"މަރަކީ ދާދި ކައިރީގައިވާ އެއްޗެކެވެ. ގެއިން ނުކުތުމަށްފަހު އަލުން އަންނަން ޖެހެނީ ގެއަށް ނޫނީ ސަހަރާއެއް ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ އަބަދުވެސް ނަމާދުކޮށް ޒިކުރުކޮށްގެން ތައްޔާރުވެގެން ހުރުމަކީ އެންމެ ރަގަޅުގޮތެވެ. ފަހަރެއްގައިވެސް އުފަލާއި މަޖަލުގެ ތެރެއަށް ޣަރަގުވެ އާޚިރަތް މަތިން ހަނދާން ނައްތާނުލާށެވެ."

***

ގޭގެވަލުތެރޭގައި ހުރި ވައިލެޓްމާތަައް ފޮޅޭ ގަސްތަކެއްގެ ކައިރީގައި ގޮނޑިއެއް އަޅާލައިގެން ސިދްރާއިނެވެ. އަތުގައި އޮތް ފޮތް އުނގުގައި ބާއްވާލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނަގެ ހިތް ބިއްލޫރިކޮޅެއްހާ ސާފެވެ. ނޯޔާ މިއަދު ހޮސްޕިޓަލުން އަދަލްއަށް އެހީތެރިވެދިން ގޮތުން އޭނަ ނޯޔާއަށް ޝުކުރުވެރިވެއެވެ. ނަމަވެސް، ނޯޔާ އަދަލްއަށް ބަލައިލި ނަޒަރާއި އެ ދެމީހުންގެ މާޒީ ގައި ގުޅުމެއް އޮތުމުން އަންހެން ހިތަކަށް ވީތީ ހިތުގައި ކުޑަކުޑަ ޝައްކެއް އުފެދުނެވެ. އޭނާގެ ފިރިމީހާ އެހެން މީހެއްގެ ހިތް އަތުލަމުންދާ ކަމުގެ އިހުސާސް ސިދްރާއަށް ކުރެވެން ފެށިއެވެ.

"ހޭއި.....ކޮން އާލަމެއްގައި؟" އަދަލް ގެނެސްދިނީ ކުރުބާ ފަނިތަށްޓެކެވެ. އޭނަ ހިނިތުންވެލަމުން ކުރުބާތަށި އަތުލިއެވެ."އުފާވެރި ޚަބަރަކާއިގެން އައިއިރު މި ކުއްޖާ މިއިނީ ޚިޔާލު ބޮޑުވެފައި..ކިހިނެއްވީ؟"

"ފުރަތަމަ އުފާވެރި ޚަބަރު..."އޭނަ ބުނެލިއެވެ. ހިތުގެ އުދާސްތައް ފޮރުވަން މަސައްކަތްކުރިޔަސް ހިިނިތުންވުމެއް ނެތެވެ.

"ސިދްރާ..އަދި އަހަރެމެންނަށް މާވަހަރުން ފައިސާ ލިބެން ދުވަސްތަކެއް ނަގާފާނެ..އެހާތަނަށް އަތް އުރާލައިެން ހުންނަން ބޭނުމެއްނޫން..މިއީ މިހާރު ފިރިއެއް..ދާދި އަވަހަށް ބައްޕައަކަށްވެސް ވާނެ އިންޝާﷲ..އެހާ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާއިރު އެކަން ދެނެގެން ދުނިޔޭގައި އުޅެން މަސައްކަތެއްކުރަންވާނެ. ކީކޭ މަގޭ ވައިފް ބުނަނީ......." އަދަލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

އޭނަ އަދަލްއަށް ހިތްވަރު ދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އެހެންވެ މިރަށު ކައުންސިލާއި ވާހަކަދައްކައިގެން ބޮޑުކަމެއް ފަށަން ނިންމައިފިން..ސްވިމިން އެންޑް ސާފިން ކްލާސްތަކެއް..."އަދަލް ފޯރިއާއެކު ކިޔާދިނެވެ." ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ފަތަން އެނގުމަކީ ބޭނުންތެރިކަމެއް..ވަށައިގެން މިއޮތީ ކަނޑު..ހާދިސާއެއް ހިނގައިފިއްޔާ ފަތަން އެނގުމަކީ އަމިއްލަ ނަފުސު ސަލާމަތްކޮށްދޭނެ އެހީއަކަށް ވެވިދާނެ..އެހެންވެ އެފަދަ ކުދިންނަށްޓަކާ ސްވިމިން އިންސްޓްރަކްޓަރއަކަށް ވާންވެގެން ނިންމީ..އަދި ރާޅާ އަޅާ ކްލާސްތަކެއްވެސް ނަގާދޭނަން..މިއިން ލިބޭ އާމްދަނީން މިރަށުގައި ދިރިއުޅެވޭނެ..އަޒުއާ ހައިޓްސްގް ފްރިޖް ރެއިޑް ނުކޮށް........."

