ކުޑަކުއްޖަކާ ބެހުނު މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިއީ، މާލެ ކައިރި ރަށެއްގައި ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ އުމުރުން ދުވަސްވީ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހާދިސާ ހިނގި ރަށުގެ ކޯޓުގައި ކުރިއަށް ދިޔަ މައްސަލަ ސާބިތުނުވުމުން، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
މި މައްސަލަ އަލުން ބަލަން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ، މައްސަލައިގެ ހެކިތައް ވަޒަން ކުރި ގޮތް ގޯސްވުމުންނެވެ. ހައިކޯޓުންވަނީ އަލުން އެ މައްސަލަ ބަލަން އަމުރުކޮށްފައެވެ.
މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވައި ނުލައެވެ. މީހަކު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ވަރަށް ބޮޑު ކުށެކެވެ. މި ފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިއީ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ހަރުކަށި އެއް އަދަބެވެ.