަﷲ ބަދޫރާ ދައްތަވެސް ވާހަކަދައްކަންވާނީ ތަންކޮޅެއް ރަގަޅަށް ހަގީގަތް ބަލާފައެއްނު.....ނޭގޭ ވާހަކަދެއްކީމަ ފާފަވެރިވާނީ.....ﷲގެ ރަހުމަތާއެކު ވަރަށް އުފާވެރި ޚަބަރެއް ދޭން މިއުޅެނީ...."

އޭނަ ދުރުގައި ހުރި އެކުވެރިއަކަށް އަތުން އިޝާރާތްކޮށްލިއެވެ. ދެތިން ޒުވާނަކު އުޅަދެއް ކައިރިކޮށްލާފައި ބޮޑު ފޮށިތަކެއް ބޭލިއެވެ. އެފޮށިތައް ހުޅުވުމުން މުޅި ހިސާބުގައި ހިފައިލީ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ކާހިތްވާފަދަ ބޮނޑިބަތާއި ކުޅިމަހުގެ މީރުވަހެވެ. އެހުރިހާ އެއްޗެހި ހުރީ ކާން ފަސޭހަވާގޮތަށް ޕާރުސަލްކޮށްފައެވެ.

"މިއަދަކީ ހަޔާތުގެ އެންމެ އުފާވެރި އެއްދުވަސް..."އަދަލް ސިދްރާގެ ކޮނޑުގައި އަތް ބާއްވައިލަމުން އެންމެނަށް އިވޭވަރަށް ބުނެލިއެވެ."އަހަރެމެން މާލެއަށްގޮސް ކައިވެނިކުރިތާ މިއަދަށް މިއީ ބަރާބަރު ފަސްމަސް ފުރުނު ދުވަސް. އަދި ﷲގެ މިންވަރުފުޅާއެކު އަހަރެމެންނަށް ފުރަތަމަ ދަރިފުޅު ލިބެނީ...މި އުފާވެރި ޚަބަރު އެންމެނާއި ހިއްސާކުރަނީ...މިކަން ސިއްރުކުރީ ދެން އަހަރެމެން މަޝްހޫރުވެގެން އެންމެން އެވާހަކަދައްކާނެކަން އެނގޭތީ..މި އުފާވެރިކަން އެންމެނާއި ހިއްސާކުރަން މިހުރީ ބޮނޑިބަތް ތައްޔާރުކޮށްފައި. މަންމަހާ މީރުކޮށް ބޮނޑިބަތް ކައްކަން އެނގޭ މީހަކު ނުހުންނާނެ..މިއީ މަންމަ އަތުން ތައްޔާރުކުރި ބޮނޑިބަތާއި ކުޅިމަސް........."

އޭނަ މަންމަ ގައިގާ ބައްދައިލަމުން ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.

މުޅި ބީޗަށް ކުއްލި ހިމޭންކަމެއް ވެރިވިއެވެ. ބަދޫރާގެ އަނގަ ހުޅުވުނު ގޮތަށް ލައްޕާާާކަށް ނޭނގުނެވެ. އަޒަލް އާއި ހީރާ ލަދުން ގޮސް ހަލާކުވާން ކައިރިވިއެވެ. އެމީހުން އަދަލްއާއި ސިދްރާ ފަޟީހަތްކުރަން ކުރި މަސައްކަތް ވީ ފެނަށެވެ. ހަގީގަތުން ފަރުދާ އުފުލުނުއިރު އެ ކަން ނިމުނީ ކައިވެންޏެއްގެ އުފާވެރި ޚަބަރާއި ބޮނޑިބަތުންނެވެ.

އަދަލް އަމިއްލައަށް ގޮސް ބަދޫރާއަށް ބޮނޑިބަތް ޕާރުސަލެއް ދިއްކޮށްލިއެވެ. "ދައްތާ........ދުޢާކޮށްދެއްޗޭ އަހަރެމެންގެ ދަރިފުޅަށް."

ނޯޔާ ދުރުގައި އެ މަންޒަރަށް ބަލަން ހުރެފައި ލަދުން އިސްޖެހިއެވެ. މީހެއްގެ ހަގީގަތް ދެނެގަނެވުމުގެ ކުރިން އެމީހަކަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ނުބައިކަން ފެނިގެންދިޔައީ އެވެ. އަދަލްގެ އެ ހިތްތިރި ކަމާއި އަޚުލާގުގެ ރަނގަޅު ކަން ފެނި އޭނާގެ ހިތުގައި އަދަލްއަށް އޮތް ގަދަރު އެތައް ގުނައަކަށް އުފުލިގެން ދިޔައެވެ.