އޭނައަށް ހެވުނެވެ.

"ސާބަހޭ ދެން އަދަލްވެސް...އެކަމަކު އެބުނާހެން އަޒާލީއާއި ހީރާ އަދަލް ފްރިޖް ހުޅުވާލިޔަސް ގޮސް ކައިރީގައި ހަމަ ކުދިކިޔަން ތިބޭވިއްޔަ..ވެވެންޏާ އަނގައިގާ އޮންނަ ކާއެތިކޮޅުވެސް ދަމައިގަންނާނެ ދޯ......"

"މްމމްމް..."

"އެކަމަކު އެވެސް ހަމަ ފެމިލީ...ތަނަވަސް މީހުންް ފަގީރުންނަށް ކާއެތިކޮޅު ދިނުމުން ލިބޭނީ ސަވާބު..އަނެއްކާ އާއިލީ ގުޅުން ނުކަނޑަން ދީނުގައިވަނީ..ގުރުއާނާއި ހަދީސުންވެސް އެނގޭގޮތުން އާއިލީ ގުޅުން ކަނޑައިލުމަކީ ވަރަށް ބޮޑު ފާފައެއް..ބަރަކާތް ކެނޑޭކަމެއް..އެހެންވީމަ އަދަލް އަދި އެގެއިން ކެޔަސް ބޮޑުދައިތަ އެއްޗެކޭ ނުބުނަންޏާ އަޒާލީ މެން ކިޔާ އެއްޗަކަށް ބަލާނެކަމެއްނެތް....ޚާއްސަކޮށް ހީރާ ދޯ..އަދި ނޭގެނީކަމަށްވާނީ..ތަންކޮޅެއް ބޮޑުވީމަ ދަސްވާނެ. ކުރީ ދުވަހު ބުނި ނޫހުގައި ޖަހަން އިންޓަވިއުއެއް ދޭށޭ...ޖިންނިއަކާއި މެރީކޮށްގެން ހުރުމުގެ ތަޖުރިބާ ކިޔައިދޭން..."

"އިމޭޖިނަރީ ޖިންނިއެއް ދޯ..އަހަންނަށް އެކަން އެނގޭ..މިހާރު މިހިރީ ވަޒީފާއެއް ފަށާހިތުން ގަޑި ގުނާލަ ގުނާލާ....."

އޭނަގެ ހިތް އަދަލްއަށްޓަކާ ލޯބިން ފުރުނެވެ. މާވަހަރުން މިލިއަނުން ފައިސާ ލިބޭނެކަމުގެ އިންތިޒާރުގައި ކަންނެތްވެފައި ނުހުރެ އަމިއްލަ ގައިން ދާ އޮހޮރުވާލައިގެން ހަލާލު މަސައްކަތެއްކުރަން ނިންމުމަކީ ރަގަޅު ފާލެކެވެ. ޒިންމާދާރުވުމެވެ. އެކަމަކު ކުއްލިއަކަށް ހިތުގައި ހަސަދައިގެ ކަންޏެއް ފިޔަޖަހައިލިއެވެ. ރަށުގެ އެންމެންނަށް ހިންގާ ކްލާހެއް ވެއްޖެއްޔާ އަންހެންވެރިންވެސް އަދަލް ގާތަށް ފަތަން ދަސްކުރަން އަންނާނެ ނޫންހެއްޔެވެ؟ ނޯޔާވެސް ފަހަރެއްގައި ކްލާހަށް އަންނާނެއެވެ.

"ވަރަށް ސަޅި ޚަބަރެއް..."އޭނަ ކުރުބާ ފަނިތަށިން އެތިފޮދެއް ބޯލަމުން ތުން ފިތައިލިއެވެ."އެކަމަކު....އަދަލް.އަންހެންކުދިންވެސް ފަތަން ދަސްކުރަން އަންނާނެ ދޯ...އެމީހުންނަށްވެސް އަދަލް ފަތަން ދަސްކޮށްދޭނީ؟"

އަދަލް އޭނަގެ މޫނަށް ބަލާފައި އެ ފެނުނު ކުލަވަރުން އުފާވީ ސިދްރާގެ ހިތުގައި ޝައްކު އުފެދުނު ސަބަބު އެނގިފައެވެ. އޭނައަށް ހެވުނެވެ. ސިދްރާގެ ކޮލުގައި މަޑުމަޑުން ހިފައިލިއެވެ.

"މަގޭ ވައިފް ޖެލަސްވަނީތަ؟"އޭނަ އެއްލޯ މަރައިލިއެވެ."ހާސްނުވޭ ސިދްރާ...އަންހެންކުދިންނަށް ކްލާސް ނަަގައިދޭން ތިބޭނީ އަންހެން އިންސްޓްރަކްޓަރުން.. އަހަރެން ހުންނާނީ ހަމައެކަނި ފިރިހެންކުދިންގެ ބައިގާ..މަގޭ ހިތަކީ ހަމައެކަނި ސިދްރާގެ ހައްގެއް..އެހެން އެއްވެސް މީހަކަށް މިހިތުން ޖާގައެއްނެތް..."

ސިދްރާގެ މޫނު ރަތްވިއެވެ. އަދަލްގެ ވާހަކަތައް އިވުމުން މުޅި ނަފުސާއި ރޫހަށް ފިނިކަން ލިބިގެން ދިޔައެވެ.

***

ޖެހިގެން އައީ އަދަލްގެ ފެތުމާއި ރާޅާ އެޅުމުގެ ކްލާސް ރަސްމީކޮށް ފެށުނު ހަފްތާއެވެ. ރަށުގެ ބޮޑު ދޮންވެލި ގޮނޑުދޮށެއް އޮންނަ ސަރަހައްދަށް ގިނަ އަދަދެއްގެ ކުދިންނާއި މީހުން ޖަމާވެފައިއޮތެވެ. ބަދޫރާމެންނަށްވެސް އަދަލް ފެތުމުގެ ކްލާސްތަކެއް ނަގައިދޭ ވާހަކަ އިވިފައިވާތީ އެ މަންޒަރު ދެކޭހިތުންނާއި އެގަޑިއަށް ފޫހިފިލުވާ އަނގަތަޅަން އެކުވެރި ގްރޫޕް ނުކުމެ އުޅޭ ވަގުތަށްވެސް ވާތީއެވެ.

އަޒާލީ ހީރާ އަދި ނޯޔާވެސް ވަރަށް ނަލަހެދިލައިގެން ސެންޓު ބުރުވާލައިގެން ގޮސް ކުއިލްޓްމަތީގައި ތިބިއިރުވެސް ލޯގަނޑުން މޫނު ބަލައިލެވެއެވެ. މަތިމައްޗަށް މޭކަޕްކުރަމުންގޮސް އެ ރީތި ކުދިން ފެންނަނީ ހަދާފައިވާ ބުދުތަކެއްހެންނެވެ. އަގުބޮޑު ކަޅުއައިނަކީވެސް އެކުދިންގެ ދެއްކުންތެރިކަމުގެ ބަޔެކެވެ. ތިންކުދިން އެއްކޮށް ތިބެގެން ސެލްފީ ނަގާފައި ސްނެޕްކޮށް ފޮނި ކަނޑަމުން ދިޔައެވެ.

"ނޯޔާ..ބަލާބަލަ އެއްކަލަ އަދަލް އުޅެނީ ހިތުން އިންސްޓްރަކްޓަރަކަށް ވެގެން....ކުކުޅަކަށްވެސް ފަތަން އެނގޭވަރަށް ފަތަން އެނގޭނީ.." ހީރާ އައިނު ނޭފަތް މައްޗަށް ކުޑަކޮށް ތިރިކޮށްލަމުން މަލާމާތުގެ ގޮތަކަށް ބުނެލިއެވެ.

"މަންމަ ކީ އަޑު އެހިން ސަރަފީނާދައްތަ ބުންޏޯ އަދަލް މެން މާވަހަރެއްހޯދާ ވާހަކަ ނޫނީ މާވަހަރެއް ކަހަލަ އެއްޗެއް ފެނިގެން ބޭރަށް ފޮނުވައިގެން އުޅޭ ވާހަކަ..."އަޒާލީ އިތުރަށް ބުނެދިނެވެ.

"މާވަހަރެއް؟" ނޯޔާ ގެ ސަމާލުކަން ލިބުނެވެ.

"އާނ...އެކަމަކު އެވާނީ ކެމިކަލް ގުޅައަކަށް..."އަޒާލީ ހީގަތެވެ."މާވަހަރެއްގެ ވާހަކަދައްކައިގެން މުއްސަދިވާން އުޅުނު މީހާ އެންމެފަހުން އެއުޅެނީ ފައިސާކޮޅެއް ހޯދަން ލޮނުބޮއި ހަށިގަނޑު އަވީ ލައިގެން ކުދިްނަށް ފަތަން ދަސްކޮށްދޭން..މަށަށް ހީވަނީ ތިޔަ ކްލާސްތައް ދެދުވަހުން ހުއްޓާލާނެހެން..."

"ޔަގީނެއްނު..ރާޅާ އަޅަންށޭ؟ އޭނައަށް ކޮން ރާޅާ އެޅުމެއް އެނގެނީ؟" ހީރާ ޖޯކް ޖެހިއިރު ނޯޔާއަށް ހުރެވުނީ ހިމޭންކަމާއެކު އަދަލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އޭނަގެ ހަށިގަނޑާއި އަމަލުގައި ހުރި ސާބިތުކަމާއި ކުދިންނާއި ގުޅިގެން އުޅޭއިރު ތަފާތެވެ. އޭރު އަދަލް ހުރީ ކަނޑުގެ ރާޅުތަކުގެ ތެރޭގައި ޒުވާންކުދިންތަކަކަށް ސާފް ބޯޑު ބޭނުންކުރާނެ ގޮތް ކިޔައިދިނުމުގައެވެ. އޭނަގެ ހުރި ހުޝިޔާރުކަމާއި އެކަމަށް ކުޅަދާނަކަން ދުރުން ފެންނަ މީހަކަށްވެސް ޔަގީންވާވަރުވެއެވެ.

ކުއްލިއަކަށް އެތާ ތިބި އެންމެންގެ ސަމާލުކަން ހުއްޓުނީ މީހެއްގެ ބިރުވެރި ހަޅޭކުގެ އަޑަށެވެ.

"ސަލާމަތްކުރޭ، ސަލާމަތްކުރޭ.....މީހަކު ގެނބެނީ..."އެތާ ތިބި މީހުން ހަޅޭއްލަވައިގަތެވެ. އެންމެނަށް ފެނުނީ ތަންކޮޅެއް ބޭރުން އޮއިގަނޑެއްގައި ޖެހިގެން ރަށުގެ ޒުވާނެއްކަމަށްވާ އާލިމް ކަނޑާއި ދިމާލަށާް ދަމައިގަތްތަނެވެ. އޭނަ ސަލާމަތްވާން އަތް ހޫރުވަމުން ދިޔަ ނަމަވެސް ރާޅުތަކުގެ ވަރުގަދަކަމުން އޭނަ ދާންފެށީ އަޑިއަށެވެ. އެންމެން ބިރުން ހަޅޭއްލެވިޔަސް އެކަކަށްވެސް އޭނަ ސަލާމަތްކުރާން އެހިސާބަށް ކައިރިވާކަށް ނުކެރުނެވެ.

"އޯ ގޯޑް....އޭނަ އެދަނީ އަޑިއަށް...ހާދަ ފިޑި މީހުންތަކެއް އުޅޭ ރަށެއް.." ހީރާގެ ފޮނި އަނގަ ބަންދުވެ ކުއްލިއަކަށް ބިރުން ކުޑަވެ ނޯޔާގެ އަތުގައި އެލިގަނެވުނެވެ."އޭނަ މަރުވަނީ....ޑޭމް...ނޯ ނޯ...އާލިމް...."

އަދަލް އެންމެ ސިކުންތެއްވެސް ބޭކާރެއް ނުކުރެއެވެ. އޭނަގެ އަތުގައި އޮތް ސާފު ބޯޑު އެއްލާލާފައި އަވަހަށް ފަތައިގަތީ ގެނބެމުން ދިޔަ އާލިމްއާއި ދިމާލަށެޗެ. އޭނަގެ ހަލުވިކަމާއި ފެތުުމުގެ ހުނަރު ފެނި އެންމެން ތިބީ ލޯބޮޑުކޮށްލައިގެންނެވެ. ކަނޑުގެ އަހުލުވެރި މަހެއްފަދައިން ރާޅުތައް ކަފަމުން ކުރިއަށް ދިޔައީ އެފަދައިންނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގޮސް އާލިމްއާއި ހަމަޔަށް ފޯރިއެވެ. ފަހަތުން ކޮނޑުގައި ހިފަހައްޓާފައި ބޯ ލޮނުގަނޑުމައްޗަށް އުފުލިިއެވެ. އަދި ރާޅުތަކާއި އެއްކޮޅަށް ދުރަށް ފަތާފައިގޮސް ވަކި ހިސާބަކުން އެއްގަމާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ އާލިމްއާއިގެން ދޮންވެލިގަނޑާއި ހަމަޔަށް އައިއިރު އެންމެން ސާބަސްދޭންފެށިއެވެ. އިސްކޮޅުޖެހޭ ހިސާބަށް އައުމުން އަލަމް ގެނައުމަށްވެސް ދެތިން ޒުވާނުން އެހީތެރިވިއެވެ. އޭނަ އަލަމް ވެލިގަނޑުމަތީގައި ބޭއްވުމަށްފަހު ބަނޑަށް ފިތާފައި ބޮވުނު ލޮނު ބޭރުކޮށްދިނެވެ. އާލިމް ކެއްސަމުން ލޯ ހުޅުވައިލުުމާއެކު އެތައް ބަޔަކު އެއްފަހަރާ ހަމްދުކުރިއެވެ.

އެ މަންޒަރު ދެކެން ދާދިގާތުގައި ހުރި އަޒާލީމެން ހައިރާންވެ އަނގަ ހޭވުނުއިރު ނޯޔާ ފޯނުން ވީޑިއޯކުރިއެވެ. އަޒާލީއާއި ހީރާގެ އަގުބޮޑު އަވިއައިނުތައްވެސް އަތަށް ވެއްޓުނުފަދައެވެ. އެކުދިންގެ މޫނުމަތިން ފެންނަ ކިބުވެރިކަމުގެ ކުލަވަރު އެއްކޮށް ގެއްލި އަދަލްގެ މޮޅުކަމާއި ހިތްވަރުގަދަކަން ފެނި ހަމަ އާޝޯޚުވެ ބަސްހުއްޓުނެވެ.

ހީރާއަށް އޭރުވެސް ހުރެވުނީ އާލިމްއާއި ދިމާލަށް ބަލަހައްޓައިގެން ގަބުވެފައެވެ.

ޚާއްސަކޮށް ނޯޔާ ހުރީ ހިތްހުއްޓޭވަރުވެފައެވެ. އަދަލްގެ ކުޅަދާނަކަމާއި ވަރުގަދަކަން ފެނުމުން ހިތުގައި އަދަލްއަށްޓަކާ އޮތް އިހުސާސްތައް ފުންވެ އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ."އަހަންނަށް ދޫކޮށްލެވުނީ ހަގީގަތުގައިވެސް އަގުބޮޑު ޖަވާހިރެއްތަ؟"

"ބޭވޮޗް މަންޒަރެއް ހަމަ ލޮލަށް މި ފެނުނީ..ޖޭސަން މޮމޯއާއި އަދަލް ވައްތަރެއް ނޫންތަ؟" އަޒާލީ ނޯޔާގެ ކަންފަތް ކައިރީގައި ކިޔައިލިއެވެ.

އޭނާވެސް ހުރީ އަދަލްގެ އެ ވަރުގަދަ ހަށިގަނޑާއި ހިތްވަރު ފެނި ހައިރާންވެފައެވެ. އިސްކޮޅުން ދިގުކަމާއިއެކު އެބުނާފަދައިން އެފަދަ ސިފަތަކެއް ލިބިފައިވާކަމާއިމެދު ޝައްކެއްނެތެވެ. ނޯޔާ އަޒާލީއަށް ބަލައިލީ ފޫހިވީ ގޮތަކަށެވެ. އެކަމަކު އޭނާގެ ހިތުގެ ވޭން މޫނުމަތިން ފާޅެއް ނުކުރެއެވެ.

އެވަގުތު މުޅި ބީޗު ސަރަހައްދަށް ވެރިވެފައި އޮތް ހަލަބޮލިކަމުގެ ތެރެއިން ދޮންވެލިގަނޑުމަތިން ދުވެފައި އައި ސިދްރާ ފެނުނެވެ. ރަށު ތެރޭގައި މީހަކު ގެނބެނީއޭ ކިޔާފައި މީހުން ހަޅޭއްލެވި އަޑު އިވުމުން އެއީ އަދަލްގެ ކްލާސް ގަޑި ކަމުން ސިދްރާގެ ހިތް ބިރުން ގުޑުވައިލިއެވެ. އޭނާ ދުވެފައި އައީ އަދަލްއަށް ކަމެއްވީ ކަމަށް ހީކޮށް ހާސްވެފައި ހުރެއެވެ.

ބީޗަށް ނުކުމެވުމާއެކު ސިދްރާއަށް ފެނުނީ ލޮނުން ފޯވެފައި ހުރި އަދަލް ސަލާމަތުން ހުއްޓައެވެ. އަދަލް ހަމަޖެހިލައިގެން ހުރެ ހަށިގަނޑުން ވެލި ސާފުކުރަނީއެވެ.

"އަދަލް......" ސިދްރާއަށް ގޮވައިލެވުނެވެ.

އަދަލް އެނބުރި ބަލައިލިއިރު ސިދްރާ ދުވެފައި އައިސް އޭނާގެ ކުރިމަތީގައި މަޑުކޮށްލީއެވެ. ސިދްރާގެ ދެލޮލުން ފައުޅުވާން ހުރި ހާސްކަން ފެނި އަދަލްގެ ހިތަށް އަސަރުކުރިއެވެ. މުޅި ބީޗުގެ އެންމެން ހައިރާންވެފައި އެމީހުންނަށް ބަލަން ތިއްބެވެ.

ސިދްރާ ލަސްކުރުމެއް ނެތި އަދަލްގެ ތެތްވެފައިވާ ދެއަތުގައި ބާރަށް ހިފާލިއެވެ. "އަދަލް... އަހަރެން ހާދަ ބިރެއްގަތޭ..... އަދަލްއަށް ކަމެއްވީ ކަމަށް ހީކޮށް މަގޭ ހިތް ހުއްޓުނު....."

އަދަލް ހިނިތުންވެލިއެވެ. އޭނާ ސިދްރާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން އެންމެންގެ ކުރިމަތީގައި ސިދްރާގެ އަތަށް ފިއްތާލިއެވެ.

"ހާސްނުވޭ. ﷲގެ ރަޙުމަތުން އަހަރެން ސަލާމަތުން މިހިރީ. އަހަރެން އާލިމް ގެނބެނިކޮށް އޭނަ ނެގީ...."

ސިދްރާ އާއި އަދަލް ދުރުގައި ތިއްބަސް ދެމީހުންގެ ދެމެދުގައި އޮތް އެ ފުން ލޯތްބާއި އަޅާލުން އެންމެނަށް ފެނުނެވެ. ހަގީގަތުގައިވެސް މިދެމީހުންގެ ގުޅުމެއް އެބައޮތް ތާއެވެ.

އަނެއްކޮޅުން ނޯޔާ ހުރީ އެ މަންޒަރު ފެނި ހަސަދައިން ހަލާކުވާން ކައިރިވެފައެވެ. އަދަލްގެ އެ ވަރުގަދަ އަތްތިލައިގައި ހިފާލުމުގެ ނަސީބު ލިބުނީ ސިދްރާއަށެވެ. އަޒާލީ އާއި ހީރާ ތުންފިއްތާލައިގެން ތިބިއިރު ނޯޔާގެ ހިތް ކުދިކުދިވަމުން ދިޔައީ އޭނާއަށް ކުރެވުނު މޮޔަކަމުގެ ސަބަބުންނެވެ.ބައެއް ފަހަރު ވިސްނާނުލާ ގޯސްތައް ހެދިފައި އެކަމާއި ހިތާމަކުރަފަހަރުވެސް އާދެއެވެ. ދިރިއުޅުމަކީ އެފަދަ ހިތި ހަގީގަތެކެވެ. އެއްވެސް މީހަކަށް ފުރިހަމަ ދެމިގެންވާ އުފަލެއް ނުލިބޭނެއެވެ. އެންމެނަށްވެސް ދިމާވަނީ އިމްތިހާނުތަކެވެ. ލިބެނީ އިބުރަތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު