"ބައެއްމީހުންނަށް ފާފަތަކުގައި ޣަރަގުވެގެން ދާއިރު ހެއްދެވި ފަރާތް ހޯދެއެވެ. އަނެއްބަޔަކަށް ނިއުމަތްތައް ލިބި އެންމެ އުހަށް ދެވޭ ހިނދު އެފަރާތް ގެއްލިދެއެވެ. ކޮންމެ ހާލެއްގައިވެސް ﷲ ތައާލާއާއެކު ވާ ބަޔެއް ކަމުގައި ލައްވާދޭވެ."

***

"އަހަރެމެންނަށް އޮތީ މި ނޫން ކޮން ގޮތެއް..އަހަރެން ބޭނުމީ ކެތްރީންއަކީ އަހަރެންގެ ހަލާލު އަނބިމީހާެ ގޮތުގައިވާން...މުި ކުޑަ ފައްޅީގައި އަހަރެން ކަމަނާއާއި ކައިވެނި މިކުރަނީ މާތް ރަސްކަލާނގެ ހާޟިރުގައި..."

"އަޅުގަނޑުވެސް މަރުވަންދެން ޖޯންއާއެކު ވާން ހުވާކުރަން.."ކެތްރީންގެ ލޮލުން އޮހެމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެ ހޮހަޅައިގާ އެހެން މީހަކަށް ނޭނގި އެދެމީހުން ކައިވެނީގެ މަގައްދަސް އަހުދު ފުރިހަމަކުރިއެވެ. އެމީހުންގެ ލޯބި މިހާރުވަނީ ކައިވެނީގެ މާތް ގުޅުމަކުން ބަދެވިފައެވެ.

***

ފަތިހުގެ ރަން ދޯދިތައް އަންދަލުސްގެ ފަރުބަދަތަކުގެ މަތިން ފާޅުވާން ފެށިއެވެ. އޯޓަމްގެ ފިނި ދުންފިނި ބިންމަތިން ފިލަމުން ދިޔައިރު މުސްލިމް ކޭޭމްޕުގެ ތެރޭގައި ފަތިސް ނަމާދަށްފަހު އެންމެން ހޭލައި އާ ދުވަހަކަށް ތައްޔާރުވާން ފެށިއެވެ. ސިފައިންގެ ބައެއް މީހުން އަސްތަކަށް ކާންދެމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރަމުންނެވެ.

ކުއްލިއަކަށް މުޅި ކޭމްޕު ގުގުމާލީ ސިފައިންގެ ވެރިޔާ ތާރިގުގެ ބާރު ހަޅޭކުގެ އަޑުންނެވެ.

"ކޮބާ ހައްޔަރުކުރި މީހުން؟ ކޮބާ އެ އަންހެންކުއްޖާ؟"

ބައެއް ހަގުރާމަވެރިން ދުވެފައި ގޮސް ޖޯން ބަންދުކޮށްފައި ހުރި ފޭލިގެ ކައިރިއަށް ހުއްޓުނެވެ. ގޮޅީގެ ދޮރު ހުރީ ހުޅުވިފައެވެ. އަދި ކެތްރީން ބަންދުކުރި ފޭލިގޭގެ ފަހަތު ފޮތިގަނޑު ކަނޑާލާފައި ހުރިތަން ފެނުމުން، މުޅި ސަރަހައްދަށް ބޮޑު ސިހުމެއް ލިބުނެވެ. ރޭގަނޑު ފޯރިމަރަން ތިބި ސިފައިންގެ މީހުން ތިބީ ބިންމަތީގައި ނިދިފައެވެ.

"މިއީ އާދައިގެ ފިލުމެއް ނޫން......" ތާރިގު ކޯފާވެފައި ހުންނެވިވަރު މޫނުމަތިން ފައުޅުވެއެވެ. އޭނަ ތޫނު ކަނޑި ނެންގެވިއެވެ. "އެ ބަލިކަށި ދެ މީހުންނަށް އަމިއްލައަކަށް މިތަނުން ސަލާމަތްވެ ފޭލިގެ ކަނޑައި ގޮޅީގެ ތަޅު ހުޅުވައެއް ނުލެވޭނެ.... އަދި މި ފާރަވެރިންނަށް މިވީ ގޮތެއް ވެސް ނޭނގޭ. މީގެ މާނައަކީ އަހަރެމެންގެ ތެރޭގައި ޖާސޫސެއް ނުވަތަ އެމީހުންނަށް އެހީވި މުސްލިމުންނާއި ދެކޮޅު މުނާފިގުން އެބައުޅެއޭ..."

ސިފައިންގެވެރިޔާގެ އެ ބަސްފުޅާއެކު ކޭމްޕުގައި ތިބި ހުރިހާ ސިފައިންގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަން ފެށިއެވެ. އެކަކު އަނެކަކަށް ޝައްކުގެ ނަޒަރުން ބަލަން ފެށިއެވެ. އެންމެންގެ ހިތުގައިވެސް އުފެދުނީ އެއް ސުވާލެކެވެ: އަހަރެމެންގެ ތެރެއިން ޚިޔާނާތްތެރިވީ ކާކު ހެއްޔެވެ؟

އެ ދަނޑިވަޅުގައި ދުރުގައި ހުރި އަސްމާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާ ހުރީ އަތްތުރުތުރުއަޅާ ހާލު ނުދަންނަ ކަމަށް ހަދައިގެންނެވެ. ކައިރީގައި ހުރީ ފެން ބާލިދީއެކެވެ. އޭނާ ކެތްރީންމެން ފިލަންވެގެން ސިފައިންނަށް ބޯން ދިން ަނިދާ ބޭހުގެ އަސަރު ފާރަވެރިންގެ ކިބައިން ފެންނަން ހުރުމުން ކޮންމެ ވަގުތަކުވެސް އޭނައަށް ތުހުމަތުކޮށްފާނެއެވެ.

"ހުރިހާ ދިމާލަކަށް ސިފައިން ފޮނުވާ........" ސިފައިންގެ ވެރިޔާ ތާރިގު އަމުރުކުރެއްވިއެވެ. "ފަރުބަދަތަކާއި ޖަންގަލީގެ ހުރިހާ ކަނެއް ހޯދާ. އެމީހުން މާ ދުރަކަށް ނުދާނެ. އަދި ކޭމްޕުގައި ތިބި އެންމެންނާ ސުވާލުކުރޭ. އެ ދެމީހުންނާއި އެމީހުންނަށް އެހީވި ޚާއިނުން ހޯދާފައި ނޫނީ މަގޭ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ."

މުޅި މުސްލިމް ކޭމްޕު ތެރޭގައި ބަދަލުހިފުމުގެ ރޫހާއި އެތެރޭގެ ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިގެން ދިޔައެވެ.

***

ތާރިގު ގެ ދިގު ކަނޑި އުނަގަނޑުގައި ހަރުކޮށްލެއްވުމަށްފަހު ކޭމްޕުގެ މެދަށް އެންމެން އެއްކުރަން އަމުރުކުރެއްވިއެވެ.

"ޒިޔާދު... ޔޫސުފް...." ތާރިޤް ބާރަށް ގޮވާލެއްވިއެވެ.

"ލައްބަ ސާހިބާ......" ޒިޔާދު އާއި ޔޫސުފް ދުވެފައި އައިސް ތާރިގުގެ ކުރިމަތީގައި އިސްޖަހާލައިގެން ކޮޅަށް ތިއްބެވެ. އެމީހުންގެ މޫނުމަތިން ބިރުވެރިކަން ފެންނަން ހުއްޓެވެ.

"ކަލޭމެން ދެމީހުން ރޭގަނޑު ފޯރިމަރަން ތިބިއިރު އެ ދެ ކްރިސްޓިއަނުން ފިލައިގެން ދިޔައީ ކިހިނެއް؟" ތާރގުގެ އަޑު ގުގުމާލިއެވެ. "ކަލޭމެން ތިބީ ނިދާފަ......އަހަރެމެންގެ ސިފައިންނަކީ ހަނގުރާމައިގެ މައިދާނުގައި މިގޮތަށް ނިދާ ބައެއް ނޫން. ކަލޭމެންގެ ބުއިމަށް ކޮންމެވެސް އެއްޗެއް އަޅާފައި އެބަހުރި...."

ޒިޔާދު ތުރުތުރުއަޅަމުން ބުންޏެވެ، "ކޮމާންޑަރު... އަޅުގަނޑުމެން ގަސްތަކު ނުނިދަން. އެކަމަކު ހޫނު ސޫޕް ބޮއިފަ ކުއްލިއަކަށް ބޯއަނބުރައިގެން ވެއްޓުނީ ހޭވެރިކަން ގެއްލުނީ...."

ތާރިގުގެ ތޫނު ލޯފުޅު ކުއްލިއަކަށް ހުއްޓުނީ ސޫޕް ތައްޔާރުކުރި ދިމާލަށެވެ. އަދި އެތަނުގައި ހުރި އަސްމާއަށެވެ.އަސްމާ ހުރީ ނުދަންނަ ކަމަށް ހަދައިގެން، ތަށިތައް ދޮންނާށެވެ. އެކަމަކު އޭނަގެ ހިތް ބާރަށް ތެޅެމުންދިޔައެވެ.

"އަސްމާ....." ތާރިގު ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުން އޭނައާއި ދިމާލަށް ހިންގަވައިގަތެވެ. އެމަނިކުފާނުގެ ބޫޓުގެ އަޑަށް އަސްލާމެ މޭ ފިތްކަނޑައިގެންދާވަރުވިއެވެ.

"ލައްބަ ސާހިބާ.." އަސްމާ މަޑުމައިތިރިކަމާއެކު އެނބުރިލިއެވެ.

"ރޭގަނޑު ސޫޕް ކެއްކީ ކާކު؟" ތާރިގު އަސްމާގެ މޫނަށް ވަރަށް ކައިރިން ބަލާލަމުން ޝައްކުގެ ރާގަކަށް އެއްސެވިއެވެ.

"އަޅުގަނޑު....ސާހިބާ...."އަސްމާ އޭނާގެ ހާސްކަން ފޮރުވަން މަސައްކަތްކުރިއެވެ. "އެކަމަކު އަޅުގަނޑު ހަމައެކަނި ކެއްކީ. އެންމެންވެސް އެ ސޫޕް ބުއި. ޒިޔާދުއާއި ޔޫސުފްއަށް އެހެންވީ ކީއްވެގެންކަމެއް އަޅުގަނޑަކަށް ނޭނގޭ......."

އެމަނިކުފާނު އަސްމާގެ ދެލޮލަށް ފުންކޮށް ބައްލައިވެއްވިއެވެ. ހަނގުރާމަވެރި ސިކުނޑިއަށް އަސްމާގެ ވާހަކަ މުޅިއަކުން ގަބޫލެއް ނުކުރެވުނެވެ. "ކަލެއަކީ އެ ކެތްރީން ބަންދުކުރި ފޭލިގެއަށް ކާން ހިފައިގެން ވަން މީހާ..... ކަލޭ އޭނައާއި ދެއްކީ ކޮން ވާހަކައެއް؟"

"އަޅުގަނޑު ހަމައެކަނި ކާންދިނީ... އިތުރު ކަމެއް ނުކުރަން......." އަސްމާ އިސްޖަހާލިއެވެ. އޭނަގެ އަތްތުރުތުރުއަޅާވަރުން އަތުގައި އޮތް ތަށި ބިމަށް ވެއްޓި ތެޅިގެން ނުދިޔައީ ހަމަކިރިޔާއެވެ.

ތާރިގު ކުޑަކޮށް ހިނިފުޅުވަޑުވައިލެއްވިއެވެ. އެއީ ބިރުވެރި ހިނިތުންވުމެކެވެ. "ޒިޔާދު.. ޔޫސުފް... އަސްމާ މިތަނުން އެއްވެސް ތަނަކަށް ދިޔަނުދީ ހިފަހައްޓާ. އަހަރެން ފަރުބަދަމަތިން އެ ދެމީހުން ހޯދައިގެން އެނބުރި އަންނަންދެން އޭނާ ހުންނަންވާނީ އަހަރެމެންގެ ބެލުމުގެ ދަށުގައި. އޭނާގެ މައުސޫމްކަން ސާބިތުވާނީ އެމީހުން ފެނުނީމާ."

ތާރިގު އޭނާގެ އަހަށް އަރާވަޑައިގެންފާ ކަނޑި މައްޗަށް ނެންގެވިއެވެ. "ހުރިހާ ސިފައިން އަހަރެންގެ ފަހަތުން އާދޭ.... އެމީހުން ތިބީ މި ފަރުބަދަމަތީގެ ކޮންމެވެސް ހޮހަޅައެއްގައިކަން ޔަގީން....ހޯދާ....."