***

ބޮނޑިބަތް ޕާޓީ ނިމި ރަށު އެންމެންގެ އަނގަ ބަންދުވުމަށްފަހު އަދަލްއާއި ސިދްރާ ގެއަށް އައިއިރު އެންމެންގެ ދުލުގައިވީ ތައުރީފުގެ ބަސްތަކެވެ.

ރޭގަނޑުގެ ހިމޭން ވަގުތެވެ. އަދަލް އާއި ސިދްރާ ތިބީ ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައެވެ. އުޑުމަތީގައި ހަނދު ހިނިތުންވެލައިގެން އިންއިރު މުޅި މާހައުލަށް ވަނީ ފިނިކަމެއް ވެރިވެފައެވެ.

އަދަލް އިނީ ސިދްރާގެ އަތުގައި ހިފަހައްޓާލައިގެން މޫނަށް ބަލަހައްޓައިގެންނެވެ. ސިދްރާގެ މޫނުމަތިން ފެންނަމުން ދިޔައީ ފުން ހިތާމައެކެވެ.

"ސިދްރާ... ކިހިނެއްވީ؟"އޭނަ މަޑުމަޑުން އަހާލިއެވެ. "މިއަދު އެންމެންގެ ކުރިމަތީގައި އަހަރެމެންގެ ހަގީގަތް ހާމަވުމުންވެސް ހިތްހަމަނުޖެހިފައި ތިއިނީ ކީއްވެ؟"

ސިދްރާ ފުން ނޭވާއެއްލިއެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. "އަދަލް... އަހަރެންގެ މާޒީއާ ބެހޭގޮތުން އަދަލްއަށް ނޭނގޭ ވަރަށް ބޮޑު ސިއްރެއް އެބައޮތް. މިއީ އަހަރެން އެއްވެސް މީހަކަށް ކިޔައިދިން ވާހަކައެއް ނޫން........."

އަދަލް ސިދްރާގެ އަތަށް ބާރުކޮށްލިއެވެ. "ބުނެބަލަ......"

"އަހަރެން ކުޑައިރު ސްލީޕްވޯކް ކުރާ ވާހަކަ މަންމަ އަބަދުވެސް ބުނޭ..އެހާ ގިނައެއްކޮށް ނޫން..އެކަމަކު މަންމަ އެކަމާއި ބިރުން ޑޮކްޓަރުންނަށްވެސް ދެއްކި....އޭރު ޚިޔާލީ އެކުވެރިއެއްވެސް ގެންގުޅުނިން..އެކުއްޖާއަށް ކިޔާ އުޅުނީ ކައިސް އޭ މަންމަ ބުނި.. އެކައިސްއެއް އަދިވެސް ހެލުސިނޭޓްވާއިރު އެފެންނަނީ....."

އޭނައަށް އެ އަތުގައި ފިރުމައިލެވުނެވެ.

"އިމޭޖިނަރީ ނޫނީ ހެލުސިނޭޝަން؟"

"ސިކުނޑިއަކީ އާދަޔާ ޚިލާފު އެއްޗެއް....އެނގޭހާވެސް ކަމަކީ ބޭސްކެއީމަ ކައިސް ލޮލަށް ފެންނަކަން..ހަމައެކަނި ކައިސްއެއްނޫން ފެންނަނީ....ހަމަ އެހެން ކަންތައްވެސް ލޯމައްޗަށް ސިފަވޭ..އެހެން މީހުން ކައިރީ ނުކިޔަން ހުންނަނީ...އެހެންވާން ފެށީ އެކްސިޑެންޓަށްފަހު......"ސިދްރާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ."އާއިލާއާއެކު ލޯންޗުގައި ދަނިކޮށް އޭގައި ރޯވެގެން ކަނޑުވިއެއްނު...ރާޅުތަކުގެ ތެރޭ ލޯންޗު ފުރޮޅެމުންދިޔައިރު ރޯވެފައި ހުރި ބައިގާ މަންމައާއި ކޮއްކޮމެން ތިބީ...ކޮއްކޮމެންގެ އަޑު އަދިވެސް ކަންފަތުގައި ހަރުލާފައިވޭ..ސަލާމަތަށް އެދި އާދޭސްކުރި.......އެންމެން ކަނޑުވެ މަރުވެގެން ދިޔައިރު ހަމައެކަނި އަހަރެން ސަލާމަތްވީ...ހޭއެރީ ހޮސްޕިޓަލުގައި އޮތްވާ....ބޭސްދޭންފެށުމުން ކައިސް އަހަރެން ހިތްހަމަޖައްސަން ވާހަކަދައްކަން ހުރޭ...ހަމަޔަކަށް އެޅޭވަގުތު ހަމަ ހެއްދެވިފަރާތާއި ޝަކުވާކުރަން..ކީއްވެހެއްޔޭ އެކަނި ސިދްރާ ސަލާމަތްކުރެއްވީ؟އެންމެން އެކީ ގެންދެވިނަމައޭ...މަންމަމެންނާއި ނުލާ ދިރިއުޅޭނެ އެއްވެސް ގޮތެއް އޭރު ނޭގުނު....މަންމަމެންނާއެކު އުޅުނު އުފާވެރި ދުވަސްތަކެއް ދެން ނާންނާނެ...އެއީ ދިރިއުޅުމުގެ ހިތި ހަގީގަތަކީ..ދިރިއުޅުމުގެ ހުރިހާ އުފަލެއް ހުރިހާ މަންޒަރެއް މާޒީގެ ތެރެއަށް ދާކަން...މިވަގުތުކޮޅުވެސް ދެނެއް ނާންނާނެ....ހަމަ އެކަނި އެންމެ ފަޅިސިކުންތުކޮޅެއްގައި މިއުޅެވެނީ ވާހަކަދައްކަމުން ދާވަރަކަށް އެވެސް މާޒީއަށް ވަދެގެންދަނީ..ހަމައެކަނި ހަނދާނުގައި އެބައި ދެން ހުންނަނީ...ކޮންމެވެސް ދުވަހަކުން މަންމަމެންނާއި ޖަންނަތުން ބައްދަލުވުމަކީ ދުޢާ.............."

ސިދްރާގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ.

"ޢެހާދިސާއަށްފަހ އަދި ނިދީގައި ހޭލެވޭހިނދު ކޮއްކޮމެން ފެންނަހެން ހީވޭ...އެއި ހަލޫސިނޭޝަންސްކަން އެނގުނީ ޑޮކްޓަރު ބުނުއްވީމަ....ކައިސްއަކީވެސް ޖިންނިއެއްނޫން.....އެކަން ޔަގީންވޭ...އެންމެން ޖިންނި މޮޔަވެފައޭ ކިޔަސް އަދި...."

އޭނަ ސިދްރާގެ ކޯތާފަތް ފޮހެލަދިނެވެ.

"ޑޮކްޓަރު ދިން ބޭސް ގަވާއިދުން ނުކެވޭ ދުވަސްދުވަހު ނިދީގައި ބޭރަށް ނުކުމެވޭ. އަދި ބޭހުގެ ސައިޑް އިފެކްޓްސްގެ ސަބަބުން ހޭލާ ހުންނައިރުވެސް މީހުން ފެންނަހެން ހީވަނީ. ރަށު މީހުންނަށް އެ މަންޒަރު ފެނުމުން އެމީހުން ހީކުރީ އަހަރެން މިއުޅެނީ ޖިންނި އަވަލައިގެން ކަމަށް.........،" ސިދްރާ އިސްދަށަށް ޖަހާލިއެވެ. "އަދަލް... އަހަރެންގެ ސިކުނޑީގައި ވެސް ކޮންމެވެސްކަހަލަ މައްސަލައެއް އެބައުޅޭ........"

"އެންމެންވެސް އުޅޭނެ ކޮންމެވެސް މައްސަލައެއް...ޖިސްމާނީ އަދި ނަފްސާނީ ބަލިތައް ނެތީ ކާކުގެ؟ އެހުރިހާކަމަކާއިއެކީ ދިރިހުންނަން ދަސްކުރަންވީ..މިއީ ވަރަށް ހިތްވަރުގަދަކުއްޖެއް މާޝާﷲ....ކެތްތެރިންނާއެކީ ﷲ ވޮޑިގެންވަނީ...ތިފަދަ ބޮޑު އިމްތިހާނެއް ކުރިމަތިވެފައިވެސް ހިތްވަރާއެކު ދުނިޔެއާއި އެދުނިޔޭގައި އުޅެމުންދާ ތަފާތު މިޒާޖުގެ އިންސާނުންނާއެކީ ކުރިމަތިލައިގެން ކުރިއަށް ފިޔަވަޅުއަޅާތީ ހަމަ ޕްރައުޑްވާވަރުވޭ...."

"މި އުފާވެރިކަމުގައި ބައިވެރިވާން މަންމައާއި ކޮއްކޮމެން ތިބިނަމަ.އެކަމަކު އެންމެންވެސް ބުނަނީ ދޭ އާ އިން އެ ބެޓާ ޕްލޭސްއޭ...."

"ދެރަނުވޭ...ކޮންމެވެސް ދުވަހަކުން އެންމެން އެކީގައިވާނެ...އެކަމަށް މަސައްކަތްކުރިއްޔާ..."އަދަލް ހިތްވަރުދިނުމުން ސިދްރާގެ ހިތުގައި ގަނޑުފެންއަޅާލަދިންފަދައެވެ.

***

ނޯޔާއަށް އައި މެސެޖަކުން ލިބުނު ޝޮކާއެކު ކަޅިޖަހާނުލާ ބަލަން އޮވެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު