މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ޝަރުތުތައް އެ ބޭންކުން މިއަދު ޢިއުލާނުކޮށްފިއެވެ.
މިއީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ދޭން ނިންމާފައިވާ އެވޯޑެކެވެ.
މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ. އަދި މިއީ ގެސްޓްހައުސް އެސޯސިއޭޝަނުން ވެސް އެންޑޯސްކޮށްފައިވާ އެވޯޑެކެވެ. އެވޯޑްތަކަށް ހޮވުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ގެންގުޅުމަށްޓަކައި، ގެސްޓްހައުސްތައް ވަނީ ދެ ބަޔަކަށް ބަހާލައިފައެވެ.
ގެސްޓްހައުސްތައް ބަހާލާފައިވާ ގޮތަކީ:
- ޓިއާ 1- 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތައް.
ޓިއާ 2- 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތައް.
ގެސްޓްހައުސްތަކުން މި އެވޯޑަށް ކުރިމަތިލާއިރު ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގައި ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުމާއި، ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން ހިމެނެއެވެ.
މީގެ އިތުރުން ޓެކްސް ކްލިއަރެންސް، ޕެންޝަން އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔުންތައް ވެސް ހުށަހަޅަންޖެހޭނެއެވެ. އަދި މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއްނެތި ހިންގާފައިވާ ތަނަކަށްވުމާއެކު، ބައިނަލްއަގުވާމީ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް ވެސް އޮންނަންޖެހެއެވެ.
ވަކިވަކި ފަރުދުންނަށް ދޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭނެއެވެ. އަދި އެ ފަރާތްތަކަކީ އެމްއައިބީ ނުވަތަ ކްރޯ މޯލްޑިވްސްއާ މަސްލަހަތު ފުށުއެރުމެއް އޮތް ބަޔަކަށް ވެގެންނުވާނެއެވެ.
"ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށުގައި މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި އޮޕަރޭޓްކުރަން ޖެހެއެވެ.
މި އެވޯޑްސްގައި ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކޮންމެ ޓިއައަކުން ގެސްޓްހައުސްތަކަށް ދޭ އަށް އެވޯޑާއި، އިންޑިވިޖުއަލް ތިން އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑު ހިމެނެއެވެ.
އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 15 ވާ ބުދަ ދުވަހެވެ. އެވޯޑް ދިނުމުގެ ހަފުލާ ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް ތަނުގައި އެމްއައިބީގެ މީޑިއާ ޗެނަލްތަކުން ހާމަކުރާނެއެވެ.
އެހެންކަމުން، ޝަރުތު ހަމަވާ ފަރާތްތަކުން ބޭނުންވާނެ ލިޔެކިޔުންތައް ކުރިއާލާ ތައްޔާރުކުރުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.