"މީހަކު ނުވަތަ ބަޔަކު އަލްޙަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅުހަދަންޖެހޭ" މިއީ ދިވެއްސަކު ބުނުން ރަގަޅު ވާހަކައެއް ނޫނެވެ. އެހެނީ ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާތީއެވެ.
މިކަމުގެ ކޮންމެވެސްވަރެއްގެ ތަޙްލީލެއްކޮށްލަންޖެހެއެވެ.
ޢަރަބި ޤައުމުތަކުގައި އުޅޭ, އެ ޤައުމަށް ނިސްބަތްވާ މުސްލިމުނޫން މީހުން ވެސް ވަރަށް ގިނައިން އަލްޙަމްދު الله (ﷲ އަށް ޙަމްދުހުރި) ޢަރަބި ބަހުން ބުނެއެވެ. އެއަށް، އެ މީހުންގެ ތެރޭގައި އުޅޭ މުސްލިމު ޢަރަބިން އެ މީހުންނަށް ޖަވާބުދީ އުޅެއެވެ.
ސުވާލަކީ އެއްވެސް ދިވެހި ރައްޔިތަކަށް ނިސްބަތްކޮށް މިފަދަ ވާހަކަ ބުނެވިދާނެހެއްޔެވެ. ކޮންމެދިވެއްސަކީ މުސްލިމެކެވެ. ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމަށް ބުރޫ އަރާފަދަ ބަހުރުވައިން ވާހަކަ ދެއްކުމަކީ މުޅި މުޖްތަމަޢުއަށް އެކަމުގެ ނުރަނގަޅު އަސަރުކޮށް، ނުރައްކަލާއި ފިތުނަވެރިކަން ޢާއްމުވެދާނެ ކަމެކެވެ. މިއީ ނުރައްކާތެރި އަދި ބިރުވެރި ވާހަކައެކެވެ.
މީހަކު ހެޔޮކަމެއްގެ ގޮތުގައި ﷲ އަށް ޙަމްދުކުރަން ބުނުމުން، އެކަމާ ދެކޮޅުހެދުމަކީ މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫނެވެ.
''ﷲ އަށް ޙަމްދުހުރި'' ކިޔުމަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއް އަސާސެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުޢަތެއްގައި ސޫރަތުލް ފާތިޙާ ކިޔެވުން ވާޖިބުވާއިރު، އޭގެ ފެށުމަކީވެސް ޙަމްދުކުރުމެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި އިސްލާމްދީނާ ޚިލާފު ކަންކަން ކުރާކަމުގައި ވާނަމަ، އެކަން ތަޙުޤީޤު ކުރަންޖެހޭނެއެވެ. އަދި އެ ޕާޓީއަކާ މެދު ފިޔަވަޅު އެޅެންވެސް ޖެހެއެވެ. އެހެންނޫންނަމަ އެފަދަ ވާހަކަތަކަކީ މުޖްތަމަޢުގެ ފިތުނަ އުފެއްދުން ނޫންކަމުގައި ނުވާނެއެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ، މިސްކިތްތަކުގެ އިމާމުކަން ހަވާލުކުރަން ޖެހޭނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަށް ނިސްބަތްވާ އިމާމުންނަށް އެކަނި ހެއްޔެވެ.
ސިޓީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި މިސްކިތްތައް ހުންނަންޖެހޭ ސަބަބަކީ ކޮބާ ތޯއެވެ.
މަޖިލީހުގައި މެމްބަރަކު ދައްކަވާ ވާހަކަފުޅަކީ އާދައިގެ ވާހަކައެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެ މެމްބަރު ތަމްސީލު ކުރަނީ ސިޔާސީ ޖަމާއަތެކެވެ. އެއީ މާނައެއް އެކުލެވިގެން ދައްކަވާ ވާހަކައެއްކަން ގަބޫލު ކުރަން ޖެހެއެވެ. އެއީ އެ މީހަކު ޤަބޫލު ކުރާގޮތް ނުވަތަ އެ ބަޔަކު ނުވަތަ ޖަމާއަތްކަން ޔަގީނެވެ.
ދެން އޮތީ އެ ވިދާޅުވާ "އެ މީހުން ނިޔަތް ގޯސްވާހައެކެވެ." މީހުންގެ ނިޔަތުގައިވާ ކަންކަން އެނގުމަކީ ޢާއްމު އިންސާނަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އިންސާނުންގެ ކިބައިގައި އެ ޤާބިލުކަމެއް ނުވެއެވެ.
ހަނގުރާމައެއްގައި ޝަހާދަތް ކީފަހުން ބޭކަލަކު މަރާލުމުގެ ޙާދިސާގައި، މާތް ރަސޫލާ އަރިހުގައި އެ ވާހަކަ ދެންނެވުމުން އުސާމާގެފާނާ މުޚާޠަބު ކުރައްވައި ރަސޫލާ ހަދީސް ކުރެއްވިއެވެ. ޝަހާދަތް ކީފަހުން މަރާލީ ކީއްވެގެންތޯއެވެ.
އުސާމާ ވިދާޅުވީ އޭނާ ޝަހާދަތް ކިޔާފައިވަނީ ހަތިޔާރުދެކެ ބިރުން ކަމުގައެވެ. އެއީ މަރާލަފާނެތީ ބިރުންނެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. "އޭނާގެ ހިތް ފަޅައި ބެއްލެވީމުތޯއެވެ؟" މާނައަކީ އިންސާނުންގެ ހިތްތަކުގައިވާ އެއްޗެއް ދެނެގަތުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫން ކަމެވެ. އެހެންކަމުން، މީހަކު ދުލުން ބުނާ ބަހަށް (ބޭރުފުށަށް) ބަލައިގެން ޙުކުމް ކުރަންޖެހެއެވެ.
"އެ ދުވަހު އިސްލާމްވިނަމައޭ ހިތަށްއެރިއެވެ".
އުސާމާގެފާނު މިހެން ވިދާޅުވީ، ރަސޫލާ ﷺ ކޯފާވިލެއް ބޮޑުކަމުންނާއި، ކުރެވުނު ކުށުގެ ބޮޑުކަމުންނެވެ. އިސްލާމްވާ ހިނދު، އޭގެ ކުރިން ކޮށްފައިވާ ހުރިހާ ފާފައެއް ފުހެވޭނެއެވެ. އެހެންކަމުން، އެ ކަލޭގެފާނު އެދިވަޑައިގަތީ އެ ބޮޑު ފާފަ ފުހެވޭނެ ގޮތެއް މެދުވެރިވުމަށެވެ.
މިއަދު ސޯޝަލް މީޑިއާގައްޔާއި އާންމު ދިރިއުޅުމުގައި، މީހަކު ހެޔޮ ބަހެއް ބުނި ކަމުގައި ވިޔަސް ނުވަތަ ރަނގަޅު ކަމެއް ކުރިކަމުގައި ވިޔަސް، "އޭނާ އެއުޅެނީ ދެއްކުންތެރިވާށެވެ" ނުވަތަ "އޭނާގެ މަޤްޞަދަކީ އެހެން ކަމެކެވެ" ބުނެ ނިޔަތާމެދު ސުވާލު އުފެއްދުން ވަނީ އާންމުވެފައެވެ.
މި ޙަދީޘްފުޅުން އެނގެނީ މީހެއްގެ ހިތް ފަޅައި ބެލުމުގެ ބާރު ނުވަތަ ހިތުގައި ފޮރުވިފައިވާ ހަގީގަތެއް އެއްވެސް އިންސާނަކަށް ލިބިފައިވާ ބާރާއި ކުޅަދާނަ ކަމުގެ ތެރޭގައިނުވާކަމެވެ.
މީހުން ދީނުން ބޭރުކުރުން: މިއީ މިއަދުގެ އިސްލާމީ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ފިތުނައެވެ. އެކިއެކި ޚިޔާލު ތަފާތުވުންތަކާ ހުރެ، އެކަކު އަނެކަކު ދީނުން ބޭރުކުރުމާއި، މީހުންގެ އިސްލާމްކަމާ މެދު ސުވާލު އުފެއްދުން ވަނީ ގިނަވެފައެވެ. މީހުންގެ ލެޔާއި، އަބުރާއި، މުދާ ހުރުމަތްތެރިވެގެންވާކަން މި ޙަދީޘުން ސާބިތުވެއެވެ.
ބޭރުފުށުގެ ޙުކުމް: އިސްލާމްދީނުގެ އަސާސަކީ މީހުންގެ ބޭރުފުށަށް ބަލައިގެން ޙުކުމްކުރުމެވެ. އެ މީހެއްގެ އެތެރެފުށް ބެއްލެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
މުޖުތަމަޢުގެ އެއްބައިވަންތަކަން ހިފެހެއްޓޭނީ މީހުންނާ މެދު ހެޔޮގޮތުގައި ދެކިގެންނެވެ.
ރައްޔިތުންގެ މަޖުލީހުގައި ކަން ހިނގާ ގޮތަށް ބަލައި ކުރުން ލާޒިމު ކަމަކީ މަޖިލީހުގެ މެމްބަރަކަށް ވުމަށް ޝަރުތުތަކެއް ކަނޑައެޅުމެވެ. އެހެނީ މަޖިލީހުގައި ކުރެވޭ ކަމަކީ ކަންކަމަށް މަޝްވަރާކުރުމެވެ. ބަހުސް ކުރުމެވެ. މަޝްވަރާއަކީ މުޖްތަމަޢުގެ ކަންކަން ރަނގަޅުކުރުމަށް ލަފަޔާއި ޚިޔާލު ހޯދުމެވެ.
ލަފާ ހޯދަން ޖެހޭނީ އެކަމަށް ހޮވާލެވޭ ޚާއްޞަ ބޭފުޅުންގެ މަޝްވަރާތަކާއި ބަހުސްތަކުގެ ނަތީޖާއިންނެވެ. އަދި އެ ބޭފުޅުންގެ މަޝްވަރާގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި، އެ ބޭފުޅުންގެ ކިބައިގައި އަސާސީ ޝަރުތުތަކެއް ފުރިހަމަވުން ލާޒިމުވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބައެއް ޝަރުތުތަކަކީ:
- ރިވެތި އަޚްލާޤު: ތެދުވެރިކަމާ ޢަދުލުވެރިކަމާ އަމާނާތްތެރި މީހަކަށްވުން.
ޢިލްމުވެރިކަން: ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭނެ ފަދަ ތަޢުލީމާއި ހޭލުންތެރިކަން ހުރުން. - ބުއްދިވެރިކަމާއި ޙިކުމަތްތެރިކަން: މަޞްލަޙަތު ރައްކާތެރިކޮށް، ރަނގަޅު ގޮތް ނިންމުމުގެ ޤާބިލުކަން ހުރުމެވެ.