މުޅި ލަޝްކަރު އަސްތަކުގައި ފަރުބަދައާ ދިމާލަށް ދުއްވާލިއެވެ. ކޭމްޕުގައި ބަންދުވެފައި ހުރި އަސްމާ ހިތާހިތުން ދުޢާކުރަންފެށީ ކެތްރީންއާއި ޖޯންއަށް އެމީހުން ނުފެނުމަށެވެ.

***

ހޮހަޅައިގެ ތެރޭގައި ވެރިވެފައިވަނީ ފުން ހަމަހިމޭންކަމެކެވެ. ކުޑަ ފައްޅީގެ ކުރިމަތީގައި ކައިވެނީގެ އަހުދު ކަށަވަރުކުރުމަށްފަހު ކެތްރީން އިނީ ޖޯންގެ ބޯ އޭނާގެ އުނގުގައި ބާއްވައިގެންނެވެ. ޖޯންގެ ހުން މަޑުމަޑުން މައިތިރިވަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އަދިވެސް ވަރެއް ނެތެވެ. ކެތްރީން އޭނާގެ އިނގިލިތަކުން ޖޯންގެ އިސްތަށިގަނޑާ ކުޅެމުން ދިޔައީ ކުރިއަށް އޮތް ނުރައްކާތެރި މުސްތަޤުބަލާ މެދު ވިސްނަމުންނެވެ.

ކުއްލިއަކަށް ހޮހަޅައިގެ ބޭރުން އިވުނު އަޑަކުން ކެތްރީންގެ މުޅި ހަށިގަނޑު ސިހިގެންދިޔައެވެ.

އެއީ ގިނަ އަސްތަކެއްގެ ފައިގެ އަޑެވެ. އެ އަޑު ދިޔައީ ފަރުބަދައިގެ ހިލަމަގުން ލާފައި އެމީހުން ތިބި ހޮހަޅައާ ދިމާލަށް ކައިރިވަމުންނެވެ. ކެތްރީން އަވަސްއަވަހަށް ތެދުވެ ހޮހަޅައިގެ ދޮރުމަތީގައި ހުރި ބޮޑު ހިލަގަނޑުގެ ފުރަގަހުން ބޭރަށް ބަލައިލިއެވެ.

އޭނާގެ މޭ ފިތްކަނޑައިގެންދާވަރުވިއެވެ. ދުރުން ފެންނަމުންދިޔައީ ކަނޑިތައް ދަމައިގެން އަސްތަކުގައި ދުވެފައި އަންނަ މުސްލިމް ސިފައިންގެ ލަޝްކަރެވެ. އެމީހުންގެ ކުރީގައި ހުރީ ރޭގަނޑު އޭނާ ހައްޔަރުކުރަން އަމުރުކުރެއްވި ހަރުކަށި ވެރިޔާ ތާރިގެވެ. ތާރިގުގެ ދެލޯ ހީވަނީ މުޅި ފަރުބަދަ ފޫދުއްވާލަން އުޅޭ ހެންނެވެ.

"ޖޯން... ހޭލާ... އެމީހުން އެބަ އާދޭ..." ކެތްރީން ހާސްވެފައި ހުރެ ޖޯންގެ ކައިރިއަށް ގޮސް އޭނާ ކޮޅަށް ތެދުކުރަން އެހީވިއެވެ.

ޖޯން އުނދަގުލުން ފާރުގައި ހިފަހައްޓަމުން ތެދުވިއެވެ. އޭނާގެ މޫނުމަތިން ވޭނުގެ އަސަރު ފެނުނެވެ. "ކެތްރީން...އަޅުގަނޑު ބަހައްޓާފައި ކަމަނާ ފިލާ ވަޑައިގަންނަވާ.... އަޅުގަނޑުގެ ސަބަބުން ކަމަނާ ހައްޔަރުވެއްޖެއްޔާ އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަން."

"ނޫން، ޖޯން.... އަހަރެމެން މިހާރު މިއީ ދެމަފިރިން. ވަކިވާނީ އެކީގައި.... ސަލާމަތްވާނީވެސް އެކީގައި...." ކެތްރީން ބާރަށް ބުންޏެވެ. އޭނާގެ ދެލޮލުން މިފަހަރު ބިރުވެރިކަމަށްވުރެ ބޮޑަށް ފެންނަން ހުރީ ހިތްވަރެވެ.

ތާރިގުގެ އަޑު ހޮހަޅައިގެ ބޭރުން އިވުނެވެ. "ޒިޔާދު... މި ދިމާލުގައި ހޮހަޅައެއް އެބަހުރި.... އަސްތައް މަޑުކުރުވާ...... އެމީހުން ތިބީ މީގެ އެތެރޭގައިކަން ޔަގީން...."

ކެތްރީން ހޮހަޅައިގެ އެތެރެއަށް ބަލައިލިއެވެ. އެތަނުގައި ވަރަށް ހަނި، އަނދިރި ހަނި މަގެއް އެތެރެއަށް ދާން އޮތްތަން ފެނުނެވެ. އެއީ ކޮން ދިމާލަކަށްދާ މަގެއްކަމެއް ނޭނގެއެވެ. ނަމަވެސް މިވަގުތު އޮތް އެންމެ ފަހު އުންމީދަކީ އެއީއެވެ.

"ޖޯން... ހިނގާ މިދިމާލަށް......." ކެތްރީން ޖޯންގެ އަތުގައި ހިފައިގެން އެ ކަނު އަނދިރި ހަނި މަގުގެ ތެރެއަށް ދެމިގަތެވެ.

އެވަގުތު ތާރިގު އާއި އޭނާގެ ސިފައިން އަތް ބައްތިތައް ހިފައިގެން ކަނޑިތައް ދަމައިގެން ހޮހަޅައިގެ އެތެރެއަށް ވަދެގަތެވެ. އޭގެ ރަތް އަލިން މުޅި ހޮހަޅަ ދިއްލިގެންދިޔައެވެ. ތާރިގުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެމީހުން ހަދާފައި ހުރި ކުޑަ ފައްޅިއެވެ. ލަކުޑިން ހަދާފައިވާ ސަލީބާއި އަތުރާފައި ހުރި މާފިޔައެވެ.

ތާރިޤް ކުރިއަށް ޖެހިވަޑައިގެންފާ އެ ކުޑަ ފައްޅިއަށް ބައްލަވާލެއްލިއެވެ. "ސުބުހާނަﷲ.....މިތަނުގައި އެމީހުން އަޅުކަންކޮށްފައި އެދިޔައީ..... އެމީހުން މިތަނުން ދިޔަތާ މާ ގިނައިރެއް ނުވޭ. ހޫނުކަން އެބަހުރި..."

އެވަގުތު ސިފައިންގެ މީހަކަށް ހޮހަޅައިގެ އެތެރެއަށް އޮތް ހަނި މަގު ފެނުނެވެ. "ސާހިބާ މިއޮތް ފާރުގެ ފުރަގަހުން ދާނެ މަގެއް އެބައޮތް......."

"އަވަހަށް ދޭ.... އެމީހުން އަތުލައިގަނޭ....." ތާރިގު ވިދާޅުވިއެވެ.

އެ އަނދިރި ހަނި މަގުގެ ތެރޭގައި ވަނީ ކަށްވަޅުފަދަ ކަނު އަނދިރިކަމެވެ. ބިންގަނޑު ތެތްވެފައި މަތިން ފެންތިކިތައް ފައިބަމުން ދިޔައީ ބިރުވެރި ރާގަކަށެވެ. ކެތްރީން އޭނާގެ އެއް އަތުން ޖޯންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓައިގެން އަނެއް އަތުން ފާރުގައި އަތްލަމުން ކުރިއަށް ދުވަން މަސައްކަތް ކުރަމުން ދިޔައެވެ. ޖޯންގެ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ އަނގިން ނުކުންނަމުން ދިޔައީ ތަދުގެ އާހެކެވެ.

"އަވަސްކުރޭ ޖޯން..... އަދި ކުޑަކޮށް ހިތްވަރުކޮށްލާ..." ކެތްރީން މަޑުމަޑުން ބުންޏެވެ.

އެވަގުތު އެމީހުންގެ ފަހަތުން، އެ ހަނި މަގުގެ ތެރެއަށް ހުޅުތަކުގެ ރަތް އަލި ފެތުރެން ފެށިއެވެ. ސިފައިންގެ ބޫޓުތަކުގެ އަޑާއި ދަގަނޑު ދަހަނާތައް ޖެހޭ އަޑު މުޅި މަގުގެ ތެރޭގައި ގުގުމަމުން ދިޔައީ އިންތިހާ ބާރަށެވެ.

"އެމީހުން މާ ދުރަކަށް ނުދާނެ...." ތާރިގުގެ ބާރު އަޑުފުޅު ފަހަތުން އިވުނެވެ.

ކެތްރީން ފަހަތަށް ބަލައިލިއިރު ސިފައިންގެ ކުރީގައި ހުރި މީހާގެ ދަމާފައިވާ ކަނޑީގެ ތޫނު މުށްގަނޑު އެ އަލީގައި ވިދާލިތަން ފެނުނެވެ. އެމީހުން ތިބީ އެންމެ ފަންސަވީހަކަށް ފޫޓު ދުރުގައެވެ. ކެތްރީންގެ ހިތް ހުއްޓުނު ކަހަލައެވެ. އަތުން ޖޯން ދޫވެއްޖެނަމަ މިއަދު އެމީހުންގެ ދިރިއުޅުން މިހިސާބުން ނިމުނީއެވެ.

ކުއްލިއަކަށް އެ ހަނި މަގުގެ ނިމުން ފެނުނެވެ. ކުރިމަތިން ފެންނަން އޮތީ ހަނދުވަރުގެ ތޫނު ހުދު އަލިކަމެވެ.. އެމީހުންނަށް ރަހުމަތެއް ފަދައެވެ. ނަމަވެސް ތިރިއަށް އޮތީ ފުންކޮށް އޮތް ވާދީއެކެވެ.

"ޖޯން...ފުންމާލާ......." ކެތްރީން އަވަސްވެފައިވާ އަޑަކުން ބުނެލިއެވެ. ޖޯންއާއެކު އެ މަގުގެ ނިމޭކޮޅުން ބޭރަށް ފުންމައިލިއެވެ.

އެމީހުން ބޭރަށް ނުކުމެ ފަރުބަދައިގެ އަނެއް ފަރާތުގެ ވިނގަނޑު މައްޗަށް ފުރޮޅެމުން ފުރޮޅެމުން ގޮސް، ބޮޑު ހިލަގަނޑެއްގެ ފުރަގަހަށް ވެއްޓުނެވެ ހަމަ އެވަގުތު އެމީހުން ނުކުތް ލޯވަޅުން ސިފައިންގެ މީހާ އޭނާގެ ދިގު ކަނޑި ހޫރާލަމުން ބޭރަށް ބޯދިއްކޮށްލިއެވެ. ކަނޑީގެ މިޔަ ދިޔައީ ކެތްރީންގެ ހެދުމުގެ ކޮޅުގައި ހަމަކިރިޔާ ނުޖެހިއެވެ.

"ސާހިބާ..... މިތަނުން ބޭރަށް ނުކުމެވެނީ ވާދީއަކަށް.... އެމީހުން ފުންމާލައިފި....." ސިފައިންގެ މީހާ ފަހަތަށް ބަލާފައި ތާރިގުގެ ގާތު ބުންޏެވެ. ކަނު އަނދިރީގެ ސަބަބުން އެމީހުން ބިންމައްޗަށް ވެއްޓި ފިލިތަނެއް ސިފައިންނަކަށް ނުފެނުނެވެ.

ތާރިގު ކޯފާއިސްވެ ފާރުގައި ޖެއްސެވިއެވެ. މި ފަރުބަދައިގެ ތިރިން ބަލާ..... އެމީހުން ދިރިއެއް ނުތިބޭނެހެން ހީވަނީ....."

ހިލަގަނޑުގެ ފުރަގަހުގައި ނޭވާ ހިފަހައްޓާލައިގެން ޖޯންގެ އަނގަމަތީގައި އަތްއަޅައިގެން ކެތްރީން އިނެވެ. ސިފައިންގެ މީހުން އެތަނުން އެނބުރި އެތެރެއަށް ދިޔަ އަޑު އިވުމުން ކެތްރީންއަށް ފުން ނޭވާއެއް ލެވުނެވެ. އެމީހުން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ކެތްރީންގެ ހިތް ތެޅޭވަރުން މޭގަނޑުވެސް އަނގަޔަށް އަތުވެދާނެފަދައެވެ. އޭނަ ހަނދާންވީ އަސްމާއެވެ. އަސްމާގެ ހާލު ކިހިނެއްހެއްޔެވެ؟

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު