ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުންތައް ހޯދަމުން އަންނަ ޗައިނާއިން، އިންސާނުންނާއެކު މަސައްކަތްކުރާނެ ހިއުމަނޮއިޑް ރޮބޮޓްތައް ތަމްރީނުކުރުމަށް ޚާއްސަކޮށްގެން ހެދި، އެ ގައުމުގެ ފުރަތަމަ ރޮބޮޓިކްސް ސްކޫލް ރަސްމީކޮށް ހުޅުވައި، ފުޅާދާއިރާއެއްގައި މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ ދަށުން އެކި ކުންފުނިތަކުން އުފައްދާފައިވާ ސަތޭކައަށްވުރެ ގިނަ ރޮބޮޓް، އިންސާނުންނާ އެކު އަމަލީ މައިދާނުގައި މަސައްކަތްކުރާނެ ގޮތްތައް މިހާރު ދަނީ ދަސްކުރަމުންނެވެ.
މިގޮތުން ރަސްމީކޮށް ހުޅުވުނު އެންމެ ބޮޑު ފެސިލިޓީއަކީ ޝަންހާއީގެ ޒަންޖިއާންގައި ގާއިމްކޮށްފައިވާ 5،000 އަކަމީޓަރުގެ ބޮޑު ސެންޓަރެކެވެ. "ނޭޝަނަލް އެންޑް ލޯކަލް ކޯ-ބިލްޓް ހިއުމަނޮއިޑް ރޮބޮޓިކްސް އިނޮވޭޝަން ސެންޓަރު" އިން ހިންގާ މި ތަނަކީ ތަފާތު ކުންފުނިތަކުގެ ރޮބޮޓްތައް އެއްތަނަކުން ތަމްރީނުކުރާ ޗައިނާގެ ފުރަތަމަ ހެޓެރޮޖީނިއަސް ހިއުމަނޮއިޑް ޓްރޭނިން ސްކޫލެވެ.
މި ސްކޫލްތަކުގައި ރޮބޮޓް ދަރިވަރުންނަށް އެންމެ ފުރަތަމަ ދަސްކޮށްދެނީ ތަކެތީގައި ހިފުމާއި، ނެގުމާއި، ބެހެއްޓުމާއި އުފުލުން ފަދަ އަސާސީ 45 ހަރަކާތްތަކެވެ. މީގެ އިތުރުން ގޭތެރޭގެ މަސައްކަތްތަކާއި، ސިނާއީ މަސައްކަތްތަކާއި، ފަތުރުވެރިކަމާއި، ސިއްހީ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު 10 މަސައްކަތެއް ރޮބޮޓްތަކަށް ވަނީ ދަސްކޮށްދޭން ފަށާފައެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ރޮބޮޓްތަކުގެ ހަރަކާތްތަކާ ގުޅޭ ޑޭޓާ އެއްކުރުމެވެ. އެގޮތުން މި ސެންޓަރުން ދުވާލެއްގެ މައްޗަށް 50،000 އެއްހާ ޑޭޓާ ޕޮއިންޓް އުފައްދާއިރު، އަހަރެއްގެ މައްޗަށް 10 މިލިއަން ޑޭޓާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މި ޑޭޓާގެ އެހީގައި ހުރިހާ ކުންފުނިތަކެއްގެ ރޮބޮޓްތަކަށް އެއްކޮށް ބޭނުންކުރެވޭނެ "ސްޕަރ ބްރެއިން" ޖެނެރަލް ޕާޕަސް މޮޑެލްއެއް އުފެއްދުމަކީ ޗައިނާގެ މުހިންމު އަމާޒެކެވެ.
މީގެ އިތުރުން، ބެއިޖިންގެ ޝިޖިންޝަން ޑިސްޓްރިކްޓްގައި ވެސް ޗައިނާގެ އެންމެ ބޮޑު ހިއުމަނޮއިޑް ޑޭޓާ-ޓްރޭނިން ސެންޓަރު މިހާރު ދަނީ ހިންގަމުންނެވެ. ޝިޖިންޝަން ސަރުކާރާއި "ލެޖޫ ރޮބޮޓިކްސް" ގުޅިގެން ހިންގާ މި ސެންޓަރުގައި، ޓީޗަރުންގެ ގޮތުގައި 200 އެއްހާ އިންސާނުން ހަރަކާތްތެރިވަމުންދާއިރު، އެމީހުން ދަނީ 100 ރޮބޮޓް ދަރިވަރުންނަށް ކިޔަވައިދެމުންނެވެ. މި ސެންޓަރުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދެނީ ބޭސް ފުޅި ނެގުމާއި، ފެކްޓަރީތަކުގައި މުދާ އުފުލުމާއި، ޕާސަލްތައް ވަކިކުރުން ފަދަ އާންމު ދިރިއުޅުމުގެ މަސައްކަތްތަކެވެ.
ޗައިނާއިން މިހާރު ދަނީ މިފަދަ ރޮބޮޓް ސްކޫލްތަކުގެ ނެޓްވޯކެއް މުޅި ގައުމުގައި ފަތުރަމުންނެވެ. އެގޮތުން ޝަންޑޮންގްގައި ހުންނަ ސެންޓަރުގައި ތަށިތައް ހުންނަ ޓްރޭ ނެގުމާއި، ހެދުން ފަތްޖެހުމާއި، ހަރުތަކުން ފެންފުޅި ނެގުން ފަދަ ކަންކަން ދަސްކޮށްދެމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ ނިޔަލަށް 40 އަށްވުރެ ގިނަ ޑޭޓާ ކަލެކްޝަން ސެންޓަރު ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރެއިން 24 ސެންޓަރެއްގެ ޚިދުމަތް މިހާރު ވެސް އަންނަނީ ދެމުންނެވެ.
މީގެ އިތުރުން، ހެބެއީގެ ޝިޖިއަޖުއާންގައި ހުންނަ ސެންޓަރުން އަހަރަކު ހަ މިލިއަން ޑޭޓާ އެންޓްރީ އުފައްދާއިރު، އެ ތަނުން ތަމްރީނުކުރާ ރޮބޮޓްތަކުން 20 އަށްވުރެ ގިނަ މަސައްކަތް 95 އިންސައްތައިގެ ކާމިޔާބީއަކާއެކު ފުރިހަމަކުރާ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.
ޗައިނާގެ ރޮބޮޓިކްސް އިންޑަސްޓްރީގެ މައިގަނޑު ވިސްނުމަކީ ރޮބޮޓްތައް ހަމައެކަނި ފެކްޓަރީތަކުގެ ތެރޭގައި ބޭނުންކުރުމުގެ ބަދަލުގައި، އިންސާނުންގެ ދިރިއުޅުމުގެ ތެރެއަށް، ގޭގެއަށް ގެނައުމެވެ. އަދި މެނުފެކްޗަރިން އާއި ލޮޖިސްޓިކްސް ފަދަ ބޮޑެތި ދާއިރާތަކުގައި އިންސާނުންނާ އެކުއެކީގައި، އެއް ހަމައެއްގައި ރޮބޮޓްތައް ލައްވައި މަސައްކަތް ކުރުވުމަކީ ޗައިނާއިން ދެކޭ އެންމެ ބޮޑު ހުވަފެނެވެ.